މަ ލޯތްބެއް ދެން ނުވާނަމޭ... - 19

ހިމީގެ މަ ލޯތްބެއް ދެން ނުވާނަމޭ...

ޒަލަފް އޮތީ ނުނިދިފައެވެ. ސުމާއަށް ގުޅަ ގުޅާ ފޯނު ނަގަނީކީ ނޫނެވެ. ލާރި ނުދީގެން އެކަމާ އަދިވެސް ހުރީ ހިންހަމަ ނުޖެހިފައެވެ. ކުއްލިއަކަށް ޒަލަފްއަށް ފޯނެއްއައުމާއެކު އޭނާ ފޯނު ނަގާ ބަލާލިއެވެ. ނުވެސް ދަންނަ ނަންބަރެކެވެ. އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސާލީ ދެ ވިސްނުމެއްގައި އޮވެފައެވެ. އެކޮޅުން ހަލޯ އޭ ކިޔާލި އަޑަށް ޒަލަފްއަށް ފުންމައިގެން ތެދުވެވިއްޖެއެވެ.

އޭނާއަށް އެއީ ކާކުގެ އަޑެއްކަން އެނގުނީއެވެ. އެ އަޑު އިވިފައި އެކަނިވެސް ވެރިވީ ބުނެދޭން ނޭނގޭ ފަދަ ފޫހިކަމެކެވެ.

"ކަލޭ... މަގޭ ނަންބަރު ހޯދީ ކިހިނެތް؟ ލަދު ހަޔާތް ނެތިގެން އެބަ ގުޅައޭ" ޒަލަފް ރުޅިއައިސްގެން ތުރު ތުރު އަޅައެވެ. ހިފައްޓާފައި އޮތް ފޯނަށްވެސް ދިޔައީ ބާރު ކުރެވެމުންނެވެ.

"އަހަރެން ނަންބަރު ހޯދި ގޮތެއް ބަލަނީ ކީ ކުރަން... އަހަރެން ހަމަ އެހާވެސް ހުތުރީތަ؟" އެކޮޅުން ޖަވާބު ދިނެވެ. ދައްކަން ފެށި ވާހަކައަކުން ޒަލަފް ފޯނު ކަނޑާލިއެވެ. ދެވަނަ ފަހަރަށްވެސް ގުޅިއެވެ. އެންމެ ފަހުން ޒަލަފް ނަންބަރު ބްލޮކް ކޮށްލުމަށްފަހު އެނދުގައި އޮށޯވެލިއެވެ. އިވުނު އަޑަކުން އަނެއްކާ އަނެއް ބޮލު ރިހުން ލިބިއްޖެއެވެ. އެ އަންހެނެއްގެ އުނދަގޫ ނުފޯރާނެކަމަށް ޔަގީން ކުރިނަމަވެސް އެހެނެއް ނުވިއެވެ.

ދެފަރާތަށް ބޯ ހޫރާލުމަށްފަހު އަނެއްކާވެސް ވިސްނުން ދޫކޮށްލީ ސުމާއާދޭތެރޭގައެވެ. ސުމާއަކީ ކޮން ކަހަލަ ކުއްޖެއްހެއްޔެވެ؟ ދޮންބެ ދައްތަ އެ ދެއްކީ ހަމަ ތެދު ވާހަކަތަކެއްހެއްޔެވެ؟ ނޫނީ އެއީ ހީވާ ހީވުމެއްހެއްޔެވެ؟ ކޮންމެއަކަސް ޒަލަފް ގެ ހަމަޖެހުން އެކީ ކަހަލަ ގޮތަކަށް ގެއްލިއްޖެއެވެ.

އެރޭގެ ފަހުން ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ޒަލަފް ހުޅުމާލޭ އެ ކެފޭއަށް ދެއެވެ. އެކަންޏެވެ. ސުމާ ގޮވައިގެން ނުދަނީ ސުމާ ގޮވައިގެން ގޮސްފިނަމަ އޭނާއަށް އެ ޒުވާނާއާ ވާހަކަ ދައްކަން އުނދަގޫވާނެތީއެވެ. އެއީވެސް އެގޮތަށް ޒަލަފް ދިޔަ ރެއެކެވެ. އޭނާ އެކި ދިމަދިމާ ހޯދަމުން ގޮސް ކެފޭއަށް ވަދެ އޭނާ އާއްމުކޮށް އިންނަ ގޮނޑީގައި އިށީނެވެ. އެހެން އިންނަތާ އިރުކޮޅެއްފަހެވެ. ކުއްލިއަކަށް ދާދި ގާތުން މީހަކު ގޮވާލުމާއެކު ޒަލަފް ދިޔައީ ސިއްސައިގެންނެވެ. އޭނާ އެމީހަކާ ދިމާލަށް ބަލާލިއެވެ. ފެނުނު މީހެއްގެ ސަބަބުން އޭނާގެ ދެބުމަ ގޮށްޖެހުނެވެ.

"ޒަލަފް... އަހަންނާ ވާހަކަ ދައްކައިލަން މަޑުކޮށްލަބަލަ" އެ އަންހެން ކުއްޖާ އެހެން ބުނުމާއެކު ޒަލަފް ލޯ އަޅާލިއެވެ. އޭނާ ބޭނުންވީ ވަގުތުން އެތަނުން ދާށެވެ. އެ ކުއްޖާ ޒަލަފްގެ އަތުގައި ހިފެއްޓިއެވެ.

"ހަބަރުދާރު" ޒަލަފް ވަގުތުން އެއަތް ފޮޅުވާލިއެވެ. އެއަށްފަހު ޝަހާދަތް އިނގިލި ދިއްކޮށްލަމުން އިންޒާރެއް ދިނުމަށްފަހު އޭނާ ހިނގައިގަތީ ކެފޭއިން ނުކުންނާށެވެ. ބާރުބާރަށް އެތަނުން ނުކުންނަން ދިޔަ ޒަލަފްގެ ގައިގައި މީހަކު އަޅައިގަތެވެ.

"ސޮރީ" ޒަލަފް މާފަށް އެދުނެވެ. އޭނާ ބަލާނުލާ ކުރިއަށް ފިޔަވަޅެއް އެޅިތަނާ އެ ޒުވާނާ ޒަލަފް އަށް ގޮވާލިއެވެ.

"އޭތް...އެކްސް ކިއުޒް މީ"

"ޔާ" ޒަލަފް އެނބުރިލިއެވެ. އެއާއެކު އޭނާގެ ލޮލުގައި އެ ޒުވާނާ އަޅައިގަތެވެ.

"އެރޭ... ސުމާ އާއެކު އައިންދޯ" ޒުވާނާ ބުނެލިއެވެ. އެއީ ކާކުކަން ޒަލަފް އަށް އެނގުމާއެކު އޭނާ އަވަސް އަވަހަށް އެ ޒުވާނާ ގާތަށް ޖެހިލިއެވެ.

