މަސްލަހަތު ފުށޫއަރާ ހުރިހާ މައްސަލައަކުން ވާނީ ތަނާޒުލްވެފައި: ޕީޖީ ޝަމީމް

ޑިސެމްބަރ 2، 2019: ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ކުރިން މަސައްކަތް ކުރެއްވި މައްސަލަތަކާ ބެހޭ ކަންކަމުން ތަނާޒުލްވެވަޑައިގެންނެވި ކަމަށާއި، އެފަދަ މައްސަލަތަކުގެ މަޝްވަރާތަކުގައި ބައިވެރިވެ، ނިންމުންތައް ނިންމަވަނީ ޕީޖީ އޮފީހުގެ އެހެން އިސްވެރިން ކަމަށް ޕީޖީ ހުސެއިން ޝަމީމް ވިދާޅުއްޖެ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ތުހުމަތު ކުރެވޭ އެ ކުންފުނީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، މުހައްމަދު ހުސެއިން (އޮއިއްޓޭ)ގެ ވަކީލެއްގެ ގޮތުގައި ޝަމީމް މަސައްކަތް ކުރައްވާފައިވާ ކަމަށާއި، އެހެންކަމުން މިހާރު އެމްއެމްޕީއާރްސީގެ މައްސަލައިގައި ދައުލަތް ތަމްސީލު ކުރައްވާ އެންމެ އިސް ވަކީލެއްގެ ގޮތުގައި ޝަމީމް ހުންނެވުމަކީ މަސްލަހަތު ފުށޫއަރާ ކަމެއް ކަމަށް ބުނެ މިއަދު ބާ ކައުންސިލަށް ވަނީ މައްސަލައެއް ހުށަހަޅައިފައެވެ.

އަދީބުގެ އެމްއެމްޕީއާރްސީގެ މައްސަލައިގައި ވަކީލެއްގެ ގޮތުގައި މަސައްކަތް ނުކުރައްވާ ކަމަށް މީގެ ކުރިން ޝަމީމް ވަނީ ވިދާޅުވެފައެވެ. އޭނާ މަސަައްކަތް ކުރެއްވީ، އަދީބުގެ މައްޗަށް ތުހުމަތު ކުރެވުނު ފިނިފެންމާ ލޯންޗުގެ މައްސަލައިގައި ކަމަށާއި، ވަކީލުކަމުން ސަސްޕެންޑު ކުރުމުގެ ސަބަބުން އަދީބުގެ އެމްއެމްޕީއާރްސީގެ މައްސަލައިގައި މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން "ސަން"އާ ވާހަކަ ދައްކަވަމުން ޝަމީމް މިއަދު ވިދާޅުވީ، އެމްއެމްޕީއާރްސީގެ މައްސަލައިގައި ޒިޔަތާއި، މުހައްމަދު ހުސެއިންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ކަމަށެވެ.

ޕީޖީ ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ކުރިން މަސައްކަތް ކުރެއްވި މައްސަލަތަކުގެ ލިސްޓަކާއި އެ މައްސަލަތަކުގައި ހިމެނޭ މީހުންގެ މައުލޫމާތު ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަހްމޫދު ސަލީމްއާ ހިއްސާ ކުރެއްވި ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ޕީޖީގެ ހައިސިއްޔަތުން އެއިން މައްސަލައެއްގައި ނޫޅުއްވާ ކަމަށާއި އެ މައްސަލަތަކުން ތަނާޒުލުވެވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެެ.

"ޕީޖީ ކަމާ ހަވާލުވުމާ އެއްކޮށް، ކުރީގައި މަސައްކަތްކޮށްފައި ހުރި ހުރިހާ މައްސަލައެއް ޑިސްކްލޯސްކޮށްފައި ހުންނާނެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ސަލީމްއަށް. ސަލީމް ކައިރީގައި ދަންނަވާފައި އޮންނާނެ ލިސްޓެއްވެސް ދީފައި އޮންނާނެ ކުރިން މަސައްކަތްކޮށްދީފައި ހުރި މައްސަލަތަކުގެ. ޒިޔަތާއި މުހައްމަދު ހުސެއިން އެކަންޏެއް ނޫން، ބައިވަރު އެހެން މައްސަލަތަކުގައި ހުންނާނެތާ އުޅެފައި. ޕްރައިވެޓްކޮށް މަސައްކަތް ކުރާއިރު ހުންނާނެތާ ބައިވަރު މަސައްކަތް ނަގާފައި،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ، ޒިޔަތާއި މުހައްމަދު ހުސެއިންގެ މައްސަލަތަކާ ގުޅޭ މަޝްވަރާތަކުގައި ބައިވެރިވެ ނިންމުންތައް ނިންމަވަނީ ޑެޕިއުޓީ ޕީޖީ ސަލީމް ކަމަށެވެ.

"ޒިޔަތާ ގުޅޭ އެއްވެސް ކަމެއްގައި ޕީޖީގެ ހައިސިއްޔަތުން ޑިސިޝަނެއް ނުނަގަން އެ ޑިސިޝަނެއް ނަންގަވާނީ ސަލީމް. އަދި އޮއިއްޓޭ [މުހައްމަދު ހުސެއިން]ގެ ކަމެއްގައިވެސް ޑިސިޝަނެއް ނުނަގަން އެއްވެސް މަޝްވަރާއެއްގައިވެސް ބައިވަރިއެއް ނުވަން،" ޝަމީމް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި މަސައްކަތް ކުރާ މުއައްސަސާތަކުގެ އިސްވެރިން ބައްދަލުކުރައްވާއިރު، ޒިޔަތާއި މުހައްމަދު ހުސެއިންނާ ގުޅޭ ވާހަކަތައް ކުރިއަށް ގެންދަނީ ވަކިން ކަމަށާއި، އެ މަޝްވަރާތަކުގައިވެސް ޕީޖީގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ޑެޕިއުޓީ ޕީޖީ ސަލީމް ކަމަށް ޝަމީމް ވިދާޅުވި އެވެ.

ބާ ކައުންސިލަށް ޝަމީމާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އޭނާ ވަކީލުންގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާތީ އޭނާގެ މައްސަލަ ބަލަން އެދޭ ކަމަށެވެ. ގާނޫނީ ފަންނުގެ ބިލުގައި، ވަކީލުން ކޮށްގެން ނުވާނެ ކަންކަން ބަޔާންކޮށްފައިވާއިރު، އޭގެ ތެރެއިން، މަސްލަހަތު ފުށޫ އަރާނެ ކަމެއް ނުކުރުމަށާއި، ވަކީލުންނާ މެދު އާންމުންގެ އިތުބާރު ގެއްލޭ ފަދަ ކަމެއް ނުކުރުމުމަށް ބަޔާން ކުރާ މާއްދާތަކާ ޝަމީމް ހިލާފުވެފައިވާ ކަމަށް ބުނެ އެކަން ބަލައިދިނުމަށް އޭނާއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި އެދިފައިވެ އެވެ.

ވަކީލުން ހަވާލުވެގެން ނުވާނެ ބާވަތުގެ މައްސަލަތައް އެ ގާނޫނުގައި ބަޔާންކޮށްފައިވާއިރު، އޭގެ ތެރެއިން، މިނިވަންކަމާއެކު މަސައްކަތް ކުރަން ހުރަސްއެޅިދާނެ ފަދަ މައްސަލައަކާ ހަވާލުވެގެން ނުވާނެ ކަމަށް ބުނާ މާއްދާ އާއި، ހަވާލުވާ މައްސަލައިގައި ހިމެނޭ އަނެއް ފަރާތަކީ މައްސަލައާ ގުޅިގެން ކުރިން ގާނޫނީ ލަފާ ދީފައިވާ ފަރާތަކަށް ނުވަތަ މައްސަލައިގެ މައުލޫމާތު ހިއްސާކޮށްފައިވާ މީހަކަށްވާ ފަދަ މައްސަލަތަކާ ހަވާލުވެގެން ނުވާނެ ކަމަށް ބުނާ މާއްދާއާ ވެސް ހިލާފުވެފައިވާ ކަމަށް ބުނެ އެކަން ބަލައިދިނުމަށްވެސް އޭނާއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި އެދިފައިވެ އެވެ.

ނަމަވެސް، އަދި މި މައްސަލަ ބެލުމާއި ނުބެލުމާ މެދު ބާ ކައުންސިލުން ގޮތެއް ނުނިންމަ އެވެ.

އެމްއެމްޕީއާރްސީގެ މައްސައިގައި ޝަމީމްގެ މަސްލަހަތު ފުށޫ އަރާ ކަމަށް ބުނެ ބާ ކައުންސިލަށް މައްސަލައެއް ހުށަހަޅައިފި

comment ކޮމެންޓް