ރޯދައިގެ ވަސިއްޔަތް: ނަމާދު ތިޔަ ކުރަނީ ރަނގަޅަށްތަ؟

މެއި 25، 2019: ރޯދަަމަހުގެ ތަރާވީސް ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމާދަކީ އިސްލާމްކަމުގެ ދެވަނަ ރުކުނެވެ. މުސްލިމެއްކަމުގައިވުމާއެކު، ބުއްދި ސަލާމަތުން ހުރި ބޮޑުމީހެއްކަމުގައިވެއްޖެ ކޮންމެ ފިރިހެނަކާއި ކޮންމެ އަންހެނެއްގެ މައްޗަށް ނަމާދުކުރުން ވާޖިބުވެގެންވެއެވެ. ހަދީސްގައި އައިސްފައިވެއެވެ. "ޤިޔާމަތް ދުވަހުގައި އަޅާގެ ޢަމަލުތަކުގެތެރެއިން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނޭ ޢަމަލަކީ ނަމާދެވެ. ފަހެ، ނަމާދުގެ އަޅުކަން ރަނގަޅަށް އަދާކޮށްފައިވާނަމަ ހަމަކަށަވަރުން އޭނާ ކާމިޔާބުވެ ސަލާމަތްވެއްޖެއެވެ. އަދި ނަމާދުގެ އަޅުކަން ރަނގަޅަށް އަދާކޮށްފައިނުވާނަމަ އޭނާ ނާކާމިޔާބުވެ ހަލާކުވެއްޖެއެވެ." ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އުންމަތަށް ވަސިއްޔަތް ކުރެއްވި އެންމެ ފަހުކަމަކީ ނަމާދުތަކަށް ރައްކާތެރިވުންކަމުގައި ވީނަމަވެސް، މި މަތިވެރި އަޅުކަމާގުޅޭގޮތުން މީސްތަކުން ތަފާތު ބައިތަކަށް ބެހިގެންވެއެވެ.

ނަމާދަކީ ވާޖިބެއްކަން ދަލީލުތަކުން އެނގޭއިރުވެސް، އެއީ ވާޖިބެއްކަމަށް ގަބޫލުނުކޮށް ނަމާދު ނުކުރާމީހުން އުޅެއެވެ. މިފަދަ މީހުންނަކީ މުރުތައްދުވެ ދީނުން ބޭރުވެފައިވާ ކާފިރުންކަމަށް ހުރިހައި ޢިލްމުވެރިން އެއްބަސްވެވަޑައިގެންފައި ވެއެވެ. ނަމާދަކީ ވާޖިބެއްކަމަށް ގަބޫލުކޮށް، ތައުބާވެ ނަމާދު ކުރަން ފައްޓައިފުމަށްދާންދެން އެފަދަ މީހުންވާނީ ކާފިރުން ކަމުގައެވެ. މިއާޚިލާފަށް؛ ނަމާދަކީ ވާޖިބު އަޅުކަމެއްކަމަށް އިންކާރުނުކުރާ، އެހެންނަމަވެސް ކަންނެތްކަމުން ނުވަތަ ފަރުވާ ކުޑަކަމުގެ ސަބަބުން ނަމާދު ނުކުރާ މީހުން ވަރަށް ގިނައެވެ. މިފަދަ މީހުންގެ ހުކުމާމެދު ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވެފައިވެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ފުރަތަމަ ބުނެވުނު މީހުންނެކޭ އެއްގޮތަށް މިފަދަ މީހުންވެސް ދީނުން ބޭރުވާނެއެވެ. އެހެންނަމަވެސް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިފަދަ މީހުންނަކީ ކާފިރުންނެއްނޫނެވެ. ދީނުން ބޭރުނުވިޔަސް އެފަދަ މީހުން އެކުރަނީ ބޮޑު ފާފައެކެވެ. އެފަދަމީހާ ލަސްނުކޮށް ތައުބާވެ އިސްލާހުވާންޖެހޭނެއެވެ.

އެކިއެކި މުނާސަބަތުތަކުގައި މެނުވީ ނަމާދު ނުކުރާ މީހުންވެސް އުޅެއެވެ. މީގެ މިސާލަކީ ހުކުރު ނަމާދު ކުރުން، ނުވަތަ ރަމަޟާންމަހު ނަމާދު ކުރުން، ނުވަތަ ޢީދު ނަމާދު ކުރުން، ނުވަތަ ދެރަކަމެއް މެދުވެރިވުމުން ނަމާދު ކުރުން ނޫނިވިއްޔާ ވަކިކަމެއް ހާސިލުކުރަން އުޅޭއިރު ނަމާދު ކުރުންފަދަ އެކިއެކި މުނާސަބަތުތަކާ ގުޅިގެން ނަމާދު ކުރުމެވެ. މިއީ ﷲ އަށް ޚިޔާނާތްތެރިވާ މީހުންނެވެ. ދެން އުޅޭ އަނެއްބަޔަކީ ސިއްހަތު ސަލާމަތުން ހުންނައިރު ބަރާބަރަށް ނަމާދުކުރާ، އެހެންނަމަވެސް ބަލިވެއްޖެނަމަ ނަމާދު ނުކުރާ މީހުންނެވެ. ބަލި ކިތަންމެ ބޮޑުވިޔަސް ބުއްދި ފިލައިނުދާނަމަ، އެމީހަކަށް ކުޅަދާނަވީ ގޮތަކަށް ކޮންމެ ނަމާދެއްވެސް އެ ނަމާދެއްގެ ވަގުތުގެތެރޭގައި ކުރަންޖެހޭނެއެވެ. ނަމާދު އަދާކުރުމުގައި ބަލިމީހުންނަށް ލުއިފަސޭހަ ގޮތްތައް ދީނުގައި ކަނޑައަޅުއްވާފައިވެއެވެ.

ބައެއް ނަމާދުތަކަށް ފަރުވާތެރިވެ އަނެއްބައި ނަމާދުތަކަށް ފަރުވާ ކުޑަކުރާ މީހުން މަދުންނަމަވެސް އުޅެއެވެ. އެގޮތުން މީހުން އެންމެ ބޮޑަށް ފަރުވާކުޑަކުރާ ދެނަމާދަކީ ޢިޝާ ނަމާދާއި ފަތިސް ނަމާދެވެ. މިއީ މުނާފިޤުކަމުގެ ސިފައެއްކަމަށް ހަދީސްގައި އައިސްފައިވެއެވެ. "ހަމަކަށަވަރުން، މުނާފިޤުނަށް އެ ދެނަމާދު ކުރުމަށް އެންމެ އުނދަގޫ ދެނަމާދަކީ ޢިޝާނަމާދާއި ފަތިސްނަމާދެވެ. އެ ދެނަމާދުގެ ދަރުމައާއި ސަވާބު އެބައިމީހުންނަށް އެނގޭނަމަ (ބިންމަތީގައި) ފިރުކިފައިނަމަވެސް އެ ދެނަމާދަށް އެބައިމީހުން އައީސްކަން ކަށަވަރެވެ."

އެމީހެއްގެ ރަށުގައި ނުވަތަ ގައުމުގައި ހުންނައިރު ނަމާދަށް ފަރުވާތެރިވާ، ނަމަވެސް އެހެން ރަށަކަށް ނުވަތަ ގައުމަކަށް ދިއުމަށްފަހު ނަމާދު ނުކުރާމީހުން އުޅެއެވެ. ތިމާ ދިރިއުޅޭ ތަންނޫން އެހެންތަނަކަށް ދިއުމަކީ ތިމާގެ މައްޗަށް ފަރުޟުވެފައިވާ ނަމާދު ކުރުން ދޫކޮށްލެވޭނޭ އުޒުރެއްނޫނެވެ. ތިމާވީ ކޮންމެ ތަނެއްގައިވެސް ﷲ އަށް ތަޤުވާވެރިވުމަށް އަންގަވާފައިވެއެވެ. ހިކިފަސްތަނެއްގައި ހުންނައިރު ނަމާދު އަދާކުރާ، އެހެންނަމަވެސް ދަތުރެއް ކުރާނަމަ ދަތުރުމަތީގައި ނަމާދު ނުކުރާ މީހުންވެސް އުޅެއެވެ. ދަތުރުވެރިޔާވެސް ނަމާދުގެ ވަގުތުގެތެރޭގައި ނަމާދު އަދާކުރުން ވާޖިބުވެގެންވެއެވެ. އޭނާ ބޭނުންވެއްޖެނަމަ ނަމާދުކުރުމުގައި ދަތުރުވެރިޔާއަށް އިސްލާމްދީނުގައި ދެއްވައިފައިވާ ލުއިފަސޭހަކަމުގެ ބޭނުން ކުރެވިދާނެއެވެ.

