"މަޖިލިސް ހޭލައްވާލަން" ހޯމަ ދުވަހު މުޒާހަރާ ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރާ --- ފޮޓޯ: އޭޕީ

ރައްޔިތުންގެ މަޖިލިސް "ހޭލައްވާލަން" ކަމަށް ބުނެ އަންނަ ހޯމަ ދުވަހު ރައްޔިތުން ކުރާ މަޖިލިސް ކައިރީގައި މުޒާހަރާ ކުރަން ސިޔާސީ ހަރަކާތް ހިންގާ "ނަވާނަވައި"އިން ނިންމައިފި އެވެ.

ސިޔާސީ، އިޖްތިމާއީ، އަދި އިގްތިސާދީ ގޮތުން ރައްޔިތުން ބާރުވެރިކުރަން މަސައްކަތް ކުރާ ވާތުފިޔައިގެ ސިޔާސީ ހަރަކާތެއް ކަމަށްވާ ނަވާނަވައިއިން މިއަދު ބުނީ، އަންނަ ހޯމަ ދުވަހު މަޖިލިސް ކުރިމަތީގައި މުޒާހަރާ ކުރަން އެ ހަރަކާތުން ނިންމާފައިވާ ކަމަށެވެ. މިއީ "މަޖިލިސް ހޭލައްވާ" މުޒާހަރާއެއްގެ ގޮތުުގައި އެ ހަރަކާތުން ސިފަ ކުރެއެވެ.

ނަވާނަވައިގެ ތަރުޖަމާނު ފާތިމަތު ސާއިރާ މިއަދު "ސަން"އަށް ބުނީ މި މުޒާހަރާގައި މައިގަނޑު ގޮތެއްގައި އިހުތިޖާޖު ކުރާނީ ހަތަރު ހަތަރު ކަމަކަށް ގޮވާލައި ކަމަށެވެ. އެއީ ކުލި ނުދެއްކިގެން އާއިލާތައް މަގުމަތި ކުރުން ހުއްޓުވުމަށާއި، ތިމާވެށި ހަލާކު ކުރުން ހުއްޓުވުމަށާއި، ކުޑަކުދިންނާއި އަންހެނުންގެ ރައްކާތެރިކަން ކަމަށަވަރު ކުރުމުގެ މަސައްކަތަށް ފައިސާ ހަމަޖެއްސުމާއި، އިންކަމް ސަޕޯޓު އެލަވަންސް ނުލިބޭ ފަރާތްތަކަށް އެލަވަންސް ދިނުން އަވަސް ކުރުމަށެެވެ.

ރައްޔިތުންނާ ގުޅޭ މަސައްކަތްތައް ނުކޮށް މަޖިލީހުން ސިޔާސީ މަަސައްކަތްތައް ކުރާ ކަމަށް ނަވާނަވައިއިން ދެކެއެވެ.

"ކުއްލި މައްސަލައެއްގެ ގޮތުގައި މި ޑިސްކަސް ކުރީ ޑރ. ވަހީދުގެ ކޮންމެވެސް މަައްސަލައެއް. އެއީ އަހަރެމެންނަށް ރެލެވަންޓް ކަންކަމެއް ނޫން. އެއަށް ވުރެ މާ ބައިވަރު ކުއްލި މައްސަލަ އެބަ ހުރި ދޯ ޑެއިލީ ދިރިއުޅުމުގައި ތަހައްމަލު ކުރާ ކަންތައްތައް. އިމީޑިއޭޓް ސޮލޫޝަން ބޭނުންވާ ކަންތައްތައް. އެކަމަކު، އެ މީހުންގެ ޕްރައޯރިޓީސް އެބަ ފެނޭ،" ސާއިރާ ވިދާޅުވިއެވެ.

ކަންބޮޑުވުންތައް ފާޅު ކުރަން ބޭނުންވާ މީހުން ހޯމަ ދުވަހު ބާއްވަން ނިންމާފައިވާ މުޒާހަރާގައި ބައިވެރިވާން ދައުވަތު ދެމުން ސާއިރާ ބުނީ، މުޒާހަރާއަށް އަންނަ އިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި މާސްކާއި އަންގި ފަދަ ތަކެތި އަޅައިގެން އައުމަށް އެދޭ ކަމަށެވެ.

މުޒާހަރާ އިންތިޒާމު ކުރުމަށް މާދަމާ ރޭ ބައްދަލުވުމެއްވެސް ބާއްވަން ވަނީ ނިންމައިފައެވެ. މުޒާހަރާގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ މީހުން އެ ހަރަކާތުގެ ނަމްބަރަށް ގުޅަން އެދިފައިވެއެވެ.

މީގެ ކުރިންވެސް ނަވާނަވައިއިން ވަނީ މިފަދަ އިހުތިޖާޖުތަކެއް ކޮށްފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ ފަހު ކޮޅު ސަރުކާރު ކޯލިޝަނުގެ ލީޑަރުންގެ ބައްދަލުވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ލީޑަރުން ނޫސްވެރިންނަށް މައުލޫމާތު ދެއްވި ގަޑީގައި ނަވާނަވައިންއިން ޝުއޫރުތައް ލިޔެފައި ހުރި ބޯޑުތަކެއް ހިފައިގެން ހިމޭން އިހުތިޖާޖެއް ކުރިއެވެ.

comment ކޮމެންޓް