ރޯދައިގެ ވަސިއްޔަތް: ދިރިއުޅެން ލިބިފައިވާ ދުވަސް ހެޔޮގޮތުގައި ބޭނުންކުރަމާ!

މާލެ ލޮކްޑައުންކޮށްފައިވާ އިރު ޖުމްހޫރީ މައިދާނުގެ ކޮތަރުތަކަށް ފުލުހަކު ކާން އަޅަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޙަސަނުލްބަޞަރީ ވިދާޅުވެފައިވެއެވެ. ދުނިޔެއަކީ ތިންދުވަހެވެ. (އެއީ އިއްޔެއާއި މާދަމާއާއި އަދި މިއަދެވެ.) އިއްޔެ ވަނީ އެދުވަހުގައިވީ ހުރިހައިކަމަކާއެކު ފާއިތުވެގޮސްފައެވެ. މާދަމާ އާ ތިބާ ފަހަރެއްގައި ބައްދަލުނުވެދާނެއެވެ. ތިބާގެ ދުވަހަކީ މިއަދު އެވެ. (ވީމާ) މިއަދު އަމަލުކުރާށެވެ![البيهقي، 1987، 196] ދުނިޔޭގެ ހަގީގަތް ބުނެދިނުމަށްޓަކައި ދެވޭނެ މިއަށްވުރެ ވަކިން ހެޔޮ ނަސޭހަތެއް އޮންނާނެހެއްޔެވެ؟ މި ފަނާވަނިވި ހަޔާތުގައި ލިބިފައިވާ ކުޑަ ދުވަސްކޮޅުގެތެރޭގައި ދެކަމަކަށް ސަމާލުކަން ދޭންޖެހެއެވެ. 'އެއީ މަރުވުމަށްފަހު އަންނާން އޮތް ހަޔާތް ބާއްޖަވެރިކުރުމަށް މަސައްކަތްކުރުމާއެކު، ދުނިޔޭގެ އުފަލާއި އަރާމު ހެޔޮގޮތުގައި ލިބިގަތުމަށް މަސައްކަތްކުރުމެވެ.'[ޤަޞަޞް: 77]

ދުނިޔެއާއި އާޚިރަތުގެ ހަޔާތް ބާއްޖަވެރިކުރުމަށްޓަކައި މަސައްކަތްކުރާއިރު، ދުވާލެއްގެތެރޭގައި ކަންތައްތައް ކުރިއަށް ގެންދާނެގޮތް، 'އިސްލާމީ ވިސްނުމަކުން' ސިކުނޑީގައި ރާވައިލާފައި ބޭއްވުމަކީ މުހިންމުކަމެކެވެ. މިގޮތުން ކޮންމެހެން ސަމާލުކަން ދޭންޖެހޭނެ މައިގަނޑު ހަކަމެއް ހުލާސާކޮށް ހުށަހަޅައިލާނަމެވެ. މިލިޔުމުގައި ހުރި ދުޢާތަކުގެ އިތުރުންވެސް، އެކި ވަގުތުތަކުގައި ކިޔުމަށް ޞައްޙަ މަގުން ވާރިދުވެފައިވާ ކިތަންމެ ދުޢާއެއް ހުންނާނެއެވެ. އަދި ރެޔާއި ދުވާލުގެ ކޮންމެ ވަގުތެއްގައިވެސް އެމީހެއްގެ އަމިއްލަ ބަހުން، އަމިއްލަ އިބާރާތުން، ﷲ އަށް ދުޢާކޮށް ކަންކަމަށް އެދި ދެންނެވުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ހުޅުވިގެންވެއެވެ.

ފަތިހު ހޭލުން

ފަތިސް ނަމާދުގެ އިހު ސުންނަތް ކުރެވޭހައި ވަގުތުއޮއްވައި ހޭލަން އާދަކުރަންވާނެއެވެ. ތަންމަތިން ތެދުވުމުގެ ކުރިން "الحَمْدُ للهِ الَّذِي أحْيَانَا بَعْدَمَاأَمَاتَنَاوَإِلَيْهِ النُّشُور" ކިޔަންވާނެއެވެ. ފާޚާނާއަށް ވަންނައިރު "اللهُمَّ إنّي أَعُوْذُ بِكَ مِنَ الْخُبْثِ والْخَبَائِثِ" ކިޔުމަށްފަހު ވައަތުފައި އިސްކޮށް ވަންނާނީއެވެ. ވުޟޫކޮށްގެން "أَشْهَدُ أَن لاَإِلهَ إلاَّالله وَحْدَهُ لاَشَرِيْكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُوْلُهُ، اللهُمَّ اجْعَلْنِي مِنَ التَّوَّابِيْنَ، وَاجْعَلْنِي مِنَ الْمُتَطَهِّرِيْنَ " ކިޔަންވާނެއެވެ. އަދި ކަނާތުފައި އިސްކޮށް ފާޚާނާއިން ނިކުންނަމުން "غُفْرَانَكَ" ކިޔަންވާނެއެވެ. ހެދުން ލާއިރު ކިޔާ ދުޢާ "الحَمْدُ للهِ الَّذِي كَسَانِي هَذَا وَرَزَقَنِيْهِ مِنْ غَيْرِ حَوْلٍ مِنِّي ولاَ قُوَّةٍ" ކިޔާށެވެ.

ނަމާދާއި ޒިކުރު

މަޤުބޫލު އުޒުރެއްނެތްނަމަ ފިރިހެނުން ފަރުޟު ނަމާދުކުރަންވާނީ މިސްކިތުގައެވެ. ސުންނަތް ނަމާދުތައް ގޭގައި ކުރުން ރަނގަޅެވެ. ކޮންމެ ނަމާދަކަށްވެސް ބަންގި ގޮވުމުގެ ކުރިން މިސްކިތަށް ދެވޭތޯ މަސައްކަތް ކުރަންވާނެއެވެ. ގެއިން ނިކުންނަމުން "بِسْمِ اللهِ ، تَوَكَّلْتُ عَلَى اللهِ، لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِالله" ކިޔަންވާނެއެވެ. މިސްކިތަށް ދާ މަގުމަތީގައިވެސް ކޮންމެވެސް ޒިކުރެއް ކިޔަމުންދާށެވެ. މިސްކިތަށް ވަންނަމުން ކިޔާ ދުޢާތަކުގެތެރެއިން ދުޢާއެއް ކިޔާށެވެ. މިސާލަކަށް: "أَعُوْذُ بِاللهِ الْعَظِيْمِ، وَبِوَجْهِهِ الْكَرِيْمِ، وَسُلْطَانِهِ الْقَدِيْمِ، مِنَ الشَّيْطَانِ الرَّجِيْمِ" ކިއިދާނެއެވެ. ބަންގީގެ އަޑު އިވުމުން ބަންގިއަށް އިޖާބަދޭށެވެ. އެއަށްފަހު ބަންގި ދުޢާ ކިޔާށެވެ. ފަރުޟު ނަމާދުތަކުގެ އިސްފަހުގައި ކުރެވޭ ސުންނަތް ނަމާދުތައް ކުރުމަށް ސަމާލުކަން ދޭންވާނެއެވެ. ސުންނަތްކޮށް ނިމޭއިރު ޖަމާޢަތަށް ނުގޮވާނަމަ ޤުރުއާނުން ތަންކޮޅެއް ކިޔަވައިލާށެވެ. ޖަމާޢަތަށް ގޮވުމުން، އިމާމާއާ އެންމެ ގާތް ސަފަކުން ޖާގަ ލިބޭތޯ މަސައްކަތްކުރަންވާނެއެވެ.

