މިހާރު މިތިބީ ބިރު ފަހަނައަޅާ ގޮސް، ދެން ނުހުއްޓުވޭނެ!

ޖޫން 22، 2020: ސިޔާސީ ހަރަކާތް ހިންގާ "ނަވާނަވައި"އިން ރައްޔިތުންގެ މަޖިލިސް ދޮށުގައި ކުރިއަށް ގެންދިޔަ "މަޖިލިސް ހޭލައްވާ" މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެއަށް ވަސީލަތްތަކާއި ހިދުމަތްތައް ތޮއްޖެއްސުމުގެ ޒަމާންވީ ސިޔާސަތުގެ ސަބަބުން، ރަނގަޅު ތައުލީމާއި އާމްދަނީ ހޯދުމުގެ އުންމީދުގައި އައްޑޫ މީދޫއަށް އުފަން، ފާތިމަތު ސާއިރާ އޭނާގެ މަންމައާއި ކޮއްކޮއާ އެކު ބޯޓެއްގައި މާލެ އައީ 2002 ވަނަ އަހަރު އެވެ. ވަރަށް ފޮނި ހުވަފެންތަކެއް ފޮއްޓަކަށް ލައިގެންނެވެ. ތާހިރު ދިރިއުޅުމެއްގެ އުންމީދުގަ އެވެ.

ނަމަވެސް ކަން ދިމާވީ އުންމީދުކުރި ގޮތަކަށް ނޫނެވެ. ހުވަފެންތަކުގައި ކުލަ ޖައްސަން، އަމިއްލަ ރަށުގެ ސާފު މިނިވަން ޖައްވު ދޫކޮށް، އައިސް ތާށިވީ ކޮންކްރީޓު ޖަންގަލި ތެރޭގަ އެވެ. ހަމައެކަނި ފުރާޅެއްގެ ހިޔާވަހިކަން ހޯދަން ވެސް އެތައް މަސައްކަތެއް ކުރަން ޖެހުނެވެ. ސްކޫލަށް ދަމުން އެކި ވަޒީފާތަކަށް ދިޔަ އެވެ. އެ ހިސާބުން އުންމީދުތަކުގައި ކުލަ ޖައްސަން ގެންގުޅުނު ފިހި، ބާއްވަން ޖެހުނީއެވެ.

"ފިހާރައެއްގައި އުޅުނިން. ބާގަރމޭޓުގައި އުޅުނިން. ކުދިންނަށް ޓިއުޝަން ވެސް ދީހެދިން. އެއީ ގޭގެ ކުލި ދެއްކުމާއި ބިލުތަކަށް ފައިސާ ހޯދަން އާއިލާއަށް އެހީވާންވެގެން،" އުމުރުން 12 އަހަރުގައި މާލެ އައިސް އުޅެންޖެހުނު ދިރިއުޅުން ސާއިރާ ކިޔައިދިނެވެ.

އެފަދަ ހާލެއްގައި ބޮޑެތި ލޯނުތައް ބޮލުގައި އަޅައިގެން، އެއް ގެއިން އަނެއް ގެޔަށް ބަދަލުވަމުން، ސާއިރާ އޯލެވެލް ނިންމި ނަމަވެސް އޭލެވެލް ހެދޭނެ ފަދަ ނަސީބެއް ލިބިފައެއް ނެތެވެ. ސްކޫލަށް ދަމުން ވަޒީފާ އަދާކުރަން ހުރަސްތަކެއް ކުރިމަތިވާނެތީ ކިޔެވުން އެއްފަރާތް ކުރުމަށް ފަހު ނުކުތީ ވަޒީފާގެ މައިދާނަށެވެ. މަގުމަތިވެދާނެތީ އެވެ.

ވަޒީފާއަށް ދަމުން އުމުރުން 18 އަހަރުގައިި ކުރި ކައިވެންޏަށް 19 އަހަރުގައި ކުއްޖަކު ލިބުނެވެ. ނަމަވެސް ސާއިރާގެ ދެމަފިރިންނަށް ވެސް އުޅެން މަޖުބޫރުވީ ރާއްޖޭގެ އާބާދީގެ ގިނަ ބައެއްގެ މަޖުބޫރީ ދިރިއުޅުމެވެ. ފިރިމީހާ ރިސޯޓުގައި ވަޒީފާ އަދާކުރަމުން ދިޔަ އިރު، ހަރަދުތައް ހަމަޖެއްސުމަށް ސާއިރާ ވެސް ދިޔައީ މުޅި ދުވަސް، އަދި ބައެއް ދުވަސް ދުވަހު ރޭގަނޑު ވެސް އޮފީހުގައި މަސައްކަތް ކުރަމުންނެވެ.

ގިނަ ދުވަސް ދުވަހު ދަރިފުޅާ އެކު ވަގުތު ހޭދަކޮށްލެވެނީ ސްކޫލަށް ލާން ނުވަތަ ބަލާ ދާ ގަޑީގަ އެވެ. އެއީ ކުއްޖާއާ އެކު އެންމެ އެކަށީގެންވާ ގޮތެއްގައި ވަގުތު ހޭދަކުރެވޭނެ ގޮތް ނޫންކަން އެނގި ހުރެ އެވެ.

ޖުލައި 15، 2020: ސާއިރާ ސަންއަށް އިންޓަވިއު ދެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަދި ވެސް ވަރަށް އަމިއްލަ ނަފްސު ކުށްވެރިކުރެވޭ އެހާ ގިނަވަގުތު އޮފީހުގަ ހޭދަކުރީމަ. އެކަމަކު އޭރު ނެތް އެހެން ގޮތެއް. އަހަރެމެން އާންމުން ވަޒީފާތަކު ވެސް އުޅެން ޖެހެނީ ވަރަށް ފިތިގެން، ނިކަމެތި ގޮތަކަށް. މީހާގެ އަގުވަޒަން ނުކުރާތާ، ދިރިއުޅެވޭ ވަރު އުޖޫރައެއް ވެސް ގިނަ މަސައްކަތްތެރިންނަށް ނުލިބޭ. މިހާރު ވެސް ނުލިބޭ. ކުރިއަށް ވުރެ މީހުން މާ ނިކަމެތި މިހާރު،" ސާއިރާ ބުންޏެވެ.

ދިރިއުޅުމުގައި ތަޖުރިބާކުރަން ޖެހުނު ދަތިތަކުގެ ސަބަބުން، ސާއިރާ ހުރީ ބަދަލަކަށް ފެން ބޮވައިގެންފަ އެވެ. އަމިއްލަ މައިންބަފައިން އުޅުނު ދިރިއުޅުން ސާއިރާ ވެސް ތަކުރާރު ކުރަން ޖެހުނެވެ. ނަމަވެސް އޭނާގެ ދަރިފުޅު ހަމަ އެ ދިރިއުޅުން އުޅޭކަށް ބޭނުމެއް ނޫނެވެ. އެހެންކަމުން ހަޔާތުގައި ދިން ފުރަތަމަ ވޯޓު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ދިނީ އެ ޕާޓީން ފެށި އިސްލާހީ މަސައްކަތް ގަބޫލުކުރެވިގެންނެވެ. ހެޔޮ ބަދަލެއް އަންނާނެ ކަމަށް ހީކޮށެވެ. ތާހިރު ދިރިއުޅުމެއް ލިބޭނެ ކަމަށް ހީކޮށެވެ.

ނަމަވެސް އޭގެ 12 ވަރަކަށް އަހަރު ފަހުން ވެސް އަދި ވެސް ހުންނަން ޖެހިފައި ވަނީ ހަމަ އެ ހިސާބުގަ އެވެ. ދިރިއުޅުމުގެ ހާލަތު ބަދަލެއް ނުވި އެވެ. ވިއްޔާ ވީ ގޯހެވެ. އެ އިހުސާސް ކުރެވުނީ ހަމައެކަނި ސާއިރާއަކަށް ނޫނެވެ. އެތައް ބަޔަކަށެވެ. އެ ބޭއިންސާފާ ދެކޮޅަށް ތެދުވަން ޒުވާނުންތަކެއް އަތުގުޅާލީ އެހިސާބުންނެވެ. އެ ޒުވާނުންގެ ފިކުރު ދިމާވެ އުފެދިގެން އައީ "ނަވާނަވައި" އެވެ.

ނަވާނަވައި އަކީ ކޮބާ؟

ނަވާނަވައި އަކީ 99 އަކަށް ދިވެހިން ކިޔާ ނަމެކެވެ. އެ ހަރަކާތުން ބުނެދިނީ ވެރިންނަކީ އާބާދީގެ އެއް ޕަސެންޓު ކަމަށާއި 99 ޕަސެންޓަކީ އާންމު ރައްޔިތުން ކަމެވެ. އެމީހުން މަސައްކަތް ކުރަނީ އެ 99 ޕަސެންޓުގެ ހައްގުގައި ކަމެވެ.

ނަވާނަވައި އަކީ ސިޔާސީ، އިޖްތިމާއީ، އަދި އިގްތިސާދީ ގޮތުން ރައްޔިތުން ބާރުވެރިކުރަން މަސައްކަތް ކުރާ ވާތުފިޔައިގެ ސިޔާސީ ހަރަކާތެކެވެ. ސާއިރާ އަކީ ނަވާނަވައިގެ އެއް ފައުންޑަރެވެ. ސާއިރާ މި ކިޔައިދެނީ އެ ހަރަކާތް އުފެދުން ޖެހުނު ސަބަބެވެ.

ސާއިރާ ބުނީ މަލްޓިޕާޓީ ޑިމޮކްރެޓިކް ނިޒާމް އައުމަށް ފަހު ވެސް ސިޔާސީ އާއިލާތަކާއި ބޮޑެތި ފައިސާވެރިން ޒިންމާދާރު ނުކުރެވޭ ކަމަށާއި ރައްޔިތުންގެ މުދަލާއި ބައިތުލްމާލުން ވަންކަންކޮށް މުއްސަނދިވަމުން އަންނަނީ ހަމަ އެއް ބައެއް ކަމަށެވެ.

އަދި މަސައްކަތްތެރިން ލައްވައި އަޅު މަސައްކަތް ކުރުވައިގެން އެ ފަރާތްތައް އިތުރަށް މުއްސަނދިވަމުން އަންނަ އިރު، މިކަން ޖީލުތަކަކަށް ދެމިގެން މިދަނީ އާއިލީ ވެރިކަމާއި ބޮޑެތި ފައިސާވެރިންގެ ނުފޫޒު އަބަދު ވެސް ވެރިކަމަށް އޮންނާތީ ކަމަށެވެ.

ޖުލައި 15، 2020: ސާއިރާ ސަންއަށް އިންޓަވިއު ދެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ރަސްކަމުން، ހުދުމުހުތާރު ވެރިކަމަށް އަދި މަލްޓި ޕާޓީ ޑިމޮކްރެޓިކް ވެރިކަމަށް ބަދަލުވި އިރު ވެސް ރާއްޖޭގައި އަބަދު ވެސް މި އޮތީ ނުފޫޒު ގަދަ އާއިލީ ވެރިކަމެއް، ކޮންމެ ޕާޓީއަކުން ކޮންމެ މީހަކު ވެރިކަމަށް އަޔަސް،" ސާއިރާ ބުންޏެވެ.

ހަގީގަތުގައި އެކި ނަން ނަމާއި ކުލަތަކުގެ ސިޔާސީ ޕާޓީތައް އުފެއްދި ނަމަވެސް، އެއިން ކޮންމެ ޕާޓީއެއްގެ ފިކުރަކީ އެއް ފިކުރެއް ކަމަށާއި، ކުރިއަރު ވަނީ ހަމަ އެއް ސިިޔާސަތެއް ކަމަށް ނަވާނަވައިން ގަބޫލުކުރެ އެވެ.

"މިހާރު ހުރި ހުރިހާ ޕާޓީތަކަކީ އެއް ބައެއް. މިހާރު މިފެންނަ ސިޔާސީ މީހުން ކުރާ ކަމަކީ ޑިމޮކްރެޓިކް ނިޒާމްގެ ތެރެއިން ފައިސާވެރިންގެ ބާރު ދެމެހެއްޓުން. އެހެންވެ އަހަރެމެން ބޭނުންވީ ވާތުފިޔައިގެ ފަލްސަފާ ކުރިއަރުވާ އާލާކޮށް އާ ނިޒާމެއް ގާއިމުކުރަން،" ޝާއިރާ ބުންޏެވެ.

އެހެންކަމުން ވާތުފިޔައިގެ ފަލްސަފާގެ މަތީ ބިނާ ކުރެވޭ ރައްޔިތުންގެ ވެރިކަމެއް ހޯދުމުގެ ބޭނުމުގައި ނަވާނަވައިިން މިހާރު ވަނީ ރަސްމީކޮށް މަސައްކަތް ފަށައިފަ އެވެ.

ވާތުފިޔައާއި ކަނާތު ފިޔަ، މިއީ ކޮން ވާހަކައެއް؟

ކަނާތުފިޔައިގެ ފަލްސަފާ ބިނާވެފައި ވަނީ އެގައުމެއްގެ ހަރު މުދަލާއި، ބިމާ، އެހެނިހެން ގުދުރަތީ ވަސީލަތްތައް، ވަކިބައެއްގެ އަތަށް ނަގާ، އެ މުދަލުގެ ބާރު، އަދި އިގްތިސާދުގައި ދައުރުވާ ހުރިހާ ފައިސާއެއް އެމީހުންގެ އަތްމަތީ ދެމެހެއްޓުމަށެވެ.

"މުދަލޭ މިބުނަނީ ގޭގައި ހިފާ ގެންގުޅޭ ތަކެތީގެ ވާހަކައެއް ނޫން. މި ދައްކަނީ އޭގެއިން އިގްތިސާދީ މަންފާ އެތަކެއް ބަޔަކަށް ލިބެން ޖެހޭ ހަރު މުދަލުގެ ވާހަކަ،"

ގެދޮރު، ސިއްހީ ފަރުވާ، ތައުލީމު އަދި އާމްދަނީ ހޯދުމުގެ ފުރުސަތުތަކަކީ ރައްޔިތުންގެ އެންމެ އަސާސީ ހައްގުތައް ކަމަށްވާ އިރު، އެކަންކަން ފުރިހަމަ ނުވާހާ ހިނދަކު ޑިމޮކްރަސީގެ އެންމެ މުހިންމު އަސާސް ކަމުގައިވާ ރައްޔިތުންގެ ބައިވެރިވުން ފުރިހަމަ މާނައިގައި ނޯންނާނެ ކަމަށް ސާއިރާ ގަބޫލުކުރެ އެވެ.

"ސަބަބަކީ ގެދޮރު ނެތި، ކުޑަކުޑަ އާމްދަނީއަކަށް ބުރަމަސައްކަތް ކުރަން ޖެހޭ މީހާއަކީ މިނިވަނެއް ނޫން. މިހެންވުމުގެ ސަބަބުން އެމީހާގެ ވޯޓަށް ނުފޫޒު ފޯރުވޭ،" ސާއިރާ ބުންޏެވެ.

ރައްޔިތުން ގެދޮރުވެރި ކުރުމުގެ ނަމުގައި މިހާރު ކުރިއަށް ގެންދާ ސޯޝަލް ހައުސިންގެ މަޝްރޫއުުތައް ސާއިރާ ސިފަކުރީ ދައުލަތުގެ ފައިސާއިން ސަބްސިޑީ ދީގެން ވިޔަފާރިވެރިންނަށް ހުޅުވައިދޭ ވިޔަފާރިއެއްގެ ގޮތުގަ އެވެ.

ނަމަވެސް ވާތުފިޔައިގެ ސިޔާސަތުން އެކަން މުޅިން ބަދަލުވާނެ ކަމަށާއި، އެންމެނަށް ހަމަހަމަ އުސޫލަކުން ގެދޮރު ލިބި، ބިން ޕްރައިވަޓައިޒް ކޮށްގެން އެތަންތަނުގައި ލަގްޒަރީ ފްލެޓު އަޅައި ވިއްކާ މީހާގެ ވިޔަފާރިއަށް އޮންނަ ޑިމާންޑު ގެއްލޭނެ ކަމަށް ސާއިރާ ބުންޏެވެ.

ސޯޝަލް ހައުސިންގްގައި އުޅޭ މީހުން ވެސް އުޅޭނީ ފެހިކަމާއި ގަސްތަކާ ދުރުނުވާނެހެން، ޖާގަ ބޮޑު ގެދޮރުގައި ކަަމަށާއި އެއާ އެކު މުޖުތަމައުގައި ހުރި ގިންތިތަކާއި ފަންތީގެ ތަފާތު ވަރަށް ބޮޑަށް ނެތިގެން ދާނެ ކަމަށް ސާއިރާ ބުންޏެވެ.

"ބިން ހުންނާނީ ރައްޔިތުންގެ ބާރުގެ ދަށުގައި. މިސާލަކަށް ކައުންސިލްގައި. ބިން ދޭނީ ބަންޑާރަ ގޯތީގެ އުސޫލުން ދިގު މުއްދަތަށް. މުއްދަތު ހަމަވީމާ އަލުން އަނެއްކާ ވެސް ގޯތި ނަގާ، އެއިރަކު ތިބި ބަޔަކަށް ދޫކުރާނީ. އޭރުން އަމިއްލަ ކުރާ ބިން ގޮތަށް ބިން ވާރުތަވަމުން ވަކި ބައެއްގެ ދަރިފަސްކޮޅަށް ދެމިގެނެއް ނުދާނެ،" އޭނާ ބުންޏެވެ.

ޖޫން 22، 2020: ސިޔާސީ ހަރަކާތް ހިންގާ "ނަވާނަވައި"އިން ރައްޔިތުންގެ މަޖިލިސް ދޮށުގައި ކުރިއަށް ގެންދިޔަ "މަޖިލިސް ހޭލައްވާ" މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަމައެއާ އެކު އަމިއްލަ ސްކޫލުތަކާއި ހޮސްޕިޓަލުތަކާއި ސަރުކާރު ތަންތަނުގައި ހުންނަ ފަރަގު ނައްތާލައިިގެން ނޫނީ ރައްޔިތުން ގިންތިކުރުން ނިމުމަކަށް ނާންނާނެކަން ސާއިރާ ފާހަގަކުރި އެވެ. އެހެންކަމުން ވާތުފިޔައިން އެންމެ ބޮޑު އިސްކަމެއް ދޭނީ ސަރުކާރުގެ ސްކޫލުތަކާއި ހޮސްޕިޓަލުތަކުގެ ފެންވަރު ރަނގަޅުކޮށް، އެންމެ މުއްސަނދި މީހާ ވެސް އެތަންތަނުން ހިދުމަތް ހޯދުމެވެ. އޭރުން އަމިއްލަ ފަރާތްތަކަށް ދައުލަތުން ކުރާ ހޭދަ އެތައް ތަނެއް ކުޑަވެގެންދާނެ ކަމަށް އޭނާ ގަބޫލު ކުރެ އެވެ.

ހެލްތު އިންޝުއަރެންސްއާއި އާސަންދަ ބައްޓަންކޮށްފައި އޮންނަނީ ވެސް ޕްރައިވެޓް ހޮސްޕިޓަލްތަކަށް ދައުލަތުގެ ފައިސާ ވަންނަ ގޮތަށް ކަމަށާއި ރާއްޖޭގެ ޕްރައިވެޓް ކްލިނިކްތަކާއި ހޮސްޕިޓަލްތަކަށް އަދި ރާއްޖެއިން ބޭރުގެ ހޮސްޕިޓަލުތަކަށް ވެސް އެ ފައިސާ ވަންނަކަން ސާއިރާ ފާހަގަކުރި އެވެ.

"މަޖިލިސް މެމްބަރުންނާ ސިޔާސީ އެހެން މީހުންނާ ނުފޫޒުވެރި މަހުޖަނުންނަށް ބާޒާރަކުން މޮޅު ހިދުމަތް ގަންނަން ލިބެންޏާ އެމީހުންނަށް ކޮންކަމެއް މިސާލަކަށް ޕަބްލިކް ހޮސްޕިޓަލްތަކުގެ ފެންވަރު ކިތަންމެ ދަށަސް؟ އެއީ އެމީހުން ވަންނާނެ ތަނެއް ނޫން ބައްޔަކަށް ފަރުވާ ހޯދަން. ވީމާ، ސިޔާސީ މީހުންނަށް ވެސް ދައުލަތުން ބޭސްފަރުވާ ދޭން ޖެހެނީ ޕަބްލިކް ހޮސްޕިޓަލުން، އަދި އެމީހުން އަމިއްލައަށް އެތަންތަނުގެ ހިދުމަތަށް އިތުބާރު ކުރެވޭ ފަދަ ތަންތަނަށް އެ ހޮސްޕިޓަލްތައް ބަދަލުވީމާ، ގިންތިކުރުން ނެތި އެންމެނަށް ހަމަހަމަ ސިއްހީ ހިދުމަތް ލިބޭނީ. ސަލާން ޖަހަން ނުޖެހި މި ގައުމުގަ ތިބެ ބޭސް ފަރުވާ ކުރެވޭނީ،" ސާއިރާ ބުންޏެވެ.

އާދައިގެ ރައްޔިތު މީހާއަށް އާސަންދަ ލިބި، ފުލުހުންނަށް ނޫސަންދަ ލިބި، ރައްޔިތުންގެ ފައިސާއިން ވެރިންނަށް އާސިއާން ގައުމުތަކުން ބޭސްފަރުވާ ކުރެވުމަކީ އިންސާފެއް ނޫނެވެ. ވާތުފިޔައިގެ ފަލްސަފާއަކީ މުއްސަނދިންނަށް، ނުވަތަ މަޖިލީސް މެމްބަރަކަށް ހިތުގެ ބައްޔެއް ޖެހުމުން އޭނާގެ ހިތަށް ލިބޭ ފަރުވާ، ނިކަމެތި މީހާގެ ހިތަށް ވެސް ލިބުމެވެ.

މިހާރު އޮތް ކަނާތު ފިޔައިގެ ސިޔާސަތުގެ ދަށުން ވަޒީފާއަށް ދިއުމުގެ މިނިވަންކަން އޮތް ނަމަވެސް، ކުއްޔާއި ދިރިއުޅުމުގެ އެހެން ހަރަދުތައް ބޮޑުވުމުގެ ސަބަބުން އެމީހަކު ބޭނުންވާ މަސައްކަތް ކުރުމުގެ މިނިވަންކަން ގިނަ ބައެއްގެ ކިބައިން ވަނީ ނިގުޅައިގެންފައެވެ. ފުރަތަމަ ބަލަން ޖެހެނީ މުސާރައަށެވެ. ކުރާ މަސައްކަތާ އެކަށީގެންވާ ރަނގަޅު އުޖޫރައެއް ނުދޭއިރު، މަސައްކަތްތެރީންގެ ހަށިގަނޑުން ހަކަތަ ފެލާލައިގެން މުއްސަނދި ވަނީ ވެރިންނެވެ.

ޖޫން 22، 2020: ސިޔާސީ ހަރަކާތް ހިންގާ "ނަވާނަވައި"އިން ރައްޔިތުންގެ މަޖިލިސް ދޮށުގައި ކުރިއަށް ގެންދިޔަ "މަޖިލިސް ހޭލައްވާ" މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަވާނަވައި މި ތެދުވީ އެ ސިޔާސަތު ބަދަލުކުރާށެވެ. ހަގީގީ މާނައިގައި ލާމަރުކަޒުކޮށް، މަސައްކަތްތެރިން ބާރުވެރިކުރުވާށެވެ.

"ވާތުފިޔައިގެ ފަލްސަފާގައި ދެކޭ ގޮތަކީ ސިނާއަތްތައް ކޮންޓްރޯލް ކުރަންޖެހޭނީ މަސައްކަތްތެރިން ކަމަށް. ޑިމޮކްރަޓިކްކޮށް މަސައްކަތުގެ މާހައުލުގަ ހުރިހާ ކަމެއް ނިމި ހިނގާނީވެސް. މިސާލަކަށް ބޮޑު ވިޔަފާރިތަކުން މަސް ފެކްޓަރީ ހިންގުމުގެ ބަދަލުގައި ހުރިހާ މަސައްކަތްތެރިން ހިއްސާވާ ކޯޕަރޭޓިވްސް އުސޫލުން މަސް ފެކްޓަރީ ހިންގީމާ އެތަނަކަށް ލިބޭ ފައިދާ ހަމަހަމައަށް އެންމެނަށް ބެހޭނެ. އޭރުން މަހުޖަނަށް މަސައްކަތް ކޮށްދޭކަށް ނުޖެހޭނެ،" ސާއިރާ ބުންޏެވެ.

ނަވާނަވައި އަކީ ހަރުކަށި ހަރަކާތެއްތަ؟

މިދިޔަ ސެޕްޓެމްބަރުގައި އެންޖީއޯއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވި ނަވާނަވައިގެ ހަރަކާތްތައް ފެށުމާ އެކު، ސިޔާސީ މީހުން އެ ހަރަކާތުގައި އެޅުވީ "ހަރުކަށި" ޓެގެވެ. ލޭބަލް ވެގެންދިޔައީ ކޮމިއުނިސްޓް ބައެއްގެ ގޮތުގައެވެ. މަސައްކަތްތެރިންގެ ހައްގުގައި އަޑުއުފުލަން ފެށުމުން ހަތަރެސް ފައިގައި ހިފާ ދަމާފައި ދުރަށް ޖެއްސި އިރު ގައުމީ ސަލާމަތަށް ނުރައްކާވާ ކަންތައްތަކަށް ހިތްވަރު ދޭކަމަށް ބުނެ ނުސީދާ އިންޒާރެއް ވެސް ސަރުކާރުގެ ފަރާތުން މިހާރު އޮތީ ދީފައެވެ.

"[މުއްސަނދިން] އެމީހުންގެ ކައިރީ ތިބި ރޯޔަލް ހާންދާނު މީހުން އަބަދުވެސް ދެކޭނީ އާއްމުންނަށް މި މިނިވަންކަން ލިބުމަކީ ހައްދުން ނެއްޓުން ކަމަށް. ބޯހިޔާވަހިކަން ދޭށޭ، މާލެ ނޫން ސަރަހައްދުތަކުގައި މީހުންނަށް ދިރިއުޅެވިޔަ ދޭށޭ، މަސައްކަތްތެރިންނަށް ހައްގު އުޖޫރަ އާއި، އަރާމުކުރާނެ ވަގުތު ދޭން ބުނީމާ، އެއީ ހަރުކަށިވެ ހައްދު ފަހަނައެޅުން ވިއްޔާ މިތިބީ ހައްދުފަހަނައަޅާފައި. މި ހަރުކަށިކަމެއް އެންމެ ތަންފުކެއް ވެސް ކުޑައެއް ނުކުރެވޭނެ،" ޝާއިރާ ބުންޏެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި، ވެރިންނާ ސުވާލުކުރުމާ، ބޮޑުންނާ ދެކޮޅަށް ބަސްބުނުމަކީ "ހުތުރު" ކަމެއްގެ ގޮތުގައި ސިފަކޮށްދީފައި އޮތީ ވެސް ފަންތި ކުރުމާ ގިންތި ކުރުމުގެ ސަގާފަތް ކުރިއެރުވުމުގެ ބޭނުމުގައެވެ. އަދި މިހާރު ރައްޔިތުން ކޮންޓްރޯލް ކުރަނީ ބޮލުގައި ބަޑި ޖައްސައިގެން ނޫން ކަމަށާއި މިފަދަ އާދަތައް ކުރިއަރުވާ މީހުން ކިޔަމަންތެރި ބަޔަކަށް ހަދަން އުޅުމަކީ ވެސް ކޮންޓްރޯލް ކުރުން ކަމަށެވެ.

ސާއިރާ ބުނީ ނަވާނަވައިން ގޮވާލަނީ ރައްޔިތުންނަށް އަސާސީ އަދި އިންސާނީ ހައްގުތައް ދިނުމަށް ކަމަށާއި އިންސާނީ ކަރާމާތް ގެއްލުވާ ނުލުމަށް ކަމަށެވެ. އަދި ދުވާލަކު މަސައްކަތްކުރާ ގަޑި އަށް ގަޑިއިރަށް ކުޑަވެ، ހަފްތާ ބަންދަށް ދެ ދުވަސް ލިބި، މެޑިކަލް އިންޝުއަރެންސް ލިބިގެން ދިޔައީ ވެސް ދުނިޔޭގެ ވާތުފިޔައިގެ މޫވްމަންޓްތަކުން ހަޅުތާލުކޮށްގެންކަން ވެސް ސާއިރާ ފާހަގަކުރި އެވެ.

"އެހެންވީމާ މަހުޖަނުންނާއި އެމީހުންގެ ބައިވެރި ސިޔާސީ މީހުން ވާތުފިޔަ އަކީ ހަރުކަށި ފިކުރެއް ކަމަށް ބުނުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫން. އަސްލު ދަހިކަމާއި ނުލަފާކަމުން ހައްދު ފަހަނައަޅާފައި ތިބި ބައެއް މިހާރު ރާއްޖޭގެ ރައްޔިތުންގެ މުދަލަށާއި ހައްގުތަކަށް އަރައިގެން އެތިބީ،" ސާއިރާ ބުންޏެވެ.

ނިކަމެތިކަމުގައި އުޅެވިއްޖެ، ދެން ފަހަތަކަށް ނުޖެއްސޭނެ!

އެމްޑީޕީއާއެކު އެތައް ބަޔަކު މަސައްކަތް ފެށީ ހަގީގީ މާނައިގައި މިނިވަންކަން ހޯދުމަށެވެ. އެހެން ނަމަވެސް "ބިރު ފަހަނައަޅާ ގޮސް" މިހާތަނަށް ހޯދުނީ ވަކި ވަރެއްގެ ބަސް ބުނުމުގެ މިނިވަންކަން އެކަނި ކަމަށް ނަވާނަވައިން ދެކެއެވެ.

އެހެން ނަމަވެސް އިސްލާހީ މަސައްކަތުގެ ނަމުގައި އެމްޑީޕީން މީގެ 18 ވަރަކަށް އަހަރު ކުރިން ފެށި މަސައްކަތުން، އެ ޕާޓީއަށް ދެ ފަހަރެއްގެ މަތިން ވެރިކަން ލިބުނު އިރު ވެސް ރައްޔިތުންގެ އިގްތިސޯދީ މިނިވަންކަމާއި ސިޔާސީ މިނިވަންކަމާއި އިޖުތިމާއީ މިނިވަންކަން އަދިވެސް އޮތީ ކަސްތޮޅު އެޅުވިފައި ކަމަށް ސާއިރާ ބުންޏެވެ.

"އަހަރެމެން ބިރު ފަހަނައަޅާ މިދަނީ މި މިނިވަންކަން ހޯދަން. ހުރަސް އެޅިއަސް ދެނެއް ނުހުއްޓުވޭނެ. އެމްޑީޕީއިން މަސައްކަތް ފެށިއިރު އުޅުނު ކުޑަކުދިން މިތިބީ މިހާރު ބޮޑެތިވެފައި. ނިކަމެތިކަމުގައި އަބަދަކު ނުބޭތިއްބޭނެ،" ޝާއިރާ ބުންޏެވެ.

ޖޫން 22، 2020: ސިޔާސީ ހަރަކާތް ހިންގާ "ނަވާނަވައި"އިން ރައްޔިތުންގެ މަޖިލިސް ދޮށުގައި ކުރިއަށް ގެންދިޔަ "މަޖިލިސް ހޭލައްވާ" މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޮޑު ސުވާލު - ނަވާނަވައިގެ "އަޑީގައި" ތިބީ ކޮން ބައެއް؟

ނަވާނަވައިން މަސައްކަތް ފެށުމާ އެކު އަދި މިހާރު ވެސް އެންމެ ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަނީ އެ ހަރަކާތުގެ މުގުލުގައި ތިބި ބަޔަކާ ގުޅޭ ގޮތުންނެވެ. ޔަގީނުން ވެސް އަޑީގައި ކޮންމެސް ސިޔާސީ ބޮޑު މީހަކު ހުންނާނެއެވެ.

ނަމަވެސް މިއީ، ރައްޔިތުންނަކީ "ގަމާރުން" ކަމަށް ސިޔާސީ ބޮޑުންނަށް ހީވެފައި އޮންނަ އޮތުމުގެ ސަބަބުން އުފެދޭ ސުވާލުތަކެއް ކަމަށް ސާއިރާ ބުންޏެވެ.

"އެމީހުންނަކީ އަބަދުވެސް އަޑީގައި ތިބެ މީހުންލައްވާ ކަންކަން ކުރުވާ 'ހަކުޅި ޕޮލިޓިކްސް' ކުޅޭ ބައެއް. އެހެންވެ ހީވާނެ އާންމުން މިހެން ނޫޅޭނެއޭ މަހުޖަނަކު ނެތި، ނުވަތަ މާލޭގެ ރޯޔަލް އާއިލާއެއް ފަހަތުގައި ނެތި،" ސާއިރާ ބުންނެވެ.

އެހެން ނަމަވެސް ކިތަންމެ ވަރަކަށް ނަވާނަވައިގެ އަޑި ހޯދަން ކޮނުނު ނަމަަވެސް، މަހުޖަނެއް ނުވަތަ "ރޯޔަލް" މީހެއްގެ ގައިގައި އަތް ނުޖެހޭނެ ކަމުގެ ޔަގީންކަން ސާއިރާ ދިނެވެ. ސަބަބަކީ ނަވާނައިގެ އަޑީގައި ވެސް އަދި މަތީގައި ވެސް ތިބީ އޭނާ ކަހަލަ އާންމުން ކަމަށް ވާތީއެވެ.

ނަވާނަވައިން މިހާރު އެންޖީއޯއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ނަމަވެސް، އެމީހުންގެ މަގުސަދަކީ "ޑިމޮކްރަޓިކް ސޯޝަލިސްޓް ސަރުކާރެއް" ރާއްޖެއަށް ގެނައުމެވެ. އެހެން ނަމަވެސް މީހުން ގިނަ ބޮޑު ޕާޓީއެއް ހަދައިގެން، ޑިމޮކްރަސީގެ އެންމެ އަސާސީ ހައްގުތައް ލިބިފައި ނެތް މުޖުތަމައުއެއްގައި ހާސިލްވާނެ ކަމެއް ނެތް ކަމަށް އެމީހުން ގަބޫލުކުރެ އެވެ.

