މާލީ ބަޔާން ހުށަހަނާޅަނީ ޖާބިރާއި ނަސީރު

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު --

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދައިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި މުލަކު ދާއިރާގެ މެމްބަރު އިބްރާޙިމް ނަސީރު ފިޔަވާ އެހެން ހުރިހާ މެމްބަރުން މަލީ ބަޔާން ހުށަހަޅައިފިއެވެ.

މަޖިލިސް ގަވައިދުގައި ބުނާ ގޮތުން މަޖިލިސް މެމްބަރުންނާއި އެ މެމްބަރުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ކޮންމެ އަހަރެއްގެ އޮގަސްޓް 31ގެ ކުރިން މަޖިލީހަށް ހުށަހަޅަން ޖެހެއެވެ. އަދި މެމްބަރުގެ މާލީ ބަޔާން މަޖިލިސް ވެބްސައިޓުގައި ޝާއިއުކުރަން ޖެހޭ ކަމަށް ގަވައިދުގައި ބުނެއެވެ.

މިއަދު މަޖިލިސް ވެބްސައިޓުގައި މާލީ ބަޔާން ހުށަހެޅި ހުރިހާ މެމްބަރުންގެ މާލީ ބަޔާން ހާމަކޮށްފައިވާއިރު، މާލީ ބަޔާން ނެތީ ޖާބިރާއި ނަސީރުގެ އެކަންޏެވެ.

އެ ދެ މެމްބަރުންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ މުއްދަތުގައި ހުށަހަޅާފައި ނުުވާކަން މަޖިލިސް އިދާރާ އިންވެސް "ސަން" އަށް ކަށަވަރުކޮށްދެއެވެ.

މަޖިލިސް ގަވައިދުގައ 70 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން، މެމްބަރަކު މާލީ ބަޔާން ހުށަނާޅައިފި ނަމަ، އިތުރު 15 ދުވަސް ތެރޭގައި މަލީ ބަޔާން ހުށަހެޅުމަށް ލިޔުމަކުން މަޖިލީހުގެ އަމީން އާންމު އަންގަން ޖެހެއެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު "ސަން"އަށް ވިދާޅުވީ، އެ ދެމެމްބަރުންނަށް ލިޔުމުން މިހާރު 15 ދުވަސް ތެރޭ މާލީ ބަޔަން ހުށަހެޅުމަށް އަންގާފައިވާނެ ކަމަށެވެ.

ގަވައިދުގައި ބުނާ ގޮތުން، އިތުރު މުއްދަތު ދީގެންވެސް މެމްބަރަކު މަލީ ބަޔާން ހުށަނާޅައިފި ނަމަ މަޖިލީހުގެ ރިޔާސަތުން އެ މެމްބަރެއްގެ ނަން އިއްވަން ޖެހެއެވެ. އެއަށްފަހު އެ މެމްބަރަކަށް މަޖިލިސް ޖަލްސާއެއްގައިވެސް އަދި ކޮމިޓީއެއްގައިވެސް ބައިވެރިވެވޭނީ މަލީ ބަޔާން ހުށަހެޅުމަށްފަހު ކަމަށް ގަވައިދުގައި ބުނެއެވެ. އަދި ރިޔާސަތުން ނަން އިއްވުމަށްފަހު މަލީ ބަޔާން ހުށަހެޅުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް މެމްބަރެއްގެ މުސާރައިން ދުވާލަކަށް ޖެހޭ އަދަދު ކެނޑެމުންދާނެ ކަމަށް ގަވއިދުގައި ބުނެއެވެ.

މީގެ ކުރިން މަޖިލިސް މެމްބަރުންގެ މާލީ ބަޔާން އާންމު ކުރުން ލާޒިމެއް ނުނެވެ. އެ ބަދަލު ގެނައީ، މި ހިނގާ 19 ވަނަ މަޖިލީހުން މަޖިލިސް ގަވައިދަށް ގެނައި ބަދަލާ އެކުއެވެ.

https://sun.mv/142787

comment ކޮމެންޓް