އެވިޑް ކޮލެޖްގެ ޗެއާމަން މުޝްތާގަށް އަހަރުގެ އިންސްޕިރޭޝަނަލް ލީޑާ އެވޯޑް

އެވިޑް ކޮލެޖްގެ ޗެއާމަން މުޝްތާގްއަށް އެޥޯޑް އަރުވަނީ--- ފޮޓޯ/ އިމޭޖާސް އެމްވީ

އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދުއަށް މި އަހަރުގެ އިންސްޕިރޭޝަނަލް ލީޑާ އެވޯޑް ލިބިވަޑައިގެންފި އެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2019ގެ ގާލާގައި އެ އެވޯޑް މުޝްތާގަށް މިރޭ ވަނީ އަރުވައިފަ އެވެ.

މިއީ މުޝްތާގަށް މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި އެވޯޑެއް ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެެވެ.

މުޝަތާގް "ސަން" އަށް ވިދާޅުވީ މި އަހަރު އެވިޑް ކޮލެޖުން ކުރެވުނު މަސައްކަތާ ދޭރެތޭ ވަަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އެގޮތުން މިއަހަރު ސައިކޮލޮޖީ ކޯސްތަކެއް ތައާރަފްކުރުމުގެ އިތުރުން ސްޕެޝަލް އެޑިއުކޭޝަން އިން ޑިގްރީ އަދި މާސްޓާސް ޕްރޮގްރާމް ފެށުނުކަން އޭނާ ވަނީ ފާހަގަކުރައްވައިފަ އެވެ.

"މިކާމިޔާބީގެ ފަހަތުގައި މުވައްޒަފުންނާއި އަޅުގަނޑުގެ އަންހެނުނާއި ދޮށީ ދަރިފުޅުގެ ނަން ފާހަގަކޮށްލަން ބޭނުން،" މުޝްތާގު ވިދާޅުވި އެވެ.

މުޝްތާގު އެވިޑް ކޮލެޖު ފުރަތަމަ ފަށައިގަތީ އެވިޑް ސެންޓަރުގެ ނަމުގަ އެވެ. އެ ސެންޓަރު ކޮލެޖަކަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ.

މުޝްތާގުގެ ލީޑަޝިޕްގެ ދަށުން މިހާރު އެވިޑް ކޮލެޖަކީ ރާއްޖޭގެ އެންމެ ކާމިޔާބު ކޮލެޖުތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ.

އެވީޑް ކޮލެޖަށް މި އަހަރު ވަނީ 14 އަހަރު ފުރިފަ އެވެ. ސާދަ ވަނަ އަހަރީ ދުވަހާ ދިމާކޮށް، އެ ކޮލެޖުގެ ލޯގޯ ވެސް ވަނީ ރީބްރޭންޑްކޮށްފަ އެވެ. ކުރިން އެވިޑް ކޮލެޖުގެ ލޯގޯގެ ގޮތުގައި ބޭނުންކުރި ފެހި ކުލަ ވަނީ ރަން ރީނދޫ ކުލައަށް ބަދަލުކޮށްފަ އެވެ. އަދި އެވިޑް ކޮލެޖުގެ ޑައިމަންޑް ކެމްޕަސްގެ އިމާރާތުގެ ކުލަވެސް ވަނީ އެ ކުލައަށް ބަދަލުކޮށްފަ އެވެ.

މުޝްތާގަށް ވަނީ ރައީސުލްޖުހޫރިއްޔާ ދެއްވާ އެވޯޑާއި ދުނިޔޭގެ އެކިތަންތަކުގެ މަސައްކަތެރިންނަށް އޭއެސްޑީއެފް އިން ދޭ ބެސްޓް އެކަޑެމިކް ޗެއާމަންގެ އެވޯޑް 2017 ވަނަ ލިބިފަ އެވެ.

މި އަހަރުގެ ބިޒްނަސް އެވޯޑްސް 2019ގައި ފަސް ދާއިރާއަކުން ޖުމްލަ 29 ކެޓަގަރީއަކުން އެކި ފަރާތްތަކަށް ވަނީ އެވޯޑް ދީފަ އެވެ.

އަހަރެއްގެ މުއްދަތުގައި ވިޔަފާރިތަކުން ހޯދާ ކުރިއެރުންތައް ފާހަގަ ކުރުމުގެ ގޮތުން ދޭ ބިޒްނަސް އެވޯޑްސްގެ އެންމެ ފުރަތަމަ ހަފްލާ ބޭއްވީ މިދިޔަ އަހަރުގަ އެވެ.

އެ އެވޯޑް ހަފްލާއަކީ މާކެޓިންް، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް މެނޭޖްމަންޓް ކުންފުންޏެއް ކަމަށްވާ ބްލޭޒަން އިންކޯޕަރޭޓަޑްއިން ބާއްވާ އެވޯޑް ހަފްލާއެކެވެ.

comment ކޮމެންޓް