އެވިޑް ކޮލެޖްގެ އާ ކެމްޕަސްއެއް ތިނަދޫގައި

އެވިޑް ކޮލެޖްގެ އާ ކެމްޕަސްއެއް ގދ. ތިނަދޫގައި މިރޭ ރަސްމީކޮށް ހުޅުވައިފި އެވެ.

އިޖުތިމާއީ ގައިދުރުކަމާއެކު ތިނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެވިޑް ކޮލެޖްގެ ކެމްޕަސް ރަސްމީކޮށް ހުޅުވައިދެއްވާފައިވަނީ އެ ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދެވެ.

މިރޭ ތިނަދޫ ކެމްޕަސް ހުޅުވައިދެއްވުމަށްފަހު ވާހަކަދައްކަވަމު ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު ވިދާޅުވީ ތިނަދޫގައި ހުޅުވި ކެމްޕަސް އާ އެކު އެވިޑް ކޮލެޖުން މަސައްކަތް ކުރާނީ ތައުލީމީ ހަޒާނާ ދުވަހެއް ދުވަހަކަށް އިތުރުކުރުން ކަމަށެވެ.

އޭނާ ވިދާޅުވީ ތިނަދޫގައި އެވިޑްގެ ކެމްޕަސްއެއް ގައިމުކުރުމަށް ބޭނުންވި ގިނަ ސަބަބުތަކެއް ވާ ކަމަށެވެ. އެގޮތުން އެއް ސަބަބަކީ އޭނާ ބައްޕާފުޅުގެ މަސައްކަތް ދެމިއޮތުމަށް އިތުރު ކުރިއެރުމެއް ހޯއްދެވުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެވިޑް ކޮލެޖްގެ 15 އަހަރު ފާހަގަކުރުމާއެކު މިރޭ ރަސްމިއްޔާތު ބޭއްވިއިރު އެ ކޮލެޖު ހުޅުވާފައިވަނީ 2005 ވަނަ އަހަރު އެވެ. އެވިޑް ޓްރެއިނިން ސެންޓަރުގެ ނަމުގައި ފުރަތަމަ ހުޅުވީ ސެޕްޓެމްބަރު 12 ގައެވެ. އަދި އެކި ދަތިތަކަށް ފަހު އެވިޑް ޓްރެއިނިން ސެންޓަރު، އެވިޑް ކޮލެޖުގެ ނަމުގައި ރެޖިސްޓާ ވެފައިވަނީ 2013 ވަނަ އަހަރު އެވެ.

މިހާރު މާސްޓާސް ލެވެލް އަށް އެވިޑް ކޮލެޖުގައި ކިޔަވައިދެމުންދާއިރު އެވިޑް ކޮލެޖުގެ އައުޓްރީޗް ސެންޓަރުތައް ވަނީ 14 ރަށެއްގައި މިހާރު ގާއިމުކޮށްފަ އެވެ. އަދި ހަތަރު އަތޮޅެއްގައި އެވިޑް ކޮލެޖުގެ ކެމްޕަސްތައްވެސް ވަނީ މިހާރު ހުޅުވާފަ އެވެ.

comment ކޮމެންޓް