މަ ލޯތްބެއް ދެން ނުވާނަމޭ... -5

ހިމީގެ މަ ލޯތްބެއް ދެން ނުވާނަމޭ...

އިޔާންގެއަށް އައިސް ވަނީ ތެމިގެންނެވެ. ސިޑިން އަރައިގެން ގޮސް ބެލްކަންޏަށް ނުކުމެލިތަނާ އޭނާގެ ލޮލުގައި މިރޭވެސް އައިރީން އަޅައިގަނެއްޖެއެވެ. ކައިރިއަށް ޖެހިލުމާއެކު އެއް އަރިމަތިންވެސް އައިރީންގެ ތުންފަތުގައިވި ހިނިތުންވުން އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު އޭނާގެ ރުޅިވެރިކަން އުތުރި އެރި ފަދައެވެ. ނިކަން ބާރަށް އައިރީންގެ އަތުގައ ހިފާ އޭނާއާއި ދިމާލަށް އަނބުރުވާލާފައި ރެއިލިންއާއި އޭނާގެ ހަށިގަނޑާ ދެމެދު އައިރީން ހައްޔަރުކޮށްލައިފިއެވެ.

"އައިރީން... ކޮބާ އަހަންނާއި އިނުމުގެ ބޭނުމަކީ؟ ބަނގުރޫޓުވުމުގެ ބިރު ހީވެފައިވާ ބައްޕަގެ ކުންފުނި ނަގާކޮޅަށް ޖެހުންތަ؟ އަހަރެން ބުނެފީމެއްނު އަހަރެން ބޭނުމެއްނޫނޭ އަދި މެރީ ކުރާކަށް... ލޯބި ނުވާ ދެމީހަކު މެރީކޮށްގެން އެހެންނޫނަސް ކިހިނެތް ދިރިއުޅުމެއް އުޅޭނީ... " އިޔާން ބުނެލިއެވެ. އައިރީންއާއި އެހާ ގާތުގައި އިޔާން ހުރުމުން އައިރީންގެ ދެފައި ކޮޅުން ވާގިދޫވެ މީހާ ކޮންމެވެސް ވަރަކަށް ތުރުތުރު އަޅާގޮތްވިއެވެ. އިޔާންގެ އެ ގާތްކަމުން އޭނާއަށް އުނދަގޫވިއެވެ. ޖެހިލުންވާގޮތްވިއެވެ.

އެއަޅިކުލައިގެ ދެލޮލުން އޭނާއަށް ޖެއްސީ ކޮން ޖާދުލެއްހެއްޔެވެ؟ އޭނާގެ ހިތުގައި އިޔާންއަށްޓަކާ ޖަހަމުންދާ ވިންދުގެ އަޑު އެހިތުގައި ގަދަވެގަތެވެ.

"އައިރީން... އަހަރެމެން އެކަކު އަނެކަކު ދެކެ ލޯބި ނުވާއިރު މަންމަމެން ބުނީތިއްޔޭ ކިޔާފަ ޖެހޭތަ މެރީކުރަން... އަނެއްކާ އައިރީން އަހަރެން ދެކެ ލޯބި ވަނީތަ؟" ފަހު ޖުމްލަ އައިރީންއާއި ކޮށްލިއިރު އިޔާންގެ އަޑުގައި ހިސާބެއްގެ ނުތަނަވަސްކަމެއް ވިއެވެ.

އިޔާންއަށް ބަލަން ހުރެފައި އައިރީން އިސްޖަހާލީ ނޫނެކޭ ބުނަން ނުކެރުމުންނެވެ. އެހެނީ އޭނާގެ ހިތުގައި އިޔާންއަށްޓަކާ ލޯތްބޭ މިކިޔާ އިހްސާސް އަތްގަދަކުރަން ފަށައިފިއެވެ. އެހެންނޫނަސް އޭނާ ބައްޕަގެ އެދުމާ ދެކޮޅެއް ނަހަދާނެއެވެ. އިޔާންގެ ލޮލުން އޭނާއަށް ޓަކައި ރުޅިވެރިކަން ފެންނަމުން ދިޔަނަމަވެސް އޭނާގެ ހިތުގައި ބައްޕަގެ ބަސްތަކަށް ދެވިފައި ވި ގަދަރުވެރިކަން ކުޑަވެގެން ނުދިޔައެވެ. އިޔާން ދުވަހަކު އޭނާ ދެކެ ލޯބި ނުވިނަމަވެސް އޭނާ އެ ހުރީ އިޔާން އާއެކު އޭނާގެ މުޅި އުމުރުގެ ބާކީބައި ހޭދަކުރަން ތައްޔާރަށެވެ. އެކުގައި އުޅެން ފެށުމުންވެސް އެކަކު އަނެކަކު ދެކެ ލޯބި ވެވިދާނެއެވެ. އިޔާންގެ ހިތުގައި އޭނާއަށްޓަކައި ލޯބި އުފެދިދާނެއެވެ.

އައިރީން..." ބާރަށް އައިރީންގެ އަތުފައި ހިފާލާފައި އިޔާން އެއަތަށް ބާރުކޮށްލިއެވެ.

"އައްދޯތް..." ތަދުވެގެން އައިރީންއަށް ބުނެވުނެވެ.

"އަހަރެންނާ ކައިވެނި ކުރިޔަސް އަހަރެން ކަލޭ ދެކެ ދުވަހަކުވެސް ލޯތްބެއް ނުވާނަން... ހަނދާންކުރައްޗޭ!" އައިރީންގެ އަތް ފޮޅުވާލާފައި އިޔާން ބުނެލިއެވެ. އައިރީންގެ އަތް ގޮސް ރެއިލިންގެ ދަގަނޑުގައި ޖެހި ތަދުވެސް ވިއެވެ. އައިރީންގެ ދެލޯ ވަގުތުން ފެން ކަޅިވިއެވެ. އިޔާން އެހެން ބުނި ކަމުގައި ވިނަމަވެސް އޭނާ މި ކައިވެންޏަކަށް ދެކޮޅެއް ނަހަދާނެއެވެ. ހިތުން ރުހުމުން އިޔާންގެ ކޮންމެ އަނިޔާޔަކަށް ކެތްކުރުމަށް އޭނާ އަޒުމުކަނޑައެޅިއެވެ. ކޮންމެވެސް ދުވަހަކުން އިޔާންގެ ހިތް އޭނާގެ މައްޗަށް ލެނބޭނޭކަމަށް އުންމީދުކުރެވުނީތީއެވެ. އިޔާން އިރުކޮޅަކު އައިރީންއަށް ބަލަން ހުރެލާފައި އެ ދިޔަ ބާރުމިނުގައި ގޮސް ކޮޓަރީގެ ދޮރުފަތް ލައްޕާލައިފިއެވެ. އެ އަޑު އެތަނުގައި ގުގުމައިގެން ދިޔަލެތް ބާރުކަމުން އައިރީންއަށް ދެ ކަންފަތުގައި އަތް އަޅާލެވުނެވެ. ލޮލުގެ ތެރެއަށް ޖަމާވެފައި ހުރި ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގެން ދިޔައިރުވެސް އައިރީންއަކަށް ނޭނގުނެވެ.

ޖެހިގެން އައި ހަފްތާގައި އާއިލާގެ އެހެން މެންބަރުން ވެސް އަތުވެއްޖެއެވެ. ގޭތެރެއަށް ހަލަބޮލިކަން ގެނުވީ ޒަލަފްގެ ސަބަބުންނެވެ. ގެންގުޅޭ ސަކަ މިޒާޖުގެ ސަބަބުން ގޭތެރެ އެކީ ހަލަބޮލިވެގެން ހިނގައްޖެއެވެ. އިޔާންއަށްވުރެ ޒަލަފް ހަގީ ދެ އަހަރުނަމަވެސް ދެމީހުންގެ މިޒާޖު އުޑާ ބިމާހާ ތަފާތެވެ. ޒަލަފް ކިތަންމެ މަޖާކޮށް އުޅުނު ނަމަވެސް އޭނާ އަކީ ދިރިއުޅުން ވަރަށް ސީރިއަސްކޮށް ނަގާ މީހެކެވެ. ޒިންމާދާރުވެފައި ހަރުދަނާގޮތެއް ހުރެއެވެ.

އާއިލާގެ އެންމެން އައުމާއެކު އެންމެ އުނދަގޫވީ އައިރީންއަށެވެ. އެ އެންމެންގެ ތެރެއަށް ހޭނެން އަދިވެސް ދުވަސްކޮޅެއް ނަގާނެއެވެ. އެކަން ވިސްނިގެން ފަލަކް ވެސް އައިރީން ގާތު ގިނަ ވަގުތު ހޭދަކުރެވޭތޯ ބެލިއެވެ. އާއިލާގެ އެންމެން އުޅޭ ގަޑިތަކުގައި އޭނާ އައިރީން އެމީހުންތެ ތެރެއަށް ގިނަގިނައިން ނެރެން މަސައްކަތް ކުރެއެވެ. އެހެނީ ބީރައްޓެހިކަން ފިލާނީ ގިނަ ގިނައިން ނުކުމެގެން ކަން ފަލަކްއަށް ވިސްނޭތީއެވެ. ފަލަކްގެ އެދުމަށް އެއްފަހަރުވެސް އައިރީން ދެކޮޅެއް ނަހަދައެވެ.

