ޔާމީން ރަޝީދުގެ މަރު: ކޯޓު އަމުރަކުން ޒާހިދު ރަމީޒު ހާޒިރު ކުރަނީ

ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު: ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދިފާއީ ހެއްކެއްގެ ގޮތުގައި ޒާހިދުގެ ނަން ވަނީ ހިމަނާފައި ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާޙް

އަނިޔާވެރިކޮށް ގައިގެ އެތައް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ދިފާއީ ހެއްކެއްގެ ގޮތުން ޕީޕީއެމްގް ކުރީގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު ހާޒިރު ކުރުމަށް ކޯޓު އަމުރެއް ނެރުމަށް ނިންމައިފި އެވެ.

ދިފާއީ ހެއްކެއްގެ ގޮތުގައި ޒާހިދު ރަމީޒު ހާޒިރުކޮށް ދިނުމަށް އެދިފައިވަނީ އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދުގެ ފަރާތުންނެވެ.

ހައިޝަމްގެ ފަރާތުން ދިފާއީ 11 ހެއްކެއް ހުށަހެޅި އެވެ. ނަމަވެސް އޭގެތެރެއިން ހަތް މީހެއްގެ ހެކިބަސް ނަގަން ބޭނުން ނުވާ ކަމަށް އޭނާގެ ވަކީލް މައުމޫން ހަމީދު ވަނީ މިއަދުގެ އަޑުއެހުމުގައި ވިދާޅުވެފަ އެވެ. ސަބަބެއް ކަމަށް މައުމޫން ހަމީދު ފާހަގަކޮށްފައިވަނީ ދައުލަތުން އޭނާގެ މުވައްކިލާ ދެކޮޅަށް އެކަށީގެންވާ ހެކިން ހުށަހަޅާފައި ނުވާތީ އެވެ. އެގޮތުން އެ ހަތް ހެކިންނަކީ ދައުލަތުން ހުށަހަޅާނެ ކަމަށް ދައުވާގައި ބުނެފައިވާ ހެކިންގެ ހެކިބަސް ނަފީ ކުރުމަށް ހައިޝަމްގެ ފަރާތުން ހިމެނި ހެކިންނެވެ.

ދިފާއީ ހެކިންއަށް ޔާމީންއަށް މަރުގެ އިންޒާރު ދިން މީހުން

ހައިޝްމް ރަޝީދުގެ ފަރާތުން ހަތް ހެއްކެއް ހުށަނޭޅުމަށް ނިންމި ނަމަވެސް އަނެއް ހަތަރު ހެކިންގެ ހެކިބަސް ނަގައި ދިނުމަށް ވަނީ އެދުފަ އެވެ. އެގޮތުން އެ ހަތަރު މީހުންނަކީ ވެސް ޔާމީން ރަޝީދަށް މަރުގެ އިންޒާރު ދީފައިވާ މީހުން ކަން މައުމޫން ހަމީދު ފާހަގަކުރެއްވި އެވެ.

އޭގެ ތެރެއިން އެއް ފަރާތަކީ ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު އެވެ. އޭނާ ހާޒިރު ކުރުމަށް އަމުރެއް ނެރުއްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން މިއަދު ވިދާޅުވި އެވެ.

ޖަވާބުގައި މައުމޫން ހަމީދު ވިދާޅުވީ، އެ ފަރާތްތަކުގެ އެޑްރެސް ދިފާއަށް ވެސް ނޭންގޭ ކަމަށާއި ނަމަވެސް ފުލުހުންނަށް އެޑްރެސްތައް އިނގޭނެ ކަމަށެވެ. އެހެން ކަމުން މައުމޫން ހަމީދު އެދިވަޑައިގެންފައިވަނީ ފުލުހުންގެ ފަރާތުން އެ މައުލޫމާތުތައް ލިބޭނެ މަގު ފަހި ކޮށްދެއްވުމަށެވެ. އަދި އެ ފަރާތްތަކަކީ ރުހުމުގައި ކޯޓަށް ހާޒިރު ވާނެ ފަރާތްތަކަކަށް ނުވާނެތީވެ އެ ހުރިހާ ފަރާތްތައް ހާޒިރު ކޮށްދިނުމުގެ އަމުރަކަށް މައުމޫން ހަމީދު ވަނީ އެދިވަޑައިގެންފަ އެވެ.

ދިފާއުގެ ހުށަހެޅުމަށް ދައުލަތުން ދެކޭ ގޮތެއް ހާމަ ކުރުމަށް ފުރުސަތު ދެއްވުމުން ޕީޖީގެ ވަކީލް ވިދާޅުވީ، ދިފާއީ ހެކިން ހާޒިރު ކުރުމަކީ ދިފާއުގެ ކަމެއް ކަމަށާއި އެކަމަށް ދައުލަތުން ކޮށްދެވޭނެ ކަމެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް އަނެއް ހަތަރު މީހުންގެ އެޑްރެސް ނެތުމުން އެމީހުން ހާޒިރު ކުރުމަށް ދަތި ތަކެއް ހުރި ކަން ގާޒީ ފާހަގަ ކުރެއްވި އެވެ. އަދި ޝަރީއަތުން އެކަމަށް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި އިސްމާއިލް ހައިޝަމް ރަޝީދުގެ އިތުރުން ދެން ދައުވާ އުފުލާފައިވަނީ، މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި، ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

ޔާމީން ރަޝީދު މާރާލީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ.

comment ކޮމެންޓް