ރޭޕްގެ ތަދާއި ވޭން، އެ މީހުންގެ ދުލުން!

"އަހަރެން ޖިންސީ ޝިކާރަކަށްވީ އެންމެ 15 އަހަރުގައި....އަދިވެސް އިންސާފެއް ނުލިބޭ" މިއީ އިއްޔެ ޖިންސީ ގޯނާއާ ދެކޮޅަށް ބޭއްވި މުޒާހަރާގެ ބައިވެރިއަކު އޭނާގެ ހިތި ތަޖުރިބާ ފެށި ގޮތެވެ.

ނަމަވެސް އެ ހިތްދަތި ހަނދާންތައް އަނެއްކާ ވެސް އާވުމުން އޭނާއަށް ވާހަކަދައްކަން އުދަނގޫވެ، ރޮއިގަނެވުނެވެ. އޭނާއަށް ބުނެލެވުނީ އެ ދެ ޖުމަލަ އެކަންޏެވެ. މިހާރު އެކަން ހިނގިތާ އެތައް އަހަރުތަކެއް ވެފައިވީ ނަމަވެސް، އަދި ވެސް އޭނާއަށް އެ އުދަނގޫތަކުން އަރައެއް ނުގަނެވެ އެވެ. އެ ހަނދާނަތައް ހިތަށް ވެރިވުމުން ތުރުތުރު އަޅައި، ކޮޅަށް ހުންނަން ވެސް އޭނާއަށް އުދަނގޫވެ އެވެ. ނަމަވެސް އޭނާ ބޭނުންވީ، ހިތްވަރު ހޯދައިގެން ނިކަން ކެރިގެން އެންމެން ކުރިމަތީ އެވާހަކަ ދައްކާށެވެ. އޭނާ ބޭނުންވީ އެ ވާހަކަތައް ހިތުގައި ފޮރުވައިގެން ނުހުރެ އެ ވާހަކަތައް އާންމުކޮށް ދައްކައި އޭނާގެ އެ ހިތްދަތި ތަޖުރިބާއިން އަނިޔާ ލިބިފައިވާ އެހެން މީހުންނަށް ކުޑަ ނަމަވެސް ހިތްވަރެއް ދޭށެވެ. އަޒުމަކަށްވީ އެފަދަ ކަންތައް އެހެން މީހަކަށް ދިމާވިޔަ ނުދިނުމެވެ.

އިއްޔެ ބޭއްވި މުޒާހަރާގެ ތެރެއިން އަނިޔާ ލިބުނު ކުއްޖެއް އެވާހަކަތައް ދައްކަން ފެށުމުން އުދަނގޫވެގެން ހުއްޓާލަން ޖެހުނު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުރަތަމަ ވާހަކަ ދެއްކި ކުއްޖާގެ ހިތްވަރުން ހިތްވަރު ހޯދައިގެން އަނެއްކާ ވެސް އެހެން ބައިވެރިއަކު މުޒާހަރާގެ ކުރިމައްޗަށް އައިސް އޭނާގެ ހިތްދަތި ވާހަކަ ކިޔައިދޭން ފެށި އެވެ. މިފަހަރު ވާހަކަ ކިޔައިދިން ކުއްޖާއަށް ޖިންސީ ގޯނާކުރީ އޭނާގެ އުމުރުން އެންމެ އަށް އަހަރުގަ އެވެ. އޭނާއަށް ވެސްވީ ހަމަ ކުރިން ވާހަކަ ދެއްކި ޒުވާނާއަށްވީ ގޮތެވެ. އުދަނގުލާ އެކު ވަރަށް ލަސްލަހުން ވަރަށް މަޑުން އޭނާ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"އެކަން ވީއިރު އަހަރެންގެ އުމުރުން އެންމެ އަށް އަހަރު ....[ތަފްސީލު ކަނޑާލެވިފައި].. އޭރު ސްކޫލުގައި ވެސް ޕޭރެންޓް ޓީޗާ މީޓިންގައި މަންމަ ކައިރީ ޓީޗަރު ބުނާނެ އަބަދު ވެސް އިންނަނީ ގެއްލިފައޭ ކޮންމެވެސް ތަނަކަށް. މިއީ ކުލާހަށް އަންނަ ކުއްޖެއްހޭ. ވާހަކަ ދައްކާތަނެއް ނުފެނެޔޭ. އަދިވެސް ވަރަށް ގިނަ ފަހަރު ފަހަރު ގެއްލޭ. ހޭ އަރާ އިރު ހުރެވޭ ތަނެއް ނޭނގޭ. ކާކު ކަމެއް ވެސް ނޭނގޭ،" ވަރަށް ހިތްވަރާއެކު ޖިންސީ އަނިޔާގެ ޝިކާރަކަށްވުމުގެ ސަބަބުން މިއަދާ ހަމައަށްވެސް އޭނާއަށް ތަހައްމަލުކުރަން ޖެހިފައިވާ އުދަަނގޫތައް ކިޔައިދެމުން އޭނާ ބުންޏެވެ.

ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ބައިވެރިއަކު އޭނާގެ ހިތްދަތި ތަޖުރިބާ ހިއްސާ ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގިސްލަ ގިސްލާފައި ރޮމުން އޭނާގެ ވާހަކަތައް ކިޔައި ދެމުން ދިޔަ އިރު، މުޒާހަރާގެ ބައިވެރިން އޭނާއަށް ހިތްވަރު ދެމުން ދިޔަ އެވެ. އޭރު ރައީސް އޮފީސް ކައިރީ ހުންނަ ބީއެމްއެލް ކުރިމަތީ މުޒާހަރާގެ ބައިވެރިން ތިބެ، ވަރަށް ކަނުލާ އެ ހިތްތަދި ވާހަކަތައް އަޑު އަހަމުން ދިޔަ އެވެ. އެ މީހުންގެ ކިބައިން ފެނުނީ މަޑުމޮޅިކަމާއި ކަންބޮޑުވުމާއި ނުތަނަވަސްކަމެވެ. އަނިޔާގެެ ވާހަކަތައް އަޑުއަހައި، ބައެއް މީހުން ފެންކަޅިވެ، ރޮވޭ ގޮތްވެފައި ތިބި މަންޒަރު ވެސް ފެނުނެވެ.

އަށް އަހަރުގައި ޖިންސީ ޝިކާރަކަށްވި އަންހެން މީހާގެ އެދުމަކީ އެހެން މީހަކަށް އެފަދަ ކަމަކާ ކުރިމަތިލާން ނުޖެހުމެވެ. މިފަދަ އަނިޔާތައް ތަހަމައްލު ކުރަމުންދާ ފަރާތްކަށް ހިތްވަރު ދިނުމެވެ. އެވާހަކަ އެހެން މީހުންނަށް ކިޔައިދީ އެކަންކަން ސިއްރު ނުކުރުމެވެ.

އިއްޔެ ބޭއްވި މުޒާހަރާގެ ތެރެއިން: އަނިޔާ ލިބުނު މީހުންގެ ވާހަކަތައް އަޑައުހައި އަތައް ބަޔަކަށް އަސަރު ކުރިވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުޒާހަރާގައި ބައިވެރިން ވެސް އެމީހުންގެ ހިތްވަރު ފެނިފައި، ކުރިމަތިވި ހިތްދަތި ތަޖުރިބާ ކިޔައިދޭން ބޭނުވި އެވެ. ބައެއް މީހުން ކެމަރާ ކުރިމަތީ އެ މަންޒަރުތައް ރިކޯޑު ކުރަން ބޭނުން ނުވި ނަމަވެސް، އެތައް ދުވަސްތަކެއް ވަންދެން ހިތުގައި ގިނަވެފައި ހުރި އުދާސްތައް ބޭރުކޮށްލަން ބޭނުންވި އެވެ. ފަހަކާ ޖެހެންދެންވެސް އާއިލާގެ މީހުންނަށްވެސް ނޭނގޭ ވާހަކަތައް މުޒާހަރާގެ ބައިވެރިން ކުރިމަތީ އެ މީހުން ކިޔައިދިނެވެ.

"އަހަރެން ރޭޕް ކުރީ އުމުރުން 13 އަހަރުގައި. އުމުރުން ހަތް އަހަރު އަދި 11 އަހަރުގައި ޖިންސީ ގޯނާ ލިބުނު. އުމުރުން 13 އަހަރުގައި މީހަކު އަހަރެން ބްލެކްމެއިލްކޮށް، އަހަރެންނާ ބެހުނީ. އަދިވެސް އެ އުދަނގޫތައްވޭ،" ޖިންސީ އަނިޔާއާ ދެކޮޅަށް ތެދުވި ވޮއިިސް އޮފް ޗިލްޑްރެންގެ ފައުންޑާ، އިކްލީލާ ހަމީދު (ކޫ) އޭނާގެ ހިތި ތަޖުރިބާ ކިޔައިދިނެވެ.

ކޫ ބުނީ އަދިވެސް އެކަންތައް ހަނދާންވުމުން ގައިން ހީބިހި ނަގާ ކަމަށެވެ. އެ މީހާ ފެނުނަސް މުޅި ހަށިގަނޑު ގަނޑުވާ ކަމަށް އޭނާ ބުންޏެވެ.

"މި އަނިޔާއާ ދެކޮޅަށް އަހަރެން މަސައްކަތް ކުރަނީ، އެއީ އަހަންނަށް އެނގޭ އަނިޔާ ލިބޭ މީހެއް ތަހައްމަލު ކުރާނެ ދަތި އުދަނގޫ. އަހަރެން ބޭނުން ވަނީ އެފަދަ މީހުން ބާރުވެރި ކުރުވަން،" ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގައި ރޭޕް ކުރި ކުޑަ ކުއްޖާގެ ދިފާއުގައި "ވޮއިސް އޮފް ޗިލްރަން"ގެ ނަމުގައި ފެށި މޫވްމަންޓުގައި އިސްކޮށް އުޅޭ ކޫ ބުންޏެވެ.

ޖިންސީ އަނިޔާ ލިބުނު މީހުންގެ ވާހަކަތައް ކިޔައިދެމުން ދިޔައިރު، ބައިވެރިން އަޑުއަހަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވޮއިސް އޮފް ޗިލްޑްރެން (ވީއޯސީ)އިން އިއްޔެ މަގުމައްޗަށް ނުކުތީ މިދިޔަ ހުކުރު ދުވަހުގެރޭ ހުޅުމާލޭ ފަޅު ތެރޭ އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާއަށް ނިސްބަތްވާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ދޫކޮށްލުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށެވެ. ފަންސާހެއްހާ ބައިވެރިންނާއެކު ފެށި މުޒާހާރާ ނިމުނު އިރު 200 އަށްވުރެ ގިނަ މީހުން ތިއްބެވެ.

ސިއްރުނުކޮށް، ޖިންސީ އަނިޔާގެ ވާހަކަ ދައްކާ!

ވޮއިސް އޮފް ޗިލްޑްރަން އިން ސަން އަށް އިންޓަވިއު ދެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއީ ރާއްޖޭގައި މިގޮތަށް މިހާ ހާމަކަން ބޮޑު ގޮތެއްގައި އަނިޔާ ލިބުނު ފަރާތްތައް އެވާހަކަ ދެއްކި ފުރަތަމަ ފަަހަރެވެ. މީގެ ކުރިން މި ވާހަކަތައް ދެއްކުމަކީ ބައެއް މީހުން ލަދުގަނެ، ނުވަތަ ބިރުގަންނަ ކަމެކެވެ. އަދި މުޖްތަމައު އެ މީހަކާ ދޭތެރޭ އެހެން ގޮތަކަށް ދެކެފާނެ ކަމަށްޓަކައި ވެސް ބައެއް މީހުން އެ ވާހަކަތައް ދައްކަން ޖެހިލުންވެ އެވެ.

