މަރުގެ ތުންފަތްމަތިން ޤައުމީ ޚިދުމަތަށް: 38 އަހަރު ފަހުން އުލަގަލަ ޙުސައިން މަނިކު ކިޔައިދެއްވި ނޮވެންބަރު 3!

އެ ބިރުވެރި ހާދިސާއަށް މިއަދު މި ވަނީ 38 އަހަރު ފުރިފައެވެ. ބޭރުފުށުން ފެންނަ ފެނުމަށް އެ އޭނާ ހަމަޖެހިގެން އިންނެވި ނަމަވެސް، އެ މޫނުމަތީގެ ކުލަވަރާއި ލޮލުގެ އިޝާރާތްތަކުން ހާމަކޮށްދެނީ މުޅިން ތަފާތު ވާހަކައެކެވެ. ފެންނަމުންދަނީ އެ ހިތާމަވެރި ވަގުތުތަކުގެ ސަބަބުން ވެރިވެފައިވާ ނުތަނަވަސްކަމާއި ސިހުމެވެ. އެ ދުވަހުގެ ބިރުވެރިކަމާއި ހިތްދަތި ހަނދާންތައް މިއަދުވެސް އޭނާގެ ހިތްވަށައިލާފައިވާ ކަހަލައެވެ. މިއީ ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަ ކުރައްވާފައިވާ ޙުސައިން މަނިކު (އުލަގަލަ ޙުސައިން މަނިކު)، ތިނެއް ނޮވެންބަރު 1988 ގެ އުދުވާނީ ހަމަލާގެ ހިތި ހަނދާންތައް ހިއްސާކުރި ވަގުތު ހިތަށް ސިފަވި މަންޒަރެވެ.

'ސަން'އަށް ދެއްވި މި އިންޓަވިއުގައި އޭނާ އެ ބިރުވެރި ހަނދާންތައް އާ ކުރެއްވީ، އިއްޔެ ވީ ކަމެއް ފަދައިންނެވެ. އަދިވެސް އެ ކަންތައްތަކުގެ ތެރޭގައި އޭނާ އުޅުއްވަމުން ގެންދަވާ ފަދައެވެ.

ހުސައިން މަނިކު ނޮވެންބަރު ތިނެއްގެ ހަނދާންތައް 'ސަން'އަަށް ކިޔައިދެއްވަނީ -- ސަން ފޮޓޯ

ހޭލެވުނީ ބަޑީގެ އަޑަށް، ހީކުރީ އޮޅިގެން ޖެހުނު ވަޒަނެއް ކަމަށް

ސިފައިގެން ޓާސްކްފޯހާއި ޕެރޭޑުގައި އުޅުއްވި، ޒުވާން ހުސައިން އޭރު ތައްޔާރުވަމުން ދިޔައީ ނޮވެންބަރު 11، 1988ގައި އޮތް ޑްރިލްއަކަށެވެ. ދުވާލަކަށް ތިން އިރަށް، އެ ފަރިތަކުރުންތައް އައީ ބާއްވަމުންނެވެ. އެއީ ނޮވެންބަރު، ދެވަނަ ދުވަހުގެ ރެއެވެ. ރޭގަނޑު 09:00 ގައި ފަރިތަކުރުން ނިންމާފައި އައިސް، ކައިގެން ނިދައިފިއެވެ. އޭރު 11:00 ޖަހައިފިއެވެ.

އޭނާ ނިދާ އޭ ބްލޮކު ހުންނަނީ، އިސްލާމީ މަރުކަޒާ ވީ ފަޅީގައެވެ.

ހަމިހިމޭން ކަމުގެ އަރާމު ނިދިން ކުއްލިއަކަށް ހޭލެވުނީ، ބަޑީގެ އަޑަށެވެ. އޭރު ފަތިހު 04:10 އެކެވެ.

"އަޅުގަނޑު ހިތަށް އެރީ ދޭތެރެއަކުން ޑިއުޓީ ބަދަލުވާ ގަޑީގައި އޮޅުމަކުން ވަޒަން ގޮވުން ކަހަލަ ކަންކަން ހިނގާނޭ. އެ އިންނަ ޕްރޮސީޖާއެއްގެ ތެރެއިން ކަންތައް ނުކުރެވިއްޖެއްޔާ ބަޑިއެއް ކަމަކު [ވަޒަނެއް] ގޮވާފާނެ. އެހެންވީމަ ވީ ގޮތެއް ކަމަށް [އެ ގަޑީގައި] ލަފާކުރެވުނީ،"

ނޮވެމްބަރު 3، 1988: ލަންކާގެ ޕްލޮޓް ޖަމާއަތް ރާއްޖެ ގެނެސްގެން ހިންގި ބަޣާވާތް ނާކާމިޔާބުކޮށްލުމުގައި އުޅުނު ދިވެހި ސިފައިން އަމަން ބެލެހެއްޓުމުގައި.

އެ ޚިޔާލުގައި މާ އިރަކު އޭނާއަކަށް އަރާމު ތަންމަތީގައި ނޯވެވުނެވެ. ބަޑީގެ އަޑުން މުޅި މާހައުލު ގުގުމާލައިފިއެވެ. ހަމަލައަކަށް ފަހު، ހަމަލައެއްގެ އަޑު ދިޔައީ ގަދަވަމުންނެވެ. ސިފައިންގެ ގޭޓަށް ހަމަލާދޭ އަޑާއި ރައްދު ހަމަލާގެ އަޑު ދިޔައީ އިވެމުންނެވެ. މިއީ ގޯހެއްކަން އެ ހިސާބުން އޭނާއަށް އެނގިއްޖެއެވެ.

ލަސްނުކޮށް އެނދުން ފުންމާލައި، ތައްޔާރުވާން އަވަސްވެގެންނެވިއެވެ. ޓާސްކްފޯސް ޔުނިފޯމު ތުރުކުރައްވަން ފެއްޓެވިއެވެ. އެއީ، ޢަލީ ވަހީދު ޙުސައިން (ތިނަދޫ ޢަލީ ވަހީދު)އާ ދެ ބޭފުޅުން އެކުގައެވެ. އޭރު ފަތިސް ނަމާދު ބަންގި ގޮވަން ފަށައިފިއެވެ. ދެވަނަ ކަލިމައާ ހިސާބުން އިމާމުގެ އަޑު ތުރުތުރުއަޅާފައި ހުއްޓިއްޖެއެވެ. އެ ހިސާބުން މި ކަންތަގަނޑުގެ ބިރުވެރިކަން އޭނާއަށް އިހުސާސްކުރެވިވަޑައިގަތެވެ.

އެއަށް ފަހު، ދެ އިވިވަޑައިގަތީ ތަމަޅައިގެ މީހުން ސިފައިގެން ފާރު ކައިރިން ބަޑި ޖަހަމުން ދުވާ އަޑާއި ކޮމާންޑު ދޭ އަޑެވެ.

"އެ ވަގުތު އަޅުގަނޑު ހިތަށް އެރީ އެ މީހުންނާ ކުރިމަތިލާނީއޭ އަޅުގަނޑުމެން ހުއްޓި ނުތިބޭނަމޭ. އެ އަޒުމުގައި ހަތިޔާރު ނަގަން ދުއްވައިގަތީ"

އަވަހަށް ތައްޔާރު ވެގެން ދެ ބޭފުޅުން ދުވެފައި ވަޑައިގަތީ ބަޑި ގުދަނަށެވެ. އެ ތަނުގައި ހުންނެވި ބޭފުޅާ އިރުޝާދު ދެއްވީ، ކޮންމެ މީހަކު، ހަތިޔާރު ދެ މެގަޒިނަށް ވަޒަން އަޅައިގެން ގުދަނުން ނިކުތުމަށެވެ. އެކަމަކު، ބޭކާރު ގޮތުގައި ވަޒަން ބޭނުންނުކުރުމަށް އެ ތަނުގައި ހުންނެވި ބޭފުޅާ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

އޭރު ހުޅުވިގެން މި އުޅެނީ ބަޑި ގުދަނުގެ އެއް ބަޔެވެ. ގިނަ ހަތިޔާރާއި ވަޒަންތައް ހުރި ބައި އަދި ނުހުޅެވެއެވެ. އެކަމަކު، އެ ކަމެއް ހުސައިނަކަށް ނޭނގެއެވެ.