ފަތިސް ނަމާދު ކޮށް ނިމިގެން، އިރުއެރުމާ ދެމެދު އޮންނަ ވަގުތު ޒިކުރު ކުރުމާއި ޤުރުއާން ކިޔެވުމުގައި ހޭދަކޮށްފިނަމަ ވަރަށް ގިނަ ސަވާބު ޔަގީންވީއެވެ. ހެނދުނު ކިޔުމަށް ވާރިދުވެފައިވާ ޒިކުރުތައް ކިޔުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. އަދި ދުނިޔެއާއި އާޚިރަތުގެ ހެވާއި ލާބައަށްޓަކައި ދުޢާކުރާށެވެ. މިސްކިތުން ނިކުންނަމުން ކިޔާ ދުޢާ "بِسْمِ الله وَالصَّلاَةُ وَالسَّلاَمُ عَلَى رَسُوْلِ الله ، اللّهُمَّ إِنِّيْ أَسْأَلُكَ مِنْ فَضْلِكَ، اللّهُمَّ اعْصِمْنِيْ مِنَ الشَّيْطَانِ الرَّجِيْم" ކިޔާށެވެ. ބޭރުން އެނބުރި ގެއަށް އައިސް ވަންނަމުން "بِسْمِ الله وَلَجْنَا، وَبِسْمِ اللهِ خَرَجْنَا، وَعَلَى رَبِّنَا تَوَكَّلْنَا" ކިޔަންވާނެއެވެ. އަސުރުނަމާދަށްފަހު އިރު އޮއްސުމުގެކުރިން، ހަވީރުގެ ޒިކުރުތައް ކިޔާލަން ހަނދާންކުރަންވާނެއެވެ. އިރާދަމު ކުރަން ރާވާފައިހުންނަ ކަންތައްތައް ނިންމައިލުމަށްފަހު، މާބޮޑަށް ދަންނުވަނީސް ނިދަން އާދަކުރަންވާނެއެވެ. ދަންވަރުގެ ފަހުބައިގައި (ދޭއް ދެގަޑި ބައިހާއިރު) ތެދުވެ ދަމުނަމާދުކޮށްލުން ވަރަށް ބޮޑަށް ރަނގަޅެވެ.

ކެއުމާއި ބުއިން

ހެނދުނުގެ ނާސްތާއިން ފެށިގެން ރޭގަނޑުގެ ކެއުމާ ހަމައަށް، ރަނގަޅު އުސޫލެއްގެ މަތީން ކެއުމާއި ބުއިމުގެ ކަންތައް ކުރިއަށް ގެންދަންވާނެއެވެ. ކުޅަދާނަކަން ލިބިގެންވީ މިންވަރަކުން، ސިއްހަތަށް ފައިދާ ހުރި ރަނގަޅު ކާނާ ބޭނުންކުރެވޭތޯ ބަލަންވާނެއެވެ. ކެއިންބުއިމުގައި އިސްރާފުކޮށްގެންނުވާނެއެވެ. ކެއުމަށްޓަކައި ތައްޔާރުކުރެވޭ އެއްޗަކުން، (ދުވާލަކު އެއްއިރުނަމަވެސް) އަވައްޓެރިއަކަށް ނުވަތަ ރަޙުމަތްތެރިއަކަށް ނުވަތަ އެނޫންވެސް މީހަކަށް އެތިކޮޅެއް ދެވޭތޯ ބަލަންވާނެއެވެ. ކެއުމުގެ ކުރިން "بِسْمِ الله" ކިޔަންޖެހޭނެއެވެ. ކާނީ ކަނާއަތުންނެވެ. އުލާއި ވަޅި ބޭނުންކޮށްގެން ކެޔަސް މިކަމަށް ސަމާލުކަންދޭންވާނެއެވެ. ކައި ނިމިގެން ﷲ އަށް ޙަމްދުކުރަންވާނެއެވެ. މިސާލަކަށް "الْحَمْدُ للهِ الَّذِي أَطَعَمَنِيْ هَذَا، وَزَرَقَنِيْهِ، مِنْ غَيْرِ حَوْلٍ مِنِّيْ وَلاَ قُوَّةٍ" މި ދުޢާ ކިއިދާނެއެވެ.

ކަސްރަތުކުރުން

ހަށިގަނޑުގެ ދުޅަހެޔޮކަމަށްޓަކައި ކޮންމެވެސް ކަހަލަ ކަސްރަތެއް ކޮށްލުން އެދެވިގެން ވެއެވެ. އާދަކޮށް ވަކި ކަސްރަތެއް ކުރާ މީހަކުނަމަ އެ ކަސްރަތެއް ކުރުމުގައި ވަގުތުކޮޅެއް ހޭދަކޮށްލެވިދާނެއެވެ. އެހެންނޫންކަމުގައިވާނަމަ ހިނގައިލުން ނުވަތަ ދުވެލުންފަދަ ލުއި ކަސްރަތެއްވެސް ކޮށްލެވިދާނެއެވެ. ދުވާލެއްގެތެރޭގައި ކަސްރަތުކުރުމަށް ރާވައިލާފައިވާ ގޮތެއްގެމަތީން، އެކަމަށް ކަނޑައަޅައިފައިވާ ވަގުތެއްގައި އެކަން ކުރެވިދާނެއެވެ.

