އެވިޑު ކޮލެޖުން ކުޑަކުދިންނަށް ޚާއްސަ ކޮމްޕިއުޓަރު ކޯސްތަކެއް ރަމަޟާން މަހު

މާލެސިޓީގައި ހުންނަ އެވިޑް ކޮލެޖުގެ މައި ކެމްޕަސް

އެވިޑު ކޮލެޖުން ކުރިއަށް އޮތް ރަމަޟާން މަހު، ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރު މުއްދަތުގެ ކޯސްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ރަމަޟާން މަހު އެވިޑު ކޮލެޖުން ކުދަކުދިންނަށް އަމާޒުކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ތިން ކޯހަކީ އައިސީޓީ ބޭސިކް ސްކިލްސް ޓްރެއިނިން ކޯހާއި، ކޮމްޕިއުޓަރު ހާޑްވެއާ ކޯހުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ގްރެފިކްސް ޑިޒައިނިން ކޯހެކެވެ.

އައިސީޓީ ބޭސިކް ޓްރެއިނިން

  • މި ކޯހުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި، ކޮމްޕިއުޓަރު ހާޑްވެއާ އާއި ސޮފްޓްވެއާގެ އިތުރުން މައިކްރޯ ސޮފްޓް ޕަވާޕޮއިންޓާއި، ވޯލްޑް ޑޮކިއުމަންޓާ، އިންޓަނެޓާއި، އީމެއިލް ހިމެނެއެވެ.
  • އައިސީޓީ ބޭސިކް ޓްރެއިނިން ކޯސް ހާއްސަކޮށްފައި ވަނީ އުމުރުން 10 އަހަރުން މަތީގެ ކުދިންނަށެވެ.
  • މި ކޯހުގެ ފީ އަކީ 999 ރުފިޔާއެވެ.

ގްރެފިކްސް ޑިޒައިނިން

  • މި ކޯސް ފަރުމާކޮށްފައި ވަނީ 10 އަހަރުން މަތީގެ ކުދިންނަށެވެ.
  • މި ކޯހުގައި ކުދިންނަށް ކޮރަލްޑްރޯ އާއި، އެޑޯބް ފޮޓޯޝޮޕް އަދި އިލަސްޓްރޭޓާ ބޭނުންކުރާނެ ގޮތް ދަސްކޮށްދޭނެއެވެ.
  • ކޯހުގެ ފީއަކީ 1200 ރުފިޔާއެވެ.

ކޮމްޕިއުޓަރު ހާޑްވެއާ

  • ކޮމްޕިއުޓަރު ހާޑްވެއާ ކޯހުގައި ޑެސްޓޮޕް ޕީސީ އެސެމްބަލް ކުރާނޭ ގޮތާއި، ކޮމްޕިއުޓަރު ފޯމެޓްކޮށް އޮޕަރޭޓިން ސޮފްޓްވެއާ އިންސްޓޯލް ކުރާ ގޮތުގެ އިތުރުން، ކޮމްޕިއުޓަރަށް ސޮފްޓްވެއާ އަޅާނެ ގޮތް ދަސް ކޮށްދެވޭނެއެވެ. މީގެ އިތުރުން ކޮމްޕިއުޓަރަށް އާއްމުކޮށް ދިމާވާ މައްސަލަތައް ދެނެގަންނާނެ ގޮތާއި، އެ މައްސަލަތައް ހައްލު ކުރާނޭ ގޮތް ދަސް ކޮށްދެވޭނެއެވެ.
  • މި ކޯހުގެ ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 1500 ރުފިޔާއެވެ.
  • މި ކޯހަށް ކަނޑައެޅިފައިވާ އުމުރު ފުރައަކީ 12 އަހަރުން ދަށެވެ.

ސަންއަށް މައުލޫމާތުދެއްވަމުން އެވިޑް ކޮލެޖުގެ ޗެއާމަން ޢަބުދުﷲ މުޝްތާޤް ރަޝާދު ވިދާޅުވީ، ކުޑަކުދިންނަށް އަމާޒުކޮށް މިފަދަ ކޯސްތަކެއް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ބެލެނިވެރިން އަވަދިނެތި އުޅޭ ވަގުތުތަކުގައި ކުދިންގެ ހުސް ވަގުތުތައް ރަނގަޅުގޮތުގައި ބޭނުންހިފޭނޭ ކަމަކަށް ފުރުސަތު ހޯދައިދިނުން ކަމަށެވެ.

"މި ޕްރޮގްރާމުތަކުގެ ސަބަބުން ކުދިންނަށް ކޮމްޕިއުޓަރުގެ އިލްމުން ބޭނުންތެރި ހުނަރުތަކެއް ދަސްވެގެންދާނެ. މި ޕްރޮގްރާމް ނިންމާ ކުދިންނަށް އެވިޑް ކޮލެޖުން ސެޓްފިކެޓްވެސް ދޭނެ" މުޝްތާޤް ވިދާޅުވިއެވެ.

ކުޑަކުދިންނަށް އަމާޒުކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތިން ކޯހުގެ ތެރެއިން ކޮމްޕިއުޓަރު ހާޑްވެއާ ފިޔަވައި އަނެއް ދެ ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ.

އެވިޑް ކޮލެޖަކީ 2005ވަނަ އަހަރު ވުޖޫދަށް އައި ކޮލެޖެކެވެ. އެވިޑް ކޮލެޖުން އަންނަނީ އެކި ދާއިރާތަކުން ދަރިވަރުންނަށް ބޭނުންވާނެ ގިނަ ކޯސްތަކެއް ހިންގަމުންނެވެ.

comment ކޮމެންޓް