ރާއްޖެއަށް ޓޫރިސްޓުން ގެންނަން އިންޓަނޭޝަންލް ޑިމޮކްރެޓިކް ޔުނިއަންގައި (އައިޑީޔޫ) ދިވެހި ސަރުކާރުން ހިންގާ މައި ޕާޓީ އެމްޑީޕީއިން އެދިއްޖެ އެވެ.
އައިޑީޔޫ އަކީ ސެންޓާ ރައިޓް އަދި ކޮންޒަވޭޓިވް ފިކުރުގެ ޕާޓީތަކުގެ ޔުނިއަންއެކެވެ. އެމްޑީޕީއަކީ އެ ޕާޓީ އުފެދުނު ދުވަސްވަރުން ފަށައިގެން އެ ޔުނިއަންގެ މެމްބަރެކެވެ.
މިއަދު އައިޑީޔޫގެ އެގްޒެކެޓިކް ކޮމެޓީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މީޑީއާއަށް މައުލޫމާތު ދެއްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި އެމްޑީޕީގެ އިސް ބައެއް މެމްބަރުން ވެސް ބައިވެރިވެވަަޑައިގެންނެވި އެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، މިއަދު އެމްޑީޕީގެ ފަރާތުން ހުށަހަޅާފައި ވަނީ، އައިޑީޔޫގެ މެމްބަރު ޕާޓީތަކުގެ ތެރެއިން، ސަރުކާރު ހިންގުމާ ހަވާލުވެ ތިބި ޕާޓީތަކުން، އެ ގައުމުތަކުގެ ސަރުކާރުތައް މެދުވެރިކޮށް ދިވެހިރާއްޖެއަށް އެ ގައުމުތަކުން ޓޫރިސްޓުން އައުމުގައި ލުއިކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށެވެ.
އެމެރިކާއާއި، އޮސްޓްރިއާ، ގްރީސް، ހަންގޭރީ، ނޯވޭ އަދި އިނގިރޭސިވިލާތުގެ ސަރުކާރާ ހަވާލުވެ ތިބީ އައިޑީޔޫގެ މެމްބަރު ގައުމުތައްކަން އެމަނިކުފާނު ފާހަގަކުރެއްްވި އެވެ.
އެމްޑީޕީގެ ހުށަހެޅުން އައިޑީޔޫގެ ފޮރިން ރިލޭޝަންސް ކޮމެޓީއަށް ގެންދަން މިއަދު ނިންމި ކަމަށާއި، އެކަމާ މެދު ގޮތެއް ނިންމާނީ ހުކުރު ދުވަހު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ދެންނެވިން ދިވެހިރާއްޖެއަކީ ޓޫރިޒަމަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެކޭ، އަޅުގަނޑުމެންނަށް އަލުން އަނބުރާ ޓޫރިޒަމްގެ ވިޔަފާރި ނުފެށިއްޖެ ނަމަ، އަވަހަށް ނުފެށިއްޖެ ނަމަ އެއީ ދިވެހީންނަށާއި ދިވެހިރާއްޖެއަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމެއް ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި އެ މަސައްކަތް ކޮށްދެއްވާނެ ކަމަށް އެ ބޭފުޅުންނަށް ނިންމުނު. އެހެންވީމަ އެ ބޭފުޅުންގެ ފޮރިން ރިލޭޝަންސް ކޮމެޓީއިން އިރާދަކުރެއްވިއްޔާ މިކަމުގައި ގޮތެއް ނިމިގެން ދާނެ،"
އެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެހެންކަމުން، މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، ގައުމުތަކުން ސާފުކުރަން ބޭނުންވި ކަންކަން ރަނގަޅަށް ސާފުކޮށްދެވުނު ކަމަށެވެ.
ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއަދު އެމަނިކުފާނު ވިދާޅުވީ، ރާއްޖެ އަނެއްކާ ވެސް ލޮކްޑައުންއަކަށް ގެންދިޔުމަކީ ޓޫރިޒަމަށް ރަނގަޅު ގޮތެއް ނޫން ކަމަށެވެ. ޓޫރިޒަމް އަލުން ފެށައިގެން ކުރިން ހުރި ހިސާބަށް ގެންދެވޭނީ އޭރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ވިޔަފާރީގައި ވިކުރާ ވަންނަނީ ވަތްގަނޑު ހުޅުވާފައި ހުރީމަ، ފިހާރަ ހުޅުވާފައި ހުރީމަ،" ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ހުޅުވައިގެން ހިދުމަތް ދެމުން ގެންދިޔައިމާ މަޑުމަޑުން އެހެންނަމަވެސް، ހަމަ ކަށަވަރުންވެސް ޓޫރިޒަމް އަޅުގަނޑުމެން ކުރިން ހުރި ތަނަށް ހަމަ އައިސް ދެވޭނެ."