ނަވާނަވައިން ގަބޫލުކުރާ ގޮތުގައި މިލިއަނުން ފައިސާ ހަރަދުކޮށްގެން ހިންގާ ކެމްޕެއިންތަކަކީ ޑިމޮކްރަސީއެއް ނޫނެވެ. އެއީ އަނެއްކާ ވެސް ރައްޔިތުންނަށް ބާރާއި ނުފޫޒުފޯރުވަން ބޭނުންކުރާ އުކުޅެކެވެ.

"މީހާ ދޭ ވޯޓަކީ އޭނާއަށް އެއްވެސް މީހެއްގެ ނުފޫޒެއް ނެތި، ބިރެއް ނެތި، އޭނާ ހިތުން ރުހުމުން، އެނގިހުރެ ދޭ ވޯޓަކަށް ވީމާ އެ ވޯޓުގަ އަގެއް ހުންނާނީ. އެފަދަ މުޖުތަމައުއެއް، އެފަދަ މިނިވަން ރައްޔިތަކު އުޅޭ މުޖުތަމައެއް ބިނާކޮށް، ވާތުފިޔައިގެ ފަލްސަފާ ގާއިމު ކުރެވުނީމާ ދެން ހުރި ސިޔާސީ ކަންކަން ކުރަން މިނިވަން ހަމަހަމަ މާހައުލެއް ރައްޔިތުންނަށް ވެސް ލިބޭނީ އަދި އަޅުގަނޑުމެންނަށް ވެސް ލިބޭނީ،" ސާއިރާ ބުންޏެވެ.

އެހެންކަމުން މިވަގުތު ނަވާނަވައިގެ ވިސްނުން ހުރީ ޕާޓީއެއް ހެދުމަކަށް ނޫނެވެ. އެމީހުން މަސައްކަތް ކުރަމުން އަންނަނީ ވާތުފިޔައިގެ ފިކުރު އާލާކޮށް އެ ފިކުރަށް ރައްޔިތުން އަހުލުވެރި ކުރުވުމަށެވެ. ބޮޑު މޫވްމަންޓެއް ގެންނާށެވެ. މިކަމަށް ބޮޑު ޕާޓީއެއް ހަދާކަށް ނުޖެހެ އެވެ.

ޖުލައި 15، 2020: ސާއިރާ ސަންއަށް އިންޓަވިއު ދެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ކުރަމުން އަންނަނީ މަސައްކަތްތެރިންގެ ޔޫނިއަންތަކާ އެކިއެކި އެހެނިހެން ޔޫނިއަންތަކާ އެކު މަސައްކަތްކޮށްގެން އެންމެންގެ ބައިވެރިވުމާ އެކު އެ ފިކުރުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތެވެ.

މިވީ ކުޑަ ދުވަސްކޮޅުގައި ވެސް މަސައްކަތްތެރިންގެ ހައްގުގައި ނަވާނަވައިިން ގިނަ މަސައްކަތްތަކެއް ކޮށްފި އެވެ. ކުރިއަށް އޮތް ތަނުގައި އޮތީ އެ މަސައްކަތް އިތުރަށް ފުޅާކުރުމެވެ. އެ ފިކުރު ފެތުރުމެވެ. ނަވާނަވައިން ގަބޫލުކުރާ ގޮތުގައި، އެ ފިކުރު މިހާރުގެ ޒުވާނުންނަށް އެބަ ގަބޫލުކުރެވެއެވެ. އެހެންކަމުން ކުރިމަގު އުޖާލާކަމަަށް އެމީހުން ދެކެ އެވެ.

ކަނޑު ބޯޓެއްގައި އުންމީދުން ފުރިގެން މާލެއަށް ފޭބި ސާއިރާ އަނެއްކާ ވެސް މި ތެދުވީ ހަމަ އެ އުންމީދުތަކާ އެކު އެވެ. ނަމަވެސް މިފަހަރު އެހެން މީހަކު އެ އުންމީދުތައް ފުރިހަމަކޮށްދޭނެ ކަމަށް ނުބަލައި، މި ތެދުވީ އަމިއްލައަށް އެކަން ކުރާށެވެ. އޭރު ހުރީ އަމިއްލަ ނިކަމެތި ކަމާމެދު ހިތް މޮޅިވެފައެވެ. ނަމަވެސް މިފަހަރު މި ތެދުވީ އެ ނިކަމެތި ކަމުން ހިތްވަރު ހޯދައިގެންނެވެ. ލިބޭ ބޭއިންސާފުން ހިތުގައި އުފެދިފައިވާ ރުޅިވެރިކަމުން ހިތްވަރު ލިބިގެންނެވެ.

އެދުވަހު ބޭއްވި ފިހި އަލުން ނަގާފައި މިވަނީ އަންނަން އޮތް އެތައް ޖީލެއްގެ ކުރިމަގުގައި ރީތި ކުލަތަކެއް ޖައްސައިދިނުމަށެވެ.

comment ކޮމެންޓް