ދިރިއުޅުމަށްޓަކައި ކުރެވޭ މަސައްކަތްތައް

ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތާއިގެން ކުރިއަށް ދާށެވެ. މަސައްކަތުގައި އުޅޭއިރު؛ ބޭކާރު ވާހަކަތައް ނުދައްކާށެވެ. ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރާށެވެ. މަސައްކަތުގައި ބޭނުންކުރެވޭ ތަކެތިން އިސްރާފު ނުކުރާށެވެ. ކުޑަކުޑަ ވަގުތުކޮޅެއް ހޯދާލައިގެން، ނުވައެއް ދިހައެއްޖަހައިލާހާއިރު ޟުޙާ ނަމާދު އަދާކުރާށެވެ. އެންމެ ލަސްވެގެންވެސް މެންދުރުގެކުރިން އެ ނަމާދުކޮށްލަންވާނެއެވެ. ނުކޮށްދުކޮށްލާވަރަށްވުރެ އެ ނަމާދުގެ ދަރުމަ މާބޮޑެވެ. މަސައްކަތުގައި އުޅޭއިރުވެސް ފަރުޟު ނަމާދުގެ ވަގުތު ޖެހުމުން، އެ ނަމާދެއް އޭގެ ވަގުތުގައި އަދާކުރާށެވެ. އެމީހެއްގެ މަސައްކަތުގެ މާހައުލުން ތަނަވަސްކަން ލިބިގެންވީ ގޮތަކަށް ނަމާދު އަދާކުރީމާ ރަނގަޅުވާނެއެވެ. މިސާލަކަށް، މަސްވެރިން ދޯނިމަތީގައި ނަމާދުކުރާނީއެވެ. މިސްކިތާ ދުރުގައި ހުންނަ މަދަރުސާ ނުވަތަ އޮފީހުގައި ޖަމާޢަތް ހަދައިގެން ނަމާދުކުރާނަމަ އެގޮތަށް ކުރާނީއެވެ.

އެހެނިހެން ކަންތައްތައް

ވަގުތު ތަންދޭގޮތަކުން، ހުސްވަގުތުގައި ކުރުމަށް ރާވައިފައިހުންނަ އެކި ކަންކަން ކުރާށެވެ. މިސާލަކަށް މެންދުރުފަހު ކުޑަ ވަގުތުކޮޅަކަށް ނިދައިލުން، ޓީވީ ބެލުން، ގޭމެއް ނުވަތަ ކުޅިވަރެއް ކުޅެލުން، ފޮތް ކިޔުން، ޤުރުއާން ހިތުދަސްކުރުން، ފޮތް ނުވަތަ މަޒުމޫނު ލިޔުން، ޢިލްމީ ދިރާސާތައް ކުރުމާއި އައު އީޖާދުތައް ކުރުމަށް މަސައްކަތްކުރުން، އާއިލާގެ މެންބަރުންނާއެކު ކާއެއްޗެއް ތައްޔާރުކޮށްލުން، އާއިލާގެ މީހަކަށް ނުވަތަ ރައްޓެއްސަކަށް ގުޅާލައިގެން ވާހަކަދައްކައިލުންފަދަ ކަންތައްތައް ކުރެވިދާނެެއެވެ. ގައުމީ އަދި އިޖުތިމާއީ ކަންތައްތަކުގައި، ވެވެން އޮތް މިންވަރަކަށް ބައިވެރިވެލުން ވަރަށް ރަނގަޅެވެ. މިފަދަގޮތަކަށް ކަންކަމާމެދު ވިސްނުން ބަހައްޓައިގެން އުޅެފިނަމަ، ދިރިއުޅެން ލިބިފައިވާ ދުވަސް ހެޔޮގޮތުގައި ހޭދަކުރެވި، ދެދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި މަސައްކަތްކުރެވޭކަމުގެ ހިތްހަމަޖެހުން ލިބޭނެކަން ޔަގީނެވެ.

comment ކޮމެންޓް