ޕްރޮޖެކްޓް ހުއްޓާލަން އޭޑީބީން ނާންގާ، ކޮރަޕްޝަނެއް ނެތް: މިނިސްޓްރީ

އިކޮނަމިކް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ފިނޭންސް މިނިސްޓްރީގައި ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުސައިން ހަމީމް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ފަންޑް ކޮށްގެން ކުރިއަށް ގެންދާ އިމްޕޯޓް އަދި އެކްސްޕޯޓްގެ މަރުހަލާގައި ދެވޭ ހިދުމަތްތައް އެއް ވިއުގައަކުން ފޯރުކޮށްދިނުމަށް ގާއިމުކުރާ ސިންގަލް ވިންޑޯ ޕްރޮޖެކްޓް ހުއްޓާލުމަށް އެ ބޭންކުން އަންގާފައި ނުވާ ކަމަށާއި އެހެން ނަމަވެސް ދެން އިތުރަށް ފަންޑު ކުރެވޭނީ ގަވައިދުގެ ތެރެއިން ކުރިއަށް ގެންދިއުމުން ކަމަށް އަންގާފައިވާ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މަޝްރޫއަކީ މިދިޔަ އަހަރުގެ އެޕްރީލް މަހު ބީލަމަށް ހުޅުވާލައި އެ އަހަރުގެ ސެޕްޓެމްބަރު މަހުތެރޭ އެވޯޑުކޮށްފައިވާ މަސްރޫއެކެވެ. އެ ބީލަންކާމިޔާބުކުރީ ވެބް ފޮންޓެއިން އޭޝިއާ އިންކް -ފިލިޕީންސް އެވެ. އެފަރާތާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށް، އަމަލީ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހު ތެރޭގަ އެވެ.

އެ މަޝްރޫއުގެ ތެރޭގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ، އެ މަޝްރޫއު މަޑުޖައްސާލަން ސަރުކާރަށް އަންގާފައިވާ ކަމަށް ވަނީ މީޑިއާގައި އަޑުތައް ފެތުރިފަ އެވެ.

އެ މަޝްރޫއާ ގުޅޭ ގޮތުން، ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފައިނޭންސް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑައިރެކްޓަރު ހުސައިން ހަމީމް ވިދާޅުވީ، މަސްރޫއުގެ ބީލަމުގެ މަރުހަލާއާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކެއް މިނިސްޓްރީގެ ސަމާލުކަމަށް އައުމާ އެކު، މިނިސްޓްރީގެ އިސްނެގުމާ އެކު އެ މައުލޫމާތު އޭޑީބީގެ ސަމާލުކަމަށް ހަމަ އެ ދުވަހު ގެނެސްފައިވާ ކަމަށެވެ. އަދި ބީލަމުގެ މަރުހަލާއަށް ކޮށްފައިވާ ތުހުމަތުތަކަށް ބަަލައި ފިނޭންސް މިނިސްޓްރީން މަޝްރޫއުގެ ބީލަމުގެ މަރުހަލާގެ ރިވިއު އެސެސްމަންޓެއް ހެދުމަށް ފަހު އޭޑީބީއަށް ހުށަހަޅާނެކަން އެ ބޭންކަށް ވާނީ އަންގާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އިކޮނަމިކް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ފިނޭންސް މިނިސްޓްރީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

"އޭޑީބީ އެންޓިކޮރަޕްޝަން ވައިލޭޝަނާއި ހިލާފް ކަމެއް ގޮތުގައި އޭޑީބީން ވެސް އަޅުގަނޑުމެނަށް އެއްވެސް ވަރަކަށް އަންގާފައެއް ނެތް. އަދި އެކަމުގައި ކޮރަޕްޝަނުގެ ނުވަތަ އެކަހަލަ އެއްވެސް އަމަލެއް އެ ބޭންކަށް ވެސް ފާހަގަވެފައި ނުވާ ކަމަށް އަޅުގަނޑުމެނަށް އަންގާފައި އޮތީ. އަޅުގަނޑުމެންގެ ރިވިއުގައި ވެސް އަނެއްހެން ބަލާއިރު އޭޑީބީ އެންޓިކޮރަޕްޝަން ޕޮލިސީއާ ހިލާފަށް އެކަން ގަސްތުގައި ކޮށްފައި އޮތްކަން އަޅުގަނޑުމެނަށް ފާހަގައެއް ނުވޭ،" ހުސައިން ހަމީމް ވިދާޅުވި އެވެ.

އެކަމުގައި ކޮރަޕްޝަންގެ ތުހުމަތުކުރެވޭ އެއްވެސް ކަމެއް ފާހަގަކޮށްފައިނުވާ ކަން ހަމީމް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެ މައްސަލާގައި ގޮތެއް ނިންމުމުގެ ފުރިހަމަ އިހްތިޔާރު ސަރުކާރުގެ އަތް މަތީގައި އެބައޮތް ކަމަށެވެ.

