ރޯދައިގެ ވަސިއްޔަތް: ނަފުސާނީ ދުޅަހެޔޮކަމަށް އިސްލާމްދީނުގައިވާ އިރުޝާދު

މާޗް 20، 2020: އާޓިފިޝަލް ބީޗުގެ ބެންެއްގައި ތިން މީހަކު އިށީނދެލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނާގެ ނަފުސަށް ހަމަޖެހުން ލިބި އެ ހާލަތު އެގޮތުގައި ދެމިހުރުމެވެ. މި "ހަމަޖެހުން" ތިން ދާއިރާއަކާ ގުޅިފައިވެއެވެ. އެއީ އަމިއްލަ ނަފުސާ ގުޅޭ ކަންތައްތަކުން ލިބެންޖެހޭ ހަމަޖެހުމާއި، މުޖުތަމައުގެ އެހެން މީހުންނާ ގުޅޭ ކަންތައްތަކުން ލިބެންޖެހޭ ހަމަޖެހުމާއި އަދި ﷲގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި އެ އިލާހުގެ އެންގެވުންތައް ފުރިހަމަކޮށްގެން ލިބިގަންނަ ހަމަޖެހުމެވެ. ނަފުސާނީ ދުޅަހެޔޮކަމުގެ އިދިކޮޅަކީ ނަފުސާނީ ބަލިމަޑުކަމެވެ. މިއީ އިންސާނާގެ ނަފުސަށް ހަމަޖެހުންނުލިބި، ނުތަނަވަސްކަން ކުރިމަތިވެ އެ ހާލަތު އެގޮތުގައި ދެމިހުރުމެވެ.[ކަސޫލޭ، 1998]

ނަފުސާނީ ދުޅަހެޔޮކަމާ އިސްލާމްދީނާ އެއްވެސް ގުޅުމެއް އޮވެދާނެކަމާމެދު މީހަކު ސުވާލު އުފައްދަފާނެއެވެ. ކީރިތި ޤުރުއާނާއި ސުންނަތުގެ އިތުރުން ޒަމާނީ ދިރާސާއާއި ތަޖުރިބާއިންވެސް މީގެ ޖަވާބު ލިބެއެވެ. "މިޒަމާނުގެ ހޯދުންތަކުން އެނގޭގޮތުގައި އިންސާނާގެ ސިކުނޑީގެ ދުޅަހެޔޮކަމާ ރޫޙާނިއްޔަތާ ގުޅުންވެއެވެ." [އެމަންސް، 2000] ޖާނަލް އޮފް ފެމިލީ ޕްރެކްޓިސްގައި ޑޮކްޓަރުންގެ ޓީމަކުން ލިޔުއްވާފައިވެއެވެ. "ބަލިމީހާއަށް ފަރުވާކުރުމުގައި، ރޫޙާނީ ބަޔަށް އެކަށީގެންވާގޮތުގައި ސަމާލުކަން ދިނުމަކީ އޭނާގެ ބައްޔަށާއި އޭނާގެ އުޅުމަށް ހެޔޮ އަސަރުތަކެއް ކުރާ ކަމެކެވެ. ވީމާ މެޑިކަލް މޮޑެލް، ބަޔޯސައިކޯސޯޝިއަލް-ސްޕިރިޗުއަލް (ބައޮލޮޖީ ނަފުސާނީ އިލްމު އިޖުތިމާއީ އިލްމު އަދި ރޫޙާނިއްޔަތުގެ) ބައި ހިމެނޭގޮތަށް ފުޅާކުރުމަށް އިރުޝާދު ދެމެވެ." ފަރުވާއާ ރޫޙާނިއްޔަތާ ގުޅުން އޮތްކަން މިތަނުގައި ފާހަގަކޮށްފައި އެބަވެއެވެ. "އިސްލާމީ މަފުހޫމުން ބަލާއިރު ރޫޙާނިއްޔަތަކީ މީހާގެ އީމާންތެރިކަމާ ގުޅޭ ބައެވެ."[ޚަޞާވުނާ، 2014]

ނަފުސާނީ ދުޅަހެޔޮކަން ބަޔާންކުރެއްވުމަށް ޤުރުއާނުގައި އައިސްފައިވާ އެއްނަމަކީ إنْشِرَاحُ الصَّدْرُ (ހިތް ތަނަވަސްވެގެންވުން) އެވެ. އަދި ނަފުސާނީ ބަލިމަޑުކަމަށް ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ދެނަމަކީ ضَيِّقُ الصَّدْرُ (ހިތް ދަތިކަން) އާއި حَيَاتًاضَنْكًا (ދަތި ދިރިއުޅުން) އެވެ. ޠާހާ ސޫރަތުގެ 124 ވަނަ އާޔަތުގައިވެއެވެ. وَمَنْ أَعْرَضَ عَنْ ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنْكًا "އަދި ތިމަންރަސްކަލާނގެ ޤުރުއާނަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން އެމީހަކަށް އޮތީ، ދަތި ދިރިއުޅުމެކެވެ."

ނަފުސާނީގޮތުން ހިތަށް ލިބޭ ހަމަނުޖެހުން ދެބަޔަކަށް ބެހެއެވެ. މީގެތެރެއިން ފުރަތަމަ ބަޔަކީ ޖިސްމާނީ ސަބަބުތަކާހުރެ ކުރިމަތިވާ ނަފުސާނީ މައްސަލަތަކެވެ. މިބައިގައި ހިމެނޭ ނަފުސާނީ މައްސަލަތަކަށް ހައްލު ހޯދޭނީ ތަފާތު ކެމިކަލްތަކާއި މިނޫންވެސް މާއްދީ ތަކެތީގެ ބޭނުންކޮށްގެންނެވެ. ދެވަނަ ބަޔަކީ އިންސާނާގެ އަޚުލާޤިއްޔާތާ ގުޅުންހުރި ނަފުސާނީ މައްސަލަތަކެވެ. މިބައިގައި ހިމެނޭ މައްސަލަތަކަށް ހައްލު ހޯދޭނީ ރޫޙާނީ ފަރުވާއިންނެވެ. މި ރޫޙާނީ ފަރުވާގެ މަގު އިސްލާމްދީނުގައި ގެނެސްދީފައިވެއެވެ.

ނަފުސާނީ ބަލިމަޑުކަމުން ސަލާމަތްވުމަށްޓަކައި ނަފުސާއި ހިތުގެ އީޖާބީ (ޕޮޒިޓިވް) ސިފަތައް އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެގޮތުން ޤުރުއާނުގައި އަންގަވާފައިވާ، ނަފުސުގެ އީޖާބީ ސިފަތަކުގެ ތެރޭގައި: ﷲ އަށް ބިރުވެތިވުމާއި، އީމާންތެރިކަމާއި، އެހެންމީހުންނަށް އިސްކަން ދިނުން ހިމެނެއެވެ. އަދި ހިތުގެ އީޖާބީ ސިފަތަކުގެ ތެރޭގައި: ރަޙުމާއި، މަޑުމޮޅިކަމާއި، ސާފުތާހިރުކަމާއި ސަލާމަތް ސިއްހަތު ހިމެނެއެވެ.

ނަފުސާނީ ދުޅަހެޔޮކަމަށްޓަކައި ނަފުސާއި ހިތުގެ އީޖާބީ ސިފަތައް އިތުރުކުރުމާއެކު ނަފުސު ތަރައްގީ ކުރުމަށްޓަކައިވެސް ކަންތައްތަކެއް ކުރަންޖެހެއެވެ. އެގޮތުން ކުރެވޭނެ އެންމެ މުހިއްމު ކަންކަމަކީ ތައުބާވުމާއި، ހެޔޮކަމުގެ މަގަށް ނަފުސު ހާނުވަން މަސައްކަތްކުރުމާއި، މުންކަރާތްތަކާ ދުރުހެލިވުމެވެ.

އިސްވެ ދިޔަ ކަންތައްތަކުގެ އިތުރުން ނަފުސާއި ހިތުގެ ޣައިރު އީޖާބީ (ނެގެޓިވް) ސިފަތައް މަދުކުރުމަކީވެސް ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ޤުރުއާނުގައި އަންގަވާފައިވާ ނަފުސުގެ ޣައިރު އީޖާބީ ސިފަތަކުގެތެރޭގައި: އިސްރާފުކުރުމާއި، ޙަސަދަވެރިވުމާއި، ދަހިވެތިކަމާއި، އަނިޔާވެރިވުމާއި، ފިތުނަވެރިކަމާއި، މަކަރާއި ހީލަތް ހެދުމާއި، ޚިޔާނާތްތެރިކަމާއި، އަދި ހަށިގަނޑުގެ ޝަހުވަތްތައް ހިމެނެއެވެ. އަދި ހިތުގެ ޣައިރު އީޖާބީ ސިފަތަކުގެތެރޭގައި: ނުބައި ހީތައްކުރުމާއި، ހިތްހަރުކަށިވުމާއި، ވަސްވާސްވެރިކަން ހިމެނެއެވެ.

