މަ ލޯތްބެއް ދެން ނުވާނަމޭ... - 16

ހިމީގެ މަ ލޯތްބެއް ދެން ނުވާނަމޭ...

"އައިރީން... ކިހިނެތްވީ؟" އިޔާން ގާތުގައި ހުއްޓި އަހާލުމާއެކު އައިރީންއަށް ހަމަބިމަށް އާދެވުނެވެ. އޭނާ ތެދުވެގެން ދާން ފެށުމާއެކު އެ އަތުގައި ހިފާލާފައި އިޔާން އޭނާއާއި ދާދި ގާތަށް އައިރީން ދަމާލިއެވެ.

"ކިހިނެތްވީހޭ އެހީމަ އަޅާނުލާ ދިޔަޔަސް ނޭނގޭނެ ވީ ގޮތެއް އައިރީން" އިޔާން އަހާލިއިރު އޭނާ ހުރީ ސީދާ އައިރީންގެ ދެލޮލަށް ބަލާށެވެ.

"މާ ބޮޑަށް ބޮލަށް ތަދު ވަނީތަ؟ ހޮސްޕިޓަލަށް ދާންވީތަ؟" އިޔާން އަނެއްކާވެސް އަހާލިއެވެ.

"ނޫން... ކަމެއް ނުވޭ" އައިރީން އިސްޖަހާލިއެވެ. އޭނާ މަސައްކަތް ކުރީ އިޔާންގެ އަތް ދަށުން ދެމިގަންނާށެވެ. އެހެންނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.

އައިރީން" އެންމެ ފަހުން އިޔާން ގާތަށް ރުޅިއަތުވެއްޖެއެވެ. އޭނާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އައިރީން އިޔާންގެ އަތް ފޮޅުވާލާފައި ދުރަށް ޖެހިލިއެވެ.

"އިޔާން އަހަންނާމެދު އެހާ ކަންބޮޑުވަންޏާ ކޮންމެ ރެއަކު އެންމެން ނިދީމަ އަންހެން ކުދިންނެއް ގެއަކަށް ނުގެންނާނެ ދޯ... އެވެސް އަނބިމީހާ ކުރިމަތީގަ... އެ ހުރިހާ ސަކަރާތެއްޖަހާފަ އައިސް އަހަރެން ރޯން ފަށާއިރަށް ކިހިނެތްވީހޭ އެހީމަ އެ ސުވާލުގެ ޖަވާބު އަހަރެން ދޭންޖެހޭތަ؟ އަހަރެން ދައްކާ ވާހައިގެ އަޑު އިޔާންއަށް އިވޭތަ؟" އައިރީން ވެސް ބާރަށް ވާހަކަދެއްކިއެވެ. މީހަކަށް އަޑު އިވިދާނެތީ މިފަހަރު އޭނާ ބިރެއް ނުގަނެއެވެ. ކެތްކުރެވިއްޖެތާއެވެ. އިޔާންގެ އުޅުން އޭނާއަށްވެސް ބަލައެއް ނުގަނެވެއެވެ. އައިރީންގެ ވާހަކަތަކުން އިޔާން އަށް ސިހުން ލިބި ކުޑަ ވަގުތު ކޮޅަކު މަޑުޖެހިލި ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ގޮސް އައިރީން ގެ އަތުގައި ހިފާ އޭނާ ކައިރިއަށް ޖެހިލިއެވެ.

"އަހަރެން ކައިވެނީގެ ކުރިން ބުނި ބަސްތައް މަތިން އައިރީން ހަނދާން ނައްތާ ނުލައްޗޭ! އަހަރެން ބުނިން އަހަރެންގެ އުޅުން ހުންނަ ގޮތަށް ފާޑު ނުކިޔާށޭ! މިހާރު ފެނޭތަ؟ އަހަންނަކީ ކާކުކަން އެނގިއްޖެތަ؟ އަހަރެންގެ މައްސަލައެއް ނޫން އެކަމާ ދެރަވެގެން އައިރީން ރުޔަކަސް އެއީ؟ އަމިއްލައަށް ލިބިގަތް ކަމެއްނޫންތަ ތިއީ... އަހަރެން އަހަރެންގެ އުޅުމެއްވެސް ނުހުއްޓާނަން ކެތް ނުކުރެވެންޏާ އައިރީންއަށް ވެސް ލިބިގެންވާ ހައްޤެއް އެއީ ކޯޓަށް ގޮސް ވަރިވުން... ވަރިވޭ!" އިޔާން ބުނެލިއެވެ. ދެމީހުންގެ ދެމެދުގައި ހިނގަމުން ދިޔަ ޒުވާބުގެ ސަބަބުންވެސް ބޮޑު ހިތާމައެއް ލިބުނީ އައިރީންއަށެވެ. އިޔާންއަށް ނުވިސްނެނީ ކީއްވެހެއްޔެވެ؟ އޭނަ އިޔާންދެކެ ހާދަ ލޯބިވެއެވެ.

އައިރީން ތުންފަތުގައި ދަތްއަޅާލީ އިތުރަށް އެއްޗެކޭ ނުބުނަން ވެގެންނެވެ. އޭނާގެ ހިތަށް އިތުރަށް ތަދު ނުކުރަން ވެގެންނެވެ. އިޔާންގެ ހިތަށް އެއްވެސް އެއްޗެއް ނާރާނެއެވެ. އެއަށްވުރެ އެ ހިތް ހަރުވާނެއެވެ.

އޭރު އެ ދެމީހުންނަށް ނޭނގުނު ކަމަކީ އެ ވާހަކަތައް އިތުރު މީހަކަށް އަޑު އިވުނު ކަމެވެ. އިޔާން ނުކުމެގެން ދިޔައީ ދެންވެސް އައިރީން ދެރަވާފަދަ ބަހެއް ބުނެލާފައެވެ. އެނދުގައި އިށީންގޮތަށް މޫނުގައި ދެ އަތް އަޅާފައި އައިރީން ރޯން ފެށީ އޭނާއަށް އިތުރު ގޮތެއް ނެތީ އޭ ހިތަށް އަރާ ހާލުގައެވެ.

އިޔާން ނުކުންނަން ވާއިރަށް ކޮޓަރިއަށް ވަތް ޒަލަފް މަޑުމަޑުން ކޮޓަރިން ނުކުތެވެ. މި ވަގުތު އޭނާގެ ރުޅިގަނޑު ހުރީ ކޮންޓްރޯލް ވާ ހާލަތެއްގައެއް ނޫނެވެ. އިޔާންއާ ދިމާލަށް ބުނަން ނުވާވަރު އެއްޗެއް ބުނެވިދާނެތީ އާ ލިބުނު ޝޮކް ގެ ސަބަބުން ހަމައަކަށް އެޅެން އޭނާ ވަގުތު ކޮޅެއް ބޭނުންވީއެވެ. އޭނާ އައީ އިޔާންއާއި އައިރީންއަށް ޖެއްސުމެއް ކޮށްލާށެވެ. އެކަމަކު ލިބުނު ހަބަރަކުން ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. އައިރީން އާ ވާހަކަ ދައްކަން ބޭނުންވިނަމަވެސް މި ވަގުތު އައިރީން ބޭނުންވާނީ އެކަނިވެލަން ކަން އެނގިގެން އެހަށް އެ ކޮޓަރިއަށް ދާކަށް ޒަލަފް ބޭނުމެއް ނުވިއެވެ. އެކަމަކު އިޔާންއަށް މިއަދު ޖެހޭނީ އޭނާއާ ކުރިމަތި ލާށެވެ. އަނބިމީހާ ކުރިމަތީގައި އެހެން އަންހެނުން ގެއަށް ވައްދައިގެން އެ ކުޅޭ ކުޅިވަރެއް އިޔާން ޖެހޭނީ އޭނާއަށް ކިޔައިދޭށެވެ. އިޔާން ހަމަ އެހާ ދަށު ދަރަޖައަކަށް ވެއްޓުނީހެއްޔެވެ؟

ޒަލަފް އަމިއްލަ ދޮންބެގެ އަމަލުތަކާއި މެދު ނުހަނު ކަންބޮޑުވިއެވެ. ދޮންބެ އެ އުޅުން ދޫ ކޮށްނުލައިފިއްޔާ އޭނާ އެހަބަރު މަންމަމެންނާ ހަމައަށްވެސް ގެންދާނެއެވެ. އެކަމަކު އެ ކަހަލަ ފިޔަވަޅެއް އެޅުމުގެ ކުރިން އޭނާ ބޭނުންވަނީ އިޔާންއާ ވާހަކަ ދައްކާށެވެ. އޭނާ ހަޤީޤަތުގައި ވަރަށްވެސް ލަދުގަނެއްޖެއެވެ. ދުވަހަކު ދެރަ ނުވާވަރަށް ދެރަވެސް ވެއްޖެއެވެ.

*****

އިޔާން ބޭރަށް ގޮސްފައި ގެއަށް އައީ މެންދުރު ބާރަޖަހާ ބޮޑުވިފަހުންނެވެ. އޭރު ޒަލަފް ނަމާދަށް ދާންވެގެން ނުކުންނަނީއެވެ. އިޔާން ފެނުމުން ބަލާލުމަށްފަހު ހީވެސް ނުލާ ދިޔުމުން އިޔާން ކޮނޑު އަރުވާލިއެވެ. ޒަލަފް އެ ހުރީ ހިންހަމަނުޖެހިފައެވެ. މޫނުމައްޗަށް ބަލާލާފައި އެނގުނުނަމަވެސް އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބެއް ނޭނގުނެވެ.

އެކި ގޮތްގޮތަށް ވިސްނުމަށްފަހު ޒަލަފް އިޔާން އާއި ވާހަކަދައްކަން ނިންމިއެވެ. އެއީ އޭގެ ދެ ދުވަސްފަހެވެ. އެ ދެދުވަހުވެސް ޒަލަފް އިޔާންއާއި އަނގައިން ނުބުނާތީ އިޔާން ހުންނަނީ ވާނުވާގައެވެ. ޒަލަފް ކުއްލިއަކަށް އިޔާން ގާތު ވާހަކަ އެއް ދައްކަން ޖެހޭ ކަމަށާއި ކޮޓަރިއަށް އައުމަށް އެދުމުން އިޔާން ޒަލަފް ގެ ކޮޓަރިއަށް ދިޔައިރު ހަވީރު ފަސްގަޑި ބައިވަނީއެވެ.

"ކިހިނެތް ވެގެން ތިއުޅެނީ ބްރޯ... މި ތިން ދުވަހު އަހަންނާ އަނގައިން ބުނަނީ އެއް ނޫން..." އިޔާން އައިސް އެނދުމައްޗަށް ވެއްޓިގަތެވެ.

"މީހުން އަނގައިން ބުނާ ވައްތަރު ކަންތައްތަ ދޮންބެ ކުރަނީ؟" ޒަލަފް ކިތަންމެ ރީއްޗަށް ވާހަކަ ދައްކަން ބޭނުންވިނަމަވެސް އެކަން އޭނާއަށް ނުކުރެވުނެވެ. ފުރަތަމަވެސް ވާހަކަ ދެއްކުނީ އަޑު ހަރުކޮށެވެ.

"ބްރޯ... ހަމަޖެހިބަލަ... ހާދަ ރުޅިއައިސްފަ... އަހަންނަށް ކޮން ކަމެއް ކުރެވިގެން ތިއުޅެނީ" އިޔާން އެނދުން ތެދުވިއެވެ.

"ދޮންބެ ދައްތަ ކުރިމަތީ ގެއަށް އަންހެން ކުދިން ވައްދައިގެން ތި ކުޅެނީ ކޮން ކުޅިވަރެއް" ޒަލަފް ސީދާ މައުޟޫއަށް ވާހަކަ ދައްކަން ފެށިއެވެ. އޭނާ ހުރީ ވަރަށް ރުޅިއައިސްފައެވެ. އިޔާން އަށް ލިބުނީ ސިހުމެކެވެ. އޭނާ ހީކުރީ އައިރީން ޒަލަފް ގާތު ބުނީ ކަމުގައެވެ.

"ދޮންބޭ!" ޒަލަފް ގޮވާލިއެވެ. ހިނދުކޮޅަކަށް އިޔާންގެ އަނގަ ބަންދުވިނަމަވެސް އޭނާ ވާހަކަ ދައްކަން ވެގެން ޒަލަފް އަށް ގޮވާލިއެވެ.

"ދެން ނުބުނާތި ދޮގެކޭ... ހުރިހާ ކަމެއް ވެސް އެނގިގެން މި ވާހަކަ ދައްކަނީ... ރޭގަވެސް އެ ކުއްޖަކު ވެއްދީމެއްނު... ލޮލުން ދެކެފައޭ މި ބުނަނީ" ޒަލަފް ރޭގެ މަންޒަރު ހަނދާނަށް ގެންނަމުން ބުނެލިއެވެ.