އިރުޝާދު ލިބުނު ގޮތަށް، ހަތިޔާރު ހިފައިގެން ގުދަނުން ނިކުތުމާއެކު، ސިފައިންގެ މައި މަރުކަޒުގެ ކަންމަތިން ފާރު ގޮއްވާލައިފިއެވެ. އެއީ މިހާރު، އިސްލާމީ މަރުކަޒު ކައިރީގައި ނަސްރުގެ ދުވަހު ޝަހީދުވި މީހުންގެ ހަނދާނުގައި ހަދާފައިވާ ނަސްރުގެ ބިނާ ނުވަތަ މޮނިއުމަންޓު ހުރި ތަނެވެ.

ސިފައިންގެ ކަން ގޮއްވާލާފައި: މިހާރު އެ ތަނުގައި ހުންނަނީ މޮނިއުމަންޓެއް

އެ ވަގުތު އޭނާއާއެކު ނިކުތް ސިފައިންނަށް އިރުޝާދުދެއްވާނެ ބޭފުޅަކު ކައިރިއަކު ނެތެވެ. އެހެންވެ، އެ މީހަކު ދިޔައީ އެންމެ ރައްކާތެރި ކަމަށް ގަބޫލުކުރޭ ތަނަކަށެވެ. އިތުރު ތަނެއް އެ ފާރުން ގޮއްވާލާނެ ކަމަށް ވިސްނި، ސިފައިންގެ ދެކުނު ފަރާތު ފާރު ކައިރިއަށް އޭނާ ދިޔައެވެ. އެ ތަނުން ތަމަޅައިގެން ބަޔަކު އަރާފާނެތީ، އޭނާ ހިމެނޭ ގޮތަށް އެތައް ސިފައިންނެއް އެތަނުގައި ތިއްބެވެ. އޭރު ވެސް ބަޑީގެ އަޑަކަށް ހުއްޓުމެއް ނާދެއެވެ.

ދިވެހީންގެ ޚާއިނުންގެ ބައެއް ވެރިކަމުގެ ދަހިވެތިކަމުގައި ހިންގި މި އުދުވާނުގައި، މާލެއަށް އެރި ދުޝްމަނުންގެ ފުރަތަމަ އަމާޒަކަށްވީ، ސިފައިގެން ވަނުމަށް ޝަހީދު ހުސައިން އާދަމެވެ. ހަމަލާތަކަށް އެންމެ ފަހުވަގުތު ވެސް ދެއްކެވި ހިތްވަރާ އެކު އެތައް ވަޒަނެއް ހަށިކޮޅަށް އަރައި، ހުސައިން އާދަމް ޝަހީދުވުމުން ދެން ދުޝްމަނުން އުޅުނީ ސިފައިންގެއަށް ވަންނާށެވެ.

ސިފައިން ގޭގެ މައިގޭޓު ހިމާޔަތްކޮށްދިނުމުގެ އިތުރުން، ސިފައިންނަށް ހަތިޔާރާ އެކު ނުކުންނާނޭ ފުރުސަތު ހޯއްދަވައިދެއްވީ ހުސައިން އާދަމް ފުރާނައިން ޤުރުބާންވެވަޑައިގެންނެވެ.

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން ޓެރަރިސްޓް ހަމަލާގައި ޝަހީދުވި ސިފައިން

އެ ވަގުތަކީ، ބަނޑޭރިގެ މައްޗާއި މުހިންމު ތަންތަނަށް ހަތިޔާރާއެކު، ސިފައިން ބެހިލި ގަޑިއެވެ. އޭރު ދުޝްމަނުން ތިބީ، ސިފައިން ގޭގެ އެކި ދިމާލަށް ބޮން އުކައި، އެ ތަކެތި ނުގޮވައިގެންނެވެ. އެއީ، އެ މީހުންނަށް ސިފައިންގެއަށް ވަދެވެން އޮތީ އެ ތަނުގައި ނުރައްކަލެއް ނެތްކަން ޔަގީންކުރުމަށް ފަހުގައި ކަމަށްވާތީއެވެ. އެ އުއްމީދުގައި ތިއްބައި، އެ ސަރަހައްދުގައި ތިބި ދުޝްމަނުން ނުވަތަ ކުލީ ސިފައިންނަށް ދިވެހި ސިފައިން ހަމަލާދީ، މަރާލައިފިއެވެ. ހުސައިން ބުނާ ގޮތުން ނަމަ، "ބޮލަށް ތަޅާލައިފި"އެވެ. އެ ވަގުތު ސިފައިގެން ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ދުޝްމަނުގެ ކޮމާންޑަރަކަށް ހުރި ވަސަންތީ ވެސް ހިމެނެއެވެ.

ހުސައިން މަނިކާއި 30 އެއްހާ މީހުން ސިފައިންގެ ދެކުނު ފާރު ކައިރީގައި ތިބޭތާ އެތައް އިރެއްވެއްޖެއެވެ. އެކަކު ފަހަތުން އަނެކަކު އެތުރި މުޅި ސަރަހައްދު ދިޔައީ ބަހައްޓަމުންނެވެ. އެހެން ތިއްބައި، އެ ތަނުން އަންނަނީ އޭރު ގައިދީންނަށް ކާންދޭ މުސްކުޅި މީހާއެވެ. ކުއްޖަކު ގޮވައިގެން އެ މީހާ އައީ، އެއް ކޮތަޅަށް ކަޅު ސައި އަޅައި، އަނެއް ކޮތަޅަށް މުގުރިހައާއި ރޮށި އަޅައިގެންނެވެ. އެ ތަކެތިން ބައެއް އެ ތަނުގައި ތިބި ސިފައިންނަށް ވެސް އެ މީހާ ދިނެވެ.

ހުސައިން ކިޔައިދިން ގޮތުގައި، ގަނެފައިވާ ބިރާހެދި، އެންމެ އެތިކޮޅެއް ވެސް އަރުތެރެއަކުން ނުދިރުނެވެ. އެކަމަކު، ސައި ކޯވަރެއް އޭނާއަށް ބޮވުނެވެ. އެހެން ތިއްބައި، ހެނދުނު 08:15 ވެއްޖެއެވެ. އޭރު ވެސް ސިފައިންގެ ވަށައިގެން ހަމަލާ ދެމުން ދިޔައެވެ.

ސިފައިންގެ ތެރެއަށް ވަންނަން ދިޔަ ޕްލޯޓް ޖަމާއަތުގެ ވަސަންތީ ބަޑިޖަހައި މަރާލާފައި

އޭގެ އިރުތަކެއް ފަހުން ބަޑި ގުދަނަށް ޓާސްކްފޯސް 10 ބޭފުޅުން ބޭނުންވެގެން މީހަކު އައިއްސިއެވެ. ސިފައިން ގޭގެ އެކި ތަންތަން ޗެކު ކުރަމުންނެވެ. އޭރު ހުސައިނާއި އެ މީހާއާ ހުންނާނީ، ހަތަރު ވަރަށް ފޫޓުގެ ދުރުމިނެވެ. އޭނާއެކު، ދެން ތިއްބެވީ ވެސް ވެސް ޓާސްކްފޯހުގެ ބޭފުޅުންނެވެ. އެ ހިސާބުން ބަޑި ގުދަނަށް ވަޑައިގެންނެވިއިރު، ސިފައިންގެ އޮފިސަރުން ތިއްބެވިއެވެ. އެ ތަނުގައި އޭރުގެ ލެފްޓިނެންޓް މޫސާ ޢަލީ ޖަލީލް ވެސް ހުންނެވިއެވެ.

އޮފިސަރުން އިރުޝާދުދެއްވީ ވެލި ބަސްތާ ޖަހާފައި އޮތް ބަހަކަށް އަރައި، ސިފައިން ގެއިން ނިކުތުމަށެވެ. މާ ދުރަކަށް ނުދެވުނެވެ. ވެހިކަލް ހުއްޓިއްޖެއެވެ. ވާނުވާ ބަލައިލަން ނިކުތް ގަޑީގައި، ދުޝްމަނުން ބޮމެއް ގޮއްވަލައިފިއެވެ. އެ ހަމަލާގައި ބަޔަކު ޒަޚަމު ވެސް ވިއެވެ. ދެން ވެސް އޭނާ ބަދަލުވީ ކުރިން ހުރި ސިފައިގެން ދެކުނު ފަރާ ދިމާލަށެވެ.

އެ ތަނުގައި ހުއްޓައި، އަނެއްކާ ޓާސްކްފޯހުގެ 10 އޮފިސަރުން ބޭނުންވި ކަމަށް މީހަކު ބުނެފިއެވެ. އަވަސް ވެގަތީ ބަޑި ގުދަނަށް ދާށެވެ. އެ ތަނަށް ދިޔައިރު، އޮފިސަރުން ތިއްބެވިއެވެ. ސިފައިންގެއިން ނިކުތުމަށްފަހު އަމަލުކުރަންވީ ގޮތާއި ވެގެން އުޅޭ ގޮތް ވެސް ކިޔައިދެއްވިއެވެ.

ފައިމަގުގައި ދުޝްމަނުންގެ ހަރަކާތްތައް ބަލަން ސިފައިންގެއިން ބޭރަށް

"މުހައްމަދު ޒާހިރު ފުރަތަމަ ވާހަކަދެއްކެވީ. މުހައްމަދު ޒާހިރުގެ ވާހަކައިގައި ވިދާޅުވީ، [މިއީ] ތަމަޅައިގެންގެ ބަޔަކު ރާއްޖޭގެ މިނިވަންކަން ނަގާލަން، ދިވެހީންގެ ބަޔަކާ ގުޅިގެން ދޭ ހަމަލާތަކެކޭ. އެހެންވީމަ ކާބަފައިން ދިން ފިލާވަޅު މަތީގައޭ ތިބެންވާނީ. މިނިވަން ކަމުގެ އަގު ވަޒަން ކުރެވޭނީ އަޅުވެތި ކަމަށް ދިޔާމައޭ. ކިޔާފަ އެ ދެއްވި ބްރީފިންއިން އަޅުގަނޑު ހިތަށް އަޒުމުވެރިކަން އައިސް ތުރުތުރު އަޅައިގެން ދިޔައީ" އެ ދުވަހުގެ ހަނދާންތައް އާކުރައްވަމުން އޭނާ ކިޔައިދެއްވިއެވެ.

އޭރު ސިފައިންގެ އިސްވެރިއަކަށް ހުންނެވި، މުހައްމަދު ޒާހިރު، އެންގެވީ ފައިމަގުގައި ސިފައިންގެއިން ނިކުމެވަޑައިގަތުމަށެވެ. އަދި، އެ މީހުންގެ އިސް ސަފުގައި ހުންނަވާނީ، ޖަލީލުކަމަށް ޒާހިރު ކަނޑައެޅުއްވިއެވެ.

ސިފައިންގެ އިސްވެރިއަކަށް ހުންނެވި މުހައްމަދު ޒާހިރާއި މޫސާ އަލީ ޖަލީލު ---

ދެން ސިފައިން ގެއިން ނިކުތުމަށް ފަހު، ކަންކަން ކުރަންވީ ގޮތް ޖަލީލު ކިޔައިދެއްވިއެވެ. އެ ގުރޫޕުގައި ހިމެނިވަޑައިގަތީ ޖުމުލަ 11 ބޭފުޅުންނެވެ. އެއީ،

1. ލެފްޓިނެންޓް މޫސާ ޢަލީ ޖަލީލް

2. ލ. ކޯޕްރަލް ޢަބްދުﷲ ނަސީމް

3. ޕްރައިވެޓް ޙުސައިން މަނިކު (އުލަގަލަ)

4. ޕްރައިވެޓް ޢަބްދުﷲ މުފީދު (ޅައިމަގު)

5. ލ. ކޯޕްރަލް އާދަމް ނަޞީރު (ޝޭޑީ)

6. ޕްރައިވެޓް މުޙައްމަދު ޙަސަން (ދިޔަމިގިލި)

7. ޕްރައިވެޓް މުޙައްމަދު އިބްރާހީމް (މެކާނޯ)

8. ކޯޕްރަލް ޙުސައިން ޢަލީ ( ފުއްކަފަ ދޮންތުއްތު )

9. ޕްރައިވެޓް އިބްރާހީމް ޝަރީފް (އޮނުތޫރި)

10. ޕްރައިވެޓް މުޙައްމަދު ޢަލީ (ކުޅުދުއްފުށި)

11. ޕްރައިވެޓް ޢަލީ މާހިރު (ކުޑަރިކިލި)

އެ ބޭފުޅުންގެ ތެރެއިން ޕްރައިވެޓް ޢަލީ މާހިރު (ކުޑަރިކިލީ) އާއި ޕްރައިވެޓް މުޙައްމަދު ޢަލީ (ކުޅުދުއްފުށި) ފިޔަވައި އެންމެން ވެސް ސިފައިންގެ ގޭޓުން ނުކުތެވެ. މި ދެ ބޭކަލުން ބޭރަށް ނިކުތުމަށް ޓަކައި ދޮރުން ބޭރަށް ނިކުންނަވައި މަޑުކޮށްގެން ތިއްބެވީ ސިފައިންގެ އިމާރާތާއި މަގުމަތީ ފާރާއި ދޭތެރޭގައި އޮތް ހުސްތަނުގެ ތެރޭގައެވެ. މި ދެބޭކަލުން ފުލުސް އޮފީހުގެ ދޮރުން ބޭރަށް ނިކުމެ، މަގުމަތީ ގޭޓާ ދޭތެރޭގައިއޮތް ހުސްތަނުގައި މަގުމައްޗަށް ނިކުތުމަށް ތައްޔާރަށް ތިއްބާ މޭޖަ މުޙައްމަދު ޒާހިރުގެ އޯޑަރަކަށް އެތެރެއަށްވަނީއެވެ. ރެކީ ޕެޓްރޯލަށް ބޭރަށް ނިކުތުމުގެ ތެރޭގައި ޝަހީދުވި ތިން ބޭފުޅުންނަކީ :-

1. ލ. ކޯޕްރަލް އާދަމް ނަޞީރު (ޝޭޑީ)

2. ޕްރައިވެޓް މުހައްމަދު އިބްރާހިމް (މެކާނޯ)

3. ޕްރައިވެޓް މުޙައްމަދު ޙަސަން (ދިޔަމިގިލީ) އެވެ.

ސިފައިން ގެއިން ބޭރަށް ނިކުންނެވި ބޭފުޅުން ----

ރެކީ ޕެޓްރޯލަށް ނިކުންނަވައި، އެ ބޭފުޅުން ހިންގެވީ ސިފައިންގެ ކައިރީގައި ހުރި ހުރަވީ ބިލްޑިންއާއި ރައީސް އޮފީސް ދޭތެރޭ މަގުން ފާރު ކައިރިންނެވެ. މިހާރު ރައީސް އޮފީހުގެ ގޯޅިން ދެކުނަށް ދާއިރު ވަންވޭއާ ހަމައަށް ދެވުނުއިރަށް، ދުޝްމަނުން ހަމަލާ ދޭން ފަށައިފިއެވެ. އެ ހިސާބުން އައިކޮޅަށް އަނބުރާ ލައިފިއެވެ. އެ ވަގުތުކޮޅު ދުޝްމަނުން ހަމަލާ ދޭން ފެށުމުން މުޅި ތަން އޮތީ ހިރަފުހުން ފުރިފައެވެ.

އެ މީހުން ދުވީ ހުރަވީ ބިލްޑިންގުގެ ބިއްދޮށަށް ދާށެވެ.

"މީގައި އަޖައިބުވާ ކަމަކީ އެއްވެސް މީހަކު [ސިފައިންގެ ގޭޓު] ކައިރީގައި ތިއްބަސް އެ ހާލުގައި އެ ތެރެއަށް ނުވަންނަކަން ...." ޖުމުލަ މެދުކަނޑަމުން، އަސަރާއެކު އޭނާ ކިޔައިދެއްވިއެވެ.

ދެ ތިން ސިފައިންނާއެކު އެއް ހަމައިގައި އޭނާ ހުންނަވަނިކޮށް، ހަތިޔާރު ވެއްޓިއްޖެއެވެ. އެ ހިސާބުން ހުސައިން އެކަނިވެއްޖެއެވެ. އެ ހިސާބުން އޭނާ ބިރުގަތީ، ސިފައިންގެއިން އަންނަ ހަމަލާ އޭނާގެ ގަޔަށް އަރާފާނެތީއެވެ. އެއީ، އެ ތަނުގައި އޭރު ހުރި ގަސްތަކުގެ އޮފިތަކުން ނިވާވެފައި ހުރުމުން ފެންނާނީ ފައި އެކަނި ކަމަށްވެވާތީ، ދުޝްމަނެއް ކަމަށް ސިފައިން ގަބޫލުކޮށް ހަމަލާ ދީފާނެތީއެވެ.

އެހެންވެ، އެ ކަމުގެ ބިރަށް ހުރަވީ ބިލްޑިންގުގެ އެތެރެއަށް ފާރުމަތިން އެރިއެވެ. އެ ތަނުގައި ހުރެ ވިސްނާލާފައި އޭނާ ނިންމީ، އެކަނި ދުޝްމަނުންނާ ކުރިމަތިނުލާށެވެ. ބޮލުގައި އޮތް ކެޕު ނަގައި، އަލުން ބޮލަށް ފައްތާލިއެވެ.

ހުސައިން މަނިކު ކިޔައިދެއްވި ގޮތުގައި، އެހެން ހަދަން ޖެހުނީ މަރުވެފައި އޮތަސް ދިވެހި ސިފައިންގެ މީހެއްކަން އެހެން މީހުންނަށް އެންގުމުގެ ބޭނުމުގައެވެ.

ހުސައިން މަނިކު 'ސަން'އަށް އިންޓަވިއު ދެއްވަނީ --- ސަން ފޮޓޯ

އޭނާ ހުރަވީ ބިލްޑިންގުން ނިކުންނަވަވަނިކޮށް، ދެކުނު ފަރާތުން ބަޔަކު ނިކުންނަނިކޮށް ފެނިވަޑައިގަތެވެ. އޭނާ ބެލި ބެލުމުގައި އެއީ، އޭނާއެކު ނިކުންނެވި ޖަލީލާއި، މަރުނުވާ ސިފައިންނެވެ. އެ ބޭފުޅުން ފަހަތް ނުބައްލަވާތީ، އެ މީހުންނަށް ފާރަލައްވައިގެން ދާން ފެއްޓެވިއެވެ.

އެ މީހުން އެރީ ހުކުރު މިސްކިތަށެވެ. ފަހަތުން ހުސައިން ވެސް އެރިއެވެ. އަރައި، އަލުން ސިފައިން ގެއަށް ދިޔުމަށް މަޝްވަރާކުރެއްވިއެވެ. ދުޝްމަނުންގެ ހަރަކާތްތައް ބެލުމަށް ފަހު، ސަފަށް އެތުރި ދިޔުމަށް ނިކުތެވެ. އެންމެ ކުރީގައި ޖަލީލު ހުންނެވިއިރު، ފަހަތުގައި ހުރީ ހުސައިން މަނިކެވެ. އޭނާ ގަބޫލުކުރެއްވި ގޮތުގައި، ފަހަތުގައި ހުރީ ކަމެއް ދިމާވެދާނެ ކަމުގެ ބިރަށެވެ.

އެހެން ގޮސް ހުކުރު މިސްކިތުގެ ކަނާ ހަމަވިއިރު، ހުސައިންނަށް، މުފީދު ގެއްލިއްޖެއެވެ. ނުފެނިގެން ހޯދަނިކޮށް، ލޭ ރޮނގެއް ފެނިވަޑައިގަތެވެ. އެއީ، ނަން ކުރާ ނަސީމު ބަނޑަށް ވަޒަން އަރައިގެން ވެރިފައި ހުރި ލޭ ރޮނގެވެ. ޢަބްދުﷲ މުފީދަށް ވީގޮތަކީ ބޭރަށް ނިކުންވަގުތު ލިބުނު ކުއްލި ޝޮކެއްގެ ސަބަބުން ހަމަވިސްނުން ގެއްލި ވާހަކަ ނުދެކޭ ޙާލަތަށް މީހާ ދިޔައީއެވެ. އޭނާއާ ކޮމާންޑަރު ލެފްޓިނަންޓް މޫސާ ޢަލީ ޖަލީލް ތަކުރާރުކޮށް ވާހަކަ ދައްކައިގެން ވެސް ވިސްނޭގޮތް ނުވުމުން އޭނާ އަތުގައިހުރި ހަތިޔާރާއި މެގަޒިންތައް އަތުލުމަށްފަހު އޭނާ ދޫކޮށްލީއެވެ.

އޭރު ހުސައިންމެން ތިއްބެވީ، ހުރަވީ ބިލްޑިންގެ ކަންމައްޗެއްގައެވެ. އެ ވަގުތު މޫސާ ޖަލީލު އިރުޝާދުދެއްވީ، ސިފައިން ގެއަށް ވަނުމަށެވެ.

"ކުއްލި އަކަށް ޖަލީލު ވިދާޅުވެއްޖެ ފުލުސް އޮފީސް ދޮރާށިން އެތެރެއަށް ވަންނަންވިއްޔޭ. އެދާ ގޮތަށް ގޮސް ހުރަސްކޮށްލާށޭ ބަނޑޭރިކޮށި ފާރު ކައިރިން. އެ މަގަށް އަރާފައި މަޑުނުކުރައްޗޭ"

ނޮވެމްބަރު 3، 1988: ޕްލޮޓު ޖަމާއަތް ރާއްޖެ ގެނެސް، ވެރިކަން ފުރޮޅާލަށް ބަޣާވާތް ކުރި ހާޖަރާގެ ލުތުފީ އަތުލައިގަނެ، ބިޑިއަޅުވައިގެން ތަހުގީގަށް ގެންދަނީ.

އަވަހަށް ދުވެފައި ގޮސް، އެތެރެއަށް ވަންނަން ދޮރާށީގެ އެތެރެއަށް އެޅުނީ އެންމެ ފިޔަވަޅެކެވެ. ދުޝްމަނުން ހަމަލާއެއް އަމާޒުވެއްޖެއެވެ. އެ ވަގުތު، އޭނާއަށް ކުރެވުނީ ފާރުން އުވަ ނައްޓައިގެން ގަޔަށް އަންނަމުން ދިޔަ ކަމުގެ އިހުސާސެވެ.

ދެން އަވަހަށް، އެތެރެއަށް ފުންމާލިއެވެ. އޭރު އެ ތަނުގައި އޮތީ ފެންގަނޑެއް ހެދިފައި ކަމުން މާ ބޮޑު ގެއްލުމެއް ނުވިއެވެ. އޭރު އޭނާގެ ބޯކޮޅު އޮތީ ފުލުސް އޮފީސް ގޭޓާ ކުރިމައްޗަށެވެ. ފައިކޮޅު އޮތީ ދޮރާއްޓާ ދިމާލަށެވެ. ކުއްލިއަކަށް މީހަކު ފާރު އެތެރެއަށް ދަމައިގަތެވެ.

ބޭރަށް ނިކުތް މީހުން ސިފައިންގެއަށް އެނބުރި އައިސްވަނީ ފުލުސް އޮފީސް ގޭޓުން ބޭރުގައި ވަޒަން އަރައިގެން ޒަޚަމުވެފައި އޮތް ޕްރައިވެޓް އަހުމަދު ބުޝްރީ ވެސް ގޮވައިގެންނެވެ.

https://sun.mv/213429

މިއީ އެ ދުވަހު ފުރާނަ އައްމައްޗަށް ލައިގެން މަގުމައްޗަށް ނިކުތް، އެއް ބޭފުޅެއްގެ އެ ދުވަހުގެ ތަޖުރިބާއެވެ. މި ފަދަ ހިތްވަރެއް ނެރެ، ގައުމުގެ ދިފާއުގައި މަސައްކަތް ނުކުރެއްވިނަމަ މިއަދު މި ގައުމު އޮންނާނެ ގޮތް ވަޒަންކޮށްލަން ވެސް ދައްޗެވެ.

މިއަދު ސިފައިން ގެއާ ގުޅޭ ޒުވާނުން އިބުރަތް ލިބިގަންނަންވީ، މި ފަދަ ހާލަތްތަކުގައި ވެސް ގައުމު ދިފާއު ކުރުމުގައި ކެރިގެން ތިބުމަށެވެ. ކޮންމެ ހާލެއްގައި ވެސް ގައުމުގެ މިނިވަންކަމުގެ އައްޑަނައަކަށް ވުމަށެވެ.

comment ކޮމެންޓް