އެއާ ފްރާންސްގެ 7.500 މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނިންމައިފި އެވެ.
އެ އެއާލައިނުން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި މުވައްޒަފުންގެ 17.5 ޕަސެންޓް މީހުން ކުރިއަށް އޮތް ދެތިން އަހަރަށް ބަހާލައިގެން ވަޒީފާ އިން ވަކިކުރާނެ އެވެ. އެގޮތުން 2022 ވަނަ އަހަރާ ހަމައަށް އެއާ ފްރާންސްގެ 6560 މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނިންމާފައިވާ އިރު އެއާފްރާންސްގެ ސަބްސިޑަރީ އެއާލައިނެއް ކަމަށްވާ ހޮޕް،ގެ 1020 މުވައްޒަފުން ކުރިއަށް އޮތް ތިން އަހަރު ތެރޭ ވަޒީފާ އިން ވަކިކުރާނެ އެވެ.
ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނިންމާފައިވާ އިރު އެއާ ފްރާންސުން ލަފާކުރާ ގޮތުގައި 3.500 އެއްހާ މުވައްޒަފުން އަމިއްލަ އަށް ވަޒީފާ އިން ކެނޑޭނެ އެވެ.
ކޮވިޑް19ގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ބަޔަކީ އޭވިއޭޝަން ދާއިރާ އެވެ. އޭވިއޭޝަން ދާއިރާ އަށް މި އަހަރު 84 ބިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް އަޔާޓާ އިން ވަނީ ލަފާކޮށްފަ އެވެ.
އަޔާޓާ އިން ލަފާކޮށްފައިވާ ގޮތުގައި 2021 ވަނަ އަހަރާ ހަމައަށް ވެސް އެއާލައިންތަކަށް ކުރިއެކޭ އެއްގޮތަށް އެއްވެސް ފައިދާއެއް ނުލިބޭނެއެވެ.
އެއާ ފްރާންސުން ބުނެފައި ވަނީ ކޮވިޑް19ގެ ހާލަތުގައި އެ އެއާލައިނަށް ދުވާލަކު 15 މިލިއަން ޔޫރޯ (16.9 މިލިއަން ޑޮލަރު)ގެ ގެއްލުން ވަމުންދާ ކަމަށެވެ.
ކޮވިޑާއެކު ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން ދުނިޔޭގެ ބޮޑެތި ގިނަ އެއާލައިންތަކުން ދަނީ ހަރަދު ލުޑަކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ. ގިނަ އެއާލައިންތަކުން މުވައްޒަފުން މަދުކުރުމަށް ނިންމާފައިވެއެވެ.