"މެރީ ކުރީއްސުރެވެސް ތިހެން ތަ ތިއުޅެނީ... ދޮންބޭ... ވައި؟" ޒަލަފް ފުންނޭވާއެއް ދޫކޮށްލިއެވެ. ހީވަނީ އެތެރެހަށީގައި އުފެދިފައިވާ އުދާސްކަން ބޭރުކޮށްލަން ބޭނުންވެފައި ހުރިހެންނެވެ.

"ޒަލަފް އަޑުއަހާބަލަ... އަހަރެން..." އިޔާން ވާހަކަ ދައްކަން އުޅުނުނަމަވެސް އެ ފުރުސަތު ޒަލަފްއެއް ނުދިނެވެ.

"އެއްވެސް އެއްޗެއް އަޑު އަހާކަށް ބޭނުމެއް ނޫން... މި ވާހަކަތައް މަންމަމެންނާ ހިސާބަށް ގެންދަން ބޭނުން ނުވަންޏާ މިހާރުން މިހާރަށް ތިކަންތައް ހުއްޓާލާ... " ޒަލަފް ބުނެލިއެވެ.

"އައިރީން..." އިޔާންއަށް އެ ނަން އޭނާގެ ދުލުން ބޭރުކޮށްލެވުނެވެ.

"ދޮންބެ ދައްތައެއް ނޫން މި ވާހަކަތައް ކިޔައިދިނީ....." އިޔާންއަށް ބަލާލަމުން ޒަލަފް ބުނެލިއެވެ. ޒަލަފް ގެ ކޮޓަރިން ނުކުމެގެން ދިޔަ އިޔާން ރުޅިއައީ އައިރީން ދެކެއެވެ. ޒަލަފް އެހެން ބުނިނަމަވެސް އައިރީން ޒަލަފްއަށް އެ ވާހަކަތައް ކިޔައިދިން ކަމުގައި އޭނާ ޔަޤީން ކުރިއެވެ. ޒަލަފް އާއި އޭނާއާއި ދެމެދު އެ ނުތަނަވަސްކަން އުފެދެން މެދުވެރިވި ސަބަބަކީ ވެސް އައިރީންއެވެ. އެ ރުޅިވެރިކަމުގެ ނަތީޖާ ކަންނޭގެއެވެ. އެ ރޭ އިޔާން ގެއަށް އައިސްފައި އޭނާގެ އަތުން ފުރަތަމަ ފަހަރަށް އައިރީންއަށް އަނިޔާވެރިވިއެވެ.

އިޔާން ކޮޓަރިއަށް ވަތް އިރު އައިރީން ހުރީ އެނދުގެ ބެޑްޝީޓް ބަދަލުކުރާށެވެ. ދާވެފައި ހުރި އެއްޗެހި ވަށިގަނޑަށް އަޅަމުން އައިރިން ދިޔައެވެ. އިޔާން އައިކަން އެނގިގެންވެސް އެކަމާ މާބޮޑު ސަމާލުކަމެއް އައިރީން ނުދެއެވެ. އޭނާގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ.

"މާ މަސައްކަތް ކުރާ މީހަކަށް ހެދިގެން އުޅޭނެކަމެއް ނެތޭ" އިޔާން އައި ގޮތަށް އައިސް އައިރީން ގެ ބުރުގާ ދަމައިގަނެފައި ބުނެލިއެވެ.

"އިޔާން..." އައިރީންއަށް ގޮވާލެވުނެވެ.

"އަހަރެން އެހެންމީހުން ގޮވައިގެން އުޅޭތަން ފެނި އެހާ ހިތްދަތިވަންޏާ އަހަންނާ އެކު ތިއުޅެނީ ކީއްވެގެންހޭ؟ " އިޔާން އަށް ހަދާލެވުނު ގޮތަކުން އައިރީން ގެ ފަންއިސްތަށިގަނޑުގައި ޖަހާފައި އިން ހުޅި ދޫވެ އިސްތަށިގަނޑު ރޫޅިގެން ދިޔައެވެ. އެއްކޮޓަރިއެއްގައި އުޅުނެތްކަމަކު ދެމެދުގައި އަދިވެސް ވަނީ ބީރައްޓެހިކަމެވެ. ކައިވެންޏަށްފަހު ކުޑަ މިނުން އައިރީންގެ އިސްތަށިގަނޑުވެސް އިޔާންއަށް ފެނިފައެއް ނުވެއެވެ. ކައިވެނީގެ ކުރިން އެއްރޭ ފެނުނެވެ.

އައިރީންގެ ދެލޯ ބޮޑު ވެފައިވެއެވެ. އިޔާން އަށް ދެވަނަ ފަހަރު ގޮވާލީ ބިރުގަނެފައި ހުރެފައެވެ.

"މީހުން ކައިރީ ފާޑު ފާޑުގެ ވާހަކަ ދައްކާއިރު ނޭނގޭތަ އެއްވެސް އެއްޗެއް؟" އިޔާން ބާރަށް ބުނެލިއެވެ.

"އަހަރެން ކީކޭ.. ކީކޭ ކީ... އެއްވެސް... އެއްވެސް އެއްޗެއް ނުކިޔަން" އެއްވެސް އެއްޗެއް ނޭނގޭ އައިރީން އިޔާންއަށް ބަލާލާފައި އަޅައަޅައިގަންނަމުން އަހާލިއެވެ. އިޔާން އައިރީންގެ ދެ އަތުގައި ހިފާ އޭނާ އާ ގާތް ކޮށްލަމުން އެ ދެލޮލަށް ބަލަން ހުއްޓެވެ. އެހެން ހުރެފައި ދެން ހިފީ އައިރީންގެ އަނގައިގައެވެ.

"ހަނދާން ކުރާތި... އަހަރެން ގެ އެއްވެސް ވާހަކަ އެއް އެއްވެސް މީހެއް ކައިރީގައި ދައްކައިފިއްޔާ..." އިޔާން އައިރީންގެ ލޮލާ ދިމާލަށް ޝަހާދަތް އިނގިލިދިއްކޮށްލިއެވެ. އަދި އަނގަމަތިން އަތް ދޫކޮށްލިއެވެ.

"އަހަރެން އެއްވެސް އެއްޗެއް ނުކިޔަމޭ އިޔާން... ވެގެން އުޅޭ ގޮތެއް..." އައިރީން ބުނެލިއެވެ. އޭނާ ހުރީ ބިރުވެސް ގަންފައެވެ. އިޔާން މިވީ ހާތަކަށް އެހާ އަނިޔާ ވެރިކޮށް އޭނާގެ ގައިގައި އަތްލާފައެއް ނުވެއެވެ. އެހެންވެ އައިރީންވެސް ހުރީ ޝޮކެއްގައެވެ. ޖުމްލަ ފުރިހަމަ ނުކުރެވި އުޅެނިކޮށް އަނެއްކާވެސް އޭނާގެ އަނގައިގައި އިޔާން ހިފިއެވެ. އަނެއް އަތުން އިސްތަށިގަނޑަށް ބާރުކޮށްލިއެވެ. އެހެން ހުރެފައި ދޫކޮށްލުމަށްފަހު ބޭރަށް ހިނގައިގަތެވެ.

އޭގެ ފަހުން އައިރީންއަށް ކުދި ކުދި އަނިޔާކުރުން އާދައަކަށް ވެއްޖެއެވެ. އައިރީންއެއްޗެކޭ ބުނެފިއްޔާ އަނގައިގައި ހިފުމާއެކު އިސްތަށިގަނޑަށް ވާން ކުރުންފަދަ ގޯނާތައް އިޔާން ކުރަން ފެށިއެވެ. އައިރީންގެ ލޮލުން ކަރުނަ ނުހިކެއެވެ.

ޒަލަފް ސުމާ އާއި ބައްދަލުކުރީ އާރޓްފިޝަލް ބީޗުންނެވެ. ކާރުގައި އައުމާއެކު ސުމާވެސް އައިސް ކާރަށް އަރައިފިއެވެ. އޭނާ ބޭނުންވީ ހުޅުމާލެއަށް ދުއްވާލަން ދާށެވެ. ޒަލަފް މިރޭ ކުޑަކޮށް ބަލިކޮށް އުޅޭ ރެއަކަށްވީތީ އެހާ ދާހިތެއް ނެތެވެ.

"އެހެން ރެއަކުން ދަމާ... ސުމާ އާ ބައްދަލުނުވާތާ ދެ ދުވަސް ވީމަ މިއައީވެސް... ބަލިކޮށް މިއުޅެނީވެސް" ޒަލަފް ލުއި ހިނިތުންވުމެއް ދިނެވެ.

"ޒަލަފް ބަލި ނުވާ އިރެއް އާދޭތަ؟ އަހަރެން ކަމެއް ކުރަން ބުނެފިއްޔާ އަބަދު ބަލިވެފަ... ކޮންމެވެސް ކަމެއްވެފަ" ސުމާ ޖެއްސުމަށް ވާހަކަ ދައްކަން ފެށިއެވެ.

"ސުމާ... ކިހިނެތް ތި ވާހަކަ ދައްކަނީ... އަހަރެން އަސްލުވެސް ބަލިވެޔޭ އުޅެނީ..." ޒަލަފް ބުނެލިއެވެ. އޭނާ ދެރަވިއެވެ.

"އޯ... ޕްލީޒް... ބަހަނާ ނުދެއްކިޔަސް ހެވޭ... " ސުމާ ބުންޏެވެ. ސުމާގެ ރާގު މިހާރަކަށް އައިސް ހުންނަ ގޮތް އެއްގޮތަކަށްވެސް ޒަލަފްއަކަށް ކަމަކު ނުދެއެވެ.

"ސުމާ... ކީއްވެތަ އަހަންނާ ތިހެން ވާހަކަ ދައްކަނީ؟ އަހަރެން ސުމާ ބުނާ ކަންތައް ނުކޮށްދެނީތަ؟" ޒަލަފް އަހާލިއެވެ.

"ދެން ތި ބުނަނީ އަހަރެން ފަގީރުވީމަ ޒަލަފް އޭތަ އަހަރެންގެ ހުރިހާ ކަމެއް ކޮށްދެނީ؟" ސުމާ ރުޅިއައެވެ.

"އަހަރެން ކޮން އިރަކުތަ އެހެންބުނީ؟" ސުމާ ވިސްނާލަބަލަ... އަހަރެން ދުވަހަކުވެސް އަހަރެމެން ދެމީހުންގެ ފަރަގުގެ ވާހަކަ ދެއްކިންތަ؟ ނުދައްކަމެއްނު... އަހަރެން ސުމާ އާއެކު އުޅެން ބޭނުންވާތީ ދޯ މި ބުނަނީވެސް ހިނގާށޭ މެރީކުރަން... އެކަމަކު މިހާ ޒުވާބު ކުރަންޏާ ހިޔެއްނުވޭ މެރިއޭޖް ވެސް ވޯކްއައިޓް ކޮއްފާނެހެނެއް... ނޫންތަ؟" ޒަލަފް ފުރަތަމަ ފަހަރަށް ސުމާގެ އަމަލުތަކާ މެދު ހިންހަމަ ނުޖެހޭކަން ފާހަގަކުރިއެވެ.

"އައި އެމް ސޮރީ އޭ... ކާރުގެ ފަހަތް ބަލާލަބަލަ... އަހަރެން ސުމާއަށް ގެނައި ޕްރެސެންޓް އިންނާނެ" ޒަލަފް ހަތިޔާރު ބެހެއްޓިއެވެ. ޕާރސަލް ފެނިފައި ސުމާގެ މޫނު އުޖާލާ ވެގެން ދިޔަތަން ފެނުނެވެ. އޭނާ އެ ނަގާ ކަނޑާލިއެވެ. އޭނާ އެންމެ ބޭނުންވެގެން އުޅުނު ކަހަލަ ސެންޓް ފުޅިއެކެވެ. ޒަލަފް އަށް ބަލާލާފައި އޭނާ ތުއިކޮށް ތެންކިއު އޭ ބުނެލިއެވެ. ބަލިވެ އުޅެމުންވެސް ސުމާ ހިންހަމަ ޖެއްސުމަށްޓަކާ ޒަލަފް އެރޭ ހުޅުމާލެއަށް ދުއްވާލަން ދިޔައެވެ. އޭނާ ބޭރަށް ނުކުތީވެސް މަންމަ މަނާ ކޮށްފައި އޮށްވައެވެ.

"އަހަރެން ގޮވައިގެން ނުދާން ވެގެން ދޯއެހެން ބުނީ... އަސްލު ބައްޔެއް ނޫން... ދޯ" ސުމާ ބުނެލިއެވެ.

"ނޫނޭ ހަމަ ބައްޔޭ... އެކަމަކު ދެން އެވާހަކަ ބާއްވާ... އެކޮޅު ރެސްޓޯރެންޓަކުން ކާލައިގެން ދެން އަންނާނީ" ޒަލަފް ބުނެލިއެވެ. ދެމީހުން އެކުގައި ހުޅުމާލާގައި އަލަށް ހުޅުވި ރެސްޓޯރެންޓަކާ ދިމާލަށް މިސްރާބުޖެހިއެވެ. ކާރު ޕާރކުކޮށްލާފައި ގޮސް އެތަނަށް ވަންނަނިކޮށް އޭތް ސުމާ އޭ ކިޔާފައި މީހަކު ގޮވާލި އަޑު އިވުނެވެ. އޭނާ އެނބުރިލިއެވެ. އެއީ ކާކުގެ އަޑެއްކަން އޭނާއަށް އެނގެއެވެ. އެހެންވެ ސުމާ ކުޑަކޮށް ސިހުނުވެސް މެއެވެ.

"ކާކު؟ އެނގޭ ދަންނަ މީހެއްތަ؟" ޒަލަފް އަހާލިއެވެ. ސުމާ ދެކޮނޑު އުފުލާލިއެވެ.

"އޭތް ސުމާ... މިރޭ އެހެން ބިޓެއްތަ؟" އެމީހާ އަހާލިއެވެ. ސުމާ ދެލޯ އަޅާލިއެވެ. އެހެންނަމަވެސް އޭނާ ޖަހާލީ ނުލަފާ ހިނިގަނޑެކެވެ. އެއީ ސުމާ ކުރީގައި ރައްޓެހިވެގެން އުޅުނު ކުއްޖެކެވެ. އަދިވެސް ސުމާ އަށް އުނދަގޫ ކުރަމުން ފަހަތުން ދުވަނީއެވެ. އޭނާ ސުމާގެ އަތުގައި ހިފައްޓަން އުޅުމާއެކު ޒަލަފް އެ ފިރިހެންމީހާގެ އަތުގައި ހިފެއްޓިއެވެ.

"ކާކު؟ ސުމާ އެނގެނީ ކިހިނެތް؟" ޒަލަފް ސުވާލުކޮށްލިއެވެ.

"ސުމާ އާ ތި ސުވާލުކުރަންވީނު.. އަހަންނަށް ވުރެ ބޮޑަށް ސުމާއަށް އެނގޭނީ... ދޯ" އޭނާ ދަމުން ދިޔައީ ސުމާގެ ކޯތާފަތުގައި އިނގިލި ޖައްސާލާފައެވެ. ޒަލަފް ހުރީ ރުޅިއައިސް ރަތް ވެފައެވެ. ގޮނޑީގައި އިށީނދެފައި ޒަލަފް ސުވާލުކޮށްލިއެވެ.

"ކާކުތަ އެއީ ސުމާ؟"

"ނޭނގެ އެއް އިރެއްގައި ރައްޓެހި ވެވުނު ކުއްޖެއް... ޑްރަގް ނަގާތީ ދުރުވީ" ސުމާ ވަގުތުން ދޮގެއް ހަދާލިއެވެ. ކަމެއް ފަޅާ އަރާފާނެތީ އުޅޭ ފަދައަކުންނެވެ.

އެހެންހޭ ކިޔާފައި ޒަލަފްވެސް އެ މައުޟޫ ބޭއްވީއެވެ. އެހެންނަމަވެސް ފުރަތަމަ ފަހަރަށް ސުމާއާއި ދޭތެރޭ އޭނާގެ ހިތުގައި ޝައްކެއް އުފެދުނީ އެ ޒުވާނާ ސުމާ ފެނިގެން އެންމެ ފުރަތަމަ ބުނެލި ވާހަކައިންނެވެ.

