ޔޫތު މިނިސްޓްރީއަށް ބަދަލުކުރި އެއްވެސް މުދަލެއް ގެއްލިފައެއް ނެތް: ވަޒީރު

ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ޔޫތު މިނިސްޓްރީ

އަލަށް އުފެއްދި ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީއަށް ބަދަލުކުރި އެއްވެސް މުދަލެއް ގެއްލިފައިނުވާ ކަމަށް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) މިއަދު ވިދާޅުވެއްޖެއެވެ.

ސްޕޯޓްސް މިނިސްޓްރީން ވަނީ، ޔޫތު މިނިސްޓްރީއަށް މުދާތައް ބަދަލުކުރުމުގެ ތެރެއިން ބައެއް މުދާ މަދުކަން ފާހަގަވެފައިވާ ކަމަށް ބުނެފައެވެ. އެ މައްސަލަ މިމަހުގެ 20ގައި ފުލުހަށް ހުށަހެޅުމުން ފުލުހުން ވަނީ ތަހުގީގެއް ފަށައިފައެވެ.

ޔޫތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، އެ މިނިސްޓްރީއަށް ސްޕޯޓްސް މިނިސްޓްރީއާއި ހޯމް މިނިސްޓްރީއާއި ހެރިޓޭޖް މިނިސްޓްރީގެ ވެސް ބައެއް މެންޑޭޓުތައް ލިބިފައިވާ ކަމަށާއި އެހެންވެ، އެ މިނިސްޓްރީތަކުގެ ތަކެތި ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއްވެސް އެއްޗެއް ގެއްލިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ، މިހާރު އޮތް ޔޫތު މިނިސްޓްރީއަކީ ކުރިން އޮތް ޔޫތު މިނިސްޓްރީ ބައިކޮށްގެން އުފައްދާފައިވާ މިނިސްޓްރީއެއް ނޫން ކަމަށާއި އެއީ މުޅިން އާ މެންޑޭޓަކާއެކު އުފައްދާފައިވާ އާ މިނިސްޓްރީއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ، މުދާތަކެއް ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ ނޫސްތަކުން ކަމަށެވެ. ނަމަވެސް އެކަމާ ގުޅުން ހުރި ލިޔެކިޔުމެއް އެ މިނިސްޓްރީއަށް ނުލިބޭ ކަމަށާއި އެ މައްސަލަ ބަލަން އެތެރޭގެ ތަހުގީގެއް ކުރިއަށްގެންދިޔަ ކަމަށެވެ.

"މިތަނަށް ގެނައި އެއްވެސް އެއްޗެއް ގެއްލުނުތޯ އެއީ އަޅުގަނޑުމެން ކޮންމެހެން ވެސް ސާފުކުރަން ބޭނުންވި ކަމެއް. އެހެންކަމުން ސްޕޯޓްސް މިނިސްޓްރީގައި އޭރު ތިއްބެވި މުވައްޒަފުންގެ ތެރެއިން މިތަނަށް ބަދަލުކުރި ހުރިހާ މުވައްޒަފުން ގެނެސް އަޅުގަނޑުމެން އެތެރޭގެ ތަހުގީގެއް ހިންގައިފިން،" އޭނާ ވިދާޅުވިއެވެ.

އެ ތަހުގީގުން ފާހަގަވި ކަންތައްތަކުގެ ތެރޭގައި، ސްޕޯޓްސް މިނިސްޓްރީގައި ތިބި ބައެއް ސިވިލް ސާވަންޓުން އެމީހުން ނުރުހުމުގައި ޔޫތު މިނިސްޓްރީއަށް ފޮނުވާފައިވާކަން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އާ މިނިސްޓްރީ އުފެއްދި އިރު، ކުރީގެ ޔޫތު މިނިސްޓްރީގައި ތިބި މުވައްޒަފުންނަށް އެ މީހުން މަސައްކަތް ކުރަން ބޭނުންވާ މިނިސްޓްރީއެއް ޚިޔާރު ކުރުމުގެ ފުރުސަތު ދިން ކަމަށެވެ. އޭގެ ތެރެއިން ބައެއް މުވައްޒަފުން އެކި ސަބަބުތަކާ ހެދި ސްޕޯޓްސް މިނިސްޓްރީގައި މަޑުކުރަން އެދުނު ނަމަވެސް އެމީހުން ޔޫތު މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް އެ މުވައްޒަފުން ބުނި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިއިން އެއްވެސް މަރުހަލާއަކީ އަޅުގަނޑަށް އެނގިގެން އަޅުގަނޑަށް ނުވަތަ އަޅުގަނޑުމެންގެ ތެރޭގައި މަސައްކަތް ކުރާ ސިޔާސީ އެއްވެސް މުވައްޒަފެއްގެ ބައިވެރިވުން ހިމެނޭ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މުވައްޒަފުން ބަދަލުކުރި އިރު އެ މުވައްޒަފުންނަށް ދިން މުދަލުގެ ތަފުސީލު އެނގޭނީ ސްޕޯޓްސް މިނިސްޓްރީއަށް ކަމަށެވެ. އަދި އޭނާއަށް އެ މިނިސްޓްރީގެ އެއްޗެއް ނުނެގެނޭ ކަމަށާއި އެފަދަ ހުއްދައެއް އޭނާއަށް ނޯންނާނެކަން ފާހަގަކުރެއްވިއެވެ.

ޔޫތު މިނިސްޓްރީން ބެލިބެލުމުން، އެ މިނިސްޓްރީއަށް ބަދަލުވި މުވައްޒަފުން ގެންދިޔަ ތަކެތި ހަމައަށް ހުރިކަން އެނގިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިއީކީއެއް ޔޫތު މިނިސްޓްރީއާ ބެހޭ މައްސަލައެއް ނޫން. އެއްޗެއް ގެއްލުނު ކަމެއް ނުގެއްލޭ ކަމެއް އަޅުގަނޑަކަށް ނޭނގެ. އެއެއް އެނގޭނީ އެ މިނިސްޓްރީއަށް. ހަމަ ޔަގީނުން ވެސް އަޅުގަނޑު މި ދަންނަވަނީ މި މިނިސްޓްރީން އެއްވެސް އެއްޗެއް ނުގެއްލޭ. ހުރިހާ އެއްޗެއް ހަމައަށް އެބަހުރި،" އޭނާ ވިދާޅުވިއެވެ.

ސްޕޯޓްސް މިނިސްޓްރީން "ސަން"އަށް މައުލޫމާތު ދީފައިވާ ގޮތުގައި އޮފީސް ބަދަލުވުމުގެ މަސައްކަތުގެ ތެރެއިން ހަ މޮނީޓަރަކާއި، ދެ ސީޕީޔޫއެއްގެ އިތުރުން ބޮޑު ޓީވީއެއް ވެސް ވަނީ ގެއްލިފައެވެ.

comment ކޮމެންޓް