ނަމާދުކުރުމުގައި އެންމެ ހެޔޮވެގެންވާ ބަޔަކީ ނަމާދުގެ ވަގުތަށް ފަރުވާތެރިވެ ނަމާދުގެ ރުކުންތަކާއި، ޝަރުޠުތަކާއި، ވާޖިބުތަކާއި، އަދި ސުންނަތްތަކަށް ރައްކާތެރިވެގެން ހުރެ ބަރާބަރަށް ނަމާދު ޤާއިމު ކުރާމީހުންނެވެ. މިފަދަމީހުންނަށް ﷲ ގެ ފޮތުގައި މަދަޙައިގެ ބަސްފުޅު ވަޙީކުރައްވައި، އެބައިމީހުން ކާމިޔާބުވެއްޖެކަމުގައި އަންގަވާފައިވެއެވެ. ޖަމާޢަތުގައި، މިސްކިތުގައި ކުރެވޭ ނަމާދަށް ރައްކާތެރިވެ ބަންގީގެ އަޑަށް ޖަމާޢަތަށް ހާޒިރުވެ ފުރަތަމަ ތަކުބީރާއެކު ނަމާދުގައި ބައިވެރިވެ ނަމާދު ޤާއިމު ކުރާ މީހުންނަކީވެސް މަތިވެރިވެގެންވާ ސަވާބާއި ދަރުމަ ހޯދައިފި ބައެކެވެ. ހަދީސްގައި އައިސްފައިވެއެވެ. "ނަމާދުގެ ޖަމާޢަތުގެ ފުރަތަމަ ތަކުބީރުގައި ބައިވެރިވެގެން، ސާޅީސް ދުވަހު ޖަމާޢަތުގައި ނަމާދުކޮށްފިމީހާ ދެކަމަކުން ރައްކާތެރިވެ (ބަރީއަ) ވެގެންވާ ކަމަށް ލިޔުއްވައިފިއެވެ. އެއީ ނަރަކައިގެ އަޒާބުން ރައްކާތެރި ކޮށްދެއްވުމާއި، މުނާފިޤުކަމުން ރައްކާތެރި ކޮށްދެއްވުމެވެ."

ބައްޕަ ނުވަތަ މަންމަ ނުވަތަ އެނޫންވެސް މީހަކު ދެކެ ގަންނަ ބިރެއްގެ ސަބަބުން ނަމާދު ކުރާ މީހުންވެސް އުޅޭކަން ފާހަގަވެއެވެ. މިފަދަ މީހުން އެމީހަކު އެ ބިރުގަންނަ ފަރާތެއް ނެތް ހާލަތުގައި ނަމާދު ކުރުމާ ދުރުހެލިވެއެވެ. މިއީ މުނާފިޤުކަމުގެ ޢަމަލެކެވެ. އިޚުލާޞްތެރި މުއުމިނުން ނަމާދުކުރާނީ ހަމައެކަނި ﷲ އަށްޓަކައެވެ. ބަރާބަރަށް ނަމާދު އަދާކުރިނަމަވެސް ނަމާދުގެ ސަވާބުން މަދު މިންވަރެއް ލިބޭ މީހުންނަކީ ނަސީބު ދެރަ ބައެއްކަމުގައި ބުނެވިދާނެއެވެ. މިފަދަމީހުން ނަމާދުގެތެރޭގައި ވީނަމަވެސް އެމީހުންގެ ވިސްނުމާއި ޚިޔާލުތައްވާނީ އޭނާގެ ދުނިޔެވީ މަސައްކަތްތަކާ ގުޅުވާލެވިފައެވެ. މިސާލަކަށް، އޭނާ ކުރަން ފަށާފައިވާ މަސައްކަތަކާމެދު ޚިޔާލުކޮށްފާނެއެވެ. ނުވަތަ ކުރަން ރާވާފައިވާ ކަމަކާމެދު ޚިޔާލު ކޮށްފާނެއެވެ. މިފަދަ މީހުންގެ ކިބައިގައި ޚުޝޫޢަތްތެރިކަމާއި، ﷲ އަށް ބިރުވެތިވުމާއި، ނަމާދުގައި ﷲ ތަޢާލާއަށް ހިތްނިޔަތް ޚާލިޞް ކުރުމުގެ ސިފަ ނެތުމުގެ ސަބަބުން އެބައިމީހުންނަށް ނަމާދުގެ ސަވާބުން މަދު މިންވަރެއްމެނުވީ ނުލިބޭނެއެވެ.

ޖަމާޢަތުގެ ނަމާދުގައި ބައިވެރިވި ނަމަވެސް ފުރަތަމަ ސަފުން ނުވަތަ ކުރީ ސަފަކުން ޖާގަ ހޯދަން މަސައްކަތްނުކޮށް ފަހަތަށް ޖެހޭ މީހުން މިސްކިތުން ފެންނާނެއެވެ. މިފަދަ މީހުންނަށް ފުރަތަމަ ސަފުން ނުވަތަ ކުރީ ސަފަކުން ޖާގައެއް ލިބެން އޮތަސް އެތަނަށް ނުގޮސް އެހެންމީހުންނަށް ތަންދައްކަން ތިބެއެވެ. ނަމާދުގައި އެންމެ އެދެވިގެންވަނީ ފުރަތަމަ ސަފުން ނުވަތަ ވީހާވެސް ކުރިމަތީގެ ސަފަކުން ޖާގަ ހޯދުމެވެ. ހަދީސްގައި އައިސްފައިވެއެވެ. "ބަންގިއާއި ފުރަތަމަ ސަފުގައި ހުރި ސަވާބާއި ދަރުމަ މީސްތަކުންނަށް އެނގޭނަމަ، ދެން އެކަން ކުރުމަށް ގުރުއަތުލުން ފިޔަވައި އިތުރުގޮތެއް ނެތް ނަމަ އެކަން ކުރުމަށްޓަކައި އެބައިމީހުން ގުރުއަތުވެސްލީހެވެ. (އެބަހީ: ބަންގި ގޮވާމީހާއަކީ ތިމާކަމުގައިވުމަށާއި، ޖަމާޢަތުގެ ފުރަތަމަ ސަފުން ޖާގަ ހޯދުމަށް އެހާވެސް ބޮޑަށް މީސްތަކުން މަސައްކަތް ކުރީހެވެ.)

ނަމާދުގައި ސިއްރުން ކިޔަންޖެހޭ ތަކެތި ބާރަށް ކިޔުމުގެ ސަބަބުން އެހެންމީހުންނަށް އުނދަގޫވާ ގޮތަށް ނަމާދު ކުރާމީހުންނާވެސް ދިމާވާނެއެވެ. މިފަދަ މީހުންގެ ސަބަބުން އޭނާއާ ޖެހިގެން ހުންނަމީހާއަށް ނުވަތަ އެއަށްވުރެ ތަންކޮޅެއް ދުރުގައި ހުންނަމީހާއަށްވެސް އުނދަގޫކަން އިހުސާސް ކުރަން ޖެހިދެއެވެ. އެގޮތުން ނަމާދުގައި ކިޔަންޖެހޭ ތަކެތި ކިޔުމުގައި އޮޅުންއަރާ ހިސާބަށް އެފަދަ މީހުންގެ އުނދަގޫ ބޮޑުވާ ފަހަރުވެސް އާދެއެވެ. ސާފުތާހިރުކަން ކުޑަ ގޮތެއްގައި ނަމާދަށް ހާޒިރުވާ މީހުންވެސް ކޮންމެވެސް ވަރަކަށް އުޅެއެވެ. އެގޮތުން ސާފުތާހިރުކަން ކުޑަ ހެދުން އެޅުމާއި، ހަށިގަނޑުން ނުވަތަ ފޭރާމުން ނުބައި ވަސްދުވުމާއި، އަނގައިން ނުބައިވަސްދުވުންފަދަ ކަންތައްތައް ފާހަގަކުރެވެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. "އޭ އާދަމުގެ ދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ!"

އަހުރެމެންގެތެރެއިން ކޮންމެ މީހަކުވެސް، ބުނެވިދިޔަ ބައިތަކުގެތެރެއިން ކޮންމެސް އެއްބައެއްގައި ހިމެނޭނެކަން ޔަޤީނެވެ. ނޫނީވިއްޔާ ހަނދުމަހުގެ ފޯވަހިތައް އަންނަފަދައިން އެކި ފަހަރު އެކި ބައިގައި ހިމެނޭ މީހުންވެސް ތިބެދާނެއެވެ. މިލިޔުމުގައި ފާހަގަކޮށްފައިވާ ކަންތައްތަކާމެދު ފުންކޮށް ވިސްނާލައި، އިސްލާހުކޮށްލަންޖެހޭ ކަމެއްވާނަމަ އަވަހަށް ރަނގަޅުކޮށްލަމާ ހިނގާށެވެ!

comment ކޮމެންޓް