ހުޅުމާލެ ހޮސްޕިޓަލުން ހިލޭ ޗެކަޕް ހެދުމަށް އިއްޔެ އެކަނިވެސް 50އަށް ވުރެ ގިނަ މީހުން އެދުނު

ހުޅުމާލެ ހޮސްޕިޓަލުން ޗެކަޕް ހެދުމަށް އިއްޔެ އެކަނިވެސް 50 އަށް ވުރެ ގިނަ މީހުން ވަނީ އެދިފަ--

ސަރުކާރުން ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ސިޔާސަތު އިއްޔެ ތަންފީޒު ކުރަން ފެށުމާއެކު، ހުޅުމާލެ ހޮސްޕިޓަލުން ހިލޭ މެޑިކަލް ޗެކަޕް ހެދުމަށް އިއްޔެ އެކަނިވެސް 50އަށް ވުރެ ގިނަ މީހުން އެދިފައިވާ ކަމަށް އެ ހޮސްޕިޓަލުން މިރޭ ބުނެފިއެވެ.

މިކަމާ ގުޅޭ ގޮތުން 'ސަން'އަށް މައުލޫމާތު ދެއްވަމުން ހުޅުމާލޭ ހޮސްޕިޓަލުގެ އިންފޮމޭޝަން އޮފިސަރު އަބްދުﷲ މައުރޫފް ވިދާޅުވީ، އިއްޔެ މެޑިކަލް ޗެކަޕަށް އެދުނު 50 އަށް ވުރެ ގިނަ މީހުން މިހާރު ވެއިޓްލިސްޓު ކޮށްފައިވާ ކަމަށެވެ.

ޗެކަޕް ހެދުން ކުރިއަށް ގެންދަނީ އެޕޮއިންޓްމަންޓް އުސޫލުން ކަމަށް އޭނާ ވިދާޅުވިއެވެ.

އިއްޔެ ތަންފީޒުކުރަން ފެށި ސިޔާސަތާއެކު ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ފުރަތަމަ ދީފައި ވަނީ 50 އަހަރުން މަތީގެ މީހުންނަށެވެ.

މި ވަގުތު ހަމައެކަނި މާލެ އާއި ހުޅުމާލެއިން މެޑިކަލް ޗެކަޕް ހެދުނު ނަމަވެސް ހެލްތް ސެންޓަރު ތަކުންވެސް މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެންސްޕާއިން މީގެ ކުރިން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗުން މިއަދު ބުނި ގޮތުގައި މެޑިކަލް ޗެކްއަޕް ހެދުމުގެ ޚިދުމަތް ފުޅާވެގެން އަންނައިރު ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމަށް އެ ހޮސްޕިޓަލުގައި އާއި ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ޚާއްޞަ ކްލިނިކެއް ތައްޔާރުކުރާނެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި އެ ހޮސްޕިޓަލުން މެޑިކަލް ޗެކަޕް ހެދުމަށް ގުޅަން ޖެހޭނީ 1417އަށެވެ.

އިއްޔެ ހަމައެކަނި 50 އަހަރުން މަތީގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ހުޅުވައިލައިފައިވީ ނަމަވެސް 35 އަހަރުން ފެށިގެން 49 އަހަރުގެ މީހުންނަށާއި 19 އަހަރުން ދަށުގެ ކުދިންނަށް މި އަހަރުގެ އޭޕްރިލް މަހުން ފެށިގެން ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ހުޅުވާލާނެއެވެ.

މީގެ އިތުރުން 19 އަހަރުން ފެށިގެން 34 އަހަރާ ދެމެދުގެ މީހުންނަށް މި އަހަރުގެ ޖުލައި މަހުން ފެށިގެން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެެއެވެ.

comment ކޮމެންޓް