ނާސަރީ އާއި މަތީ ސާނަވީ: މާލެ އާއި އަތޮޅުތެރޭގައި ފަރަގު ބޮޑު

ޖެނުއަރީ 12، 2020: ވިހިވިހީގެ ތައުލީމީ އާ އަހަރުގެ ކިޔެވުން 73،000އަށް ވުރެ ގިނަ ދަރިވަރުންނާއެކު ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ނާސަރީ އަދިމަތީ ސާނަވީ (ގްރޭޑް 11،12) ގައި ކިޔަވާ ކުދިންނަށް ބަލާއިރު، މާލެއާއި އަތޮޅުތެރޭގެ ރަށްތަކުގައި ބޮޑު ފަރަގެއް އުޅޭކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އާބާދީގެ 23 ޕަސެންޓު ހިއްސާކުރަނީ ކުޑަކުދިންނެވެ. އެއީ 126،054 ކުޑަކުދިންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދީފައިވާ 2019 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު 89،432 ކުދިން އަންނަނީ އެކި ސްކޫލުތަކުގައި ކިޔަވަމުންނެވެ.

ޖެނުއަރީ 12، 2020: އިއްޒުއްދީން ސްކޫލް ހުޅުވުން: ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގައި އެ ސްކޫލް ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭގެ ތެރެއިން 56،056 ކުޑަކުދިން ކިޔަވަނީ އަތޮޅުތެރޭގެ އެކި ސްކޫލުތަކުގައެވެ. މާލޭގެ ސްކޫލުތަކުގައި ކިޔަވަނީ 33،376 ކުޑަކުދިންނެވެ.

އަތޮޅުތެރޭގައި ކިޔަވާ ކުދިންގެ އަދަދު މާލެއަށް ވުރެ ގިނަ ނަމަވެސް، މަތީ ސާނަވީގައި އަތޮޅުތެރޭގައި ކިޔަވާކުދިންގެ އަދަދު މަދެވެ.

އަތޮޅު ތެރޭގައި ގްރޭޑް 11 އަދި 12ގައި ކިޔަވާކުދިންގެ އަދަދު 1000 އަށް ވުރެ މަދެވެ. މާލޭގައި މަތީ ސާނަވީގައި ކިޔަވާކުދިންގެ އަދަދު އުޅެނީ 1000 އިން މަތީގަ އެވެ.

މަތީ ސާނަވީ ދަރިވަރުންތަކުން – ސަން ފައިލް ފޮޓޯ/ފަޔާޒު މޫސާ

މަތީ ސާނަވީ ފިޔަވައި އެހެން ހުރިހާ ގްރޭޑުތަކެއްގައި ކިޔަވާ ކުދިން ވެސް އަތޮޅުތެރޭގައި ގިނަ އެވެ.

އަތޮޅުތެރޭގައި 3000 އާ ގާތްކުރާ އަދަކަކަށް ކުދިން ނާސަރީގައި ކިޔަވާއިރު، މާލޭގައި ނާސަރީގައި ކިޔަވަނީ 2500 އެއްހާ ކުދިންނެވެ.

ވަކިވަކި ގްރޭޑުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދެއްގެ ކުދިން ކިޔަވަނީ ގްރޭޑް ދޭއް އަދި ގްރޭޑް ހަތަރެއްގަ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ޕްރައިމަރީގައި އަދި މަތީ ސާނަވީގައި ގިނައީ އަންހެން ކުދިންނެވެ. ސާނަވީގައި ގިނަައީ ފިރިހެން ކުދިންނެވެ.

އާބާދީގައި ގިނައީ ފިރިހެން ކުދިން، ބޮޑުބައި އަތޮޅުތެރޭގައި

ރާއްޖޭގެ ކުޑަކުދިންގެ އާބާދީގައި ގިނައީ ފިރިހެން ކުދިންނެވެ. އާބާދީގެ 52 ޕަސެންޓު ފިރިހެން ކުދިން ހިއްސާކުރާއިރު، 48 ޕަސެންޓު ހިއްސާކުރަނީ އަންހެން ކުދިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ކުޑަކުދިންގެ އާބާދީގެ ބޮޑު ބައެއް އުޅެނީ އަތޮޅުތެރޭގައެވެ. މާލޭގައި ދިރިއުޅެނީ 47،181 ކުޑަކުދިންނެވެ. އެއީ ކުޑަކުދިންގެ އާބާދީގެ 37 ޕަސެންޓެވެ. އަތޮޅުތެރޭގައި ދިރިއުޅެނީ 78،874 ކުޑަކުދިންނެވެ.

ބ. މާޅޮހު ރަށު ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުދިންގެ ސިއްހަތު

ދެހާސް ސަތާރަ ވަނަ އަހަރުގެ ޑެމޮގްރެފިކް ހެލްތު ސާވޭއިން ދައްކާފައިވާ ގޮތުގައި ރާއްޖޭގެ ކޮންމެ 100 ކުއްޖަކުން 15 ކުއްޖަކީ އުމުރާ އެކަށީގެންވާ އިސްކޮޅަށް ވުރެ ކުރުކޮށް ތިބޭ ކުދިންނެވެ.

މިހެން ދިމާވަނީ އެކަށީގެންވާ ވަރަށް ނިއުޓްރިޝަން ނުލިބުމުގެ އިތުރުން އިންފެކްޝަންތަކުގެ ސަބަބުން ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.

ޗައިލްޑް ޕްރޮޓެކްޝަން

ތަފާސްހިސާބުތައް ދައްކާގޮތުން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން މިދިޔަ އަހަރު 2606 އެކަނިވެރި މައިންްނާއި ބަފައިންގެ އިތުރުން 4375 ކުޑަކުދިންނަށް ވަނީ އެލަވަންސް ދީފައެވެ.

އޭގެތެރެއިން މާލޭގައި ދިރިއުޅެނީ 721 ބެލެނިވެރިންނާއި 1093 ކުދިންނެވެ. އަތޮޅު ތެރޭގައި 85 ބެލެނިވެރިން އަދި 3282 ކުދިން އެބަތިއްބެވެ.

comment ކޮމެންޓް