ސިންގަޕޫރުގެ ސިންގަޕޯ އެއާލައިނުން 4،300 މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނިންމައިފިއެވެ.
ކޮވިޑް19 އާއި ގުޅިގެން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް އައި ހީނަރުކަމާއެކު ގިނަ އެއާލައިންތަކަކުން ދަނީ މުވައްޒަފުން މަދުކުރަމުންނެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑެތި އެއާލައިންތައްވެސް ހިމެނެއެވެ.
ސިންގަޕޯ އެއާލައިނުން ބުރާސްފަތި ދުވަހު ބުނެފައިވަނީ 4،300 މުވައްޒަފުން ވަކިކުރަން ނިންމި ނަމަވެސް އެ އަދަދު މަދުވެދާނެ ކަމަށެވެ. ސަބަބަކީ ގްރައުންޑް ސްޓާފުންނަށާއި ޕައިލޮޓުންނަށް ތައާރަފުކުރި އާލީ ރިޓަޔަމަންޓް ޕްލޭނާއި، ކެބިން ކްރޫ އިންނަށް ތައާރަފުކުރި ސެލްފް ރިލީޒް ޕްރޮގްރާމު އަދި އަލަށް މުވައްޒަފުން ނެގުން ހުއްޓަލާފައި އޮތުން ކަމަށް އެ އެއާލައިނުން ބުންޏެވެ.
މިއާއެކު 2،400 މުވައްޒަފުން ވަކިކުރަން ޖެހިދާނެ ކަމަށް ލަފާކުރެވޭކަމަށް ސިންގަޕޯ އެއާލައިނުން ބުނެފައިވެއެވެ.
އެއީ އެއާލައިން ކުރިއަށް ގެންދިޔުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށްވެސް އެ އެއާލައިނުން ބުނެފައިވެއެވެ.
މި އަހަރުގެ މާޗުމަހު ސިންގަޕޯ އެއާލައިނުން ވަނީ އެ އެއާލައިނުގެ އޮޕަރޭޝަންތައް 50 ޕަސެންޓު މަދުކުރަން ނިންމައިފައެވެ. ސިންގަޕޯ އެއާލައިނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޑޮމެސްޓިކް މާކެޓެއް ނެތުން ކަމަށްވެސް އެ އެއާލައިނުން ބުނެފައިވެއެވެ.
ސިންގަޕޯ އެއާލައިނުން ވަކިކުރާ މުވައްޒަފުންނަށް ސަރުކާރުން އެހީ ފޯރުކޮށްދޭން މަސައްކަތް ކުރާނެ ކަމަށް އެ ގައުމުގެ ޓްރާންސްޕޯޓު މިނިސްޓްރީ އިން ވަނީ ބުނެފައެވެ.