ޒައުރާއާއި އަމްޖަދު ބޭރުގައި ތިއްބާ އާމިރު ވަނީ ކޮންމެވެސް ވަރަކަށް އައިރީންގެ ވާހަކަވެސް ހިއްސާކޮށްފައެވެ. އަނެއްކޮޅުން އަޝްރާވެސް ހުރީ އައިރީން އައުމުން ވަރަށް އުފާވެފައެވެ. އެ ގޭގައި އަންހެން ކުއްޖެއް ނެތިގެން އެމީހުން އަބަދާ އަބަދު އެވާހަކަ ދައްކާނެއެވެ. ކައިވެންޏަށް ވެސް އާއިލާގެ އެންމެން ގަބޫލުވިއެވެ. އެ ކުދިން ބޭނުންގޮތަކަށް ކައިވެނީގެ ކަންތައްތައް ރާވަން އެންމެން ވެސް ތިބީ ތައްޔާރަށެވެ.

*****

"އޭތް... މަ ބުނީ.... އެހެމް އެހެމް... ވަރަށް ރީތި އިނގޭ" ޒަލަފް ބުނެލިއެވެ. ދެމީހުން ތިބީ ޓެރެސްގައެވެ. އިޔާންގެ ކޮނޑުގައި އޮތް ޒަލަފްގެ އަތް ދުރައް ޖައްސާލަމުން އިޔާން ދެފަރާތަށް ބޯ ހޫރާލިއެވެ.

"އޭނަ އެހާ ރީތި ވަންޏާ ޒަލަފް ދެން އޭނަ އާ އިންނަންވީނު" އިޔާން ލޯ އަޅާލިއެވެ.

"އޭތް... ހާދަ ރުޅި އައީ... އަނެއްކާ އެ ކުއްޖާ ކަމު ނުދަނީތަ؟ އެރޭންޖެ މެރިޖް އެއް ވީމަ ދޯ... ކަމޯން ބްރޯ... ލައިފް އެކީ ތިހެން ދުއްވާލާކަށް ނުވާނެއެއްނު. މެރީ ކުރީމަ ހަމަ ލޯބިވެސް ވެވިދާނެއެއްނު. އެހާ ލޯބި ވިއްޔަ ދޯ" ޒަލަފް ބުނެލިއެވެ.

"ޒެލް... އަހަރެން މި ކައިވެނި ހުއްޓުވާނެ އައިޑިއާއެއް ދީބަލަ...އިނީމަ ނިމުނީކީ ނޫން... އަހަރެން ވެއްޖެ އެ އަންހެން ކުއްޖާ ބައްޕަގެ ކުންފުންޏާވެސް ހަވާލުވާން... މަށަކަށް ނުވާނެ އެކަމެއް" އިޔާން ދަގަނޑުގައި ޖެހިއެވެ.

"އޭތް ބްރޯ... އަދި ރުޅި އަންނާކަށް ނުވެއެއްނު... ހަމަޖެހިބަލަ... އިނީމަ އޯކޭ ވާނެ... ކިތައް އެރެންޖް މެރިޖްތަ ސަކްސެސްފުލް ވެފަ ހުރީ" ޒަލަފް ބުނެލިއެވެ.

"އަހަންނަކަށް ތިޔެއް ނޭނގެ... އެކަމަކު އެނގޭހާވެސް އެއްޗަކީ އޭނައާ އިންކަމުގަ ވިނަމަވެސް އަހަރެންގެ ފަރާތުން އެއްވެސް ހިންހަމަޖެހުމެއް އޭނާއަށް ނުލިބޭނަކަން... ދުވަސްކޮޅަކުން ފޫހިވެގެން އަމިއްލައަށް ވަރިކުރަން ބުނެފިއްޔާ ރަނގަޅު.. އަނެއްކާ ލަސްތާރީޚެއް ވެސް ނޫނެއްނު އެ ކަނޑަ އެޅީ... އަންނަ މަހުގެ އެއްވަނަ ދުވަހު... ބޮލުގަ ރިއްސާ އެބަ. ނަސީބެއްނު ބޮޑު ޕާރޓީއެއް ބާއްވަން އޭނަ ބޭނުންނުވާކަން... " އިޔާން ފުންނޭވާއެއް ދޫކޮށްލިއެވެ.

