ފުލުސް އޮފީހަށް ހާޒިރުކޮށް މުއިއްޒުގެ އިތުރު ބަޔާނެއް ނަގައިފި

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފުލުސް އޮފީހަށް ހާޒިރުކުރުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައިގައި އަމަލުކުރެއްވި ގޮތާ ގުޅޭގޮތުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ހިންގާ ޖިނާއީ ތަހުގީގާ ގުޅިގެން މިރޭ ދެވަނަ ފަހަރަށް ފުލުސް އޮފީހަށް ހާޒިރުކޮށް އޭނާގެ ބަޔާނެއް ނަގައިފިއެވެ.

މިރޭ 8:15 އަށް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށްފަހު "ސަން" އަށް މައުލޫމާތު ދެއްވަމުން މުއިއްޒު ވިދާޅުވީ ފުލުހުން ގިނަ ތުހުމަތުތަކެއް އޭނާގެ މައްޗަށް ކޮށްފައިވާ ކަމަށެވެ.

އޭގެތެރޭގައި ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތާއި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ތުހުމަތާއި ދައުލަތުގެ މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ތުހުމަތު ހިމެނެއެވެ.

އެންމެ ފުރަތަމަ ޑރ. މުއިއްޒު ފުލުސް އޮފީހަށް ހާޒިރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުގެ ވެރިން އޭނާއަށް ބިރުދެއްކި ކަމުގައިވިޔަސް ކުރަމުން އައި އެއްވެސް މަސައްކަތެއް ނުހުއްޓޭނެ ކަމަށެވެ.

"ސަރުކާރުގެ އިސްވެރިން އަޅުގަނޑަށް ބިރުދައްކައިގެން ކަންތައްތަކެއް ކުރައްވަން އުޅުއްވައިގެނެއް ސަރުކާރު ޖަވާބުދާރީ ކުރުމަށް އަޅުގަނޑު ކުރަމުންދާ މަސައްކަތް ނުހުއްޓުވޭނެ. އަޅުގަނޑު ގަދަވެ ސަލާމަތުން ހުރިއްޔާ ސަރުކާރު ޖަވަބުދާރީ ކުރުމުގަ އާއި ރައްޔިތުންނަށް ހަގީގަތް ހާމަކުރުމުގައި އަޅުގަނޑުގެ ދައިރު އަދާކުރާނަން،" މުއިއްޒު ވިދާޅުވިއެވެ.

comment ކޮމެންޓް