ހިޔާ މަޝްރޫއާ ގުޅޭ މައުލޫމާތު ހޯދަން ޑރ. މުއިއްޒު ކޮމެޓީއަށް ހާޒިރު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ޑރ. މުއިއްޒު: މިފަހަރު އޭނާ ހާޒިރު ކުރަނީ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމެޓީއަށް --- ސަން ފައިލް ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރި ފްލެޓް ތަކާ ގުޅޭ މައުލޫމާތު ހޯދުމަށް އެ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމެޓީއަށް ހާޒިރުވުމަށް އަންގަވައިފި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި "ހިޔާ މަޝްރޫއު" ގެ ދަށުން 7000 ފްލެޓު އަޅާފައިވާއިރު، މި ސަރުކާރުން ވަނީ އޭގެ ތެރެއިން ބައެއް ފްލެޓްތައް ބޮޑުކޮށް ޖުމްލަ ފްލެޓްގެ އަދަދު 6،860 އަށް ތިރިކޮށްފަ އެވެ. އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ 434 މިލިއަން ޑޮލަރުގެ ލޯނަކުންނެވެ.

ފްލެޓްތަކުގެ މަސައްކަތް ނުނިމެނީސް މިދިޔަ ސަރުކާރުން ވަނީ ފްލެޓް ލިބޭނެ މީހުންގެ ލިސްޓް އާންމުކޮށްފަ އެވެ. ނަމަވެސް އެކަމުގައި އޮޅުވާލުންތަކެއް ހުރި ކަމެއް ބުނެ މިސަރުކާރުން ވަނީ އެކަން ބެލުމަށް ކޮމިޝަނެއް އެކުލަވާލާފަ އެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލީހުން ވެސް އެ މައްސަލަ އަންނަނީ ބަލަމުންނެވެ.

އެކަމާ ގުޅިގެން ޑރ. މުއިއްޒު 'ސަން' އަށް ވިދާޅުވީ، ކޮމެޓީއަށް ހާޒިރުވާން އަންގާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ 11 ޖަހާއިރަށް ކަމަށެވެ.

"އަޅުގަނޑު މިހާރު ވެސް މިހުރީ ތައްޔާރަށް. އަޅުގަނޑުގެ ފަރާތުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ޑރ. މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކަށް ހާޒިރު ކޮށްފަ އެވެ. އެފަހަރު އޭނާ ހާޒިރު ކޮށްފައިވަނީ މާލިއްޔަތު ކޮމެޓީ އަށެވެ. އެއީ ބަދަލުގެ ގޮތުގައި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑްންސްއަށް 845 މިލިއަން ރުފިޔާ ދިން މައްސަލާގައި މައުލޫމާތު ސާފުކުރުމަށެވެ.

comment ކޮމެންޓް