ރޯދައިގެ ވަސިއްޔަތް: ތައުބާވުމުން ނުފުއްސަވާނެ ފާފައެއް ވޭތަ؟

މީހަކު މިސްކިތުގައި ދުއާކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތައުބާވުމަކީ އުރެދުންތަކާ ނުކިޔަމަންތެރިކަން ދޫކޮށް ﷲ ގެ މަގަށް އެނބުރި އައުމެވެ. އެއީ އެކަލާނގެއަށް ބިރުވެތިވުމާއެކު، ފާފައިގެ ހުތުރުކަމަށްޓަކައި އެކަންދޫކޮށް، ކުރެވުނުކަންތަކާމެދު ހިތާމަކޮށް އަލުން އެފަދަކަމެއްގެ ތެރެއަށް ނުދިޔުމަށް އަޒުމު ކަނޑައެޅުމެވެ. އަދި މީހެއްގެ ހައްގަކަށް އަރައިގެންފައިވާނަމަ އެހައްގެއް އަދާކުރުން ނުވަތަ އެމީހެއްގެ ކިބައިން މާފު ހޯދުމެވެ. ޝަރުޢީ ނައްޞުތަކުން އެނގޭގޮތުގައި ތައުބާ ނުވެވޭނެ ފާފައެއް ނޯންނާނެއެވެ. ހަމައެހެންމެ ތައުބާގެ ޝަރުޠުތައް ފުރިހަމަވާ ގޮތުގައި މީހަކު ތައުބާ ވެއްޖެނަމަ ﷲ އޭނާގެ ތައުބާ ގަބޫލުކުރައްވާނެއެވެ.

އެންމެ ބޮޑެތި ފާފަތަކުގެތެރޭގައި ހިމެނޭ ޝަރީކުކުރުމަކީވެސް އެކަމަށް ތައުބާ ވެއްޖެނަމަ ފުއްސަވައިދެއްވާނެ ފާފައެއްކަން ޤުރުއާނުން އެނގެއެވެ. ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން ﷲ އެކަލާނގެއަށް ޝަރީކުކުރުމުގެ ފާފަ ނުފުއްސަވަތެވެ. އެކަލާނގެ އިރާދަކުރައްވާމީހަކަށް އެނޫންކަންތަކުގެ ފާފަ ފުއްސަވައެވެ. ﷲ އަށް ޝަރީކުކުރާމީހާ (ދަންނާށެވެ!) ފަހެ އޭނާ ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ."[ނިސާ: 116] މިއާޔަތުގައި އަންގަވާފައިމިވަނީ ﷲ އަށް ޝަރީކުކުރާމީހާ އެކަމަށް ތައުބާނުވެ މަރުވެއްޖެނަމަ އެ ފާފަ ނުފުއްސަވާނެ ވާހަކަ ކަމުގައި ޢިލްމުވެރީން ވިދާޅުވެއެވެ. ނަމަވެސް ޝިރުކުގެ ފާފައަށްވެސް ތައުބާވެއްޖެނަމަ އެކަންވެސް ފުއްސަވާނެކަން އެހެން އާޔަތަކުން އެނގެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لَا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا [ޒުމަރު: 53] "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް ފާފައިން އިސްރާފު ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަޙުމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެހައި ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ ރަސްކަލާނގެއެެވެ."

ހައްގަކާނުލައި މީހަކު މަރައިފިމީހާގެ ތައުބާ ގަބޫލުކުރައްވާނެތޯއާމެދު އިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވެއެވެ. އިބުނު ޢައްބާސް ވިދާޅުވާގޮތުގައި އެފަދަމީހާ ތައުބާވިޔަސް އޭނާގެ ފާފައެއް ނުފުއްސަވާނެއެވެ. އެއީ ނިސާ ސޫރަތުގެ 93 ވަނަ އާޔަތުގައިވާފަދައިންނެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. وَمَنْ يَقْتُلْ مُؤْمِنًا مُتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا "އަދި، ގަސްތުގައި މުއުމިނަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކަޔެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި، ﷲ އެމީހާގެ މައްޗަށް ކޯފާލައްވައި ލައުނަތް ލެއްވިއެވެ. އަދި، ބޮޑުވެގެންވާ އަޒާބު އެމީހާއަށް ތައްޔާރު ކުރެއްވިއެވެ." އެހެންނަމަވެސް މިކަމުގައި އެންމެ ރަނގަޅު ރައުޔަކީ ގަސްތުގައި މީހުން މަރާ މީހާވެސް އެކަމަށް ތައުބާވެެއްޖެނަމަ އޭނާގެ ފާފަވެސް ފުއްސަވާނެކަމަށް ބުނާ ޖުމުހޫރު އިލްމުވެރިންގެ ރައުޔެވެ. މިކަމުގެ މައްޗަށް އައިސްފައިވާ ޞަރީޙަ ދަލީލުތައް ޤުރުއާނާއި ސުންނަތުގައި ވެއެވެ. އެގޮތުން، ﷲ ޙުރުމަތްތެރިކުރައްވާފައިވާ ނަފުސެއް ހައްގަކާނުލައި މަރާމީހާ ތައުބާވެ، އީމާންވެ ގިނައިން ޞާލިޙު ޢަމަލުކޮށްފިނަމަ އޭނާގެ ފާފަ ފުއްސަވާނެކަމަށް އަންގަވާފައިވެއެވެ.[ފުރުޤާން: 69-70] ހަމަމިއާއެކު ޒުމަރު ސޫރަތުގެ 53 ވަނަ އާޔަތުގައިވެސް އަންގަވާފައިއެވަނީ ﷲ އީ އެންމެހައި ފާފަތައް ފުއްސަވާ ރަސްކަލާނގެކަމުގައެވެ. އެންމެހައި ފާފަތަކުގެތެރޭގައި ގަތުލުގެ ފާފަވެސް ހިމެނޭނެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަަލައިހި ވަސައްލަމަ ހަދީސްކުރައްވާފައިވެއެވެ. "ތިޔަބައިމީހުންގެ ކުރިން އުޅުނުމީހުންގެތެރޭގައި، ނުވަދިހަނުވަ ނަފުސު ގަތުލުކުރި މީހަކު އުޅުނެވެ. އެއައްފަހު ދުނިޔޭގައިހުރި އެންމެމޮޅު ޢިލްމުވެރިޔަކީ ކޮބައިތޯ އޭނާ ސުވާލުކުރިއެވެ. އެހިނދު އޭނާއަށް ރާހިބަކު ދެއްކުނެވެ. ދެން އޭނާ ރާހިބުގެ ގާތަށްގޮސް ނުވަދިހަ ނުވަމީހުން ގަތުލުކުރިކަމަށް ބުންޏެވެ. އަދި އޭނާއަށް ތައުބާ ވެވޭނެތޯ ސުވާލުކުރިއެވެ. އެހިނދު ރާހިބު ބުންޏެވެ. ނޫނެކެވެ. އެހިނދު އޭނާ ރާހިބު ގަތުލުކޮށް ސަތޭކަހަމަކުރިއެވެ. އެއަށްފަހު ދުނިޔޭގައި ހުރި އެންމެމޮޅު ޢިލްމުވެރިއަކީ ކޮބައިތޯ ސުވާލުކުރިއެވެ. އެހިނދު އޭނާއަށް ޢިލްމުވެރިމީހަކު ދެއްކުނެވެ. އޭނާ ސަތޭކަމީހުން ގަތުލުކޮށްފިކަމަށާއި، ފަހެ އޭނާއަށް ތައުބާ ވެވޭނެތޯ ސުވާލުކުރިއެވެ. ޢިލްމުވެރިޔާބުންޏެވެ. އާނއެކެވެ. މީހަކާ ތައުބާއާ ދެމެދު ހުރަސްއަޅާނީ ކޮންކަމެއްހެއްޔެވެ؟ މިވެނި ރަށަކަށްދާށެވެ. އެތާނގައި ﷲ އަށް އަޅުކަންކުރާ ބަޔަކު ތިބޭނެއެވެ. އެމީހުންނާއެކުވެ ﷲ އަށް އަޅުކަންކުރާށެވެ. އަދި ކަލޭ އަމިއްލަ ގައުމަށް އެނބުރި ނާންނާށެވެ. ފަހެ އެބިމަކީ ނުބައިކަންތަކުން ފުރިގެންވާ ބިމެކެވެ. ދެން އޭނާ ޢިލްމުވެރިޔާ ބުނި ބިމަށް ދިޔުމަށްޓަކައި ނުކުމެ ރާސްތާގެ މެދާހަމައަށް ދެވުނުތަނާ، އޭނާގެ އަޖަލު އައިސް ޖެހިއްޖެއެވެ. އެހިނދު ރަހުމަތުގެ މަލާއިކަތާ އާއި އަޒާބުގެ މަލާއިކަތާ އޭނާގެ ގާތަށް ވަޑައިގެން އޭނާއާމެދުހަދާނެ ގޮތަކާމެދު ޚިލާފުވެވަޑައިގަތެވެ. އޭނާއައީ ތައުބާވުމަށް އެދި ﷲ އަށް ހިތްނިޔަތް ޚާލިޞްކޮށްގެން ކަމަށް ރަހުމަތުގެ މަލާއިކަތާ ވިދާޅުވިއެވެ. ދެން އަޒާބުގެ މަލާއިކަތާ ވިދާޅުވީ އޭނާ އެއްވެސް ހެޔޮކަމެއް ނުކުރާކަމަށެވެ. ދެން އިންސާނެއްގެ ސިފައިގައި އެތަނަށް އެހެން މަލާއިކަތަކު ފޮނުއްވިއެވެ. ވަކިގޮތެއް ނިންމަވައިދެއްވުމަށް އެބޭކަލަކުގެ އަރިހުގައި މަލާއިކަތުން ދެންނެވުމުން އެބޭކަލަކުވިދާޅުވިއެވެ. "ދެބިމުގެ ދޭތެރޭގައި ހުރި ދުރުމިން ބަލާށެވެ. އޭގެ ތެރެއިން އޭނާއާއި އެންމެ ކައިރި ބިމަކަށް އޭނާ ލައްވާހުއްޓެވެ. މިގޮތުގެ މަތިން މިންބެލި އިރު، އޭނާއާ ކައިރިކަމަށްވީ އޭނާ ގަސްތުކޮށްގެންދާ މަންޒިލު ކަމުގައިވާ ބިމެވެ. އެހިނދު ރަހުމަތުގެ މަލާއިކަތާ އޭނާގެ މަރުހިއްޕެވިއެވެ."[متفق عليه]

