އައްޑޫ ސިޓީގެ ފޭދޫ ފަތާ ޓްރެކްގެ މަސައްކަތް ނިންމާލައިފި

އައްޑޫ ސިޓީ ފޭދޫގައި ކުޅިވަރާ ބެހޭ ވުޒާރާއިން ގާއިމްކުރި ސްވިމިންގް ޓްރެކްގެ މަސައްކަތް ނިންމާލައިފި އެވެ.

ފޭދޫ ފަތާ ޓްރެކްގެ މަސައްކަތް ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދިޔައިރު، މި މަސައްކަތް ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހު އެވެ. މި މަސައްކަތަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ 763،700 ރުފިޔާ ޚަރަދުކޮށްފަ އެވެ.

މިނިސްޓަރު މަޙްލޫފް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން ދިމާވި ދަތިތަކަށްފަހު ފޭދޫ ޓްރެކް ނިންމާލެވުމުން އުފާ ކުރައްވާ ކަމަށެވެ.މަސައް އެ މަސައްކަތް ލަސްވިކަމަށް ޓަކައި މާފަށް އެދިވަޑައިގެން މިނިސްޓަރު ވިދާޅުވީ ދެން އޮތީ ފޭދޫ ދަނޑުގެ މަސައްކަތް ނިންމުން ކަމަށެވެ.

މި މަސައްކަތް ކުރުމުގައި ސްވިމިންގް އެސޯސިއޭޝަނާއި، އައްޑޫ ސިޓީ ފުލުހުންނާއި، އައްޑޫ ސިޓީ ކައުންސިލާއި، ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދުގެ އިތުރުން ޒުވާން ވޮލަންޓިއަރުން ވެދެއްވި އެހީތެރިކަމަށް މަޙްލޫފް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

އެ ޓްރެކަކީ މި އަހަރުގެ ތެރޭގައި ޔޫތު މިނިސްޓްރީ އިން ނިންމާލި ހަތަރު ވަނަ ފަތާ ޓްރެކެވެ. ކޮވިޑާއި ގުޅިގެން މަސައްކަތަށް މަޑުޖެހުމެއް އައި ނަމަވެސް ހދ. ކުޅުދުއްފުށްޓާއި، ހއ. ދިއްދޫ އަދި ސ. މީދޫގައި ވެސް ޓްރެކް ގާއިމް ކުރެވިފައިވާ ކަމަށް މިނިސްޓްރީއިން މައުލޫމާތު ދެއެވެ. މި ހުރިހާ ޓްރެކެއްގެ މަަސައްކަތް ވެސް ކޮށްފައިވަނީ ސްވިމިންގް އެސޯސިއޭޝަނާއި ގުޅިގެންނެވެ.

ކޮވިޑްގެ ސަބަބުން ސަރުކާރުން ކުރަމުން އައި މަޝްރޫއުތަކަށް ކޮންމެސް ވަރެއްގެ މަޑު ޖެހުމެއް އައި ނަމަވެސް ޒުވާނުންގެ މަސްލަހަތު ހިމެނޭ ކަންކަން ވީހާވެސް އަވަހަށް ނިންމުމަށް ބުރަ މަސައްކަތެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު މަހްލޫފް މީގެ ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.

އަދި އެހެންމެ ކޮވިޑާ ގުޅިގެން ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުން ދެ ފަހަރެއްގެ މަތިން 35 މިލިޔަނެއްހާ ރުފިޔާ އުނިކުރަން ޖެހުނު ކަމަށާއި، އޭގެ ސަބަބުން ނުފެށި ހުރި ބައެއް މަޝްރޫއުތައް މަޑުޖައްސާލަން ޖެހިފައިވާތީ ކުޅިވަރާ ބެހޭ ވުޒާރާއިން ޕީއެސްއައިޕީގެ ތެރެއިން ވެސް މަޑު ޖެހުމެއް އަންނާނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް