އެވިޑް ކޮލެޖުގެ ޗެއާމަންސް ޑައިމަންޑު އެވޯޑު ޝާފިރާއަށް

އެވިޑް ކޮލެޖުގެ މިއަހަރުގެ 'ޗެއާމަންސް ޑައިމަންޑް އެވޯޑު' ހާސިލްކުރި މާސްޓާ އޮފް ޓީޗިން އިސްލާމް ކޯހުގެ ދަރިވަރު އައިޝަތު ޝާފިރާ -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ ގަވީމް

އެވިޑް ކޮލެޖުގެ މިއަހަރުގެ 'ޗެއާމަންސް ޑައިމަންޑް އެވޯޑު' މާސްޓާ އޮފް ޓީޗިން އިސްލާމް ކޯހުގެ ދަރިވަރު އައިޝަތު ޝާފިރާ ހާސިލުކޮށްފިއެވެ.

ޗެއާމަންސް ޑައިމަންޑް އެވޯޑަކީ އެވިޑް ކޮލެޖުގެ ކޯހެއްގައި އެންމެ މަތިން މާކްސް ލިބޭ، ކޯސް ފުރިހަމަކޮށްފައިވާ ދަރިވަރަކަށް ލިބޭ އެވޯޑެކެވެ.

އެގޮތުން މިރޭ އެ ކޮލެޖުގައި ބޭއްވި 2023 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެ އެވޯޑު ހާސިލުކުރި ޝާފިރާއަށް އެވޯޑު އަރުވާފައި ވަނީ އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދުއެވެ.

މި ރަސްމިއްޔާތުގައި ދެން ވަނީ ޗެއާމަންސް އެވޯޑު ހާސިލްކުރި ހަ ދަރިވަރަކަށް އެ އެވޯޑު ވެސް އަރުވާފަައެވެ. ޗެއާމަންސް އެވޯޑަކީ އެ ދަރިވަރަކު ކިޔަވާ ކޯހެއްގެ އެވްރެޖް 85އަށް ވުރެ މަތިން ލިބޭ، ކޯސް ފުރިހަމަކޮށްފައިވާ ދަސްވެނީންނަށް ލިބޭ އެވޯޑެކެވެ.

އެގޮތުން ޗެއާމަންސް އެވޯޑު ހާސިލުކޮށްފައިވާ ދަސްވެނީންނަކީ:

  • ސެޓްފިކެޓް 3 އިންފޮމޭޝަން ޓެކްނޮލޮޖީ - މުހައްމަދު ނިހާން
  • ޑިޕްލޮމާ އިން ޝަރީއާ އިން ލޯ - މުހައްމަދު ފަހުމީ
  • ބެޗްލާ އޮފް ޝަރީއާ އިން ލޯ - އައިމިނަތު ރިޒްމާ
  • ބެޗްލާ އޮފް ޝަރީއާ އިން ލޯ - ލީލާ ނައީމް
  • މާސްޓާ އޮފް ޓީޗިން އިސްލާމް - އައިޝަތު ޝާތިރާ
  • މާސްޓާ އޮފް ޓީޗިން އިސްލާމް - ފާތިމަތު ރަޝީދާ

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު ވިދާޅުވީ، އެ ކޮލެޖުން ދިވެހި ބަހާއި ސަގާފަތް ދަމަހައްޓަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެ ކޮލެޖުން ކިޔަވާ ދަރިވަރުންނަށް އެންމެ ރަނގަޅު ތައުލީމު ފޯރުކޮށްދިނުމަކީ އެ ކޮލެޖުގެ އަމާޒު ކަމަށް މުސްތާގު ވިދާޅުވިއެވެ.

އެވިޑް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ ގަވީމް

މުސްތާގު ވިދާޅުވީ ޔޫކޭގެ ޔުނިވަސިޓީ އޮފް ވެސްޓްލަންޑަންގެ ކޯސްތައް އެވިޑް ކޮލެޖަށް ތައާރަފުކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން އެ ޔުނިވަސިޓީގައި ކިޔަވާ ދަރިވަރުންނެކޭ އެއްފަދައިން ހުރިހާ ޚިދުމަތްތަކާއެކު ތަފާތު ކޯސްތައް އެވިޑް ކޮލެޖަށް ގެނެސްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުސްތާގު ވަނީ ދަސްވެނިވީ ދަރިވަރުންނަށް ޚާއްސަކޮށް ނަސޭހަތުގެ ބަސްކޮޅެއް އަރުވައިފައެވެ. އެގޮތުން ގައުމު އެދި ގޮވަނީ ދަރިވަރުން އުނގެނުނު އެއްޗެއް މުޖުތަމައުއަށް އުނގަންނައިދިނުމަށް ކަމަށާއި ކޮންމެ ކުއްޖަކު ވެސް ވާންވާނީ އަމަލީ މައިދާނުގައި އިސްނަގާ އުނގެނުނު އެއްޗެއްގެ ބޭނުން ހެޔޮ ގޮތުގައި ހިފާ ބަޔަކަށް ކަމަށް މުސްތާގު ވިދާޅުވިއެވެ.

"އިންސާނާއަށް މާތްﷲ ދެއްވި އެންމެ ބޮޑު ނިއުމަތަކީ ބުއްދި. ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އަޅުގަނޑު ނަސޭހަތްތެރިވަން. ދަރިވަރުންނަށް ދަންނަވާލަން އޮތީ ހިތާއި ނަފްސުގެ ތާހިރުކަންމަތީ ތިބުމަށް ގަދައަޅާ މަސައްކަތްކުރާށޭ،" މުސްތާގު ވިދާޅުވިއެވެ.

އަދި މަތީ ތައުލީމު ހާސިލްކޮށްގެން އޭގެ ނާޖާއިޒް ފައިދާ ހޯދުމަށް މަސައްކަތް ނުކުރުމަށް މުސްތާގު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މި ހަފުލާގައި އެވިޑް ކޮލެޖުގެ ރަސްމީ ގުރުޒު ވަނީ ތައާރަފުކޮށްފައެވެ. އަދި ހަފުލާ ނިންމާލަމުން އެ ގުރުޒު ވަނީ ނަގާފައެވެ.

މި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި އެވިޑް ކޮލެޖުގެ ރެކްޓަރު ޑރ. ސުނީނާ ރަޝީދުގެ އިތުރުން އެ ކޮލެޖުގެ އިސްވެރިން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް