ޒަހާ ޒިންމާ އަދާނުކުރާ މައްސަލަ ޖާބިރު ކޮމިޓީއަށް ހުށަހެޅުއްވީ ވިޔަފާރި މަންފާއެއް ނުވެގެން: ފަލާހް

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހ--- ފޮޓޯ/ މަޖިލިސް

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މަގާމުގެ ޒިންމާ އަދާ ނުކުރައްވާ ކަމަށް ވިދާޅުވެ އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވީ ވިޔަފާރި މަންފާއެއް ނުވެގެން ކަމަށް އެ ކޮމިޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެ އެވެ.

ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަދު ބޭއްވި ބައްދަލުވުމުގައި ޖާބިރު ހުށަހެޅުއްވީ ޒަހާ ޒިންމާ އަދާ ނުކުރައްވާތީ ސަރުކާރު މައްސޫލިއްޔަތު ކޮމިޓީއަށް އޭނާ ހާޒިރުކޮށް އެކަމާ ގުޅިގެން ސުވާލު ކުރުމަށެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ މިނިސްޓަރު ޒަހާގެ އިތުބާރެއް ނެތް ނަމަވެސް މަޖިލީހުން ޒަހާއަކީ އިތުބާރުއޮތް މީހަކަށް ހަދަން މަސައްކަތް ކުރާތަން ފެންނަމުން ދާ ކަމަށެވެ.

"އިގްތިސާދުގެ ވަރަށްބޮޑު ބައެއް ރާއްޖޭގެ މަސްވެރިކަމާ ދަނޑުވެރިކަމަކީ. އެހެންނަމަވެސް އަދި ހާއްސަގޮތެއްގައި މީހަކު މިސާލަކަށް ޗެމްބަރެއް އަޅަން އުޅުނަސް. ސަރުކާރަކުން އަޅާފަކާއެއް ނެތް. މީހުންތައް މަރުވެގެން މިދަނީ. އެފަދަކަންކަމަށްވެސް ޕޮލިސީ ނެތޭ ކިޔާފައި ހުރަސް އަޅާ." ޖާބިރު ވިދާޅުވި އެވެ.

ޖާބިރު އެގޮތަށް ވިދާޅުވުމުން ފަލާހު ވިދާޅުވީ އަމިއްލަ ވިޔަފާރިއާއި އަމިއްލަ މަސްލަހަތު އޮންނަ ކަންކަން ނުވީމަ މިނިސްޓަރުން ޖަވާބު ދާރީ ކުރުވަން ގެނައުމަކީ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މެމްބަރުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ފަލާހު އެހެން ވިދާޅުވުމުން ޖާބިރު ނިޒާމީ ނުކުތާއެއް ނަންގަވާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ހައްގު ފިޔަވާ އެއްވެސް އެދުމެއް އޭނާގެ ނޯންނާނެ ކަމަށެވެ. މިނިސްޓަރު ޒަހާއާ އެއްވެސް ޒާތީ މައްސަލައެއް ނޯންނާނެ ކަމަށް ޖާބިރު ވިދާޅުވި އެވެ. ފަލާހު ވިދާޅުވީ ޖާބިރު ކޮމިޓިއަށް ޒަހާ ހާޒިރު ކުރަން ހުށަހެޅުއްވި ސީދާ މަސްއޫލިއްޔަތު އަދާ ނުކުރީ ކޮން ކަމެއްގައިކަން ވިދާޅު ނުވާ ކަމަށެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު --- ސަންފޮޓޯ ފަޔާޒު މޫސާ

"އަޅުގަނޑު މިކަމާ ގުޅޭގޮތުން މައުލޫމާތު އޮޅުން ފިލުވާލިން. ހަމަ ރިކޯޑިންގްއަށް ދަންނަވާލަން ބޭނުން. މި ދިމާވާ މައްސަލައަކީ މި މައްސަލަ ހުށަހެޅުއްވި އިއްޒަތްތެރި މެމްބަރު (ޖާބިރު) ބޭނުންފުޅުވަނީ ގދ ގއ އަތޮޅު ކޮންމެސް ރަށެއްގައި ޗެމްބަރެއް އަޅުއްވަން. ފަޅުރަށެއްގައި. އެ ފަޅުރަށަކީ މީގެ އެތައް ޒަމާނެއް ކުރިން އިއްޒަތްތެރި މެމްބަރުގެ ވަރުވާގެ ދަށުގައި އޮތް ރަށެއް." ކޮމިޓީގެ މުގައްރިރު ފަލާހު ވިދާޅުވި އެވެ.

ޗެމްބަރު އަޅުއްވަން ޖާބިރު އެދިވަޑައިގަތުމުން، ސަރުކާރުގެ ޕޮލިސީއަކީ ފަޅުރަށެއްގައި ޗެމްބަރެއް އެޅުމެއް ނޫން ކަމަށް ފިޝަރީޒް މިނިސްޓްރީއިން ބުނެފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ. އަދި ޗެމްބަރު އަޅާނީ މީހުން އުޅޭ ރަށެއްގައި ހޮސްޕިޓަލަކާ ގުޅިގެން ކަމަށް މިނިސްޓްރީއިން ބުނެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފަލާހު އެގޮތަށް އެވާހަކަ ވިދާޅުވުމުން ޖާބިރު ވަނީ ހިތް ނުޖެހި ކޮމިޓީގައި ބޭ އަދަބީ ބަހުން ވާހަކަފުޅު ދައްކަވާފަ އެވެ. ޖާބިރު ވިދާޅުވީ އެނާ ކޮމިޓީއަށް މައްސަލަ ހުށަހަޅަނީ "މަގޭ ޗެމްބަރާ ބެހޭގޮތުން ކަމަށް ތިބޭފުޅާ ވިދާޅުވަންޏާ ތިގޮނޑީގައި ތިބޭފުޅާ އިނދެގެން ނުވާނެ" ކަމަށެވެ.

ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ ބައްދަލުވުން --- ފޮޓޯ/ މަޖިލިސް

"އަޅުގަނޑުގެ ޒާތީ ކަންތައްތައް މިތަނަށް ލައިގެން ވާހަކައެއް ނުދެއްކޭނެ. ދިސް އިސް އެގެންސް ރޫލްސް. މަމީ ވިޔަފާރި ވެރިއެއްވެސް މެ. އެހެންވީމަ ޒަހާއާ ތިބޭފުޅާ ހާއްސަ ގުޅުމެއް ބާއްވައިގެން މައްސަލަތައް ރަނގަޅު ކުރަންވީ ނޫންތޯ." ޖާބިރު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ އެއްވެސް ހާލެއްގައި ޒަހާ ކޮމިޓީއަށް ހާޒިރު ކުރަން ދެކޮޅު ނުހަދާ ކަމަށެވެ. ނަމަވެސް މެމްބަރުންގެ ޒާތީ މަސްލަހަތު އިސްކޮށް އަމިއްލަ ވިޔަފާރި ކުރިއަރުވަން މަސައްކަތް ކުރީމާ ކަމު ނުދާ ކަމަށް ވިދާޅުވި އެވެ.

މިއަދު ކޮމިޓީގައި ޒަހާ ކޮމިޓީއަށް ހާޒިރުކުރަން ނެގި ވޯޓުގައި ޙާޒިރު ފެންނަ ކަމަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ. އެހެންވެ ހާޒިރުކުރަން ފާހެއް ނުވެ އެވެ.

comment ކޮމެންޓް