ހަވާ އެރުވުމާ އެކު ހަފުތާ ބަންދުގައި ކުޑަކުދިންގެ ފެސްޓިވަލެއް

މީގެ ކުރިން ބޭއްވި ކުޑަކުދިންގެ ހަރަކާތެއްގައި ރޮބޯމޭން -- ފޮޓޯ/ ފުލުހުން

ކުޑަކުދިންގެ ދުވަހާ ދިމާކޮށް ހުޅުމާލޭގައި ކުޑަކުދިންނަށް ޚާއްސަ ފެސްޓިވަލެއް މި ހަފުތާ ބަންދުގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.

މި ހަފުތާ ބަންދުގެ ދެ ދުވަހު ހަވީރު 16:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 22:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި މި ފެސްޓިވަލްގެ ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

ކުޑަކުދިންގެ އުފާ ފެސްޓިވަލްގެ ނަމުގައި ކުރިއަށްދާ މި ހަރަކާތުގައި ތަފާތު ކުޅިވަރުތައް ކުޅުމަށް ވަނީ ރޭވިފައެވެ. އެގޮތުން، މާދަމައަށް ތާވަލުކުރެވިފައިވާ ހަރަކާތްތަކުގެ ތެރޭގައި ވާހަކަ ކިޔުމާއި ކުޑަކުދިންނަށް ޚާއްސަ ކޭކު ފެޅުމާއި ސްޓޯލް ހަރަކާތްތަކާއި އެކި ކުޅިވަރުތައް ހިމެނެއެވެ.

ކުޑަކުދިންގެ މެދުގައި މަގުބޫލު ރޮބޯމޭން ވެސް މާދަމާގެ ހަރަކާތުގައި ބައިވެރިވާއިރު، ސިފައިންނާއި އެމްޓީސީސީގެ އިތުރުން އެމްޕީއެލްގެ އުޅަނދުތައް ވެސް މި ހަރަކާތުން ފެންނާނެއެވެ.

މީގެ އިތުރުން، ހައުސިން ކާސަލްއަކާއި ބޮޑުބެރުގެ ހަރަކާތްތައް ވެސް މާދަމާ އޮންނާނެއެވެ. ފެންކުޅީގެ ހަރަކާތާއި މޫވީ ނައިޓް އަދި ހަވާއެރުވުން އޮންނާނީ ހޮނިހިރު ދުވަހުއެވެ.

މި ފެސްޓިވަލް ކުރިއަށް ގެންދަނީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާއި ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އަދި އުރީދޫ ގުޅިގެންނެވެ.

comment ކޮމެންޓް