ކަލިނަރީ އޮލިމްޕިކްސްގައި ރާއްޖެއިން ބައިވެރިވަނީ

2016 ވަނަ އަހަރުގައި ބޭއްވި ކަލިނަރީ އޮލިމްޕިކްސްގެ ތެރެއިން --- ފޮޓޯ : ކޮމިއުނިކޭފޭ އިންޓަނޭޝަނަލް

ކަލިނަރީ އާޓްސްގެ ދާއިރާއިން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު މުބާރާތް ކަމަށްވާ އީކާ ނުވަތަ ކަލިނަރީ އޮލިމްޕިކްސްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވާން ނިންމާފައިވާ ކަމަށް ރާއްޖޭގެ ކަލިނަރީ އާޓްސްއާ ގުޅުންހުރި ޖަމިއްޔާ ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

ޖަރުމަނުގެ ސްޓުތުގާޓްގައި ބޭއްވުމަށް ހަމަޖެހިފައިވާ 25 ވަނަ ކަލިނަރީ އޮލިމްޕިކްސްގައި ރާއްޖެއިން ދެމީހަކު ބައިވެރިވާނެ ކަމަށް ޝެފްސް ގިލްޑުން ބުނެ އެވެ. އެއީ އަބްދުލް ރަޝީދާއި ޖޫދީ ޚާލިދެވެ.

އެ ޖަމިއްޔާއިން ބުނެފައިވަނީ މިއަހަރުގެ ކަލިނަރީ އޮލިމްޕިިކްސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ދެ ބޭފުޅުންނަކީ އަމިއްލަ ހަރަދުގައި އެ މުބާރާތުގައި ބައިވެރިވާ ބޭފުޅުން ކަމަށެވެ.

އެ ދެ ބޭފުޅުންވެސް މުބާރާތުގައި ބައިވެރިވާނީ ސްރީ ލަންކާގެ ރީޖަނަލް ޓީމާއެކުގައި ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

ޝެފްސް ގިލްޑުން ބުނެފައިވަނީ އެ ޖަމިއްޔާގެ އަމާޒަކީ 2024ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސްގައި ރާއްޖޭގެ ކަލިނަރީ އާޓްސްގެ ގައުމީ ޓީމެއް އުފައްދައި އެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރުން ކަމަށެވެ.

ކޮންމެ ހަތަރު އަހަރު އެއްފަހަރު ބާއްވާ ކަލިނަރީ އޮލިމްޕިކްސް ދުނިޔޭގެ ފެންވަރުގައި ގިނަ ބަޔަކު ބަލައިގަންނަ މުބާރާތަކެވެ. އެގޮތުން މިއަހަރުގެ ކަލިނަރީ އޮލިމްޕިކްސްގައި 2،000 ޝެފުން ބައިވެރިވާނެ އެވެ. އަދި 70 ގައުމަކުން 100،000 އަށްވުރެ ގިނަ މީހުން އެ އޮލިމްޕިކްސްގެ އެގްޒިބިޝަންތަކަށް ޒިޔާރާތް ކުރާނެ ކަމަށް ބުންޏެވެ.

މިއަހަރުގެ ކަލިނަރީ އޮލިމްޕިކްސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 14 އިން 19 އަށެވެ.

comment ކޮމެންޓް