ކޫ "ސަން"އަށް ބުނީ އޭނާ ބޭނުންވަނީ މިކަމުގައި އަނިޔާ ލިބޭ މީހުން އެކަން ސިއްރުނުކޮށް އެ ވާހަކަ ދެއްކުމަށެވެ. އެއީ ދެން ތިބޭ މީހުންނަށްވެސް ލިބޭނެ ހިތްވަރެއް ކަމަށް ބުންޏެވެ.

"އަޅުގަނޑު ވަރަށް ބޭނުންވެފައި ހުރީ މި ވާހަކަ މީހުންގެ ތެރޭގައި ދައްކަން. ގިނަ ފަހަރަށް މިވާހަކަ ނުދެއްކީ، އެހެން މީހުނަށްވެސް ނުލިބޭ ހިތްވަރެއް އެވަހާކަ ދައްކަން. ބޭނުންވީ މީހުންނަށް ހިތްވަރު ލިބިގެން އެވާހަކަތައް ދައްކަން،" އިކްލީލާ ބުންޏެވެ.

އިކްލީލާ ބުނީ މިގޮތަށް ހިތުގައި ހުރި ވާހަކަތައް ބޭރުކޮށްލުމުން ނަފްސާނީ މައްސަލަތަކަށްވެސް ވަރަށް ބޮޑު ލުއިކަމެއް ލިބޭ ކަމަށެވެ. އަދި މިކަމާ ދެކޮޅަށް އެ މޫވްމަންޓުން ކުރަމުންދާ މަސައްކަތް ހުއްޓާނުލާނެ ކަމުގެ ޔަގީންކަންވެސް އިކުލީލާ ދިނެވެ.

ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން: މުޒާހަރާ ކުރުމަށް ފުލުހުން ފުރުސަތު ދިން ނަމަވެސް ފުލުހުން މުޒާހަރާގެ ބައިވެރިންނަށް ބައެއް ސަރަހައްދުތަކުން ހުރަސް އެޅި. އަދި ދެ މީހަކު މުޒާހަރާއަށް ފަހު ހައްޔަރު ކުރި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއްޔެގެ މުޒާހަރާގައި އެއިން ކޮންމެ މީހަކުވެސް އެ އިއްވާލަ ދިނީ އެތައް ބަޔައެއްގެ އަޑެވެ. ޒަމާނުއްސުރެ އެފަދަ ވާހަކަތައް ސިއްރުކޮށްގެން ތިބުމުގެ ސަގާފަތް ބަދަލުކޮށްލުމުގެ ފެށުން އިއްޔެ ވަނީ މާލޭގެ މަގުމަތިން ވަރަށް ރީތިކޮށް ފެނިގެން ގޮސްފަ އެވެ. އެމީހުން ދައްކައިދިނީ ދެން މަޑުން ނުތިބޭނެ ކަމެވެ. އެތައް ދުވަހެއް ވަންދެން ސިއްރުކޮށްގެން ތިބި ވާހަކަތައް އެ މީހުން ބަންޑުންކޮށްލީ އެވެ. އިންސާފެއް ނުލިބުނަސް، އެ މީހުންނަށް ލިބުނު އަނިޔާގެ ވާހަކަ ދެއްކުން ވެސް އެ މީހުންނަށް ފުދެ އެވެ.

އެ މީހުންގެ އަޒުމަކީ އިންސާފު ލިބި، ރައްކާތެރިކަމާއި ހިމާޔަތް ލިބެންދެން އެމީހުން މަސައްކަތް ކުރާނެ ކަމެވެ. އެ އަޑުތައް ކަނޑުވާލަން، ދެން އަނގަމަތީ އަޅާ އަތް މި މީހުން ފޮޅާލާނެ އެވެ. މީ މިހާރު ހަމައެކަނި ކުޑަކުދިންގެ އަޑެއް ނޫނެވެ. އަނިޔާ ލިބިފައިވާ އަދި ލިބެމުން އަންނަ ދެ ޖިންސުގެ، ކުދިބޮޑު އެންމެންގެ އަޑެވެ.

comment ކޮމެންޓް