"އޭނ. ކީކޭ؟ ޕާރޓީ އެއް ބާއްވަން ބޭނުމެއް ނުވެޔޭ! ކާކު ބުނީ؟" ޒަލަފް އަހާލިއެވެ.

"މަންމަ މިރޭ ބުނި އައިރީން ބުންޏޯ ބޭނުން ވަނީ ހަމައެކަނި އާއިލާތެރޭގަ ކުޑަ އެކުމަކާއެކު ކައިވެނީގެ ކަންތައް ނިންމާލާށޭ... ދެން މަންމަ ބުނީ ރައްޓެހިންނަށް ދައުވަތު ދީގެން ނިންމާލެވިދާނެއެއް ނޫންހޯ... އަހަރެން ބުނިން އެންމެ ރަނގަޅޭ" އިޔާން ބުނެލިއެވެ.

ދެމީހުން އެތައް އިރަކު ވާހަކަ ދައްކަން ތިއްބެވެ.

"ހީވަނީ ވަރަށް ރަނގަޅު ކުއްޖެއްހެން... ލަނޑެއް ދިނުމަށް މެރީ ނުކުރާތި" ޒަލަފް ބުމަ އަރުވާލީ އިޔާންގެ ވިސްނުން ހުރި ގޮތް ހުދު އޭނާއަށްވެސް ނޭނގޭތީއެވެ.

"އަމިއްލައަށް އެނގިގެނެއްނު އޭނަ މަށާ އިންނާނީ..." އިޔާން ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ. އިޔާންއަށް ވިސްނައިދިނުމަކީ ކުރެވޭނޭ ކަމެއް ނޫން ކަން އެނގުމާއެކު ދެން އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނާކަށް ޒަލަފްވެސް ގަސްދެއް ނުކުރިއެވެ. ފޯނެއް އައުމާއެކު ފޯނު ކަންފަތުގައި ޖަހައިގެން ހުރެ އޭނާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ކޯލް ނިންމާލާފައި އޭނާ ތިރިއަށް ދާ ވާހަކަ އިޔާން ގާތު ބުނެލިއެވެ. ޒަލަފް ތިރިއަށް ފޭބިތާ މާގިނަ އިރެއްނުވެ އިޔާންވެސް ތިރިއަށް ފޭބިއެވެ.

އޭރު ސޯފާތަކުގައި އާއިލާގެ ހުރިހާ އެންމެން ތިއްބެވެ. އޭނާވެސް ގޮސް ޒަލަފް ގެ އެއްފަރާތުގައި އިށީނދެލިއެވެ. މައިގަނޑު ވާހަކައަކަށް އޮތީ އޭނާގެ ކައިވެނީގެ ވާހަކައެވެ. އެހެންކަމުން އެކަމަށް މާބޮޑު ޝައުގުވެރިކަމެއްވެސް އޭނާގެ ނެތެވެ. އިށީނދެވުނީތީ ތެދުވަން ނުކެރިފައި އިނީއެވެ.

އެހެންތިއްބާ ދެން ފެނުނީ ސިޑިން ފައިބައިގެން އެ ދިމާލަށް އައި އައިރީންއެވެ. އައިރީން ފެނުމާއެކު ޒަލަފް އަށް މޮޅު ވިސްނުމެއް އައެވެ. އިޔާން އަކީ ޒަލަފްއާ ޚިލާފަށް ވަރަށް ސީރިއަސް މިޒާޖެއްގެ މީހެކެވެ. އިޔާން ރުޅިއެރުވުމަކީ ޒަލަފް ވަރަށް ކުރާ ހިތްވާކަމެކެވެ. އިޔާން ރުޅިއަޔަސް މާގިނަ ވަގުތު ވާހަކަ ނުދައްކައެއް ނުހުންނާނެއެވެ. އެހެންކަމުން އޭނާއަށް އިޔާންގެ މިޒާޖުވެސް މަޖާވަނީއެވެ.

"އަނހާ... ދޮންބެދައްތާ.... އަވަހަށް އާދެ އިށީންނަން..." ޒަލަފް ގޮވާލިއެވެ. އެއާއެކު އެންމެން ކަހަލަ ގޮތަކަށް އައިރީންއަށް ބަލާލިއެވެ. އިޔާން އެހާ އެ ކައިވެންޏާ ގަޔާނުވާކަން އެންމެނަށްވެސް އެނގެއެވެ. އަދި އިޔާންގެ އުޅުން މިހާރަކަށް އައިސް ހުންނަ ގޮތުންވެސް މެއެވެ. އެންމެން ވެސް ގަބޫލު ކުރަނީ އައިރީން ފަދަ ކުއްޖެއް އިޔާންގެ ހަޔާތަށް އައުމުން އިޔާންގެ އެ އުޅުން ބަދަލް ވާނެ ކަމަށެވެ. އެ ކައިވެންޏަށް އެހާ ބާރު އަޅާ ސަބަބަކީވެސް އެއީއެވެ.

