ހަށިގަނޑުން ފެންނަން ހުންނަ ޒަޚަމްތަކަށްވުރެ، ހިތާއި ސިކުނޑިއަށް ލިބޭ ގެއްލުން މާ ފުންވެފައި ނުރައްކާތެރިއެވެ. މުޖުތަމަޢުގައި ގިނަ ފަހަރަށް ސިއްރުވެފައި އޮންނަ "އިމޯޝަނަލް އެބިއުޒް" ނުވަތަ ޖަޒުބާތީ ގޮތުން ކުރާ އަނިޔާއަކީ، އިންސާނާގެ އެތެރެހަށި ކުދިކުދިކޮށް، އަމިއްލަ ނަފްސުގެ އަގު މުޅިން ވެއްޔާ މޮޑެލާ ފަދަ ނާމާން ވަބާއެކެވެ. ބޭރުފުށަށް ފެންނަ ލަކުނެއް ނެތް ނަމަވެސް، މިއީ އިންސާނާގެ ވިސްނުމާއި މިނިވަންކަން އަޅުވެތިކޮށް، ދިރިއުޅުމުގެ އުފާވެރިކަން މަޑުމަޑުން ވިރުވާލާ ވިހައެކެވެ.
މިއީ ހަމައެކަނި ދެމަފިރިން ނުވަތަ ބައިވެރިންގެ މެދުގައި ހިނގާ އާދައިގެ ހޫނު ބަހުސެއް ނޫނެވެ. މިއީ އެކުގައި އުޅޭ އަނެކާގެ މައްޗަށް މުތުލަގަށް ބާރު ހިންގައި، އޭނާ ކޮންޓްރޯލް ކުރުމަށްޓަކައި ދުރާލާ ރޭވިގެން ހިންގާ ނަފްސާނީ ހަނގުރާމައެކެވެ. އެގޮތުން ތިމާގެ އަމިއްލަ ވިސްނުމާއި، ހަނދާނާއި، އަދި އިހުސާސްތަކާމެދު އަމިއްލައަށް ޝައްކު އުފެދޭ ދަރަޖައަށް ކަންކަން އޮޅުވާލުމަކީ މިފަދަ އަނިޔާވެރިންގެ މައިގަނޑު ހަތިޔާރެވެ. އަދި އަނެކާއަށް އިހާނެތިކޮށް ހިތުމަށްފަހު، އެއީ ތިމާގެ އަމިއްލަ ކުށަކުން ވީ ކަމެއް ކަމަށް ދައްކައި، ދާއިމީ ކުށްވެރި އިހުސާސެއްގެ ތެރޭގައި ބަންދުކޮށްލައެވެ.
މީގެ އިތުރުން އާއިލާ އާއި އެކުވެރިންނާ އޮންނަ ގުޅުން ކަނޑުވާލައި، އެކަހެރިކޮށްލުމަކީ އެމީހުންގެ ވަކިތަކުގެ ދަށުން އަނެކާއަށް ސަލާމަތްނުވެވޭނެ ހިސާބަށް ކަންކަން ގެންދިއުމަށް ޖަހާ ބޮޑު ދަންމަޅިއެކެވެ.
ޖަޒުބާތީ އަނިޔާގެ ސަބަބުން ލިބޭ ނަފްސާނީ ހާސްކަމުން ސަލާމަތްވުމަށްޓަކައި، އިތުބާރު ހިފޭ އާއިލާގެ މީހަކާ ނުވަތަ ޕްރޮފެޝަނަލް ކައުންސިލަރަކާ ވާހަކަދައްކައި، އެހީތެރިކަން ހޯދުމަކީ އާ ފެށުމަކަށް އެޅޭ އެންމެ މުހިންމު ފިޔަވަޅު-- ފޮޓޯ/ އޭއައިމިފަދަ ނުރައްކާތެރި ގުޅުމެއްގައި މެދުކެނޑުމެއް ނެތި ދެމިހުރުމަކީ އޭގެ ނަތީޖާ މުޅި ޢުމުރަށް ތަޙައްމަލުކުރަންޖެހޭނެ ބޮޑު ހިތާމައެކެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި އިޙުތިރާމު މުޅިން ގެއްލި، އަމިއްލަ އިޚުތިޔާރުގައި ކުޑަވެސް ނިންމުމެއް ނިންމުމުގެ ހަކަތަ މީހާގެ ކިބައިން ފިލައިދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދާއިމީ ހާސްކަމާއި، ފުން ޑިޕްރެޝަނަކަށް ވެއްޓި، ނަފްސާނީ ބަލިކަށިކަމުގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ދަށްވެ، ޖިސްމާނީ ބަލިތަކަށްވެސް މީހާ ހުށަހެޅިގެންދެއެވެ. ހިތާމައަކީ، މިފަދަ ވިހަ މާޙައުލެއްގައި ގިނަ ދުވަސްވުމުން، އެއީ އާދައިގެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ބަލައިގަނެވި، އަނިޔާގެ އަނދިރި ވަޅުގަނޑުން ދުވަހަކުވެސް ނުނިކުމެވޭނެ ފަދަ ނާއުންމީދަކަށް މީހާ ގެނބިގެން ދިއުމެވެ.