ނަފުސާނީ ދުޅަހެޔޮކަމަށްޓަކައި އިސްލާމްދީން ދައްކަވާފައިވާ އަނެއް މަގަކީ ހިތަށްޖެހޭ ބަލިތަކުން ސަލާމަތްވުމެވެ. އޭގެތެރޭގައި: ނޭނގުން ނުވަތަ ޖާހިލުކަމާއި، އެކަކު އަނެކަކުގެ މައްޗަށް ނުނިޔަތްލުމާއި، އިންތިހާ ދަރަޖައިގެ ރުޅިއާއި، ކިބުރުވެރިކަމާއެކު ޖަދަލުކުރުމާއި، އަދި މުނާފިޤުކަން ހިމެނެއެވެ.

ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި، ހެޔޮލަފާ މީހުން ދިރިއުޅޭ މުޖުތަމައެއްގައި ދިރިއުޅުމަކީވެސް މުހިއްމުކަމެކެވެ. އެހެނީ ފަރުދީގޮތުން ނުކުރެވޭ ބައެއް ކަންތައްތައް، ތިމާގެ ވަށައިގެން އުޅޭ މީހުން ކުރާތަން ފެނުމުން އެކަމަށް ޝައުޤުވެރިވެގެން ކުރެވޭތަން އާދެއެވެ. ރަނގަޅު މީހުން ދިރިއުޅޭ މުޖުތަމައަކުން ފެންނާނީ ރަނގަޅު ކަންތައްތަކެވެ. އަދި ނުބައި މީހުން ދިރިއުޅޭ މުޖުތަމައަކުން ފެންނާނީ ނުބައި ކަންތައްތަކެވެ. އެހެންކަމުން ޞާލިޙު މުޖުތަމައެއްގައި ދިރިއުޅުމަކީ ނަފުސު ތާހިރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާކަމެކެވެ.

ނަފުސާނީ ބަލިމަޑުކަމެއްގެ ތެރެއަށް މީހާ ހުށަހެޅިދާ އެއް ސަބަބަކީ އަމިއްލަ ނުކުޅެދުންތެރިކަމެވެ. މިސާލަކަށް މީހާއަކީ ނުބައި ޢަމަލުތައް ކުރުމުގައި ދެވިހިފާފައިވާ މީހެއްކަމުގައި ވެދާނެއެވެ. އެފަދަ މީހާ ހިމެނެނީ އޭނާގެ އަމިއްލަ ނަފްސުގެ ހައްގުތަކާއި އާއިލާގެ ހައްގުތަކާއި އަދި މުޖުތަމައުގައި އޭނާ އަދާކުރަންޖެހޭ ހައްގުތައް އަދާކުރުމަށް ނުކުޅެދުންތެރިވެފައިވާ މީހެއްކަމުގައެވެ. މި ނުކުޅެދުންތެރިކަމުގެ އެންމެ ފަހު ނަތީޖާއަކީ ހިތާމައާއި މޮޅިވެރިކަމާއި ހިތް ނުތަނަވަސްވުމާ ކުރިމަތިލާންޖެހުމެވެ. އަމިއްލަ ނުކުޅެދުންތެރިކަމާ ކުރިމަތިލާންޖެހޭ މައިގަނޑު ސަބަބަކީ ﷲ ހަނދުމަކުރުމާއި ދުރުހެލިވުމެވެ. އެކަލާނގެ އަމުރުފުޅުތަކާއި ނަހީތައް ހަނދާން ނައްތައިލުމެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދުދެއްވާފައިވަނީ ސަބަބުތަކުގައި ހިފުމާއެކު ކޮންމެ ކަމެއްގައިވެސް ﷲގެ ހަޒުރަތުން ވާތްގާއި މަދަދަށް އެދުމަށެވެ. މޮޅިވެރިކަމާއި ހިތާމަތަކާއި ނަފުސާނީ އަދި ޖިސްމާނީ ބަލިމަޑުކަމުން ސަލާމަތްކޮށްދެއްވުން އެދި ދުޢާކުރުމަށް އަންގަވައި އެކަމަށް އެކަލޭގެފާނު ގިނަގިނައިން ދުޢާކުރެއްވިއެވެ. އެގޮތުން ކުރެއްވި އެއްދުޢާއަކީ اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ وَالْحَزَنِ، وَالْعَجْزِ وَالْكَسَلِ، وَالْبُخْلِ وَالْجُبْنِ ، وَضَلَعِ الدَّيْنِ، وَغَلَبَةِ الرِّجَالِ[ބުޚާރީ: 6363] މިއެވެ.