"އާނ... ޒަލަފް... " ޒަލަފް ނަން ބުނެލިއެވެ.

"އާތިފް" އާތިފް އޭނާގެ ނަން ބުނެލިއެވެ.

"އަހަރެން އެބައޮތް ވާހަކައެއް އަހާލަންވެފަ" ޒަލަފް ބުނެލިއެވެ. އޭނާ ފުރުސަތުގެ ބޭނުންހިފިއެވެ.

"ކުރިއަށް" އާތިފް ބުނެލިއެވެ. ދެމީހުންނަށް ތިބެވުނީ ކެފޭ ދޮރުމަތީގައި ކަމުން ޒަލަފް އެދުނީ އެއްކައިރިއަކަށް ޖެހިލާށެވެ. ޒުވާނާއާއެކު އެއްފަރާތަކަށް ޖެހިލާ ޒަލަފް މަޑުކޮށްލިއެވެ.

"ދައްކަން އުޅޭ ވާހަކަ ދައްކަބަލަ" އާތިފް ޒަލަފްއަށް ފުރުސަތު ދިނެވެ.

"އެރޭ ބުނީމެއްނު މިރޭ އެހެން ބިޓެއް ގޮވައިގެން ދޯއޭ ސުމާއާ ދިމާ ލަށް... އެއީ ކީއްވެ ބުނި އެއްޗެއްކަން އެނގެން ބޭނުންވަނީ" ޒަލަފް ސުވާލުކޮށްލުމާއެކު އެ ޒުވާނާ ކުޑަކޮށް މަޑު ޖެހިލިއެވެ.

"ނުބުނަންޏާ އަހަރެން ކަލޭ ބޭނުން ވަރަކަށް ލާރިވެސް ދީފާނަން... ހަމަ އެކަނި އެ ސުވާލުގެ ޖަވާބު ބޭނުންވަނީ" ޒަލަފް ބުނެލިއެވެ. އޭނާ ފަރުވާތެރިކަމާއެކު އާތިފަށް ބަލާލީ ދެނެވެ. އަތުގައި އޮތީ ބެންޑޭޖް ގަނޑެއް އަޅާފައެވެ. ނިތް ކުރިމަތީގައިވެސް ބޭސްގަނޑެއް އަޅާފައި ވެއެވެ.

"މިހުރީ ތި ސުމާއެއް އަހަންނަށް ކޮށްލި ހާލު... ފެނޭތަ؟" އާތިފް ބުނެލިއެވެ.

"ނުވިސްނުނު"

"އެރޭ ކަލޭ ހުއްޓާ އެހެން ބުނެލިކަމަށްޓަކާ ކުރީރޭ އަހަރެންގައިގަ ތަޅައިގަތީ... އެއީ ވިހަ ގަދަ ހަރުފައެއް... "

"ކީކޭ؟" ޒަލަފްއަށް އިތުރަށް ކިޔަންވީ އެއްޗެއް ނޭނގުނީއެވެ.

"އަހަރެން އޭނަ ފަހަތުން އެވަރަށް އުޅުނީމަވެސް މަ ފަގީރުވީއޭ ކިޔާފަ މަ ދޫކޮށްލީ... އެފަހުން މަ އެވަރުން އޭނަ ފަހަތުން އަދިވެސް މި ދުވަނީ ލޯބިވާތީ... އެކަމަކު އޭނަ އެ އުޅެނީ ގޭންގެއްގެ ބޮޑުމީހަކާ ރައްޓެހިވެގެން... ކަލޭ ފަހަތުން އެ ދުވަނީ ލާރި ހޯދަން"

"އޭތް... އަހަރެމެން ދެމީހުން ދޭތެރެ ޖައްސަންތަ ތިއުޅެނީ" ޒަލަފް އެ އާތިފްގެ ގިރުވާނުގައި ހިފިއެވެ.

"ނޫނޭ... އަހަންނެއް ނޫން ދޯ އައީ ސުމާގެ ވާހަކަ ހޯދަން ބޭނުންވެގެން އުޅެނީ... އަމިއްލަ މީހާ . .. އެހެންވީމަ ރަނގަޅަށް ވާހަކަތައް ކިޔައިދޭއިރު ކެތްތެރިވެގެން ހުރޭ... އެހެންނޫނީ ފަހުން މާ ގޯސްވެދާނެ..." އާތިފް ބުނެލިއެވެ. ޒަލަފް އާތިފްގެ ގިރުވާނުން އަތް ދޫކޮށްލިއެވެ.

"ގަބޫލުނުކުރެވެންޏާ މި ބަލާބަލަ" އާތިފް އޭނާގެ ފޯނު ނަގާ ފޮޓޯއެއް ދައްކާލިއެވެ.

"އަހަރެން ކިހިނެތް ގަބޫލުކުރާނީ މިޒަމާނުގައި ތި ފެންވަރަށް އެޑިޓް ކުރެވޭނެ ދޯ... " ސުމާ އެފަދަ ގޮތަކަށް އުޅެފާނެ ކަމަށް ގަބޫލުކުރަން ޒަލަފްއަށް ދަތިވީއެވެ.

"ގަބޫލު ނުކުރެވެނީތަ؟ ނޫނީ ގަބޫލުކުރަން ބޭނުން ނުވަނީތަ؟ ހާސްނުވޭ... އަހަރެން އަތުގަ އެބައޮތް ވީޑިއޯއެއްވެސް" އާތިފް ފޯނުން ވީޑިއޯ ޕްލޭ ކޮށްލިއެވެ.

"އޭނަ ހަމަ ރަނގަޅަށްވެސް އަހަރެންގެ މަޅީގައި ޖެހި ހައްޔަރުވެއްޖެ" ސުމާގެ އެ ޖުމްލަ ޒަލަފްގެ ކަންފަތަށް އަޑު އިވުނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. އޭނާ އާތިފް އަތަށް ފޯނު ދެމުން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކާރަށް އެރިއެވެ. ހުންގާނުގައި ހިފައްޓާލިއިރު ޒަލަފްގެ އަތް ތުރު ތުރު އަޅައެވެ. އިންޖީނު ސްޓާރޓް ކޮށްލަން އުޅުނު ނަމަވެސް އެކަންވެސް އޭނައަށް ނުކުރެވުނެވެ. އެހިނދު މެއަށް އެރި ތޫނު ތަދާއެކު އޭނާއަށް ކުޑަކޮށް ގުދުވެވުނެވެ. ސުމާ އާއެކު ހޭދަކުރެވުނު ކޮންމެ ވަގުތެއް ސިކުނޑީގައި ބިންވަޅު ނެގެމުން ދިޔައިރު މީހާގެ ނަފްސު އެކީ ހަރުކަށިވެގެން ދިޔައެވެ. ހިތާމައިގެ ސާލަކުން މުޅި ހަށިގަނޑު ހިސާރުކޮށްފިއެވެ. އޭނާ އަތުން ލާރި ނަގައިގެން ސުމާ ކުރާ ކަމަކީ މީ ހެއްޔެވެ؟ ސުމާ އަކީ އޭނާ ހީކުރި ކަހަލަ ކުއްޖަކަށް ނުވިއެވެ. ނޭވާ ހާސްވާހެން ހީވުމާއެކު ޒަލަފް ފޯނު ނެގިއެވެ. އެ ހާލަތުގައި އިނދެގެން އޭނާއަށް ކާރު ނުދުއްވޭނެކަން އެނގޭތީއެވެ. އިޔާންއަށް ގުޅަން އުޅެފައިވެސް ހިޔާލު ބަދަލުކޮށްލާފައި އޭނާ އައިރީންގެ ނަންބަރަށް ގުޅިއެވެ. އޭރު އެގާރަޖަހާ ބޮޑުވެއްޖެއެވެ.

އިޔާން ސޯފާގައި އޮތުމުން އައިރީން އިޔާންއަށް ބަލާލާފައި ގޮސް އެނދުގައި އޮށޯވެލިއެވެ. އެ ވަގުތު އޭނާގެ ފޯނު ރިންގުވުމާއެކު ކާކުބާއޭ ހިތަށް އެރިއެވެ. އައިރީން ފޯނު ނަގާ ބަލާލިއެވެ. ޒަލަފްއެވެ. އިޔާންވެސް ސޯފާއިން ތެދުވެ އައިރީންއަށް ބަލާލިއެވެ. އެ ގަޑީގައި އައިރީންގެ ފޯނު ރިންގް ވުމުން އިޔާން ކުޑަކޮށް ހައިރާން ވިއެވެ.

"ހަލޯ" އައިރީން ފޯނު ނެގިއެވެ.

"ދޮންބެ ދައްތާ" ޒަލަފް ގޮވާލިއެވެ.

"ޒަލަފް ކިހިނެތްވީ؟" ޒަލަފްގެ އަޑު އައި ގޮތުން ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަމުގައި އައިރީންއަށް ޔަޤީން ކުރެވުނެވެ.

"ޒަލަފް..." އައިރީން ހާސްވެއްޖެއެވެ. އޭނާ އިޔާންއަށް ބަލާލިއެވެ. އިޔާންވެސް ކަންބޮޑުވިއެވެ. އޭނާވެސް ތެދުވެގެން އައިސް އައިރީންއާއި ދާދި ގާތުގައި ހުއްޓުނެވެ.

"ކިހިނެތްވީ؟" އިޔާން ސުވާލުކޮށްލިއެވެ. އައިރީން ދެފަރާތަށް ބޯ ހޫރާލިއެވެ.

"ދޮންބެ ދައްތާ... އަހަރެން ހުޅުމާލޭގަ... ކެފޭ ކައިރީގަ... ކާރެއް ނުދުއްވޭ..." ޒަލަފްގެ ވާހަކަ ދެއްކުން އެހެންޏާ ހުންނަ ގޮތާ ހިލާފެވެ. ހީވަނީ ވަރަށް ވަރުބަލި ވެފައި އިނދެގެން ވާހަކަ ދައްކާހެންނެވެ.

"މަޑުކުރޭ... ޒަލަފް ހަމަ ޖެހޭ... އެބަދަން"އައިރީން ބުނެލިއެވެ.

"ކިހިނެތްވީ؟" ގާތުގައި ހުރި އިޔާން ސުވާލުކޮށްލިއެވެ.

އައިރީން ވީ ގޮތް ބުނެލަދިނެވެ. ޒަލަފްއަށް ވާހަކަވެސް ނުދެއްކޭ ކަމަށް ބުންޏެވެ.

"ކެފޭއޭ؟" އިޔާން ވިސްނާލިއެވެ. ކުއްލިއަކަށް ކުރިން ރޭ އޭނާ ޒަލަފް ގޮވައިގެން ދިޔަ ކެފޭ މަތިން ހަނދާންވިއެވެ.

"ލެޓްސް ގޯ" އިޔާން އައިރީންގެ އަތުގައި ހިފިއެވެ. އައިރީން ސިހުނެވެ. އެހެންނަމަވެސް އެވަގުތު ވެފައި ހުރި ހާސްކަމާއެކު އެކަން އިޔާންއަށް އިޙްސާސްއެއް ނުވެއެވެ. އޭނާ އައިރީންގެ އަތުގައި ހިފައިގެން ގޭން ނުކުތެވެ. އެއަށްފަހު ގޮސް ސައިކަލު ކައިރީގައި ހުއްޓުނެވެ. އައިރީންއަށް ބަލާލާފައި އެތެރެއަށް ވަދެފައި ދެން ނުކުތީ ހެލްމެޓް ހިފައިގެންނެވެ. އައިރީންއަށް އެއް ހެލްމެޓް ދީފައި އެ އަޅަން ބުނެލިއެވެ. އެއަށްފަހު އިޔާން ހެލްމެޓް އަޅާ ސައިކަލަށް އަރާލިއެވެ. އައިރީން ބަލަން ހުރުމުން އިޔާން އަވަސްކުރާށޭ ބުނެލިއެވެ. ކާރަށް ވުރެ ބާރަށް އޭނާއަށް ދުއްވޭނީ ސައިކަލުގައެވެ. އެހެންކަމުން އިޔާން ސައިކަލުގައި ދާން ނިންމީއެވެ. އައިރީން ނާރަން ހުރުމުން ދެވަނަ ފަހަރުވެސް އެހެން ބުނެލިއެވެ. އައިރީން ލަސްލަހުން ސައިކަލަށް އެރިއެވެ.

"އަހަރެން ފުދޭވަރަކަށް ބާރަށް ދުއްވާނަން... ބާރަށް ހިފައްޓައިގެން އިންނާނީ" އިޔާން ބުނެލިއެވެ. އައިރީން ބޯ ޖަހާލިއެވެ. އޭރު އިޔާން އާ އެހާ ގާތުގައި އިންނަން ވުމުން އޭނާގެ ހިތް ހީވަނީ މޭ ފަޅާފައި ބޭރަށް ފުންމާލަން އުޅޭ ހެންނެވެ. ވާނީވެސް އެހެންތާއެވެ. އިޔާންގެ ކައިރީގައި ހުންނަ އިރު އޭނާގެ ހިތަކީ އޭނާގެ އެއްވެސް އިޚްތިޔާރެއް އޮންނަ އެއްޗެއް ނޫންވިއްޔާއެވެ.

ބޮޑުތަކުރުފާނު މަގަށް ނުކުމެގެން ގޮސް ބްރިޖާ ހިސާބުން ޓްރެފިކް ލައިޓުގައި ޖެހުނެވެ. އެހާ ހިސާބަށް ދެވެން ދެންވެސް އައިރީން އިނީ އިޔާންގެ ޓީޝާޓުގައި ކިރިޔާ ހިފައްޓާލައިގެންނެވެ. އެހެންނަމަވެސް ދެން އިޔާން ސައިކަލު ދުއްވާލުމާއެކު އޭނާއަށް މަޖުބޫރުވީ އިޔާންގެ ބަނޑާ ދިމާލުގައި ބާރަށް ހިފައްޓާލާށެވެ. އިޔާން ދުއްވަމުން ދިޔަ ލެއް ބާރުކަމުން އައިރީންގެ ނޭވާ ވެސް ކުރުވަމުން ދިޔައެވެ. ކުއްލިއަކަށް މަންމައާއި ބައްޕަގެ އެކްސިޑެންޓްގެ މަންޒަރުތައްވެސް ލޯމަތިން ފެންނަން ފެށިހެން ހީވިއެވެ. އެހެންނަމަވެސް އޭނާ ހިތްވަރު ކުރިއެވެ. މި ވަގުތު އޭނާ ބަލިކަށިވެގެން ކަމަކު ނުދާނެއެވެ. އިޔާން ސައިކަލު ބާރު ކުރަމުން ދިޔައިރު އިޔާންގެ ގަޔަށްވެސް އައިރީން ދިޔައީ އަތުން ބާރުކުރަމުންނެވެ. ބައެއްފަހަރު އައިރީން ހިފައްޓާލާ ގޮތުން އިޔާންއަށް ތަދުވެސް ވެއެވެ. އެހެންނަމަވެސް އޭނާ އެއްޗެކޭ ނުބުނެއެވެ. މިވަގުތު ދެމީހުންނަށްވެސް އެންމެ މުހިންމީ ޒަލަފް އާ ހިސާބަށް ދެވުމެވެ.

އިސާހިތަކު އެ ކެފޭއާ ހިސާބަށް އާދެވިއްޖެއެވެ އައިރީން ސައިކަލުން ފޭބުމަށްފަހު ފުންކޮން ނޭވާ ލާން ފެށިއެވެ. މިހުރިހާއިރު އޭނާގެ ހަށިގަނޑުގައި އުފެދިފައިވާ އުދާސްތައް ދުއްވައިލީއެވެ.

"އައިރީން ރަނގަޅުތަ؟" އިޔާން އައިރީންގެ ކޮނޑުގައި އަތް ޖައްސާލަމުން އަހާލިއެވެ. އައިރީން ބޯ ޖަހާލަމުން އިޔާންއަށް ބަލާލުމާއެކު ދެން ދެމީހުންގެ އަމާޒަކަށްވީ ޒަލަފްގެ ކާރު ހޯދުމެވެ. އެތަނުގެ ކުރިމަތީގައި ކަހަލަ ގޮތަކަށް ޕާރކުކޮށްފައިވާ ޒަލަފްގެ ކާރު ފެނުމާއެކު ދެމީހުންވެސް އެ ދިމާލަށް ދިޔައީ ދުވެފައެވެ. އިޔާންގޮސް ކާރުގެ ދޮރުފަތް ހުޅުވާލިއެވެ. ޒަލަފް އޮތީ ގުދުވެއެވެ. އައިރީންވެސް ބަލާލިއެވެ. އިޔާންގެ އެހީތެރިކަމާއެކު ޒަލަފް ކާރުގެ ސީޓުގައި ރީތިކޮށް ބައިންދަން މަސައްކަތް ކުރިއެވެ. އަދި ވީ ގޮތަކާ ބެހޭގޮތުން އިޔާން ޒަލަފްއާ ސުވާލުކުރިއެވެ.

"އިޔާން... އަހަންނަށް ފެންނަނީ ޒަލަފް ހޮސްޕިޓަލަށް ގެންދަން... ޒަލަފްއަށް މި ވަރުން ވާހަކަ ދެއްކޭނެހެނެއް ހިޔެއްނުވޭ" އައިރީން އޭނާގެ ހިޔާލު ފާޅުކޮށްލިއެވެ. އެއާއެކު އިޔާން. އެއްބަސްވިއެވެ. ދެމީހުން ޒަލަފް ގޮވައިގެން ދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ވަގުތުން ޒަލަފް އެޑްމިޓް ކުރެވުނެވެ. ޓެސްޓްތައް ހެދުނެވެ.

"ކިހިނެތް ހަދަނީ... މަންމަމެންނަށް ނާންގަނީތަ؟" އައިރީން އަހާލިއެވެ. އިޔާން ފުންނޭވާއެއް ދޫކޮށްލަމުން އައިރީންއަށް ބަލާލިއެވެ.

"ޒަލަފް ކުޑަކޮށް ހަމައަކަށް އެޅެންދެން މަޑުކޮށްލަމާ... މަންމަމެންނަށް އެނގިއްޖެއްޔާ ހާދަ ކަންބޮޑު ވާނެޔޭ... އެހެންވެ ކަންނޭގެ ޒަލަފް މަންމަމެނަށް އެ ނުގުޅީވެސް... ޒަލަފް އާ ވާހަކަ ދައްކާލާފަ ގުޅާނީ..." އިޔާން ބުނެލިއެވެ. އައިރީން ވެސް ބޯ ޖަހާލީއެވެ.

"ޒަލަފް ވަރަށް ކަންބޮޑުވެފަ ހުންނަ ކަމަށް އަހަންނަށް ފާހަގަކުރެވެނީ... އަހަ އަހާ ވެސް ނުބުނޭ... އަހަންނަށް ހީވަނީ އެ ސުމާއެއްގެ މައްސަލައިގަ ހެން..." އިޔާން އައިރީންއަށް ބަލާލިއެވެ. އައިރީން ވަކިއެއްޗެކޭ ނުބުނެއެވެ. ޒަލަފްގެ ހާލަތު ރަނގަޅުވުމާއެކު ރޫމަކަށް ބަދަލުކުރެވުނެވެ. ޑޮކްޓަރު ބުނީ ޒަލަފްއަށް އޮތީ ނިދިފައިކަމަށެވެ. ދެމީހުންވެސް މަޑުކުރީ ޒަލަފް ހޭލަންދެނެވެ.

އިރުކޮޅަކުން އެސްފިޔަތައް ދުރުކޮށްލުމާއެކު ޒަލަފް ދެލޯ ހުޅުވާލިއެވެ. އެއަށްފަހު ވަށައިގެން ބަލާލިއެވެ. އިޔާން އައިސް ޒަލަފްއާ އެކަން ހިނގި ގޮތާ ބެހޭގޮތުން ސުވާލު ކުރަން ފެށުމުން އައިރީން އެކަންތައް މަނާ ކުރިއެވެ. ޒަލަފް އެ ހޭލީ ދެންމެއެވެ. އެހާ ވަރަށް އޭނާއަށް އަދި ސްޓްރެސް ދިނުން ރަނގަޅެއް ނުވާނެއެވެ. އިޔާންއަށްވެސް ވިސްނުނީ ކަންނޭގެއެވެ. އޭނާ އެ ސުވާލުތައް ކުރުން މަޑުޖައްސާލާފައި ވާހަކަ ދައްކަން ފެށީ އެހެން މައުޟޫއަކަށެވެ.

"މަންމަމެންނަށް ގުޅަން ވީތަ؟ އާރ ޔޫ އޯކޭ ބްރޯ... ބިރުން ކިރިޔާ ހަލާކު ނުވީ" އިޔާން މޭގައި އަތް އަޅާލަމުން ބުނެލިއެވެ. ޒަލަފް ދެފަރާތަށް ބޯ ހޫރާލިއެވެ. އެންމެ ކުޑަ އިރުއްސުރެވެސް ޒަލަފްއަށް ކިރިޔާ ކަމެއް ވާއިރަށް އިޔާން އުޅޭގޮތުން އޭނާއަށް މަޖާވެއެވެ. މިއަދުވެސް އިޔާން ގެ އެ ހާސްކަން ފެނި ޅަ ދުވަސްތައް މަތިން އޭނަ ހަނދާންވީއެވެ. ބޭޢިޚްތިޔާރުގައި ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި ސުމާގެ މަތިން ހަނދާންވުމާއެކު ޒަލަފްއަށް ދެލޯ މަރާލެވުނެވެ. ހިނިތުންވުން ފިލައިފިއެވެ.

އެރޭ ތިނެއްޖަހަން އުޅެނިކޮށް ޒަލަފް ދޫކޮށްލިއެވެ. ގެއަށް ގޮސް އައިރީން ކޮޓަރިއަށް ވައްދާފައި އިޔާން ދިޔައީ ޒަލަފް ކޮޓަރިއަށެވެ. އައިރީންގެ އެދުމަކަށެވެ. އައިރީން އިޔާން ފޮނުވީ ޒަލަފްގެ ހާލަތުގެ ޒިންމާ ނަގަން ޖެހޭނީ ސުމާކަން ގާތް ގަނޑަކަށް ޔަގީންވީމައެވެ. އެކަނި އޮންނަން ވުމުން ޒަލަފް މާ ބޮޑަށް ވިސްނާނެއެވެ. އޭރުން އަނެއްކާ ސަކަރާތް ވެދާނެއެވެ.

ޒަލަފްއަށް ނިދޭގޮތެއްނުވެއެވެ. ސުމާއާ މެދު ވިސްނެނީއެވެ. ބަންގި ގޮވުމުން މިސްކިތަށް ދާނެ ވަރުނެތުމާއެކު ޒަލަފް ގޭގައި ފަތިސް ނަމާދުކުރިއެވެ. އިޔާންވެސް މެއެވެ. ދެމީހުން ނިދީ އެއަށްފަހުއެވެ.

ޖެހިގެންއައި ދުވަހު ހެނދުނުގެ ނާސްތާއަށްފަހު އިޔާން އޮފީހަށް ދާން ނުކުތް ތަނާ އާމިރު އިޔާންއަށް ގޮވާލިއެވެ.

"ދަރިފުޅާ ބައްޕަ އެބަޖެހޭ ވާހަކައެއް ދައްކައިލަން... މިއަދު ބައްޕަ އާއެކު އޮފީހަށް ގޮސްލަން ވީނު" އާމިރު އެދުނެވެ. ދެކޮޅު ނުހަދަން އިޔާންވެސް އެއްބަސްވިއެވެ. އޭނާ ހައިރާންވީ މިއަދު ޑްރައިވަރުވެސް ނެތީމައެވެ. އާމިރު ބުނީ އޭނާ ބޭނުންވަނީ އިޔާން އާ އެކަނި ވާހަކަ ދައްކަން ކަމަށާއި އެހެން ކަމުން އޭނާ މިއަދު ޑްރައިވަރަށް ޗުއްޓީ ދިނީކަމުގައެވެ. އިޔާން ބޯޖަހާލިއެވެ. ކާރަށް އަރާފައި އާމިރު ދިނީ އިޔާން އަތަށް ފައިލެކެވެ. އެއަށްފަހު އޭނާ އިންޖިން ސްޓާރޓްކޮށްލިއެވެ.

"މީ ކޮންފައިލެއްތޯ ބައްޕާ؟" އިޔާން އަހާލިއެވެ.

"ތީ ބައްޕަ އިޔާން ކިޔަން ދިން ފައިލެއް... ތީގައި ވާ އެއްޗެއް އިޔާން ވަރަށް ރަނގަޅަށް ކިޔާލަބަލަ. " އާމިރު ބުނެލިއެވެ. އިޔާން ފައިލު ހުޅުވާލިއެވެ. އެއީ ބަލި މީހެއްގެ ޑޮކިއުމެންޓްސް ތަކެކެވެ. އޭނާ އޭގައިވާ ނަން ކިޔާލިއެވެ.

"އައިރީންގެ..." އިޔާންގެ ސިކުނޑި ސުވާލު މާކުތަކަކުން ފުރުނެވެ. އޭނާ ފަހަރަކު ގަނޑެއް ބަލަން ފެށިއެވެ. އޭގައި އައިރީންގެ ބަލި ހާލަތު ވަރަށް ތަފްސީލް ކޮށް ބަޔާން ކޮށްފައިވެއެވެ. އައިރީން އިމްޕްރޫވްވަމުން ދިޔަ ވަރާއި ބައްޕަ ނިޔާވިއިރު އައިރީންގެ ހާލަތު ހުރި ނެތް ގޮތް ވަރަށް ރީތިކޮށް ލިޔެފައިވެއެވެ.

"ބައްޕަ ކުރިން ދުވަހު އަޑު އެހިން ދަރިފުޅުމުން ދެކުދިން ކާކޮޓަރި ތެރޭގައި ދެއްކި ވާހަކަ... އައިރީންއަށް ނުނިދޭ ވާހަކައާއެކު ހުވަފެން ތައް ފެންނަ ވާހަކަވެސް..." އާމިރު އޭނާއަށް އިވުނު ވާހަކަތައް ހިއްސާކުރިއެވެ. އެ ދުވަހުވެސް އިޔާން އެދުނީ އައިރީން ގާތު ކައުންސެލިން ނެގުމަ ށެވެ. އެހެންނަމަވެސް އައިރީން ދެކޮޅު ހެދީއެވެ. އެ ހުރިހާ ވާހަކައެއް އާމިރުއަށް އަޑު އިވުނީއެވެ.

"ދަރިފުޅާ... ކޮންމެ ގޮތެއް ވިޔަސް ތީ އައިރީންގެ ފިރިމީހާ... ދަރިފުޅު ޖެހޭނެ ވިސްނައިދޭން... ސައިކޭޓްރިސްޓް ވެސް ބޭނުންވޭ އައިރީން އާ ބައްދަލުކުރަން... ބައްޕަވެސް ބައްދަލުކޮށްފިން... އައިރީން ހީކުރަނީ ނަފްސާނީ ބައްޔަށް ބޭސްކުރާ އެންމެންނަކީ މޮޔައިން ކަމަށް... އެހެންވެ މިކަންތައް ސިއްރުވެފަ މި ވަނީ... އެއްވެސް މީހަކަށް އެނގެން އައިރީން ބޭނުންނުވާތީ... ޖަލީލު ގެ ހުރިހާ ސިއްރެއް ބައްޕައަށް އެނގޭ އިރުވެސް މިކަންތައް ސިއްރުކޮށްފައި އޮތުމުގެ ހަމަ އެކަނި ސަބަބަކީވެސް އައިރީން" އާމިރު އޮޅުން ފިލުވައިދިނެވެ. އިޔާންއަށް ވެގެން އުޅޭ ގޮތް ކޮންމެވެސް ވަރަކަށް ފަހުމްވިއެވެ. އެހެންނަމަވެސް އޭނާއަށް އަދިވެސް ނޭނގޭ ހަޤީގަތްތަކެއް ވާހެން އެބަހީވެއެވެ. އެހެންނަމަވެސް އެއީ ކޮން ހަޤީގަތެއްހެއްޔެވެ؟

އާމިރު އިޔާން އޮފީހަށް ލާފައި ދިޔައީ އޭނާގެ އޮފީހަށެވެ. ފައިލް ހިފައިގެން އައިސް އެއަށް ބަލަހައްޓައިގެން އިން އިޔާން އިނީ މިއަދު ބާއްވަން ހަމަޖެހިފައިވާ މީޓިން މަތިންވެސް ހަނދާންނެތިފައެވެ. ހަނދާންވީ ކުއްޖަކު އައިސް ބުނެލީމައެވެ. ފައިލު ވަތްގަނޑު ތެރެއަށް ލަމުން އޭނާ މީޓިން ރޫމަށް ވަނެވެ. ޕްރެސެންޓޭޝަން ނިމުމާއެކު އޭނާގެ ޚިޔާލަކަށް އެހިއެވެ.

"އޭތް... ކީކޭ...؟" އިޔާންއަށް އަހާލެވުނެވެ. އޭނާ އިނީ މުޅިން އެހެން ވިސްނުމެއްގެ ތެރޭގައެވެ. ދެވަނަ ފަހަރު ކުޑަ ޚުލާސާއެއް އިއްވުނެވެ. އިޔާން ބޯޖަހާލީ އެ އާމެދު ހިންހަމަ ޖެހިފައި ހުރެއެވެ.

ކެބިންއަށް ގޮސް މަސައްކަތް ކުރަން އުޅެ އުޅެވެސް އެކަމަށް ސަމާލުކަމެއް ނުދެވުނެވެ. ބޭނުންވަނީ ވަގުތުން ވަގުތަށް އައިރީންއާ ވާހަކަ ދައްކާށެވެ. އިޔާން ގޮނޑިން ތެދުވަމުން ފައިލު ހިފައިގެން ގެއަށް މިސްރާބުޖެހިއެވެ. ކާރުވެސް ނެތުމާއެކު އަވަސްކުރަން ވެގެން އޭނާ ދިޔައީ ޓެކްސީއެއް ނަގައި ގެންނެވެ. ގެއަށް ގޮސް ދުވެފައި ކަހަލަ ގޮތަކަށް ސިޑިން މައްޗަށް އެރިއެވެ. ކޮޓަރިއަށް ވަތް އިރު އައިރީން އުޅެނީ އެނދުގެ ބެޑްޝީޓް ބަދަލު ކުރާށެވެ.

"އައިރީން... އައި ނީޑް ޓު ޓޯކް ޓު ޔޫ!" ދޮރު ހުޅުވުނު އަޑަށް ބަލާލި އައިރީންގެ ލޮލާ ލޯ އަމާޒުކޮށްލަމުން އިޔާން ބުނެލިއެވެ.

"އިޔާން" އިޔާންގެ މޫނުމަތިން ފެނުނު ކުލަވަރުތައް މާނަ ކުރަން ނޭނގި އައިރީންއަށް ގޮވާލެވުނެވެ.

"އައިރީން..." އިޔާން އައިރީން އަތުގައި ހިފަމުން ގެނެސް ސޯފާގައި ބޭންދިއެވެ. އެއަށްފަހު ފައިލު މޭޒުމަތީގައި ބާއްވަމުން އޭނާ އައިރީންގެ އަތުގައި ހިފައްޓާލިއެވެ. އަދި ކަކޫ ޖަހާލައިގެން ޓައިލްސްތަކު މަތީގައި އިށީނެވެ.

"އިޔާން ކިހިނެތްވީ؟" އައިރީން އަހާލިއެވެ. އިޔާން ވާހަކަ ދައްކަން އަނގަހުޅުވާލިއެވެ.

އެހެނަސް ސިއްސައިގެން ދިޔައީ ކުއްލިއަކަށް ވަރަށް ބާރަށް މީހަކު ހަޅޭއްލަވައިގަތް އަޑު އިވިފައެވެ.

ދެމީހުންވެސް ކޮޓަރިން ނުކުމެގެން ގޮސް ގޭތެރެއަށް ވަނެވެ. އޭރު ފަލަކްވެސް މައްޗަށް އަރަނީއެވެ. އަޑު އައީ ޒަލަފްގެ ކޮޓަރިންނެވެ. ހާސްވެފައި ތިބެ އެންމެން ގޮސް އެ ކޮޓަރިއަށް ވަނެވެ. އަޝްރާ ބާރަށް ރޮނީއެވެ. ޒަލަފް ނޭވާ ނުލެވިގެން ހަމަ ތެޅި ފޮޅެނީއެވެ. އިޔާން ވަގުތުން އެންބިއުލަންސް އަށް ގުޅިއެވެ. ފަލަކް އަޝްރާ ހަމައަކަށް އަޅުވަން އުޅުނުއިރު އިޔާން އާއި އައިރީން ޒަލަފް އާ ކައިރިވިއެވެ.

"ޒަލަފް" އަޝްރާ ޒަލަފްއަށް ގޮވަނީއެވެ. އޭނަގެ ހިޔާލަށް ވެރިވަނީ އަމިއްލަ ފިރިމީހާ ލޯ ކުރިމަތީގައި ދުނިޔެ ދޫކުރި ގޮތެވެ. ފަލަކް އަޝްރާ އޭނާގެ މޭގައި ޖައްސާލިއެވެ. ލަސްތަކެއްނުވެ އެންބިއުލެންސް އައުމާއެކު ދި ގްރޭންޑް ހޮސްޕިޓަލަށް ޒަލަފް ގެންދެވުނެވެ. އެމަރޖެންސީގައި ފަރުވާދޭން ފެށުނެވެ. ގައިގަނޑަކަށް ބައިގަޑިއިރު ފަހުން ޑޮކްޓަރު ނުކުމެފައި ޒަލަފްގެ ހާލަތު ރަނގަޅުކަމަށް ބުނެލިއެވެ. އެންމެންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ. އަޝްރާ އޭރުވެސް ރޮނީ އެވެ.

"އަޝްރާ... ދެން ހަމަޖެހިބަލަ! މިހާރު އޯކޭ އޭ" ފަލަކް ބުނެލިއެވެ. އާމިރުވެސް ހުއްޓެވެ. ޒައުރާ އާއި އަމްޖަދުވެސް ހުއްޓެވެ. ޒަލަފް ޕްރައިވެޓް ރޫމަކަށް ބަދަލުކުރެވުނެވެ. އެޑްމިޓް ކުރެވުނީ ކިހާ ދުވަހަކަށް ކަމެއް ބުނާކަށް ނޭނގެއެވެ. ޒަލަފްގެ ހާލަތު ވަރަށް ދަށެވެ. އިޔާންއަށް ވެސް ޒަލަފްގެ ހާލަތު އެހާ ދައްވާން ޖެހޭ ސަބަބެއް އެއްގޮތަކަށްވެސް ނޭނގުނެވެ. އެހެންނަމަވެސް ސުމާ އާ ގުޅުމެއް ވެދާނެޔޭ އޭނާގެ ހިތަށް އަރައެވެ.

އައިރީންއަށް ބަލާލާފައި އޭނާ ދައްކަން ދިޔަ ވާހަކަ ފަސްކޮށްލާނީއޭ އަމިއްލަ ނަފްސަށް ބުނެލިއެވެ.

ޒަލަފް އެޑްމިޓް ކުރިތާ ދެވަނަ ދުވަހެވެ. އެ ދެދުވަހުވެސް އަޝްރާ އޭނާގެ ހުރިހާ ވަގުތެއް ޒަލަފްއަށް ހުސްކުރިއެވެ. އާމިރުއާއި ފަލަކް ކިޔަ ކިޔާވެސް ގެއަކަށް ނުދެއެވެ.

"މަންމާ... އަޅުގަނޑު އޯކޭ އޭ މިހާރު... " ޒަލަފް ބުނެލިއެވެ.

"އޯކޭ ނަމަ ޒަލަފް ތިހެން ނޯންނާނެ ދޯ" އަޝްރާ ބުނެލިއެވެ.

"މަންމަ ގެއަށް ގޮސް ރެސްޓް ކޮއްލާ ހަދާލައިގެން ފެންވަރާ ހަދާލައިގެން އަޔަސް އަޅުގަނޑަށް ގޮތެއް ނުވާނެޔޭ" ޒަލަފް ބުނެލިއެވެ. އަޝްރާ ދެކޮޅު ހެދިއެވެ.

"މަންމާ... ޕްލީޒް" ޒަލަފް އަޝްރާގެ އަތުގައި ހިފިއެވެ. އަޝްރާ ރޯން ފެށުމާއެކު ޒަލަފް ކަންބޮޑުވިއެވެ. އޭނާ ވަރަށް ވާހަކަ ދެއްކިއެވެ. އެންމެ ފަހުން އަޝްރާވެސް ހަމައަކަށް އެޅިއްޖެއެވެ. އިޔާން އާއި އައިރީން އައީ އަޝްރާ އެތަނުގައި އިންދައެވެ.

"މަންމަ ގޮސްލާނަން... ދަރިފުޅާ... ކަމެއް ބޭނުމިއްޔާ ގުޅާތި އިނގޭ... އަންނާނަން ވަރަށް އަވަހަށް" އަޝްރާ ކުޑަ ވަގުތު ކޮޅަކަށް ދާން އެއްބަސް ވީ ޒަލަފް ކިޔާ ވަރުންނެވެ. އެހާ ވަރުން ކިޔާތީ އެ ބަސްތަކުގައި ކޮޅުފައިން ޖަހަން ނުކެރުނީއެވެ.

"ހަމައަކަށް އެޅިއްޖެ ތަ؟" އިޔާން އަހާލީ އަޝްރާ ނުކުތުމާއެކުގައެވެ. ޒަލަފް ބޯ ޖަހާލިއެވެ.

"ކިހިނެތްތަ ޒެލް؟" އައިރީން ހިނިތުންވެލިއެވެ. ޒަލަފް ވެސް ބަދަލުގައި އޯކޭ އޭ ބުނެލިއެވެ.

މާގިނަ އިރެއްނުވެ ޑޮކްޓަރު އައިސް ވާހަކަ ދައްކާލަން ބޭނުންވާ ކަމަށް ބުނެލީ ޒަލަފް އެގްޒަމިން ކޮށްފައި ދަމުންނެވެ. އިޔާން އައިރީންއަށް ބަލާލާފައި ނުކުތެވެ. އައިރީންވެސް ބޭރަށް ނުކުމެލިއެވެ. އެވަގުތަކީ ޒަލަފްއަށް ދޭން ޖެހޭ އިންޖެކްޝަން ހިފައިގެން ނަރުސް ކުއްޖާ އައިސް ވަތް ވަގުތެވެ. ޒަލަފް ދެލޯ މަރާލިއެވެ. ސުމާގެ ޚިޔާލުތަކުން ދުރުވެވެނީއެއްނޫނެވެ. އޭނާ ބޭނުންވަނީ ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ އަރާމެކެވެ.

އިންޖެކްޝަން ޖަހަން އައި ކުއްޖާ އިންޖެކްޝަން ޖަހާނިމުމާއެކު ޒަލަފް އެ ކުއްޖާއަށް ބަލާލިއެވެ. އޯގާތެރި ހިނިތުންވުމެއް ހަދިޔާ ކޮށްލާފައި އެ ކުއްޖާ ދާން އުޅުނު ވަގުތު ސައިޑް ކަބަޑު މަތީގައި އޮތް ޒަލަފްގެ ފޯނު ރިންގްވިއެވެ. ނަރުސް ކުއްޖާ ފޯނު ނަގާ ޒަލަފް އަތަށް ދިނެވެ. ގުޅަނީ ސުމާކަމަށް ވުމާއެކު އައި ރުޅީގައި ޒަލަފް ފޯނު އެއްލާލިއެވެ. އެއާއެކު ފޯނު ތަޅައިގެން ދިޔައެވެ. ނަރުސްކުއްޖާ ހުރީ ޝޮކެއްގައެވެ. ކުރިއަށް ފިޔަވަޅު އަޅަންވެސް ބިރު ގަނެފައިވާ ފަދައަކުންނެވެ. އިޔާން އާއި އައިރީން އާއި ދެމީހުން އެތެރެއަށް ވަނީ އެވަގުތެވެ. ހަލާކު ވެފައި އޮތް ފޯނާ ނަރުސްކުއްޖާއަށް ބަލަލަމުން އެ ދެމީހުން ޒަލަފް އަށް ވެސް ނަޒަރު ހުއްޓާލިއެވެ.

"ޒެލް... ކިހިނެތްވީ؟" އިޔާން އަހާލިއެވެ.

"ސޮރީ" އައިރީން މާފަށް އެދުނެވެ. އެއާއެކު ނަރުއްކުއްޖާ ނުކުތެވެ.

ރޫމުން ނުކުމެވުނު އިރު ރަޔާގެ ނޭވާ ހުރީ ކުރުވެފައެވެ. އޭނާ ފުންކޮން ދެތިން ނޭވާލިޔެވެ.

"އޭތް ރަޔާ... ކިހިނެތްވީ..." އެކުގައި މަސައްކަތް ކުރާ އެކުވެރި ކުއްޖަކު އަހާލިއެވެ. ރަޔާ ދެފަރާތަށް ބޯ ހޫރާލިއެވެ. އެއްޗެއް ބުނުމެއްނެތި އޭނާ ހިނގައިގަތުމުން އެކުވެރިޔާވެސް ފަހަތުން ދިޔައެވެ.

"އެނގޭތަ އެއީ ކާކުކަން؟" އެކުވެރި ޖުމްނާ އަހާލިއެވެ.

"އަހަންނަކަށް ނޭނގެ... ޖުމްއަށް އެނގޭނެ އެއްނު... " ރަޔާ ހީގަތެވެ.

"ހެހެ... އެނގެއެއްނު މަޝްހޫރު ވިޔަފާރިވެރިޔާ އާމިރު... އެ ފެމެލީ ކުއްޖެކޭ... ހުސްކޮށް ހުރިއްޔާ މަށައް ލިބޭނެނަމަ ދޯ" ޖުމްނާ ހީގަންނަމުން ބުނެލިއެވެ.

"ސާބަހޭ... ތި އެންމެނެއް މަށަކަށް ނޭނގޭނެ" ރަޔާގެ އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. އޭނާ ދެން ކުރަން ހުރި މަސައްކަތަށް އަވަސްވެގަތެވެ.

*****

ރޭގަނޑެކެވެ. އަށެއްޖަހާ ދިހައެއް ހިގައިފިއެވެ. ޒަލަފް ކައިރީގައި އިން އިޔާން އިރު އިރު ކޮޅަކާ ގަޑި ބަލާލައެވެ. އޭނާ އަޝްރާއަށް ގުޅާލިއެވެ.

"އަޅުގަނޑު ގަޑިވެސް ޖެހިއްޖެ..." އިޔާން ބުނެލިއެވެ. ޒަލަފް އޮތީ ހޭލައެވެ. އޭނާ އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ.

"ދެން ޓްރެފިކްގައި ޖެހިގެން އުޅެންޏާ ލަސްވާނެ އެއްނު... އަދި އެ ވެސް އެކްސިޑެންޓެއް ވެގެން... އަށެއް ޖަހާއިރު އެއްނޫންތަ މީޓިން އޮތީ... ބްރޯ ދެން ދޭބަލަ... އަހަރެން މިހާރު ހަމަ ގަދަ ފަދައޭ..." ޒަލަފް ބުނެލިއެވެ. އިޔާން އެއިނީ އަޝްރާގެ ސަބަބުން ނުދެވިފައެވެ. އެއްވެސް މީހަކު ނެތި ޒަލަފް އެކަނި ބާއްވާފައި ދާން އަޝްރާ އެއްބަސްނުވީއެވެ.

"ބްރޯ... ކަމޯން... ދޭބަލަ އަހަރެން އޯކޭއޭ... މިތަނުން ނަރުސް ކުއްޖެއް ކައިރީ ބުނެލާފަ ދިޔަޔަސް އޯކޭ ވާނެ... އެމީހުން ގައިމު ބަލާނެއެއްނު" ޒަލަފް ބުނެލިއެވެ. އެންމެ ފަހުން އިޔާން އެއްބަސްވީ އިތުރު ގޮތެއް ނެތީމައެވެ.

އިޔާން ދިޔަތާ މާގިނަ އިރެއްނުވެ މިރޭވެސް ޒަލަފްގެ އިންޖެކްޝަން ހިފައިގެން ވަނީ ރަޔާއެވެ. ރަޔާ ވަރަށް މަޑުމަޑުން އައިސް ޓްރޯލީ މަތީގައި އެއްޗެހި ބަހައްޓާ އިންޖެކްޝަން ޖަހަން ތައްޔާރުވިއެވެ.

"ސޮރީ..." ޒަލަފް ކުއްލިއަކަށް ބުނެލިއެވެ.

"އޭތް..." ރަޔާއަށް ބުނެވުނެވެ.

"ކުރިން ރޭ ވީ ކަންތަކަށް ވަރަށް ބޮޑަށް ސޮރީ... " ޒަލަފް ހަނދާން އާ ކޮށްލަ ދިނެވެ. ރަޔާ ހިންހެޔޮ ހިނިތުންވުމެއް ޒަލަފްއަށް ހަދިޔާ ކޮށްލިއެވެ. އެއަށްފަހު އިންޖެކްޝަން ޖަހާލިއެވެ. އެ ހުރިހާ އިރު ޒަލަފް ހުރީ އެ ކުއްޖާއަށް ބަލަހައްޓައިގެންނެވެ. ދިގު އެސްފިޔަތަކެކެވެ. ތަންކޮޅެއް ކަޅުނަމަވެސް ހުތުރެއްނޫނެވެ. ހުރީ ބުރުގާ އަޅާފައެވެ. އެއްވެސް މޭކަޕެއް ކޮށްފައެއް ނެތެވެ. ބަލާބެލުމަށް ސާދާ ކުއްޖެކެވެ. އެ ކުއްޖާ ދާން އުޅުމާއެކު ޒަލަފް ގޮވާލައިފިއެވެ.

(ނުނިމޭ...)

https://sun.mv/131226

comment ކޮމެންޓް