އެސްޓީއޯގެ ހިއްސާއަކަށް 58 ރުފިޔާ ބަހަން ބޯޑުން ފާސްކޮށްފި

އެސްޓީއޯގެ 2017 ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރު އެސްޓީއޯއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 58 ރުފިޔާ ބަހަން ކުންފުނީގެ ބޯޑުން ފާސްކޮށްފި އެވެ.

މިދިޔަ އަހަރު ކުންފުނީގެ ޖުމްލަ ފައިދާ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 13 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެ ކުންފުނިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ހިންގުމުގެ ފައިދާ 80 ޕަސެންޓް އިތުރުވެފައި ވާއިރު ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި 303 މިލިއަން ރުފިޔާ އެސްޓީއޯއަށް ލިބިފައިވެއެވެ. މުޅި އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 383 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ 2019 ވަނަ އަހަރަށް ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 58 ރުފިޔާ ބަހާގޮތަށް ކުންފުނީގެ އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ އޮންނާނީ 30 އޮގަސްޓު ވަނަ ދުވަހުގެ ހަވީރު 4:00 ގައި މައިކްރޯސޮފްޓް ޓީމް ލައިވް އިވެންޓްސް މެދުވެރިކޮށެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ނުވަތަ ޕްރޮކްސީ ހުށަހެޅުމަށް، 29 އޮގަސްޓްގެ ހަވީރު 04:00 ގެ ކުރިން އެ ކުންފުނީގެ ވެބްސައިޓްގައި ހޮސްޓް ކޮށްފައިވާ ވެބްޕޭޖް މެދުވެރިކޮށް ރަޖިސްޓަރީކުރުމަށް ވަނީ ހުޅުވާލައިފަ އެވެ.

comment ކޮމެންޓް