ރިވިއު ޕްރޮސަސް ފުރިހަމަ ކުރުމަށް ފަހު އޭޑީބީއާ ހިއްސާ ކުރުމުން އެ ބޭންކުން ފާހަގަކޮށްފައި ވަނީ ގަސްތުގައި ކަމެއް ކޮށްފައިވާ ކަމަށް ފާހަގަ ނުވާ ކަމަށާއި ރެގިއުލޭޝަންގައި ހޯދަންޖެހޭ ހުރިހާ ހުއްދަތަކެއް ވެސް ރަނގަޅަށް ހޯދާފައި ހުރި ކަން ފާހަގަކޮށްފައިވާ ކަމަށް ހަމީމް ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުމެން ބިޑް އިވެލުއޭޓްކޮށްފައި ރިޕޯޓް ފޮނުވާފައި އޮންނާނެ އޭޑީބީގެ ނޯ އޮބްޖެކްޝަން ވެސް ފޮނުވާފައި ނޯ އޮބްޖެކްޝަން ދިނީމަ އޭތި އެވޯޑް ކުރެވޭނީ. ކުރާއިރު ރިޕޯޓާއި އެއްކޮށް ހުރިހާ ލިޔެކިޔުންތަކެއް ވެސް ފޮނުވާނީ. އޭޑީބީ ސައިޑުން ވެސް ހަގީގަތުގައި ހުއްދަ ދިންއިރު މީތި އޯވަ ލުކް ކުރެވިފައި އޮތީމަ އެހެންވީމަ އެބޭފުޅުން ވެސް ހަމަ އަޅުގަނޑުމެނަށް އަންގާފައި އެބައޮތް މީގަ އެނެހެން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަކަށް ނޫނޭ މި މިމަސައްކަތް ކުރިއަށް ގޮސްފައި އޮތީކީ އެއް. ހަމައެކަނި އޯވަލުކްވެފައި އިން ބަޔާއި އެކު މި ޕްރޮޖެކްޓް އެވޯޑް ކުރެވިފައި އިން ކަމަށް އެ ބޭފުޅުން ފާހަގަކޮށްފައި އޮތީ،" ހުސައިން ހަމީމް ވިދާޅުވި އެވެ.

ޕްރޮޖެކްޓް އެވޯޑުކުރެވިފައިވަނީ އެ ބޭންކުގެ ޕްރޮކިޔުމަންޓް ގަވައިދާ އެއްގޮތަށް ކަމުގައި ނުވާތީ، ވެބް ފޮންޓެއިން އޭޝިއާ އިންކާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރާ މަސައްކަތްތަކަށް އޭޑީބީން އާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ މި މަޝްރޫއުއާ ގުޅޭ ލޯން އަދި ގްރާންޓް އެގްރީމަންޓްގެ ދަށުން އިތުރަށް ހަރަދު ނުކުރެވޭނެ ކަމާއި، މަޝްރޫއުގެ ފަންޑިން ދެމެހެއްޓޭނީ އަލުން ރީ ބިޑިންގ އަކަށް ގޮސް އެ ބޭންކުގެ ޕްރޮކިޔުމަންޓް ގަވާއިދާ އެއްގޮތަށް ޕްރޮސެސް ފުރިހަމަ ކޮށްގެން ކަމަށް ވަނީ ލަފާ ދީފަ އެވެ.

"އެހެންވީމާ އޭޑީބީން މިހުރިހާ ކަންތަކަށް ރިއާޔަތް ކޮށްފައި އަޅުގަނޑުމެނަށް އޭޑީބީން ނުވެސް އަންގާ ޕްރޮޖެކްޓް ހުއްޓާލާށެކޭއެއް ނޫނީ އެކަހަލަ އެއްވެސް އެއްޗެއް. ދެން އެކަމަކީ ދިވެހި ސަރުކާރުގެ އިހްތިޔާރު އޮތް ކަމެއް. ދެން އޭޑީބީން ހަމައެކަނި މީގައި އަންގާފައި އޮތީ މި ޕްރޮޖެކްޓަށް އިތުރަށް ފައިނޭންސެއް ނުކުރެވޭނެ އޭތި ގަވާއިދުގެ ތެރެއަށް ނުފެތޭތީވެ މި މައްސަލައާއި ހުރެ. އެހެންވީމަ އޭޑީބީއަށް ފެންނަ ގޮތުގައި މީތި އެންމެ ރަނގަޅު ކަމަކީ އެކޮޅުގެ ފަންޑިން ދެވޭނީ ހަމައެކަނި މި ޕްރޮޖެކްޓްގެ ޕްރޮސަސް އަލުން ކުރިއަށް ގެންގޮސްގެނޭ." ހުސައިން ހަމީމް ވިދާޅުވި އެވެ.

comment ކޮމެންޓް