ގޮނޑުދޮށް ހިމާޔަތްކުރަން ވަގުތީގޮތުން އެޅޭނެ ފިޔަވަޅުތަކާ ގުޅިގެން ލަފާދީފި

އެންވަޔަރަމެންޓު މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވ. އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގެން އެ ރަށްތަކުގެ ތިމާވެށީގެ ހާލަތު ބައްލަވާލައްވައި، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ވަގުތީގޮތުން އެޅެން ހުރި ފިޔަވަޅުތަކާއި ގުޅޭގޮތުން ރަށު ކައުންސިލްތަކަށް ލަފާ އަރުވައިފިއެވެ.

ވ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުގައި މިނިސްޓަރު ވަޑައިގެންނެވީ އެ އަތޮޅު ފުލިދޫ، ތިނަދޫ، ރަކީދޫ އަދި ކެޔޮދޫ އަށެވެ.

މިނިސްޓަރުގެ މި ދަތުރުގައި އެ ހަތަރު ރަށުގެ ކައުންސިލާ ބައްދަލުކުރައްވައި އެ ރަށްތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

އެގޮތުން މި ދުވަސްވަރަކީ ރާއްޖޭގެ ގިނަ ރަށްތަކެއް ގިރަމުންދާ ދުވަސްވަރަކަށްވާތީ، މިނިސްޓަރު ވަނީ އެ ރަށްތަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައި އެ ހަތަރު ރަށުގެ ރަށްގިރާ ސަރަހައްދު ބައްލަވާލައްވާފައެވެ.

އަދި މިނިސްޓަރުގެ އިތުރުން މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ވަނީ ކައުންސިލްތަކާއި ބައްދަލުކޮށް ރަށްގިރުމުގެ މައްސަލަތަކަށް އެދެވިގެންވާ ހައްލުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެގޮތުން ހުރަސް ތޮށި ޖެހުމުން ލިބޭ ގެއްލުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ރަށު އަދި އަތޮޅު ފެންވަރުގައި ވަގުތީގޮތުން އެޅެން ހުރި ފިޔަވަޅުތަކާއި ގުޅޭގޮތުން ކައުންސިލަށް ވަނީ ލަފާ އަރުވާފައެވެ.

އެގޮތުން ވެލި ބަސްތާ ޖެހުން ފަދަ ކަންތައްތައް ރަށު އަދި އަތޮޅު ފެންވަރުގައި ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރިއެވެ.

މިއީ ރާއްޖޭގެ ރަށްތަކުގެ ތިމާވެށީގެ ހާލަތު ބެއްލެވުމަށް ސިލްސިލާގޮތެއްގައި ކުރައްވަމުން ގެންދަވާ ދަތުރުތަކެއް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ރަށްގިރާ ސަރަހައްދުގެ އިތުރުން މިނިސްޓަރު ވަނީ އެ ހަތަރު ރަށުގެ ކުނީގެ މައްސަލަވެސް ބައްލަވާލައްވައި އެ ކަންކަމާއި ގުޅޭގޮތުން ކައުންސިލްތަކާއި މަޝްވަރާކުރައްވައިފައެވެ.

ފެބްރުއަރީ 28 އިން 29 އަށް މިނިސްޓަރު ކުރެއްވި މި ދަތުރުގައި ކައުންސިލްތަކާއި ބައްދަލުކޮށް، ސްކޫލްތަކުގެ ދަރިވަރުން ތިމާވެށީގެ ކަންތައްތަކަށް ހޭލުންތެރިކުރުމަށް ޕްރޮގްރާމްތައް ހިންގުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.

comment ކޮމެންޓް