މާފަރު އެއާޕޯޓުގައި ގާއިމްކުރި ކޮވިޑް ޓެސްޓް ސެންޓަރު ހުޅުވައިފި

މާފަރު އެއާޕޯޓުގައި ގާއިމްކުރި ކޮވިޑަށް ޓޭސްޓުކުރާ ލެބް -- ފޮޓޯ: އޭޑީކޭ

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކުރި ކޮވިޑް ޓެސްޓް ސެންޓަރު ހުޅުވައިފިއެވެ.

ވާޗުއަލްކޮށް ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މާފަަރު އެއާޕޯޓުގައި ކޮވިޑް ޓެސްޓް ސެންޓަރު ގާއިމްކުރީ ސޮނޭވާގެ ޚަރަދުގައެވެ. އެތަނަށް ބޭނުންވާ މެޝިނަރީސް އިންސްޓޯލުކޮށް، ސެންޓަރު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ކޮށްފައިވަނީ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގެ ފަރާތުންނެވެ.

ކޮވިޑް19ގެ އާ އާންމު ހާލަތުގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާއިރު، ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ކޮވިޑަށް ޓެސްޓުކުރާ ލެބެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަނުން ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމެޓީގައި، ޖޫން 17 ވަނަ ދުވަހުއެވެ.

މާފަރު އެއާޕޯޓު ހިމެނޭ ސަރަހައްދަކީ ގިނަ އަދަދެއްގެ މަތީފެންވަރުގެ ރިސޯޓުތައް ހިންގާ ސަރަހައްދެކެވެ.

އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ މާފަރު އެއާޕޯޓު އޮންނަ ލޮކޭޝަނަކީ ގިނަ އަދަދެއްގެ މަތީ ފަންތީގެ ރިސޯޓުތަކެއް ހުރި ސަރަހައްދެއް ކަމަށާއި، މިއީ މާފަރު އެއާޕޯޓަށް ދަތުރުކުރާ ޓުއަރިސްޓުން ކޮވިޑް19 އަށް ޓެސްޓު ކުރަން ހަދާ ލެބެއް ކަމަށެވެ.

މާފަރު އެއާޕޯޓު އިންޓަނޭޝަނަލް ދަތުރުތަކަށް ތައްޔާރުވާއިރު އެ އެއާޕޯޓުގައި މިހާރު ވަނީ ތާމަލް ކެމެރާ ބަހައްޓައިފައެވެ. އަދި އެއާޕޯޓުގެ ޓާމިނަލްއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ދަތުރުތަކަށް ދަނީ ތައްޔާރުވަމުންނެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ބޯޑަަރުތައް ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވާލާނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ރާއްޖެ އަންނަ ފަތުރުވެރިން ކަރަންޓީނު ނުކުރާނެ ކަމަށާއި ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ނޫނީ ކޮވިޑަށް ޓެސްޓުވެސް ނުކުރާނެކަމަށް ސަރުކާރުން އާންމުކޮށްފައިވާ ގައިޑްލައިންގައި ބުނެފައިވެއެވެ.

comment ކޮމެންޓް