ރައްޔިތުން އެދެނީ ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުން އަވަހަށް ނިމުން: ފުވައްމުލަކު މޭޔަރު

ފުވައްމުލަކު ގޮނޑުދޮށް ސަރަހައްދު ރައީސް ބައްލަވައިލައްވަނީ --

ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ރަނގަޅަށް ހިނގަމުން އަންނަކަމަށާއި ކަނޑައެޅިފައިވާ މުއްދަތުގައި މަސައްކަތް ނިމޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އެ ސިޓީގެ މޭޔަރު އިސްމާއިލް ރަފީގް ވިދާޅުވެއްޖެއެވެ.

ރަށް ގިރުމުގެ މައްސަލައަކީ ފުވައްމުލަކަށް ކުރިމަތިވެފައި އޮތް ދުވަސްވީ މައްސަލައެކެވެ.

މަޝްރޫއުގެ މަސައްކަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ރަފީގް ވިދާޅުވީ މިހާރު ކުރިއަށްދަނީ ބަނދަރު ސަރަހައްދުގައި ބޮޑު ހިލަ ޖެހުމާއެކު ތޮށިލުމުގެ މަސައްކަތް ކަމަށެވެ.

އޭނާ ވިދާޅުވީ ސިޓީގެ ރައްޔިތުން ބޭނުންވަނީ ވީހާ ވެސް އަވަހަކަށް މަޝްރޫއު ނިންމަން ކަމަށެވެ.

އޭނާ ވިދާޅުވީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން ހިލަޖެހި ނަމަވެސް ބައެއް ސަރަހައްދުތަކުން މޫދަށް ވެސް ފޭބޭގޮތަށް ހުންނާނެކަމަށެވެ.

"އެއީ ކައުންސިލްގެ ވެސް އަދި ރައްޔިތުން ވެސް ބޭނުންވާ ގޮތް. ދެން ވީހާ ވެސް އަވަހަށް މި މަސައްކަތް ނިމުން އެއީ ރައްޔިތުންގެ ވެސް އުންމީދު. ނަމަވެސް އެކި ސަބަބުތަކާހެދި މަސައްކަތް ފެށުމަށް ކުޑަކޮށް ލަސްތަކެއްވި. ޑިޒައިންގެ ލަސްކަމާއި އެ ފަދަ ކަންކަން،" ރަފީގް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ސީޓިގެ ބައެއް ސަރަހައްދުތަކުން 60 ފޫޓަށް ވެސް ވެލިގަނޑު ގިރައިފައި ހުރިކަމަށެވެ. ހަމައެއާއެކު މޫސުން ގޯސްވެ ދިޔަވަރު ބޮޑުވުމުން ފެންބޮޑުވުން ފަދަ ހާދިސާތައް ހިނގާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފުވައްމުލަކު ގޮނޑުދޮށުން ބޮޑު ސަރަހައްދެއް ގިރައިފައި -- ފޮޓޯ/ ސޯޝަލް މީޑިއާ

"ދެން ބައެއް ސަރަހައްދުތަކުގައި ވަަޅު ފެން ވެސް އެބަ ލޮނުވޭ. ރަށްގިރުމުގެ ނުރައްކާތެރިކަމާ ކުރިމަތިލާންޖެހޭ ވަރަށް ބޮޑަށް،" ރަފީގް ވިދާޅުވިއެވެ.

މި ސަރުކާރުން ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަވާލުކުރީ ޑެންމާކުގެ ކުންފުންޏެއް ކަމަށްވާ އެމްޓީ ހޯގާޑުއާއެވެ.

މި މަޝްރޫއަށް ފައިސާ ހަމަޖައްސައިފައިވަނީ ސަރުކާރުގެ ބަޖެޓުންނާއި ނެދަލެންޑްސްގެ ގްރާންޓް އެހީގެ އިތުރުން ކުވައިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ލޯނު އެހީގެ ތެރެއިންނެވެ.

މި މަޝްރޫއަށް ޖުމުލަ 300 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވެއެވެ.

މިނިސްޓަރު އަސްލަމާއި ނެދަލޭންޑްސްގެ ސަފީރު، ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އިފްތިތާހުކޮށްދެއްވަނީ -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

މަޝްރޫއުގެ މަސައްކަތަށް ފައިނޭންސް ހޯދުމަށް ދެހާސް ސަތާރަވަނަ އަހަރު ކުރީގެ ސަރުކާރުންވަނީ ނެދަލޭންޑްސް ސަރުކާރާއި ކުވެއިތު ފަންޑާއެކު ސޮއި ކޮށްފައެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ 2021ވަނަ އަހަރުގެ ޑިސެމްބަރުގެ ތެރޭގައެވެ. އަހަރެއްހާ ދުވަސް ފަހުން އަމަލީ މަސައްކަތް ފެށުނީ މިދިޔަ ޑިސެމްބަރުގައެވެ.

މިއީ މަސައްކަތް ފަށައިތާ 606 ދުވަހުގެ ތެރޭ ނިންމަންޖެހޭ މަސައްކަތެކެވެ.

މަޝްރޫއުގެ ތެރެއިން އެ ސިޓީގެ ބަނދަރުގެ އުތުރު ފަރާތުން ފެށިގެން ރަށުގެ އިރުމަތީ ފަރާތުގައި 2،650 މީޓަރުގެ ބޮޑުހިލަ ތޮއްޓެއް ގާއިމްކުރާނެއެވެ.

comment ކޮމެންޓް