ހުޅުމާލެ ހޮސްޕިޓަލަށް ވިހަން ދިޔަ އަންހެނަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ހުޅުމާލެ ހޮސްޕިޓަލް: އެ ހޮސްޕިޓަލަށް ވިހަން ދިޔަ މީހަކު ކޮވިޑަށް ޓެސްޓް ކުރުމުން ވަނީ ޕޮޒިޓިވް ވެފައި --- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލެ ހޮސްޕިޓަލަށް ވިހަން ދިޔަ މައިބަނޑު އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން "ސަން"އަށް ވިދާޅުވީ، އެ މީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަން އެނގިފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށް ވިހަން ދިއުމުން އެޑްމިޓްވުމަށް ހެދި ޓެސްޓްގެ ނަތީޖާ މިއަދު ހެނދުނު ލިބުމުން ކަމަށެވެ.

އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

މީގެ ކުރިން އެހެން ބަލިތަކުގައި އައިޖީއެމްއެޗް ހޮސްޕިޓަލަށް ދެއްކި ބައެއް މީހުންގެ ސާމްޕަލް ވެސް ވަނީ ކޮވިޑަށް ޕޮއިޒޓިވްވެފަ އެވެ. އެއާއެކު އެތަނުގެ ބައެއް ސްޓާފުންނަށް ވެސް ބަލި ޖެހި، ފަރުވާ ހޯދާފައި ވެއެވެ.

މިހާތަނަށް ރާއްޖެއިން މުޅި ޖުމްލަ 70،845 ސާމްޕަލް ޓެސްޓުކޮށްފައި ވާއިރު، 3،175 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 2،498 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި މިވަގުތު ތިބީ 647 މީހެކެވެ.

ކޮވިޑް19 އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާނުކުރި ފުރަބަންދަށް ލުއިދިނުމާއެކު، ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަން އިތުރުވަމުން އަންނަ އިރު، ކޮންމެ ދުވަހަކު ވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ ދިވެހީންނެވެ.

މިހާތަނަށް ރާއްޖެއިން 1،425 ބަންގްލަދޭޝް މީހުން ވައިިރަހަށް ޕޮޒިޓިވްވެފައި ވާއިރު، ޕޮޒިޓިވް ދިވެހީންގެ އަދަދު ވަނީ 1،397 އަށް އަރައިފައެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިހާތަނަށް 15 މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް