ހުޅުމާލޭ ހޮސްޕިޓަލްގެ ފެންވަރު މަތިކޮށް، އިތުރު ހޮސްޕިޓަލެއް އަޅަންޖެހޭ: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު: ހުޅުމާލެ ހޮސްޕިޓަލްގެ ފެންވަރު މަތިކޮށް އިތުރު ހޮސްޕިޓަލެއް އަޅަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި ----

ހުޅުމާލެ ހޮސްޕިޓަލްގެ ޚިދުމަތުގެ ފެންވަރު މަތިކޮށް އިތުރު ހޮސްޕިޓަލެއް ގާއިމުކުރަންޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އާންމުންނަށް ރައީސް މުއިއްޒާ ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ 'ރައީސްގެ ޖަވާބު'ގެ މިއަދުގެ ޕްރޮގްރާމްގައި ހުލުމާލެ ފްލެޓް 51503، މުޙައްމަދު ރިއާޒް ވަނީ ހުޅުމާލެ ހޮސްޕިޓަލުން އެކަށީގެންވާ މިންވަރަށް ޚިދުމަތް ފޯރުކޮށްނުދެވޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ހުޅުމާލެ ހޮސްޕިޓަލް ހުރީ ކުރިން ވެސް ހުރި ހާލަތުގައި. މުޅި ޖުމްލަ ހުޅުމާލޭގެ އާބާދީގައި ގާތްގަނޑަކަށް އެއް ލައްކައެއްހައި މީހުން އުޅޭނެ ކަމަށް ބެލެވޭ. ނަމަވެސް ހުޅުމާލެ ހޮސްޕިޓަލުން އެތެރެ ހަށީގެ މީހަކަށް ދައްކާލަން ގުޅީމައި 500 ނުވަތަ 800 މީހުންގެ ކިޔުއަކަށްދާ މައްސަލަގައި ކޮބައިތޯ ރައީސްގެ ހިޔާލުފުޅަކީ،" ރިޔާޒް، ރައީސް އަރިހުން އެއްސެވިއެވެ.

މި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، މާލެ ސިޓީ ސަރައްހައްދުގެ ސިއްޚީ ނިޒާމު ވަރުގަދަ ކުރުމަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ.

އެގޮތުން ދަރުމަންވަންތަ ހޮސްޕިޓަލާއި ދަރުމަވަންތަ ގްރޫޕް އޮފް ހޮސްޕިޓަލްސްއާއި އައިޖީއެމްއެޗާއި ވިލިމާލެ އަދި ހުޅުމާލެ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތްތަކެއް ފެށިފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލްގެ ޚިދުމަތް ރަނގަޅުކުރަންޖެހޭ ކަމަށެވެ.

"ހުޅުމާލެ ހޮސްޕިޓަލްގައި ދެންމެ ތި ވިދާޅުވި ކަންކަން ހައްލުވެގެންދާނެ. އެހާ ގިނަ މީހުންނަށް ޚިދުމަތްދޭއިރު ހުޅުމާލެ ހޮސްޕިޓަލްގެ ފެންވަރު ވަރަށް ބޮޑުތަނުން މަތިކުރަންޖެހޭ. އަދި އިތުރު ހޮސްޕިޓަލެއް ވެސް އަޅަން ޖެހޭ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވަނީ މާލެ ސަރަހައްދުގެ ރައްޔިތުންނަށް އެންމެ ރަނގަޅު ފެންވަރުގައި ސިއްޚީ ޚިދުމަތް ރަނގަޅު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ފާހަގަކުރައްވައިފައެވެ.

މި ސަރުކާރުން ވަނީ މިދިޔަ ސަރުކާރުން ލ. އަތޮޅުގައި އަޅަން ނިންމި ކެންސަރު ހޮސްޕިޓަލް ވެސް މާލެ ބަދަލުކުރަން ނިންމައިފައެވެ. އަދި، ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައި އިތުރު ހޮސްޕިޓަލަކާއި ތެލަސީމިއާ ހޮސްޕިޓަލެއް ވެސް ތަރައްގީކުރަން މި ސަރުކާރުން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް