"އަހަރެން ވަރިކުރޭ" ކެތް ނުކުރެވިގެން ވީ ދެރައިން އައިރީންއަށް ބުނެވުނެވެ. އެއަޑަށް އިޔާންގެ ފިޔަވަޅުތައް މަޑުވިއެވެ. އޭނާ އެނބުރި އައިރީންއަށް ބަލާލިއެވެ.
ނޭނގޭ ސަބަބަކާހުރެ އިޔާންގެ ހިތުގެ ހިނގުން ބާރުވިއެވެ. މީހާއަށް ޝޮކެއް ލިބުނެވެ. އޭނާ އައިރީން އެހެން ބުނެފާނެކަމަށް ފަހަރެއްގައިވެސް ހީކޮށްފައެއް ނެތެވެ. އައި ރުޅީގައި މޭޒުމަތީގައި ހުރި އެއްޗެހީގައި އަތުން ޖަހާ ވަރާލުމަށްފަހު ބާރު ބާރަށް ދޮރުޖަހާފައި އިޔާން ނުކުމެގެން ގޮސް ކާރަށް އެރިއެވެ. ކާރު ދުއްވައިލީ މި ވަގުތު އޭނާ އެކަނިވެލަން ބޭނުންވެފައި ހުރި ވަރުންނެވެ. އޭނާގެ މިސްރާބުހުރީ އޮފީހާ ދިމާލަށެވެ. ކެބިންއަށް ވަދެ ގޮނޑީގައި އިށީނދެފައި ބޮލުގައި ހިފައްޓާލިއެވެ. މީގެ ކުރިން އައިރީން ގެ ދުލުން އެހެން ބުނޭތޯ އޭނާ ހާދަ މަސައްކަތެއް ކޮށްފިއެވެ. އެހެންނަމަވެސް މިއަދު އައިރީން އެހެން ބުނުމުން އޭނާގެ ހިތަށް ވެގެން ދިޔަ ގޮތުން ޚުދު އޭނާވެސް ހައިރާން ވިއެވެ. އޭނާގެ ހިތުގެ އިޙްސާސްތައް މާނަ ކުރާނީ ކިހިނެތްހެއްޔެވެ؟.
ކުޑަކޮއް ހަޅޭއްލަވައިގަނެފައި ވެސް އޭނާ މަޑުޖެހިލީ އިޙްސާސްތައް ކޮންޓްރޯލް ކުރުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް އިރު އިރުކޮޅުން ސިކުނޑީގައި އައިރީން ވަރިކުރާށޭ ބުނި ބަސް ދައުރުވާން ފަށާތީ އޭނާއަށް ރުޅިއާދެވެއެވެ. ގޮނޑިން ތެދުވެގެން ގޮސް ފައިލްތައް އަޅާފައި ހުރި ހަރުގަނޑު ކައިރީގައި މަޑުޖެހިލުމަށްފަހު ވެސް ފުންކޮން ދެތިން ނޭވާ ލިޔެވެ.
"އަހަރެން ވަރިކުރޭ" އައިރީންގެ އެ ބަސްތައް ކަންފަތުގައި ގުގުމާލީ އަނެއްކާވެސް އެވަގުތެވެ. އައި ރުޅީގައި އެއްބައިގައި ހުރި ފައިލްތައް އޭނާ އަތުން ޖެހި ޖެހީނުން ވަރާލިއެވެ. އެ ވަގުތު ކޮންމެވެސް ފައިލެއްގެ ތެރެއިން ޕެންޑްރައިވްއެއްވެސް ވެއްޓުނެވެ. އޭނާ އިރުކޮޅަކު އެ އަށްބަލަން ހުރުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. އެއްޗެއްސަށް ގެއްލުން ދެވުމުން ހަމައަކަށް އެޅުނީ ކަންނޭ ގެއެވެ. ފައިލްތައް އެއްފަރާތް ކޮށްލުމަށްފަހު ޕެންޑްރައިވް ނެގިއެވެ. އެއަށް ބަލަން ހުރުމަށްފަހު ދެކޮނޑު އުފުލާލީ އެތަނުގައި އެ އޮންނަން ޖެހޭނެ ސަބަބެއް ނޭނގޭތީއެވެ. ރަތް ކުލައިގެ ފައިލާއި ޕެންޑްރައިވް ހިފައިގެން އައިސް އޭނާ ގޮނޑީގައި ޖައްސާލިއެވެ. އޭގައި އޮތް އެއްޗެއް ބެލުމުގެ ޝައުގުވެރިކަމާއެކު އޭނާ ލެޕްޓޮޕް ހުޅުވާލާފައި ޕެން ޑްރައިވް ޖަހާލީ ފަހަރެއްގައިވެސް އޭގެން އޭނާއަށް ފެންނަ އެއްޗެއްގެ ސަބަބުން އިންގިލާބީ ބަދަލެއް އޭނާގެ ހަޔާތަށްވެސް އަންނާނެކަން ނޭނގޭ ހާލުގައެވެ.
ޕެންޑްރައިވް އަކީ އަށް ޖީބީގެ ޕެންޑްރައިވްއެއް ނަމަވެސް އޭގައި އިނީ އެންމެ ފޯލްޑާއެވެ. އޭގައި ވެސް ވަނީ އެންމެ ވީޑިއޯއެކެވެ. ޕެން ޑްރައިވް ވެއްޓުނު ފައިލަށް ބަލާލުމަށްފަހު އެ ވީޑިއޯ ޕްލޭ ކުރުމުގެ ކުރިން އޭނާ އެ ފައިލް ހުޅުވާލީ ފަހަރެއްގައިވެސް އޭގެން ފެންނަން ބޭނުންނުވާ ފަދަ އެއްޗެއް ފެނިދާނެކަމަކަށް ނޫނެވެ. ފުރަތަމަވެސް ލޮލުގައި އަޅައިގަތް ނަމާއެކު އޭނާގެ ޝައުގުވެރިކަން އެ ފައިލުގައި ހުރި ގަނޑުތަކަށް ދަތުރު ކުރަން ފެށިއެވެ. އޭނާ މަޑުމަޑުން އޭގައި ހުރި އެއްޗެއް ކިޔަން ފެށިއެވެ. އޭސީގެ ފިނީގެ ތެރޭގައިވެސް އޭނާ ދާހިއްލަން ފެށިއެވެ. ބުނެދޭން ނޭނގޭ އިޙްސާސްތަކަކުން އޭނާގެ ހަށިގަނޑު އެކީ ހާސްކުރުވަމުން ދިޔައެވެ. ޖެހިގެން އިން ގަނޑަށް އެއްލާ އެ ވެސް ކިޔާލިއެވެ. ޖެހިގެން އޮތްބައި ކިޔާހިތުން އޭނާ ގަނޑު އެއްލި ނަމަވެސް އިތުރު ގަނޑެއް އެ ފައިލުތެރޭގައި ނެތެވެ. ދެން އޭނާގެ ދެލޯ ދަތުރު ކުރީ އަނެއްކާވެސް ލެޕްޓޮޕްގެ ސްކްރީނަށެވެ.
މަޑުމަޑުން މައުސް އަށް ކްލިކް ކޮށްލާ އޭނާ އެ ވީޑިއޯ ޕްލޭކޮށްލިއެވެ. ފުރަތަމަ ކޮޅު ވީޑިއޯ ތަންކޮޅެއް ނުސާފުކޮށް ހުރިނަމަވެސް ފަހުން ފަހުން އައިސް ވީޑީއޯ ސާފުވިއެވެ. އެ ބަލަމުން ދިޔަ ވަރަކަށް އޭނާގެ ދެލޯ ވެސް ދިޔައީ ބޮޑުވަމުންނެވެ. ނޭވާ އަވަސްވެގެން ދިޔައެވެ. އިރުއިރުކޮޅަކާ ދާތިކިތައް ފުހެލައެވެ. އިޙްތިޔާރަކާ ނުލާ އޭނާގެ ލޮލުން ކަރުނަވެސް ހިލިއްޖެއެވެ. ގޮށްމުށުން މޭޒުމަތީގައި ޖަހާވެސް ލެވިއްޖެއެވެ. ހަމަ އެވަގުތު ކޮޅު އަމިއްލަ ނަފްސު ދެކެވެސް އޭނާ ރުޅިއަތުވެއްޖެއެވެ. ވީޑިއޯ އެކީ ބަލާ ނިންމާލުމަށްފަހު ގޮނޑިން ތެދުވެ ދެކޮޅަށް ހިނގަން ފެށިއެވެ. އިތުރަށް ވެރިފައި ހުރި ފައިލްތައް ކައިރީ އިށީނދެ އޭގައި އިތުރު އެއްޗެއް ލިޔެފައި އޮތް ތޯ ބެލިއެވެ. ހަރުގައި ހުރި ފައިލްތައްވެސް ބެލިއެވެ. އެހެންނަމަވެސް އެކަމާ ގުޅޭ އެއްވެސް ލިޔެ ކިޔުމެއް ނެތެވެ. މުޅިންވެސް ހުރީ ކުންފުންޏާއި ގުޅޭ ލިޔެ ކިޔުންތަކެވެ.
ބޮލުގައި ހިފައްޓާލާފައި އޭނާ ފޯނު ނަގާ އެއަށް ނަޒަރު ހުއްޓާލައިގެން ހުރެރައި މީހަކަށް ގުޅަން އުޅުނެވެ. އެހެންނަމަވެސް ވިސްނުން ބަދަލު ކޮށްލުމަށްފަހު އޭނާ އެ ފައިލާއި ޕެންޑްރައިވް ހިފައިގެން އޮފީހުން ނުކުމެގެން މިސްރާބު ޖެހީ ގެއަށް ދިޔުމަށެވެ.
ކާރަށް އަރާ އިންޖީނު ސްޓާރޓް ކޮށްލަމުން ވެސް ފުންނޭވާއެއް ދޫކޮށްލިއެވެ. ކާރު ދުއްވުނީވެސް އެހެންޏާ ދުއްވާ ވަރަށް ވުރެ ބާރަށެވެ. ދަންވެފައި ހުރުމުން ދުއްވާއެއްޗެއްވެސް ފެންނަނީ ވަރަށް މަދުންނެވެ. ގޭގެ ގޭޓުން ކާރު ވައްދާލާފައި ގޮސް ޕާރކުކޮށްލާފައި އިޔާން ގޭތެރެއަށް ވަނެވެ. ދުވެފައި ކަހަލަ ގޮތަކަށް ސިޑިން އަރައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ވަށައިގެން ނަޒަރު ހިންގާލިއެވެ. އައިރީން އަށް އިނީ އެނދުގައި ބޯ ޖައްސާލައިގެން ނިދިފައެވެ. އައިރީން އަށް ބަލާލާފައި އަނެއްފަހަރު އަތުގައި އޮތް ފައިލަށް ބަލާލުމަށްފަހު އިޔާން ދެލޯ މަރާލިއެވެ. މޭޒުމަތީގައި އެ ފައިލް އެހަށް ބޭއްދުމަށްފަހު އޭނާ އައިރީންއާއި ދާދި ގާތަށް ގޮސް ހުއްޓުނެވެ. ފުރަތަމަ ފަހަރަށް އޭނާގެ ހިތަށް އާދަޔާ ޚިލާފް ހިތާމަވެރިކަމެއް ވެރިވެގެން ދިޔައެވެ. އަނެއްކާވެސް ބަލާލެވުނީ ފައިލާ ދިމާލަށެވެ. ދެން އައިރީންއަށް ވަރަށް ފުންކޮން ބަލާލި އެވެ. ކޯތާފަތުގައި ކަރުނައިގެ ރޮނގު ހިކިފައިވާއިރު ދެލޯ ވަނީ ދުޅަވެފައެވެ. ނިތް ކުރިމަތީގައި ލޭ ހިކިފައިވާއިރު މޫނުމަތިން ފެންނަނީ އެއްވެސް ދިރުމެއްނެތް ފަދަ ކުލަވަރުތަކެކެވެ. އިޔާން އައިރީންއާއި ދާދި އެއް ހަމައެއްގައި އިށީނދެލުމަށްފަހު މަޑުމަޑުން އައިރީންގެ ނިތުގައި ބޮސް ދިނެވެ. އެ އާދަޔާ ޚިލާފް ވަގުތު ކޮޅު އިތުރަށް ދިގު ދެމިގެން ދާން ބޭނުންވި ނަމަވެސް އޭނާ އަމިއްލަ އިޙްސާސްތައް ކޮންޓްރޯލް ކުރިއެވެ. ދެން ގޮސް ޑްރެސިން ޓޭބަލް ވަތްގަނޑު ހުޅުވާލާފައި ފަސްޓް އެއިޑް ބޮކްސް ނަގައިގެން އައިސް އައިރީން ގާތު އިށީނެވެ. އެއަށްފަހު ކަފަ ކޮޅެއް ނަގާ އެއަށް ބެޓަޑިން އެޅުމަށްފަހު އައިރީންގެ ނިތްކުރިމަތި ސާފުކޮށްލަން އޭނާ އުޅުނެވެ.
ކަފަކޮޅު ޖައްސާލުމާއެކު އައިރީން އަނގަޔަށް ގޮތެއް ހަދާލިއެވެ. އިޔާން އައިރީންއާ އިހުނަށްވުރެ ކައިރިވެލާފައި ފުމެލިއެވެ. އެއަށްފަހު އަނެއްކާވެސް ސާފުކޮށްލަން އަވަސްވެގަތެވެ. އައިރީން ހޭލަފާނެތީވެސް އޭނާ ކަންބޮޑުވިއެވެ. ވީވެސް އެހެންނެވެ. ކުއްލިއަކަށް އައިރީން ސިހިފައި ހޭލުމާއެކު އިޔާން ދިޔައީ ސިއްސައިގެންނެވެ. ޚުދު އައިރީންވެސް މެއެވެ. އިޔާން އެހެން ގުދުވެގެން އޮތް ތަން ފެނި ދެލޯ ބޮޑުކޮށްލެވުނެވެ. އިޔާން ދުރަށް ޖެހިލާ އޭނާ އަތުގައި ހުރި އެއްޗެހި ދައްކައިލިއެވެ.
އައިރީން އިނީ އިޔާންއަށް ވެގެން އުޅޭގޮތް ނޭނގިފައެވެ. ނުކުމެގެން ދިޔައީ އެހާ އަނިޔާ ކޮށްފައެވެ. އެހާ ހިތްދަތިކަން ދީފައެވެ. އައިސް ދިން ފާރުތަކަށް ފަރުވާ ކުރަނީ ވެސް އަމިއްލައަށެވެ.
އިޔާންގެ އަތް ފޮޅުވާލާފައި އައިރީން ތެދުވަން އުޅުނެވެ.
"ވެއިޓް...." އިޔާން އެދުނެވެ.
"ކީކުރަން މިހާރު ތިއުޅެނީ؟" އައިރީން އަހާލިއެވެ.
"އަހަރެން ބުނެފީމެއްނު ވަރި ކުރާށޭ" އައިރީން އެހެން ބުނި އަޑު އަހަން އިޔާންއަށް އުނދަގޫވިއެވެ.
އިޔާން އަށް ނޭނގުނަސް އެހެން ބުނަން އައިރީންއަށްވެސް ހާދަ އުނދަގުލެވެ. ކޮންމެ ފަހަރަކު ވަރި އެ ބަސް އޭނާ ދުލުކުރިއަށް އެގެންނަނީ ހާދަ ހިތްވަރެއް ލައިގެންނެވެ. އިޔާންއަށް އެވަރުވެސް ނުވިސްނެނީ ހެއްޔެވެ؟
އައިރީންއަށް އިރުކޮޅަކު ބަލަން އިނދެފައި އިޔާން އިސްޖަހާލިއެވެ. މީގެ ކުރިން އައިރީންއާ މެދު ކަންތައް ކުރެވުނު ގޮތް އޭނާގެ ސިކުނޑީގައި ދައުރުވާން ފެށިއެވެ. ކޮންމެ ދުވަހެއްގެ ކޮންމެ ސިކުންތެއް ވަކި ވަކިންނެވެ.
"އަމިއްލަ އަތުން އަނިޔާ ދީފައި ބޭސް ނާޅާ ދިނަސް ހެވޭ" އައިރީން ދެބުމަ ގޮށްޖަހާލިއެވެ.
"ސޮރީ..." އިޔާންގެ ދުލުން ފުރަތަމަ ފަހަރަށް މާފަށް އެދުނެވެ. އައިރީންއަށް ޝޮކެއް ލިބުނެވެ. އެއީ ހަމަ އިޔާން ހެއްޔެވެ؟ އެ އަޑުގައި ވަނީ މީގެ ކުރިން އޭނާ ދެކެފައި ނުވާފަދަ މާޔޫސްކަމެވެ. ހިތްދަތިކަމެކެވެ. އިޔާންއަށް ކިހިނެތް ވީހެއްޔެވެ؟ އިޔާންގެ އުޅުން ހުންނަ ގޮތް އޭނާއަށް އެއްގޮތަކަށްވެސް ފަހުމެއް ނުވެއެވެ.
