މިއީ މަގުތަކަށް އެއްވާންވީ ވަގުތެއް ނޫން، އެހެން ގޮތަކަށް ހިޔާލު ފާޅުކުރޭ: ޕޮލިސް

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް -- ފޮޓޯ: ޕޮލިސް

އަދިވެސް މިތިބީ ކޮވިޑް19ގެ ބަލާއާފާތުގެ ތެރޭގައި ކަމަށާއި، އެހެންކަމުން މާލޭގެ މަގުތަކަށް އެއްވުމުގެ ބަދަލުގައި އެހެން ގޮތްގޮތަށް ކަންބޮޑުވުން ފާޅުކުރުމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް އިލްތިމާސް ކުރައްވައިފި އެވެ.

އޭސީޕީ ފައިރޫޝް މިހެން ވިދާޅުވެފައި ވަނީ ސިޔާސީ ހަރަކާތް ހިންގާ "ނަވާނަވައި"އިން ރައްޔިތުންގެ މަޖިލިސް ދޮށުގައި މިއަދު ކުރިއަށް ގެންދިޔަ "މަޖިލިސް ހޭލައްވާ" މުޒާހަރާއަށް އިޝާރާތް ކުރައްވަ އެވެ.

ނަވާނަވައިން މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގައި ބައިވެރިވީ މަދު އަދަދެއްގެ ބަޔަކު ނަމަވެސް، މުޒާހަރާ ރޫޅާލައި، މުޒާހަރާގެ ބައިވެރިން ދުރަށް ޖެއްސުމަށް ގިނަ އަދަދެއްގެ ފުލުހުން ވަނީ ހަރަކާތްތެރިވެފަ އެވެ. އަދި މުޒާހަރާ ފެށުމާއެކު، ފުލުހުން ވަނީ ބައިވެރިން ދުރަށް ޖައްސައިފަ އެވެ.

މުޒާހަރާގެ ބައިވެރިން ދަމާފައި ދުރަށް ގެންދިޔަ މަންޒަރުވެސް ވަނީ ފެނިގެން ގޮސްފަ އެވެ. އެއާއެކު ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ފުލުހުންނަށް ފާޑުކިޔަމުންނެވެ.

މުޒާހަރާއަށް ފަހު އޭސީޕީ ފައިރޫޝް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދިވެސް އޮތީ ޕެންޑެމިކްގެ ހާލަތު ކަމަށާއި އެހެންކަމުން މިއީ މަގުތަކަށް އެއްވާންވީ ވަގުތު ނޫން ކަމަށެވެ.

އަދި ތިން މީހުންނަށް ވުރެ ގިނަ މީހުން އެއް ފަހަރާ ތަންތަނަށް އެއް ނުވުމަަށް ވެސް ފައިރޫޝް އިލްތިމާސްކުރެއްވި އެވެ.

"އަޅުގަނޑުމެން [ފުލުހުން] އެދެނީ މާލޭގެ މަގުތަކަށް އެއް ނުވެ އެހެން ގޮތަކަށް ކަންބޮޑުވުން ފާޅުކުރުމަށް،" ފައިރޫޝް ވިދާޅުވި އެވެ.

ސިޔާސީ، އިޖްތިމާއީ، އަދި އިގްތިސާދީ ގޮތުން ރައްޔިތުން ބާރުވެރިކުރަން މަސައްކަތް ކުރާ ވާތުފިޔައިގެ ސިޔާސީ ހަރަކާތެއް ކަމަށްވާ ނަވާނަވައިއިން ބުނީ މުޒާހަރާގައި މައިގަނޑު ގޮތެއްގައި އިހުތިޖާޖު ކުރާނީ ހަތަރު ކަމަކަށް ގޮވާލައި ކަމަށެވެ.

އެއީ ކުލި ނުދެއްކިގެން އާއިލާތައް މަގުމަތި ކުރުން ހުއްޓުވުމަށާއި، ތިމާވެށި ހަލާކު ކުރުން ހުއްޓުވުމަށާއި، ކުޑަކުދިންނާއި އަންހެނުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތަށް ފައިސާ ހަމަޖެއްސުމާއި، އިންކަމް ސަޕޯޓު އެލަވަންސް ނުލިބޭ ފަރާތްތަކަށް އެލަވަންސް ދިނުން އަވަސް ކުރުމަށެވެ.

މިއަދު ހެނދުނު 8:30 ގައި ފެށި އެ މުޒާހަރާ މާގިނަ އިރުތަކެއް ނުވެ މެދުކަނޑާލި ނަމަވެސް، މެންދުރު 1:30 ގައި އަނެއްކާވެސް މަޖިލިސް ކައިރިއަށް އެއްވާނެ ކަމަށް ނަވާނަވައިން ވަނީ ބުނެފަ އެވެ.

ނަވާނަވައިން މަޖިލިސް ކުރިމަތީގައި މުޒާހަރާ ކުރަން ތައްޔާރުވެ އެކަން އިއުލާނުކުރުމާއެކު، ފުލުހުން ވަނީ ކޮރޯނާ ވައިރަހާ ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މިދުވަސްވަރު އިއުލާން ކޮށްފައި ވާތީ، އިހުތިޖާޖުތަކާއި އެހެން ވެސް އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކޮށްފަ އެވެ.

އަދި އާންމު ސިއްހަތުގެ ކުއްލި ހާލަތުގެ މި ދަނޑިވަޅުގައި، ފުރަބަންދުގެ ހާލަތަށް ލުއި ދިނުމުގެ ދެވަނަ މަރުހަލާގައިވެސް އާންމު ތަންތަނުގައި އެއްވެ އުޅެވޭނީ އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ ނުވާ ގޮތަށް ކަމަށާއި އެގޮތަށް ބާއްވާ އެއްވުންތަކަކީ ޑިރެކްޓާ ޖެެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވައިފައިވާ އެންގެވުމާ ހިލާފަށް ބާއްވާ އެއްވުމެއްކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް