ޓީޗަރުންނަށް ނަފްސާނީ ފުރަތަމަ އެހީގެ ތަމްރީން ދޭން ފަށައިފި

މާލޭ ސްކޫލްތަކުގެ ޓީޗަރުންތަކެއް ---

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދެއްވާ ހުރިހާ މުދައްރިސުންނަށް ނަފްސާނީ ފުރަތަމަ އެހީ ނުވަތަ ސައިކޮލޮޖިކަލް ފަސްޓް އެއިޑްގެ ތަމްރީން ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ޔުނިސެފް އަދި ރެޑް ކްރެސެންޓާ ގުޅިގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ޕްރޮގްރާމްކުރިއަށްގެންދާނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މިހާތަނަށް 407 މުދައްރިސުންނަށް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ތަމްރީން ދީފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއީ މިހާރު ފެތުރެމުންދާ ކޯވިޑް19އާއި ގުޅިގެން އެކިގޮތްގޮތުން ސްކޫލްތަކުގެ ދަރިވަރުންނަށް ދިމާވާ ނަފްސާނީ އުނދަގޫތަކަށް ވީހާވެސް އަވަހަށް އަދި ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ފެށި ޕްރޮގްރާމެއްކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮރޯނާއާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮތުމަށްފަހު އަަންނަ މަހު ކޮވިޑް ނެތް ރަށްތަކުގައި ހުރިހާ ގްރޭޑްތަަކަކަށް ކިޔަވައިދޭ ގޮތަށް ވަނީ ނިންމައިފައެވެ. ނަމަވެސް މާލޭގައި ސްކޫލްތައް އަލުން ހުޅުވާނީ ގްރޭޑް ނުވަޔަކުން މަތީގެ ދަރިވަރުންނަށް އެކަންޏެވެ.

ޓީޗަރުންނަކީ ދަރިވަރުންނަށް ދިމާވާ ހާސްކަމަށް ވީހާވެސް އަވަހަކަށް އެހީތެރިކަން ފޯރުކޮށްދެވޭނޭ ފަދަ ގާބިލް ބަޔަކަށް ޓީޗަރުން ހެދުމަކީވެސް ޕްރޮގްރާމްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެެވެ.

އެ ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާގައި މުދައްރިސުން ތަމްރީން ކުރުމަށްފަހު، ސްކޫލްތަކުގައި މަސައްކަތް ކުރައްވާ ކައުންސެލަރުންނަށް އިތުރު ތަމްރީން ދިނުމަށްވެސް ވަނީ ނިންމައިފައެވެ.

ކައުންސިލަރުން އިތުރަށް ތަމްރީން ކުރަނީ ސައިކޮލޮޖިކަލް ފަސްޓް އެއިޑް ދިނުމަށްފަހު އިތުރަށް އެހީތެރިކަން ބޭނުންވާ ދަރިވަރުން ފާހަގަކޮށް އެދަރިވަރުންނަށް އެންމެ ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.

ތަމްރީން ޕްރޮގްރާމްގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ނަފްސާނީ އެހީތެރިކަން ބޭނުންވާ ދަރިވަރުން ފާހަގަ ކުރުމާއި، އެފަދަ ދަރިވަރުންނާމެދު އަޅާލުމުގައި އަމަލުކުރަންވީ ގޮތާއި، އެފަދަ ދަރިވަރުންނަށް އެހީތެރި ވެވޭނެ ގޮތްތަކާއި މީގެ އިތުރުން ފަސްޓް އެއިޑް ދިނުމުގައި ތިމާ އަމިއްލައަށް ވިސްނަންޖެހޭ ކަންކަން ހިމެނެއެވެ.

comment ކޮމެންޓް