އިޓަލީން އައި މީހާ އެކަހެރި ކުރީ އަލާމާތެއް ފެނިގެނެއް ނޫން، އަމިއްލައަށް އެދިގެން

މުޅި ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު އިޓަލީ އިން ރާއްޖެ އަށް ދަތުރުކުރި ދިވެއްސަކު ކޮވިޑް-19 އަށް މޮނިޓާ ކުރުމަށް އެކަހެރިކުރީ ބަލީގެ އަލާމާތެއް ފެނިގެން ނޫން ކަމަށާޢި އޭނާ މަސައްކަތް ކުރާ ތަނުގެ ފަރާތުން އެގޮތަށް އެދުމުން ކަމަށް ޑރ. ނިޔާފް ވިދާޅުވެއްޖެ އެވެ.

އެމީހާ އެކަހެރި ކުރުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައި ވަނީ އެމީހާ ކޮވިޑް-19 އަށް މޮނިޓާ ކުރުމަށް އެކަހެރިކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް މިހާތަނަށް ދީފައެއް ނުވެ އެވެ.

ނަމަވެސް އެކަމާ ގުޅިގެން ޑރ. އަބްދުﷲ ނިޔާފް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމީހާ އިޓަލީން އެނބުރި އައުމުން އޭނާ 14 ދުވަހު އެކަހެރި ކުރުމަށް އެދުނީ އޭނާ ވަޒީފާ އަދާކުރާ ތަނުގެ ފަރާތުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އޭނާގެ ފަރާތުން ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށް ވެސް ނިޔާފް ވިދާޅުވި އެވެ.

އޭނާ އެކަހެރި ކޮށްފައި ހުންނަ މުއްދަތުގައި މުސާރައިން އުނި ނުކުރާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ނިޔާފްގެ ޓުވީޓުގައިވެ އެވެ. އަދި ބަލި ފެތުރޭ ސަރަހައްދުތަކުން އަންނަ މީހުން އަމިއްލައަށް ކަރަންޓީނު ވުމަށް ވެސް އޭނާ ވަނީ ހިތްވަރު ދެއްވައިފަ އެވެ.

އިޓަލީ އަކީ ބަލި ފުރަތަމަ ފެނުނު ގައުމު ކަމުގައިވާ ޗައިނާއަށް ފަހު ބަލީގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާ ގައުމެވެ. އިޓަލީގައި ކޮވިޑް19 ޖެހިގެން 107 މީހަކު ވަނީ މަރުވެފަ އެވެ.

މުޅި ދުނިޔޭގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މިހާރު 95,000 އަށް ވުރެ އިތުރުވެފައިވާ އިރު، އެ ބަލީގައި 3,287 މީހަކު ވަނީ މަރުވެފަ އެވެ. އަދި މަރުވި މީހުންގެ ތެރެއިން 3،013 މީހުންނަކީ ޗައިނާގައި ތިބި މީހުންނެވެ.

comment ކޮމެންޓް