އައިރީން ތެދުވަން އުޅުމުން އިޔާން އައިރީންގެ އަތުގައި ހިފާ އެތަނުގައި ބޭންދިއެވެ.
"ބޭސް އަޅައިދެންދެން މަޑުކޮށްބަލަ" އިޔާން އެދުނެވެ.
"އިޔާންތަ މިހުރިހާ ދުވަހު އަހަންނަށް ލިބޭ އަނިޔާގެ ލަކުނުތަކުގެ ބޭސް އަޅައިދެނީ... މިރޭ ވެގެން އުޅޭ ގޮތެއް ނޭނގުނު..." އައިރީން ބުނެލިއެވެ. ކިތަންމެ ރުޅި އަންނަން ބޭނުން ވިނަމަވެސް އެ އަޑުގައި ވަނީ ހިތާމަވެރިކަމެވެ.
"އަހަރެން ބުނެފީމެއްނު ސޮރީއޭ... ނުބުނެވޭތަ؟" އިޔާން ބުނެލިއެވެ. އޭނާ ބޭސް އަޅަން އުޅުނެވެ.
"ބުނެލާ އެންމެ ސޮރީއަކުން މާފު ދެވޭ ވަރުގެ ކުށެއްތަ އިޔާން ކުރީ؟" އައިރީން ބުނެލިއެވެ. އޭނާވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ.
"އައި އެމް ސޮރީ..." އިޔާން ދެން ވެސް ބުނެލިއެވެ. އޭނާ އެހެން ބުނެފައި އައިރީން ގަދަ ހަދަ ހަދާ އިންދާވެސް ބޭސް އަޅާ ނިންމާލައިފިއެވެ. އެއަށްފަހު ތެދުވެގެން ގޮސް ފަސްޓް އެއިޑް ބޮކްސް އެ ހުރިތަނަށް ލާފައި އައިސް މޭޒުމަތީގައި އޮތް ފައިލް ގެނެސް އެހަށް އެނދުގެ ސައިޑް ކަބަޑަށް ލާފައި ތަޅުލިއެވެ. ތަޅުދަނޑި އައިރީންއަށް ނުފެންނާނެހެން ފޮރުވިއެވެ.
އައިރީން ތެދުވެގެން ގޮސް ސޯފާގައި އިށީނެވެ. އިޔާން އަށް ބަލާލާފައި ސޯފާގައި އޮށޯތެވެ.
"އައިރީން އެނދަށް ދޭބަލަ" އިޔާން އެދުނެވެ.
"މިތަންވެސް އަހަންނަށް އެންމެ ރަނގަޅޭ" އައިރީން އެހެން ބުނެލާފައި ލޯ މަރާލިއެވެ.
"އަހަރެން ބުނީތީ އެނދަށް ދޭބަލަ" އިޔާން އެދުނެވެ. އެތައް އިރަކު އާދޭސް ކުރުމުން ވެސް އައިރީން އެއްޗެކޭ ނުބުނެއެވެ. އެހެންކަމުން އޭނާ ގޮސް އެނދުގައި އިށީނދެގެން އިރުކޮޅަކު ވިސްނަން އިނެވެ. މޮޅު ހިޔާލެއް ވެރިވުމާއެކު އޭނާ ތެދުވެގެން އައިސް އައިރީންއާ ތަންކޮޅެއް ދުރުގައި މަޑުކޮށްލިއެވެ.
"ސޯފާގައި ކުރައްޕެއް" އިޔާން ތަންކޮޅެއް ބާރަށް ބުނެލުމާއެކު އައިރީން ދެލޯ ހުޅުވާލާފައި ހަޅޭއްލަވައިގަނެފައި ސޯފާއިން ތެދުވިއެވެ.
"އާތް! ކޮބާ؟"
ފުރުސަތުގެ ބޭނުން ހިފާ އިޔާން ގޮސް ސޯފާގައި އޮށޯތެވެ.
އިޔާން ހެދި ގޮތް އެނގުމާއެކު އައިރީން ރުޅިއައެވެ. އޭނާ އިޔާންއާ ދިމާލަށް އެއްޗެކޭ ބުނެލާފައި ގޮސް އެނދަށް އަރާ އޮށޯތީ އިތުރަށް ޒުވާބު ކުރާ ހިތް ނެތީތީއެވެ. އެނދުގައި އޮށޯވެ ރަޖާ އަޅާލުމަށްފަހު އޭނާ ނިތްކުރިމަތީގައި އަޅާފައި އިން ބޭސް ގަނޑުގައި އަތް ޖައްސާލިއެވެ. އިޔާންގެ އެ އަމަލުން އެކަނިވެސް އޭނާގެ ހިތަށް ގޮތެއް ވެގެން ދިޔައެވެ. އެ ހިތުގައި އިޔާންގެ މައްޗަށް ވަނީ ބާރުގަދަ އިޙްސާސްތަކެއްކަން އޭނާއަށް އެނގުން ވިއެވެ.
ކާމިޔާބުގެ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން އިޔާން ލޯ މަރާލިއެވެ. އެހެންނަމަވެސް މިރޭ އޭނާއަށް ނިދޭނެ ކަމެއް ނޭނގެއެވެ. ފެނުނު އެއްޗެއްގެ ސަބަބުން އެކީ މޫޑު ހަރާބުވެއްޖެއެވެ. އަމިއްލަ ނަފްސުދެކެވެސް ރުޅި އާދެވުނެވެ. އައިރީންއާމެދު ކަންތައް ކުރެވުނު ގޮތުންނެވެ. ދެން އެ ކަންތައް ބަދަލެއް ނުކުރެވޭނެތާއެވެ. އެހެންނަމަވެސް މާޒީން ލިބުނު ފިލާވަޅުގެ އަލީގައި މުސްތަޤްބަލު އުޖާލާ ކުރެވިދާނެތާއެވެ.
އިޔާން އަށް ނިދުނީ އެތައް ދަމެއް ފާއިތުވެ ދިޔަފަހުންނެވެ. ހޭލެވުނީ ނުވައެއް ޖަހަން އުޅެނިކޮށެވެ. އޭރު އައިރީން ކޮޓަރި ތެރޭގައި އުޅެއެވެ. ގަޑި ބަލާލާފައި ފުންމައިގެން ތެދުވި އިޔާން އައިރީންއަށް ބަލާލިއެވެ.
"ކީއްވެ ނުގޮވީ؟" އިޔާން އަހާލިއެވެ.
"އަހަރެން ގޮވީމަ ކުރިން ރޭ އަހަންނަށް ކުރި އަނިޔާ ހަނދާން ނެތުނީތަ؟" އައިރީން ޖަވާބު ދިނެވެ. އިޔާން ގެ ބަސް ހުއްޓުނެވެ.
"އިޔާން... އަހަރެން އަސްލުވެސް މިހާރު ބޭނުންވަނީ ވަރިވާން... އަހަންނަށް ދެން އިޔާން އާއެކު ނޫޅެވޭނެ... އިޔާން އަހަރެން ވަރި ނުކޮށްފިއްޔާ ކޯޓަށް ވެސް ދާނަން..." އައިރީން ބުނެލިއެވެ.
"ވައި އައިރީން... އަހަރެން ބުނެފިން ދޯ ސޮރީ އޭ... ވަރި ނުވިޔަސް މައްސަލަތައް ހައްލު ކުރެވިދާނެއެއްނު" އިޔާން ވާހަކަ ދެއްކިއެވެ.
"މިހާރު ކީއްވެ އިޔާންގެ ރާގު ބަދަލުވީ؟" އައިރީން އަހާލިއެވެ. އިޔާން ވަކި އެއްޗެއް ނުބުނެއެވެ. އެހެން އިނދެފައި ދެން އޭނާ ވަނީ ފާހާނާއަށެވެ. އައިރީންވެސް ދެފަރާތަށް ބޯ ހޫރާލިއެވެ. އިޔާންދެފަހަރު ދެ އެއްޗެއް ކިޔާތީ އޭނާ ހުންނަނީ ހަދާނެ ގޮތް ހުސްވެފައެވެ.
އެ ދުވަހުގެ ފަހުން އިޔާންގެ އުޅުމަށް ބަދަލުތަކެއް އަންނާނީ އައިރީންވެސް ހައިރާންވިއެވެ. އެހެންނަމަވެސް އޭނާ އެ ހަޤީގަތް ގަބޫލުކުރަން ފަސްޖެހެނީއެވެ. އިޔާންއޭނާއަށް ކުރި އަނިޔާ ހަނދާންވެފައެވެ. ދިން ހިތްދަތިކަމުގެ ސަބަބުންނެވެ. ބުނެފައިވާ ވިހަ ގަދަ ބަސްތަކުގެ ސަބަބުންވެސް މެއެވެ.
*****
ސުމާ އާދައިގެ މަތިން ހުޅުމާލެއަށް ދިޔައެވެ. އެހެންޏާވެސް އޭނަ ދާ ކެފޭއަށެވެ. އެހެންނަމަވެސް މިރޭ އޭނާގެ އަތުގައި ހިފައިގެން ހުރީ ޒަލަފްއެއް ނޫނެވެ. އެހެން ޒުވާނެކެވެ. އެ ޒުވާނާ ވަނީ އިސްތަށިގަނޑު ދިގުކޮށްލާފައި ކަރުގަޔާއި ކަންފަތުގައި ބޮޅުއަޅުވާފައެވެ. އަތުގަވެސް ފާޑު ފާޑުގެ ޗޭނެވެ. ސުމާވެސް މިރޭ ތަފާތެވެ. އެހެންނޫނީ ޓޮޕާ ޖީންސްގައި ފެންނަ ސުމާ މިރޭ ހުރީ ކަކުލުން މައްޗަށް އަރާ ވަރުގެ ސޯޓު ކޮޅަކާއި ބަނޑު ކިރިޔާ ނިވާ ވާ ވަރުގެ ހެދުން ކޮޅެއްގައެވެ. ކަރުވެސް އެހާ ބޮޑެވެ. އެ ދެމީހުންނަށް އެތަނުން ޒުވާނެއްގެ ކަޅި ހުއްޓިފައިވާތަން އެ ދެމީހުންނަކަށް ނުފެނެއެވެ. އަދި އެމީހެއްގެ ފޯނުގައި އެ ދެމީހުންގެ ފޮޓޯ ރައްކާތެރި ކުރިކަމެއްވެސް ނޭނގެއެވެ.
"ގުޅާބަލަ... ބުނޭ އެންހާސްވަރު ޖަމާކޮށްދޭށޭ" ސުމާ ގޮނޑީގައި އިށީނުމާއެކު އޭނާއާއެކު އައި ޒުވާނާ ވާހަކަދެއްކިއެވެ.
"މަޑުކުރޭ އެބަ ގުޅަން" ސުމާ އޭނާގާތު މަޑުން އިނުމަށް ބުނަމުން ފޯނު ނަގާ ޒަލަފްއަށް ގުޅާލިއެވެ.
"ހޭ... ވަރަށް ބޮޑުކަމެއް ކޮށްދީފާނަންތަ؟ ޒަލަފްއަށް އެނގެއެއްނު އަހަރެންގެ ބޮޑުދައިތަ ކަންތައް ކުރާގޮތް... އަހަރެންގެ އަތުގައި ހުރި ހުރިހާ ލާރިކޮޅެއް މިއަދު އަތުލީ... އަހަރެން ވަރަށް މުހިންމު އެއްޗެއް ގަންނަން ޖެހިގެން..." ސުމާ އަޑަށް ހިތާމަވެރިކަން ގެންނަން މަސައްކަތް ކުރިއެވެ. ޒަލަފް އެކޮޅުން އާއެކޭ ބުނީ ކަންނޭގެއެވެ. ސުމާ ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީލިއެވެ. އަދި ގާތުގައި އިން މީހާއާއި އަތާ އަތް ޖެހިއެވެ.
"އޭނައަށް ހަމަ ތަނެއް ދޮރެއް ވަކިކޮށްލަން ވެސް ނޭނގެނީތަ؟" ޒުވާނާ އެހިއެވެ.
"އާނ... އަހަރެންގެ މަޅީގަ ހަމަ ރަނގަޅަށްވެސް ޖެހި ހައްޔަރުވެއްޖެ" ސުމާ ބުނެލިއެވެ. އަދި ހީގަތެވެ. ދެމީހުން އެތައް ސަކަރާތެއް ޖެހިއެވެ. ޒަލަފް ލާރި ޓްރާސްފާރ ކުރުމާއެކު ދެމީހުން އެތަނުން އެއްޗެއް ކައިގެން ބީޗާ ދިމާލަށް މިސްރާބުޖެހިއެވެ.
(ނުނިމޭ...)