އަމީނިއްޔާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފިރިހެން ކެޕްޓަނެއް ހޮވައިފި

އަމީނިއްޔާ ސްކޫލްގެ ކެޕްޓަނަށް ހޮވުނު ޖޫދު ( ފިރިހެން ކުދިންގެވާތުގައި) ސްޓޫޑަންޓް ކައުންސިލްއަށް ހޮވުނު އެހެން ދަރިވަރުންނާ އެކު--- ފޮޓޯ: އަމީނިއްޔާ

އަންހެންކުދިންގެ ސްކޫލެއްގެ ގޮތުގައި ކުރިން އޮތް އަމީނިއްޔާ ސްކޫލުގައި ފުރަތަމަ ފަހަރަށް ފިރިހެން ކެޕްޓަނެއް ހޮވައިފި އެވެ.

އިއްޔެ އެ ސްކޫލްގެ ސްޓޫޑަންޓަ ކައުންސިލްއަށް ހޮވުނު ދަރިވަރުން ވަނީ ހުވާކޮށްފަ އެވެ.

އެގޮތުން ކެޕްޓަންގެ މަގާމަށް ހޮވިފައި ވަނީ މުހައްމަދު ޖޫދު ޖާވިޒްއެވެ. އަދި ޑެޕިއުޓީ ކެޕްޓަންގެ މަގާމަށް ހޮވައިފައި ވަނީ އަހުމަދު މިޖްވަލް ނަވާޒް އެވެ.

އޭގެ އިތުރުން ގޭމްސް ކެޕްޓަންގެ މަގާމަށް އަހުމަދު ޝަހުރު ވެސް ވަނީ ހޮވައިފަ އެވެ.

ސްކޫލްގެ ޑެޕިއުޓީ މަގާމަށް ހޮވިފައި ވަނީ އާއިޝަތު ލުލްވާއެވެ.

އެ މަގާމުތަަކަށް ދަރިވަރުން ހޮވާފައިވަނީ ގްރޭޑް ހަތެއް އަށެއް ނުވައެއް އަދި ދިހައެއްގެ ދަރިވަރުންގެ މެދުގައި ނެގި ވޯޓާއި ޓީޗަރުންގެ ފީޑްބެކްއާއި އިތރުރު ހަރަކާތްތަކަށާއި ހާޒިރީއާއި އެހެނިހަން ކަންކަމަށް ބެލުމަށްފަހު އެވެ.

ޒަމާންތަކެއް ވަންދެން އަންހެން ދަރިވަރުންނަށް ހާއްސަ ސްކޫލެއްގެ ގޮތުގައި އޮތް އަމީނިއްޔާ ސްކޫލަށް މިދިޔަ އަހަރު 75 އަހަރު ފުރުނު އިރު 2010 އިން ފެށިގެން އެ ސްކޫލްގައި ފިރިހެން ދަރިވަރުން ވެސް އަންނަނީ ކިޔަވަމުންނެވެ.

އަންހެން ދަރިވަރުންނަށް ހާއްސަކޮށް "މަދަރަސަތުލް ސަނިއްޔާ"ގެ ނަމުގައި އެ ސްކޫލް ހުޅުވީ 1944 ވަނަ އަހަރު އެވެ. ނަމަވެސް ފަހުން އެ ސްކޫލްގެ ނަން މިހާރުގެ ނަމަށް ބަދަލުކުރި އިރު އެ ސްކޫލްގެ ނަން ނިސްބަތްވަނީ ރާއްޖޭގެ ފުރަތަމަ ރައީސް، ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަށެވެ.

comment ކޮމެންޓް