ނޮވެލް ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ރައްޔިތުންނާއި ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އެފަދައިން ވިދާޅުވީ ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުން ފިލުއްވުމަށް ބައެއް ވަޒީރުންނާއެކު މުލިއާގޭގައި މިއަދު ހަވީރު ބޭއްވި އެ ބައްދަލުވުމުގަ އެވެ.
ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްއާ ގުޅިގެން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ދިވެހި ރައްޔިތުންނާއި ރާއްޖެއަށް ޒިޔާރާތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުންކަން ފާހަގަކުރައްވައި، މިކަމުގައި އެޅެން ހުރި ހުރިހާ ފިޔަވަޅެއް ވަގުތުން ވަގުތަށް އެޅުމަށް ރައީސް ޞާލިހު ވަނީ ކަމާބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފަ އެވެ.
މީގެ އިތުރުން އެ ބައްދަލުވުމުގައި ރައީސް ޞާލިހު ވަނީ މިހާރު އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، އެ މަސައްކަތުގައި ހުރިހާ އިދާރާއަކުން ގުޅިގެން މަސައްކަތް ކުރުމަށް އިރުޝާދު ދެއްވާފަ އެވެ.
ހަމައެއާއެކު ޗައިނާއާއި މި ވައިރަސްގެ އަސަރު ފެނިފައިވާ އެހެނިހެން ޤައުމުތަކުގައި ދިރިއުޅެމުންދާ ދިވެހިންގެ ހާލަތު ވެސް އޮޅުންފިލުއްވައި، އެ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މަޢުލޫމާތު ވެސް ރައީސް ޞާލިހު ވަނީ ސާފު ކުރައްވާފައެވެ.
މިދުވަސްވަރު ކޮރޯނާ ވައިރަސް މުޅި ދުނިޔޭގައި ވެސް ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، އިއްޔެގެ ވަގުތެއްގައި ރާއްޖޭން ވެސް މި ބައްޔަށް ޝައްކު ކުރެވޭ ދިވެއްސަކު ވަނީ ފެނިފަ އެވެ.
އެ ބައްޔަށް ޝައްކު ކުރެވުމާއެކު އޭނާ ވަނީ ކ. ފުނަދޫގައި އެކަހެރިކޮށްފަ އެވެ.