ގާނޫނު އަސާސީ އިސްލާހުކުރަން ރައްޔިތުންގެ މަޝްވަރާ ހޯދީ ކޮން އިރަކުތޯ ސުވާލެއް

ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް - ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެކި ފަހަރު މަތިން ރާއްޖޭގެ ގާނޫނު އަސާސީ އިސްލާހުކޮށްފައި ވާއިރު، އެއްވެސް ފަހަރަކު ރައްޔިތުންގެ މަޝްވަރާ ހޯދާފައިވޭތޯ، ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ސުވާލު އުފައްދަވައިފި އެވެ.

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލަން ސަރުކާރުގެ ފަރާތުން، ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅުއްވައިފައެވެ.

ނަމަވެސް މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން އަންނަނީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ދެކޮޅުހައްދަވަމުންނެވެ. ގާނޫނު އަސާސީއަށް އިސްލާހުގެނައުމާ ދެކޮޅު ހައްދަވައި އެމްޑީޕީ މެމްބަރުން އެންމެ ބާރަށް ދައްކަވާ ވާހަކައަކީ ކޮވިޑް19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، މާލެ ސަރަހައްދު ފުރަބަންދުކޮށްފައި ވާތީ، ގާނޫނު އަސާސީ އިސްލާހު ކުރެވޭނެ މާހައުލެއް ނެތް ވާހަކައެވެ.

އަދި "ސައި ހޮޓާތަކާއި ހޮޅުއަށިތަކުގައިި" ރައްޔިތުންނާ މަޝްވަރާކުރެވޭނެ މާހައުލެއް ނެތި ގާނޫނު އަސާސީއަށް އިސްލާހު ނުގެނެވޭނެ ކަމަށެވެ.

ބިލަށް ބަހުސްކުރައްވަމުން މެމްބަރު އުޝާމް ވިދާޅުވީ، މި މައްސަލައަށް ލިބެން އޮތް ހައްލަކީ ސަރުކާރުން ހުށަހަޅުއްވާފައިވާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުން ކަމަށެވެ.

މިއީ ގާނޫނު އަސާއީ އިސްލާހުކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށާއި އެހެން ނަމަވެސް، މިއަދުގެ ވަގުތާ ހާލަތަށް ބަލާއިރު ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބަދަލުގައި ދެން ހޯދިދާނެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވާ ހައްލުތަކަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރެވޭނެ ކަންކަން ނޫން ކަމަށެވެ.

"އެހެން ނަމަވެސް ބައެއް ބޭފުޅުންގެ ޝަކުވާ އަކީ މިކަމާ ގުޅޭގޮތުން ރައްޔިތުންނާ މަޝްވަރާ ކުރުމުގެ ފުރުސަތެއް މިވަގުތު ނެތްކަން. ކޮން އިރަކުތޯ އަޅުގަނޑުމެން ގާނޫނު އަސާސީ އިސްލާހުކުރީ ރައްޔިތުންްގެ މަޝްވަރާ ހޯދައިގެން؟،" މެމްބަރު ވިދާޅުވިއެވެ.

މެމްބަރު އުޝާމް ވަނީ ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކުމަށާއި، ރައީސާއި ނައިބު ރައީސްގެ ޝަރުތުތައް ބަދަލުކުރުމަށް މަޖިލީހުގެ މެމްބަރުން ވޯޓުދެއްވި އިރު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާފައިނުވާ ކަމަށް ވިދާޅުވެ އެފަދަ ބައެއް މިސާލުތައް ވެސް ޖައްސަވައިފައެވެ.

"ދެން ކުއްލިއަކަށް މިކަން ކުރަންވީމަ ރައްޔިތުންގެ ހިޔާލު ހޯދާނެ ފުރުސަތެއް ނެތް ކަމަށް ބުނެ އެވާހަކަ ދެއްކީމަ އެބޭފުޅުން އޭރު ދެއްވި ވޯޓުގެ އިންޓެންޝަނާ ބެހޭގޮތުން ހަގީގަތުގައި ވެސް ސުވާލު އުފައްދަން،" މެމްބަރު ވިދާޅުވިއެވެ.

މީގެ އިތުރުން އެހާ އަވަސް އަވަހަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުން ރަނގަޅު ނޫން ކަމަށް ބައެއް މެމްބަރުން ވިދާޅުވި ވާހަކައަށް ވެސް އުޝާމް ވަނީ ރައްދު ދެއްވައިފަ އެވެ.

ތިން ސަތޭކަ އަހަރުވީ އެމެރިކާގެ ގާނޫނު އަސާސީއަށް މިހާތަނަަށް 27 އިސްލާހު ގެނެސްފައިވާ ކަމަށާއި، އަދި އިންޑިއާގެ ގާނޫނު އަސާސީއަށް 70 އަހަރުވީއިރު 104 އިސްލާހެއް ގެނެސްފައިވާކަން އުޝާމް ފާހަގަކުރެއްވި އެވެ.

"ދަންނަވަން މި އުޅޭ ވާހަކައަކީ ރައްޔިތުންގެ މަންފާއާ ލާބައަށްޓަކައި ވަގުތާ ހާލަތަށް ބަލައި ގާނޫނު އަސާސީ އިސްލާހު ކުރުމަކީ ހުރިހާ ގައުމެއްގައި އަބަދުވެސް ކުރާ ކަމެކޭ،" އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ މިހާރު ރާއްޖެއަށް ދިމާވެފައިވާ ހާލަތުގައި ގާނޫނު އަސާސީ އިސްލާހުނުކޮށް މައްސަލައަށް ހައްލު ނުގެނެވޭނެ ކަމަށެވެ. އަދި މިހާރު ތިބި ކައުންސިލަރުން މަގާަމުގައި ބައިތިއްބަން ބޭނުންވާނަމަ، އެކަން ކުރަންވާނީ ވެސް ގާނޫނު އަސާސީ އިސްލާހުކޮށްގެން ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ، އަދި ސަރުކާރުގެ ވެސް ވިސްނުމަކީ މިހާރު ތިބި ކައުންސިލަރުން، އެ މަގާމުތަކުގައިި ބޭތިއްބުން ކަމަށްވާނަމަ ގާނޫނާ އެއްގޮތަށް އެކަން ކުރުމަށްޓަކައި އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ގާނޫނު އަސާސީއާ ހިލާފުނުވާން ގާނޫނު އަސާސީ އިސްލާހުކޮށްގެންނޭ އެކަން ކުރަން ވާނީ،" އުޝާމް ވިދާޅުވި އެވެ.

މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދި، ތަޅުމުގައި މިއަދު ހޫނު ބަހުސެއް ކުރިއަށް ގެންގޮސްފައިވާއިރު ކައުންސިލަރުންގެ މުއްދަތު އިތުރުކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ދިމާވެދާނެ ގާނޫނީ މައްސަލަތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދެން މަޖިލީހަށް ގަރާރެއް ވެސް ވަނީ ހުށަހަޅައިފައެވެ.

އުޝާމް މިއަދު ވިދާޅުވީ މިއީ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދެންޖެހޭ މައްސަލައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"އެހެންކަމުން މި ބިލާ ގުޅޭގޮތުން ވެސް އިސްތިޝާރީ ލަފަޔަކަށް އެދުމުގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުގެ ވޯޓަކަށް އަހައި، ވޯޓުން ނިންމޭ ގޮތަކަށް އެކަން ކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" މެމްބަރު ވިދާޅުވިއެވެ.

comment ކޮމެންޓް