ކުޑަކުދިންގެ ދުވަސް ކުލަގަދަ، ހަޔާތް އަނދިރިކަމާއި ވޭނުގައި

ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކުރަން ގޮވާލައި މީގެ ކުރިން ބޭއްވި އެއްވުމެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ގްރޭޑް ދޭއްގައި ކިޔަވާ އެ ދަރިވަރު އެއްވެސް ފިލާވަޅަކަށް ޝައުގުވެރިކަން ނުބަހައްޓާކަން ޓީޗަރުންނަށް ފާހަގަކުރެވެއެވެ. ސުވާލެއްނުކޮށް ދައްކާ ވާހަކައަށް ޖަވާބެއް ނުދީ، އޭނާ އިންނަނީ އަމިއްލަ ހިޔާލީ ދުނިޔޭގައެވެ. ގޮވާލުމުން ސިއްސައިގެން ގޮސް ބަލާލި ނަމަވެސް ކަޅި ހަމައެއް ނުކުރެއެވެ.

ކުރަހާ ގަޑީގައި ކުރަހައެވެ. އަބަދު ވެސް ކުރަހަނީ ހަޑި ފާޑަކަށް ހުންނަ މުސްކުޅި ފިރިހެނެކެވެ. އުނު އޮރިޔާން ނިވާ ނުކޮށެވެ. އެ ކުރެހުމާ ގުޅިގެން ސުވާލު ކުރުމުން އެ ކުއްޖާގެ އެއްވެސް ޖަވާބެއް ނުލިބެއެވެ.

މި ވާހަކަ ޓީޗަރު އެތައް ފަހަރެއްގެ މަތިން ސްކޫލުގެ މެނޭޖްމަންޓުގައި ދެއްކިއެވެ.

"ބުނިން ގަބޫލެއް ނުކުރެވެއޭ އެ ކުއްޖާއަށް ކަމެއް ނުވާކަމަށް. މި ކުއްޖާގެ ވާހަކަ ތުންތުން މަތިން އަޑު އިވިފައި އޮތީ. އެކަމަކު، ސްކޫލު އެންމެން ވެސް ބުނަނީ އެ ކުއްޖާއަށް އެ ކަހަލަ ކަމެއް ނުވެއޭ،" ކޮފީއެއްގައި ރަހުމަތްތެރި ޕީއީ ޓީޗަރަކު ކިޔައިދިނީ އޭނާގެ ދަރިވަރެއްގެ އަހުލާގު ހުންނަ ގޮތުގެ ވާހަކައެވެ.

ކުޑަކުއްޖެއް: ރާއްޖޭގައި ނިސްބަތުން ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ގިނަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއީ ޖިންސީ ގޯނާގެ ޝިކާރައަކަށް ތުއްތުއިރުގައިވެ، އިންސާފު ނުލިބި ހުރި ކުއްޖެއްގެ ވާހަކައެވެ. މިފަދަ އެތައް ކުދިންނެއް ރާއްޖޭގައި އެބަތިއްބެވެ. ރާއްޖޭގެ އެތައް ކުދިންނެއްގެ ޅަފަތުގެ ދުވަސްތައް މިފަދަ ކަޅު ވިލާތަކުން ވަނީ ބަނަކޮށްލާފައެވެ. އަނިޔާއާއި ހިތްދަތިކަމާއި ހިތާމަ ވަށާލާފައިވާއިރު، ހިމާޔަތަށް އެދި ދާނެ ތަނެއް ނެތެވެ. މަދަދަށް އެދި ވަންނާނެ އުނގެއް ނެތެވެ. ގިނަ ފަހަރަށް މިފަދަ ކަންކަން ދިމާވަނީ ކުޑަކުދިންނަށް އެންމެ ރައްކާތެރި ތަނަކަށް ވާނެޖެހޭ އެ މީހުންގެ ގޭތެރެއިންނެވެ. އަނިޔާ ލިބެނީ އެ މީހުން ހިޔާމަޔަކުރަން ތިބޭ މަދަދުގާރުންގެ ފަރާތުންނެވެ. މިފަދަ ކަންކަމުގައި މަދު ކުދިންނަކަށް އިންސާފު ލިބުނު ނަމަވެސް، ގިނައީ އިންސާފު ވެސް ނުލިބޭ ކުދިންނެވެ.

މިއަދު ކުޑަކުދިންގެ ދުވަސް ފާހަގަކުރާއިރު، މިއީ ދައްކަން މުހިންމު ވާހަކައެކެވެ. ކުޑަކުދިންގެ ދުވަސް މިއަދު ކުލަގަދަކޮށް ފާހަގަކުރާއިރު، އެންމެ މުހިންމު ކަމަކީ ކުޑަކުދިންގެ ރައްކާތެރިކަން މި ގައުމުގައި ކަށަވަރުވެފައި އޮތުމެވެ.

ރާއްޖެއަކީ ކުޑަ ގައުމެއްގެ ނިސްބަތުން ކުޑަކުދިންނަށް ޖިންސީ ގޯނާއާއި ޖިސްމާނީ ގޯނާ ގިނަ އަދަދަތަށް ކުރިމަތިވާ ގައުމެކެވެ. އެކަން ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކު އާންމުކުރާ ތަފާސްހިސާބުތަކުން ވަރަށް ސާފެވެ. އަދި، ނޫސްތަކުގެ ހެޑްލައިންތަކަށް އަރާ ވާހަކަތަކުން ވެސް ޝައްކަކާނުލައި އެނގޭވަރަށް ސާފެވެ.

މިދިޔަ އަހަރުގެ ފަހު ފަސް މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފަސް މަސް ތެރޭ ކުޑަކުދިންނަށް ކުރާ ޖިންސީގޯނާގެ 85 މައްސަލަ ހުށަހަޅާފައިވެއެވެ. މިއީ އެންމެ ގިނައިން ކޮންމެ މަހަކު ވެސް ހުށަހަޅާ މައްސަލަތަކެވެ. މީގެ އިތުރުން، ދަރިން ނުބެލުމާއި، ބިރުދެއްކުމާއި، ބުލީ ކުރުމާއި ޖިސްމާނީ އަދި ނަފުސާނީ ގޮތުން އަނިޔާކުރުމުގެ މައްސަލަތައް ވެސް ކޮންމެ މަހަކު މިނިސްޓްރީއަށް ހުށަހަޅައެވެ. މި މައްސަލަ ކޮންމެ މަހަކު ވެސް ހުށަހަޅާ ވަރަކަށް ހުށަހަޅައެވެ. މަދުވާ ތަނެއް ނުފެނެއެވެ.

https://sun.mv/191498

މިކަން ހުއްޓުވުމަށް އެންމެ މުހިންމު ކަމަކީ ކުށްކުރާ މީހާއަށް ހައްގު އަދަބު ދިނުމަށް މަސައްކަތް ކުރުމެވެ. ހިތާމައަކީ ރާއްޖޭގައި މަދުން ނަމަވެސް، އާއިލާގެ މަސްލަހަތަށްޓަކައި މިފަދަ ކަންކަން ކަމާބެހޭ އިދާރާތަކާ ހަމައަށް ނުގެންގޮސް ފޮރުވޭކަމެވެ. ގޯހާ ދިމާލަށް އެޅޭ މި ފިޔަވަޅުގެ ސަބަބުން ގިނަ ފަހަރަށް ކުޑަކުދިންގެ މުޅި ދިރިއުޅުން ހަލާކުވެއެވެ. ކިޔެވުމާއި ނަފުސާނީ ސިއްހަތަށާއި އެހެނިހެން އެތައް ގޮތަކުން މިކަމުގެ ނޭދެވޭ އަސަރު ކުދިންނަށް ފޯރައެވެ.

ކުޑަ ކުއްޖަކަށް އެއްވެސް ބާވަތެއްގެ ގޯނާއެއް, އަނިޔާއެއް ނުވަތަ އިހުމާލެއް ވަމުންދާކަމުގެ މައުލޫމާތު ލިބިއްޖެނަމަ ނުވަތަ ގަބޫލު ކުރެވޭނަމަ ފުރަތަމަ ކަމަކަށް ވެސް ދިވެހި ފުލުހުންގެ ޚިދުމަތުގެ އިމަޖެންސީ ނަންބަރު 119އަށް ގުޅާ އެކަން ރިޕޯޓުކުރަން ޖެހެއެވެ. ކުއްޖެއްގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމާއި ހެދި ބޮޑުވުމަށް ނުރަނގަޅު އަސަރެއްކޮށްފާނެ ކަމަށް ބެލެވޭ ކޮންމެ އަމަލަކީ ކުޑަކުދިންނަށް ކުރާ ގޯނާއެވެ.

އެގޮތުން ކުޑަކުދިންނަށް ކުރާ ގޯނާގެ ގޮތުގައި ބެލޭނެ ކަންކަމަކީ:

  • އެއްވެސް ބާވަތެއްގެ ޖިސްމާނީ އަނިޔާއެއް
  • ޖިންސީ ގޯނާކުރުން
  • އިހުމާލުވުން
  • ދެރަކުރުމާއި ލަދު ގެންނެވުން
  • އުމުރާ ނުގުޅޭ އަދަބު ދިނުން
  • އުމުރާ ނުގުޅޭ ބަހުރުވައިން މުއާމަލާތްކުރުން

ޖިންސީ ގޯނާ ލިބޭ ކުދިންގެ ފަރާތުން އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ޖިންސީ ގުނަވަން ނުވަތަ ގުނަވަނުގެ ކައިރިއަށް ތަދުވުން, ލޭއައުން, ނޫފައިގަތުން, ކެހުން ނުވަތަ ހިނގާބިގާވެ އުޅެން އުނދަގޫވުމާއި، ޔޫރިނަރީ އިންފެކްޝަނެއް ޖެހުން ހިމެނެއެވެ. އަދި، ހެދުން ބަދަލުކުރަން ބިރު ގަތުން ނުވަތަ ބޭނުން ނުވުމާއި ޖިންސީ މުއާމަލާތްތަކުގެ ނަންތަކާއި ބަސްމަގު އެނގުން ނުވަތަ ޝައުގު އުފެދުމަކީ ވެސް ޖިންސީ ގޯނާލިބޭ ކުދިންނާއި ޖިސްމާނީ ގޯނާ ލިބޭ ކުދިންގެ ވެސް ފަރާތުން އާންމުކޮށް ފެންނަ އަލާމާތްތަކެވެ.

ކުޑަކުދިންތަކެއް: އެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭ --

މިފަދަ ކަންކަމުން ކުދިން ސަލާމަތްކުރުމަށްޓަކާ އެންމެ މުހިންމުކަމެއް ދީ ކުދިންގެ ކަންކަން ގާތުން ބަލަންޖެހޭނީ ބެލެނިވެރިންނެވެ. އެގޮތުން، ކުދިން އެއްވެސް ޒާތެއްގެ އަނިޔާއަކުން ސަލާމަތް ކުރުމަށްޓަކާ މީހުންނާ އެކު ކުދިން އެކަހެރި ވިޔަނުދިނުމަކީ ކުރެވިދާނެ ކަމެކެވެ. އަދި، އެއްވެސް މީހަކު ދެކެ ކުދިން ބިރު ގަންނަ ނަމަ އެ ކުދިން ދައްކާ ވާހަކަ ކަނުލައި އަޑުއަހަންވާނެއެވެ. ކުދިންނަށް މާ ބޮޑަށް ހެޔޮވެގެން ހަދިޔާ ގެނެސްދީ، ތަންތަނަށް ގެންދަން އުޅޭނަމަ އެ ކަމަށް ސާފު ބަހުން ހުރަސް އަޅާ އެކަން ބެލިދާނެއެވެ. އާއިލާގެ މީހުންނާއި ގާތް ރައްޓެހިން ވެސް ކުދިންގެ ގަޔަށް އަތްލާ ހަދަން ފުރުސަތު ދެވިގެން ނުވާނެއެވެ.

ކުދިން ބޮޑުވަމުން އަންނަ ވަރަކަށް ކުދިންނަށް "ބައުންޑަރީސް" ދަސްކޮށްދޭން ޖެހެއެވެ. މިއީ އަންހެން ކުދިންނެކޭ އެއްގޮތަށް ފިރިހެން ކުދިންނަށް ވެސް ދަސްކޮށްދޭން ޖެހޭ ކަންކަމެވެ.

ގިނަ މީހުންނަށް އެންމެ އުނދަގޫ ވަނީ ކުއްޖާ ދައްކާ ވާހަކަ އަޑުއަހާ، އެ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހެޅުމެވެ. އިދާރާތަކަށް މައްސަލަ ހުށަހެޅުމުން ކުއްޖާގެ މެޑިކަލް އަދި ސައިކޮލޮޖިކަލް އެސެސްމަންޓް ހަދާ، ކުއްޖާއާ ސުވާލުކުރާނެއެވެ. އަދި، ކުއްޖާއަށް ނަފުސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނަމަ، ދައުލަތުން އެ އިންތިޒާމުތައް ވެސް ހަމަޖެއްސޭނެއެވެ.

ކުޑައިރު ކުއްޖާއަށް ދިމާވާ އަނިޔާތަކަށް ފަރުވާ ނުލިބޭނަމަ، އެ އަނިޔާ ކުއްޖާގެ މުޅި އުމުރު އޭނާގެ ގާތުގައިވެއެވެ.

ކުޑަކުދިންގެ ދުވަސް ކިތަންމެ ކުލަ ގަދަޔަސް، އެ ކުދިންގެ ހަޔާތް ކަޅު އަނދިރިނަމަ، އެއަކުން އުފަލެއް ނެތެވެ. ގައުމުގެ މުސްތަގުބަލަށްޓަކައި ވެސް އެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ. އެއީ، ދެން ތިބި އެންމެންގެ ވާޖިބެކެވެ.

comment ކޮމެންޓް