އާ އަހަރު ފާހަގަކުރުމަށް ހަވާއަރުވައި، ދިވެހި ފަންނާނުންގެ މިއުޒިކް ޝޯއެއް ސަރުކާރުން ބާއްވަނީ

މާލޭގައި ހަވާ އެރުވުން: އާ އަހަރު ފާހަގަކުރުމަށް ހަވާ އަރުވައި، މިއުޒިކް ޝޯއެއް ބާއްވާނެ ކަމަށް ސަރުކާރުން ބުނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާ އަހަރު ފާހަގަކުރުމަށް ސަރުކާރުން އިންތިޒާމުކޮށްގެން ހަވާ އަރުވައި، ދިވެހި ފަންނާނުންގެ މިއުޒިކް ޝޯއެއް ބާއްވަން ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، އާންމުކޮށް އާ އަހަރު ފާހަގަކުރުމަށް ބާއްވަނީ މިއުޒިކް ޝޯއެއް ކަމަށެވެ. ނަމަވެސް މި ސަރުކާރުން ނިންމާފައި ވަނީ "ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024"ގެ ނަމުގައި ފެސްޓިވަލްއެއް ބޭއްވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ފެސްޓިވަލް ކުރިއަށްގެންދާނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށާއި އެގޮތުން މި އަހަރުގެ ފަހު ދުވަސް ކަމަށްވާ އަންނަ އާދިއްތަ ދުވަހު ކުޑަކުދިންގެ ހަވީރެއް ބާއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއަށްފަހު، އެ ރޭ މިއުޒިކް ޝޯއާއި ލޭޒާ ޝޯއެއް ބާއްވައި، ހަވާ އަރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މިއުޒިކް ޝޯގައި ވަރަށް ގިނަ ދިވެހި ފަންނާނުންގެ ހުށަހެޅުންތައް ފެންނާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މި ހަރަކާތްތައް ކުރިއަށް ރޭވުމުގައި އަޅުގަނޑުމެން އެންމެ ބޮޑު ކަމެއްގެ ގޮތުގައި، އަޅުގަނޑުމެންގެ ދައުރު ފެށިގެން އައިއިރު ތިބޭފުޅުންނަށް ވެސް ފާހަގަކުރެއްވޭނެ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު ޚާއްޞަ އިސްކަމެއް ދެއްވާ ދިވެހި އާޓިސްޓުންނާއި ދިވެހިންނަށް ޚާއްޞަ ފުރުސަތުތަކެއް ދިނުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

އެހެންވެ، ފެސްޓިވަލް އިންތިޒާމުކުރުމުގައި އެންމެ ބޮޑު އަމާޒަކަށްވީ މި ސަރުކާރުން ބާއްވާ ފުރަތަމަ ފެސްޓިވަލް ދިވެހި ފަންނާނުންނަށް ޚާއްޞަ ކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.

އާ އަހަރު ފާހަގަކުރުމަށް ބާއްވާ ޝޯތަކަށް އާންމު ގޮތެއްގައި ބޭރުގެ ފަންނާނުން ރާއްޖެ ގެނެއެވެ. އެގޮތުން މިދިޔަ އަހަރުގެ ޝޯއަށް ބޮލީވުޑްގެ ލަވަކިޔުންތެރިއެއް ކަމަށްވާ ޕަވްނީ ޕާންޑޭ ގެނެސްފައިވެއެވެ.

comment ކޮމެންޓް