މިޒަމާނުގެ ޢިލްމީ ހޯދުންތަކުގެ އަލީގައި، ނަފުސާނީ ބަލިތަކަށް ފަރުވާކުރުމަށްޓަކައި ދެވޭ އިރުޝާދުތަކަކީވެސް އިސްލާމްދީނުގައި އެކަންކަމުގެ އަސްލު ބަޔާންކުރައްވާފައިވާ ކަންތައްތަކެވެ. އޭގެތެރޭގައި: ބަނގުރަލާއި މަސްތުވާތަކެއްޗާ ދުރުހެލިވުމާއި، ރަނގަޅު ކާނާ ބޭނުންކުރުމާއި، ކަސްރަތުކުރުމާއި، އެކަށީގެންވާ ގޮތުގައި ނިދުންފަދަ ކަންތައްތައް ހިމެނެއެވެ. އަދި ހަމަމިއާއެކު، ނަފުސާނީ ބަލިމަޑުކަމެއް ކުރިމަތިވެފައިވާ މީހުންނާމެދު ކަންތައްތައް ކުރުމަށް ދެވިފައިވާ އިރުޝާދުތަކަކީވެސް އިސްލާމްދީނުގެ ގިއުގަނޑުގެތެރޭގައި ހިމެނޭ އިރުޝާދު ތަކެކެވެ. އޭގެތެރޭގައި: ކެތްތެރިވުމާއި، ބަލިމީހާއަށް އަޅައިލުމާއި، އެފަދަ މީހުން އެކަހެރިކޮށްނުލުން ފަދަ ކަންކަން ހިމެނެއެވެ.

ނަފުސާނީ ބަލިމަޑުކަމުން ސަލާމަތްވުމަށްޓަކައި، ޠިއްބީގޮތުން ހޯދާފައިވާ ޒަމާނީ ފަރުވާއާއި އިރުޝާދުތައް ލިބިގަންނަންވާނެއެވެ. ހަމައެއާއެކު ނަފުސާނީ ދުޅަހެޔޮކަމަށްޓަކައި އިސްލާމްދީނުގައި އައިސްފައިވާ އިރުޝާދުތަކަށްވެސް އަމަލުކުރަންވާނެެއެވެ. ޒަމާނީ ބޭސްފަރުވާގެ ނިޒާމާއެކު، ރޫޙާނިއްޔަތަށް ދެވޭ ފަރުވާއަކީވެސް މުހިންމު އެއްޗެއްކަން ސާބިތުވެފައިވެއެވެ. ނަފުސާނީ ބަލިމަޑުކަމެއްގައިވާމީހާ، އިބުނުލްޤައްޔުމުގެ މިބަސްފުޅާމެދު ވިސްނާލުން ރަނގަޅެވެ. "ފާއިތުވެގޮސްފައިވާ ކަމެއް، ހިތާމައިން ރަނގަޅެއްނުކުރެވޭނެއެވެ! އެހެނެއްކަމަކު އެކަން ރަނގަޅުކުރެވޭނީ ހިތުގެ ރުހުމާއި، ކެތްތެރިކަމާއި، ﷲ އަށް ޙަމްދުކުރުމާއި، އެކަލާނގެ މިންވަރުފުޅަށް އީމާންވުމާ މިކަންކަމުންނެވެ." [އިބުނުލްޤައްޔުމް، 1998، 327]

comment ކޮމެންޓް