ގުޅުންތަކުގައި ދިމާވާ ނަފްސާނީ އަނިޔާތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ދިރާސާތައް ކުރައްވާފައިވާ އެމެރިކާގެ މަޝްހޫރު ކްލިނިކަލް ސައިކޮލޮޖިސްޓް އަދި ލިޔުންތެރިޔާ ޑރ. ރަމަނީ ދުރުވަސުލާ ވިދާޅުވާ ގޮތުގައި، އިމޯޝަނަލް އެބިއުޒްގެ އެންމެ ބިރުވެރި ކަމަކީ ތިމާއަށް އަނިޔާ ލިބެމުންދާކަން އަމިއްލައަށް ޤަބޫލުކުރަން ބިރުގަތުމެވެ. ގިނަ ފަހަރަށް އަނިޔާ ލިބޭ މީހާ މަސައްކަތް ކުރަނީ އަނިޔާދޭ ފަރާތް އިސްލާހުކޮށް، ގުޅުން ސަލާމަތް ކުރެވޭތޯ ކަމަށާއި، ނަމަވެސް އެއީ ތިމާއަށް އެކަނި ބަދަލުކުރެވޭނެ ކަމެއް ނޫން ކަމަށް އެކަމަނާ ފާހަގަކުރައްވައެވެ. ޑރ. ރަމަނީގެ އިރުޝާދަކީ، އަނެކާގެ ކިބައިން ފެންނަ ވިހަ ސިފަތައް ހުރި ގޮތަށް ގަބޫލުކޮށް، ތިމާގެ ނަފްސުގެ ރައްކާތެރިކަމަށްޓަކައި ހަރުދަނާ އިންތަކެއް ކަނޑައަޅައި، އެ އިންތަކުން ބޭރުވުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދިނުމެވެ.
ނަފްސާނީ އަދި ޖަޒުބާތީ އަނިޔާގެ ކަޅުވިލާތަކުން ސަލާމަތްވެ، ލޯބިވާ އާއިލާ އާއި ގާތް ރަހުމަތްތެރިންނާ އެކު އުފާވެރި މާހައުލަކަށް ރުޖޫއަވުމަކީ ހިތަށް ދިރުމާއި، ދިރިއުޅުމަށް އާ ބާރެއް ގެނެސްދޭނެ ކަމެއް-- ފޮޓޯ/ އޭއައިމިފަދަ ހިތްދަތި ހާލަތެއް ތަހައްމަލު ކުރަމުންދާ ކޮންމެ މީހަކުވެސް ހަނދާނުގައި ބަހައްޓަންވީ އެންމެ އަސާސީ ޙަޤީޤަތަކީ، މިއީ އެއްވެސް ހާލެއްގައި ތިމާގެ އުނިކަމަކުން ނުވަތަ ކުށަކުން ވާ ކަމެއް ނޫން ކަމެވެ. ކޮންމެ އިންސާނަކީވެސް ޤަދަރުވެރިކަމާއި، އިޙުތިރާމާއި، ލޯބީގެ ހިޔަލުގައި ދިރިއުޅުމުގެ ޙައްޤު ފުރިހަމައަށް ލިބިގެންވާ މީހެކެވެ. އެހެންކަމުން މި އަނދިރިކަމުން އަރައިގަތުމަށްޓަކައި، ހިތުގެ ހާލަތު ސިއްރުނުކޮށް، އިތުބާރު ހިފޭ އާއިލާގެ މީހަކާ ނުވަތަ އެކުވެރިއަކާ އެކަން ހިއްސާކުރުމަކީ ސަލާމަތުގެ ފުރަތަމަ ފިޔަވަޅެވެ. އަދި ޕްރޮފެޝަނަލް ކައުންސިލަރުންނާއި މެންޓަލް ހެލްތު މާހިރުންގެ އެހީތެރިކަން ހޯދުމަކީ، ގެއްލިފައިވާ އަމިއްލަ ނަފްސުގެ ބާރާއި އިތުބާރު އަލުން ހޯދައި، ދިރިއުޅުމުގެ އާ ބާބެއް ފެށުމަށް އޮތް އެންމެ ވަރުގަދަ ބާރެވެ.
ކިތަންމެ ފުން އަނދިރިގަނޑެއްގައި ހުރެވުނު ނަމަވެސް، އަދިވެސް ވަގުތު ފާއިތެއް ނުވެއެވެ. އަމިއްލަ ނަފްސަށް އިތުބާރުކޮށް، ސަލާމަތުގެ އައްސޭރިއަކަށް ދިއުމަށް ނިންމާ ހިތްވަރުގަދަ އެންމެ ނިންމުމަކުން، މުޅި ދިރިއުޅުމަށް އަލިކަމާއި މިނިވަންކަން އަނބުރާ ގެނެވިދާނެއެވެ.