ރޯހަން އިސްލާމު ދީނަށް ކުރި ދަތުރު، ހިތާއި ރޫހުން އެދިގެން

އިސްލާމްވި ރޯހަން(ވ)--

އައްޑޫގައި މަސައްކަތް ކުރަމުންދިޔަ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ރޯހަން ރާމަސިންހަ ދާދި ފަހުން ވަނީ އިސްލާމްވެފަ އެވެ.

އުމުރުން 51 އަހަރުގެ ރޯހަން ފާޅުގައި އިސްލާމްދީނަށް ވަތްކަން އިއުލާންކުރީ މިިދިޔަ ހުކުރު ދުވަހު އައްޑޫ ސިޓީގައި ހުންނަ މަސްޖިދުލް ތަގުވާގަ އެވެ.

އިސްލާމްވުމަށް ފަހު އޭނާ މިހާރު ކިޔަނީ ހުސެއިން ޔޫސުފް އެވެ.

ރޯހަން މަސައްކަތް ކުރަނީ އައްޑޫގައި ހުންނަ ގަރާޖެއްގައި ޕެއިންޓަރަަކަށެވެ. އެ ގަރާޖު ހިންގަނީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ލަންކާ މީހެއްކަމަށްވާ ކަމާލް އެވެ.

އައްޑޫ ސިޓީގައި ހުންނަ މަސްޖިލުލް އިޚްވާންގެ އިމާމް މުހައްމަދު ނިޔާޒް "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ ރޯހާން އިސްލާމްދީން ގަބޫލުކުރިތާ މިހާރު ދުވަސްތަކެއް ވެއްޖެ ކަަމަށެވެ.

އިސްލާމްވި ރޯހަން (މ)--

"އަޅުގަނޑު ކައިރީގައި އެކަން ފުރަތަމަ ބުނީ އޭނާގެ ބޮސް ކަމާލް. ކަމާލް ބުނެފި އަޅުގަނޑު ކައިރީގައި ރޯހަން މިސްކިތުން ނުކުމެގެން އަންނަ ތަން ވަރަށް ގިނައިން ފެންނަ ވާހަކަ. ދެން ކަމާލް އެހީމަ ރޯހަން ޔަގީންކޮށްދިނޯ އިސްލާމްވި ވާހަކަ. ރޯދަ ހިފާ ވާހަކަވެސް ބުނި." އިމާމް ވިދާޅުވި އެވެ.

ރޯހަން އިސްލާމްވި ވާހަކަ އަޑުއިވުމުން އިމާމް ފަހުން އޭނާއާ ވާހަކަ ދެއްކި އެވެ. ނަމަވެސް ފާޅުގައި އިސްލާމްވިކަން އަންގަން ވަރަށް ފަހަކާ ޖެހެންދެން އޭނާ ބޭނުމެއް ނުވި އެވެ.

"އަޅުގަނޑަށް އޭނާ ދެއްކި ނަމާދުކުރާނެ ގޮތާ ދީނާ ގުޅޭ ގޮތުން ޑައުންލޯޑްކޮށްފައިހުރި އެކިއެކި ވީޑިއޯތައްވެސް،" އިމާމް ވިދާޅުވި އެވެ.

ކަމާލް ލަންކާގައި ދިރިއުޅޭ ހިސާބުގައި ފުދޭ ވަރެއްގެ ގިނަ މުސްލިމުން އުޅޭ ކަމަށާއި އަދި ރާއްޖެއިން ވެސް އޭނާއަށް މުސްލިމުންގެ އުސޫލުތަކާ އުޅުން ހުންނަ ގޮތް ފެނި އޭނާއަށް އިސްލާމްދީނަށް ލޯބި ޖެހުނީކަމަށް އިމާމް ވިދާޅުވި އެވެ.

ރޯހާންގެ މަންމަ އާއި އަންހެނުންނާ އެކު ކުއްޖަކު ހުރެ އެވެ. އޭނާގެ 21 އަހަރުގެ ފިރިހެން ދަރިފުޅު މަސައްކަތް ކުރަނީ ސީޝެލްސްގަ އެވެ.

"ރޯހާން އެނބުރި ލަންކާއަށް ދިޔައިމަ އަންހެނުންނާ ދަރިފުޅުވެސް އިސްލާމްވާ ގޮތަށް އޮތީ. ދޭން އޭނާގެ މަންމަ ކުޑަކޮށް ހާސްވެފަ ހުންނަނީ. އޭނާއަށް މިހާރު 66 އަހަރުވެއްޖެ. ލަންކާގައި މިހާރު މުސްލިމުނާ ބުޑިސްޓުންނާ ދެމެދު ދޭތެރެ ދޭތެރެއިން އެބަ މައްސަލަތައް ހޫނުވޭ،" އިމާމް ވިދާޅުވި އެވެ.

ރޯހާންގެ ހާސްކަމެއް ނެތެވެ. އޭނާ އިސްލާމްވީ ހިތުން ރުހުމުން އިސްލާމްދީނަށް ލޯބި ޖެހިގެންނެވެ. އޭނާގެ އާއިލާ ވެސް އެގޮތަށް ރުހި ގަބޫލެވެ.

comment ކޮމެންޓް