ގިނަ އަދަދެއްގެ ބަނގުރަލާއެކު މާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން -- ފޮޓޯ/ޕޮލިސް

ފުލުހުން މާލޭގައި ކުރިއަށް ގެންދިޔަ ދެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރަލާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ދެ އޮޕަރޭޝަނުގައި، 511 ބިޔަރު ދަޅާއި، 116 ބަނގުރާ ފުޅި ހޯދަފައިވާ ކަމަށެވެ.

އެގޮތުން ސެޕްޓެމްބަރު 13 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، ހެންވޭރު ގެއެއް ކައިރީގައި ޕިކަޕަކުން އެއްޗިހިތަކެއް ބާލަމުންދިޔަ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

އަދި އެ ޕިކަޕު ބަލައި ފާސްކުރިއިރު 511 ދަޅު ބިޔަރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 30 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި 23 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

ސެޕްޓެމްބަރު 15 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، މާލެ ސިނާއީ ސަރަހައްދުން ވޭނެއް ހުއްޓުވައި ބަލައި ފާސްކުރިއިރު 116 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން 26 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ އެ ދެ މައްސަލަވެސް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް