އީނާސްގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގަން ފުލުހުންނަށް އަންގަން ޕީޖީގެ ކިބައިން ސިރާޖު އެދިވަޑައިގެންފި

އެޗްއާރްސީއެމްގެ ކުރީގެ ރައީސް އައިމިނަތު އީނާސް: އޭނާގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައިދޭން މެމްބަރު މޫސާ ސިރާޖު ވަނީ އެދިވަޑައިގެންފައި -- ސަން ފޮޓޯ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސްކަމުން އިސްތިއުފާދެއްވި އައިމިނަތު އީނާސްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް އަންގަވަން، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ ކިބައިން އެދިވަޑައިގެންފި އެވެ.

އިންސާނީ ހައްގުތަކާ ގުޅޭ އެތައް މައްސަލަތަކެއް ހިނގަމުން ދިޔަ އިރު އެޗްއާރްސީއެމްގެ މެމްބަރުން ޒިންމާ އަދާ ކޮށްފައި ނުވާ ކަމަށް ބުނެ، މެމްބަރުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގައި ވަނީ އެޖެންޑާކޮށްފަ އެވެ.

އެ މައްސަލާގައި ޖަވާބުދާރީވާން މަޖިލީހަށް ހާޒިރުވާން އީނާސްއަށް އަންގާފައި ވަނިކޮށް، މިއަދު އޭނާ ވަނީ އެޗްއާރްސީއެމް އިން އިސްތިއުފާ ދެއްވައިފަ އެވެ. އަދި އޭނާއާ އެކު އެ ކޮމިޝަނުގެ މެމްބަރު އައިޝަތު އަފްރީން މުހައްމަދުވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

އެކަމާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައި މެމްބަރު ސިރާޖު ވިދާޅުވީ، ޖަވާބުދާރީވުމަށް އޭނާ މަޖިލީހަށް ހާޒިރުވުމަށް އަންގާފަައިވަނިކޮށް އިސްތިއުފާ ދިނުމަކުން އަދި މައްސަލަ ނިމިގެން ނުވާނެ ކަމަށެވެ. އަދި، އީނާސްގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްދެއްވުމަށް ޕީޖީ ހުސައިން ޝަމީމްގެ ކިބައިން އޭނާ އެދިވަޑައިގެންނެވި އެވެ.

https://sun.mv/139877

"އީނާސް ކޮށްފައިވާ ކުށްތަކަށް ޖަވާބުދާރީ ވުމަށް މަޖިލީހަށް ހާޒިރުވުމަށް އެންގުމުން އިސްތިއުފާ ދިނުމަކުން ނިމިގެން ނުވާނެ." ސިރާޖު ވިދާޅުވި އެވެ.

ޕީޖީއަށް ފެންނަ ނަމަ ވަކި ބާވަތްތަކުގެ މައްސަލަތަކުގައި ތަހުގީގު ހިންގުމަށް ފުލުހުންގެ މައްޗަށް އެންގުމުގެ ބާރު ޕީޖީއަށް ގާނޫނުން ލިބިގެންވެ އެވެ.

ރައްޔިތިންގެ މަޖިލީހުގެ ހިއަމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއިން މައްސަލަ ބެލި އިރު އީނާސްގެ މައްޗަށް ޖިނާއީ ތުހުމަތުތައް ކުރެވޭ ފަދަ މައްސަލަތަކެއް ވަނީ ފާހަގަ ކުރެވިފަ އެވެ.

އީނާސްއާއި އަފްރީން އެޗްއާރްސީއެމްއެން އިސްތިއުފާދެއްވުމުން މިހާރު އެ ކޮމިޝަނުގައި ތިއްބެވީ ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ޒާހިދާއި މެންބަރު މޫސާ އަލީ ކަލޭފާނު އަދި ނައިވީން އަބްދުﷲ އެވެ.

comment ކޮމެންޓް