ޤުރުއާނާއި ސުންނަތުން އެނގޭގޮތުގައި، ކިތަންމެ ބޮޑު ފާފައެއްކުރެވުނަސް އަދި ކިތަންމެ ގިނައިން ފާފަކޮށްފައިވީނަމަވެސް، ތެދުވެރި ތައުބާއަކުން ތައުބާވެއްޖެނަމަ ﷲ އެމީހެއްގެ ފާފަ ފުއްސަވައިދެއްވާނެއެވެ. ތައުބާވުމަކީ ވަރަށް ގިނައިން އެކަމަށް އަމުރުކުރައްވާފައިވާ، ﷲ ލޯބިވެވޮޑިގެންވާ ވަރަށް މަތިވެރި އަމަލެކެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. "ހަމަކަށަވަރުން، ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ."[ބަޤަރާ: 222] ތައުބާވުމަށްޓަކައި ކުރަންޖެހޭނީ ތިންކަމެކެވެ. އެއީ ފާފަކުރުން ހުއްޓައިލުމާއި، ކުރެވުނު ފާފައާމެދު ދެރަވެ ހިތާމަކުރުމާއި އަދި އެ ފާފައަށް އެނބުރި ނުދިޔުމަށް ހިތުގައި އަޒުމު ކަނޑައެޅުމެވެ. މީގެއިތުރުން، މީހެއްގެ ހައްގަކަށް އަރައިގެންފައިވާނަމަ އެ ހައްގެއް އަދާކުރުން ނުވަތަ އޭނާގެ ފަރާތުން މާފު ލިބިގަތުމެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. "އެއުރެން ތައުބާވެ (އެއުރެންގެ އަމަލުތައް) އިސްލާހުކޮށް (ވަންހަނާކުރި ކަންތައް) ބަޔާންކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެންނަށް ތިމަންރަސްކަލާނގެ ތައުބާ ލައްވާހުށީމެވެ. ތިމަންރަސްކަލާނގެއީ، ގިނަގިނައިން ތައުބާ ގަބޫލުކުރައްވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ."[ބަޤަރާ: 160]

comment ކޮމެންޓް