އައިރީންއަށް އެއްޗެކޭ ބުނެވޭއިރަށް އިޔާން އައިސް ކުދި އަނިޔާ ކުރާތީ މި ފަހަކަށް އައިސް އައިރީން ހުންނަނީ ބިރުގަންފައެވެ. ނިދިފައި އޮވެފައިވެސް ސިއްސަ ސިއްސައިގެން ގޮސް ހޭލެވެނީއެވެ. ހަޅޭއްވެސް ލެވެނީއެވެ. ހޭލެވެނީ ގިނަ ފަހަރު އިޔާން އައިސް ގޮވުމުންނެވެ. އެކަމާ ހެދިވެސް ފަހުން ފަހުން އައިސް އިޔާން އައިރީން އާ ދިމާލަށް އެއްޗެހި އެއްޗެހި ބުނަން ފެށިއެވެ. އިޔާންގެ އަނިޔާތަކަށް ކެތް ނުކުރެވޭ ހިސާބަށް ގޮސްފިއެވެ. މަދު ރެ އެއްނޫނީ ކޮންމެ ރެއަކު އެ ދެމެދު ދެބަސްވުމެއް ހިނގާނެއެވެ.

އެއީވެސް އެފަދަ ރެއެކެވެ. މިރޭވެސް އެ ދެމެދުގައި ދެބަސްވުމެއް ހިނގީއެވެ. އިޔާން އައިސް އައިރީންގެ އަތުގައި ހިފެއްޓުމުން އައިރީންއަށް ތަދުވެޔޭ ބުނެލެވުނީ ކުރިން ރެއަކު އިޔާން އެގޮތަށް ހިފެއްޓިތަން ނޫފައިގަނެފައި ހުރީތީއެވެ.

"އަބަދާ އަބަދު ކޮން ޝަކުވާއެއްތަ؟ އިޔާން އެހެން އުޅެނީ ކީއްވެހޭ؟ ގެއަށް އައިސް ވަންނައިރަށް އެ ޝަކުވާ... ކިހާ ދެރަކަމެއްތަ މީ ދެން؟" އިޔާން ހަޅޭއްލަވައިގަތެވެ.

"އަނބިމީހާ ވީމަ ދައްކަން ޖެހޭ ވާހަކަ ވީމަ ދެއްކެނީ..." އިޔާންގެ ގަމީހުގައި ހިފައްޓަމުން އައިރީން ބުނެލިއެވެ. އެ ކަރުނުން ފުރިފައިވި ދެލޯ އިޔާންގެ ހިތުގެ ހިނގުމަށް ބަދަލު ގެންނަން ފެށުމާއެކު އަމިއްލަ އިޙްސާސްތައް ކޮންޓްރޯލް ކުރަން އިޔާން މި ފަހަރުވެސް ބޭނުން ކުރީ އޭނާގެ އަނިޔާވެރިކަމެވެ.

އައިރީންގެ އަނގަމަތީގައި ހިފެއްޓީ އެ ބަސްތައް އެ ދުލުން ބޭރު ކުރިޔަ ނުދިނުމަށެވެ. އިސްތަށިގަނޑަށް ވާން ކޮށްލުމާއެކު އައިރީންއަށް އައްދޯތްޔޭ ބުނެވުނެވެ. އިޔާން އެއްމިޔަކަށް ހީލިއެވެ.

ދުރަށް ކޮށްޕާލާ ގޮތަށް އަނގަމަތިން އަތް ދޫކޮށްލުމާއެކު އިސްތަށިގަނޑުންވެސް އަތް ދޫކޮށްލިއެވެ. އެއާއެކު އައިރީންގޮސް ވެއްޓި އެނދުގައި ކަނުގައި ބޯ ޖެހި ނިތްކުރިމަތި ފަޅައިގެން ދިޔައެވެ. ލޭ އަންނަން ފެށުމާއެކު އެތަނުގައި އައިރީންއަށް އަތް ޖައްސާލެވުނެވެ. އިޔާން ދުރަށް ހިނގައިގަތުމާއެކު އައިރީންއަށް ބާރަށް ރޯން ފެށުނެވެ. ގިސްލާ ބާރަށް ރޮވެން ފެށި އަޑަށް އެތަނުން ނުކުންނަން އިޔާން ހިނގައިގަތެވެ. އައިރީން ދެކަކޫގައި ހިފަހައްޓާ އެނދު ކައިރިއަށް ކުރުގެޅިލިއެވެ.

"އަހަރެން ވަރިކުރޭ" ކެތް ނުކުރެވިގެން ވީ ދެރައިން އައިރީންއަށް ބުނެވުނެވެ. އެއަޑަށް އިޔާންގެ ފިޔަވަޅުތައް މަޑުވިއެވެ. އޭނާ އެނބުރި އައިރީންއަށް ބަލާލިއެވެ.

(ނުނިމޭ...)

https://sun.mv/130662

comment ކޮމެންޓް