އިޔާންގެ މޫނުމައްޗަށް އެރި ކުލަވަރު ފެނި އިތުރަށް އިޔާން ރުޅިއަރުވާލަން ޒަލަފް ބޭނުންވިއެވެ. އޭރު އެހެން އެންމެން ވެސް ތިބީ އަޑިން ހީލަ ހީލައެވެ. ޒަލަފްގެ ލާނެތް ކަން އެންމެނަށްވެސް އެނގެއެވެ. އޭނާ ދޮންބެ ދައްތައޭ ބުނުމުން އިޔާން ކުޑަކޮށް އަތުގައި ކޮއްޓާވެސް ލިޔެވެ. ހިނިގަނޑު ޒަލަފްއަށް މަތަކޮށްލެވުނީ ކިރިޔާއެވެ. އޭނާ އަނެއްކާވެސް ވާހަކަދެއްކިއެވެ.

"މިހާރު ދެން ދޮންބެ ދައްތަ އިށީންނަން ވެސް ޖެހޭނީ ދޮންބެ ގާތުގައޭ... އަވަހަށް އާދޭ" ޒަލަފް ތެދުވަން އުޅުމުން އެ އަތުގައި އިޔާން ހިފެއްޓިއެވެ.

"އޭތް ޒަލަފް... ކީއްތިކުރަނީ؟" އެކަކަށްވެސް އަޑު ނީވޭ ގޮތަށް އިޔާން ބުނެލިއެވެ.

"މައްސަލައެއް ނޫނޭ ދޮންބޭ... ތިހާ ލަދު ގަންނާކަށް ނުވާނޭ" އެއާއެކު އިޔާންއަށް ލިބުނީ އަނެއް ސިހުމެވެ. ޒަލަފް ބާރަށް އެހެން ބުނުމުންނެވެ. އޭނާއަށް ވަށައިގެން ތިބި އެންމެނަށް ބަލާލެވުނެވެ. ޒަލަފް ތެދުވެލާ އެތަން ދެއްކުމުން އައިރީން ވެސް ހުރީ ދެ ވިސްނުމެއްގައެވެ. ލަދުން ހުރެވެސް އޭނާ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.

"އަޅޭ... ދޮންބެ ދައްތަ ހާދަ ސްލޯއޭ... އަވަހަށް އާދެބަލަ އިށީންނަން... ދޮންބެ އިންތިޒާރުގެ އިނދެ އިނދެ ވަރުބަލި ވެއްޖެ ވިއްޔަ!" ޒަލަފް ބުނެލިއެވެ. އެއަށްފަހު އޭނާ އިޔާން ގާތުގައި އިންސޯފާއަށް އިޝާރާތް ކޮށްލިއެވެ. މަޑު މަޑުން އައިސް އައިރީން އިށީނުމާއެކު ޒަލަފް ފޯނު ނަގާ ފޮޓޮއެއް ނަގާލިއެވެ.

"މި ހަމަ ހަނދާނަކަށް އެނގޭ... ރައްކާކުރަން ވާނެ އެއްނު މިކަހަލަ މެމޮރީސް.. އެބަ ފޮނުވާލަން އެނގޭ... ދޮންބެދައްތަ ނަންބަރުވެސް ވާނެ ދޭން... އޭރުން މި ފޮޓޯ ފޮނުވާލާނަން" ޒަލަފް ބުނެލިއެވެ. ޒަލަފް އުޅުނު ގޮތުން އެންމެންވެސް ތިބީ މަޖާވެފައެވެ. އިޔާންގެ މޫނުމަތިން ހިންހަމަނުޖެހުމުގެ އަސަރު ފެންނަމުން ދިޔައެވެ. އޭނާ އިނީ ޒަލަފްއާ ވަކިން ބައްދަލުވާނެ އިރެއްގެ އިންތިޒާރުގައެވެ. ވަރުގަދަ ހަމަލައެއް ދޭންހިތުލައިގެންނެވެ. އެހެންނަމަވެސް އޭނާއަށް ދުވަހަކުވެސް ޒަލަފްއަށް ލަނޑެއް ނުދެވެއެވެ. ޒަލަފް ގެ ކުރިމަތީގައި ހަތިޔާރު ބަހައްޓަން ޖެހެނީ އޭނައެވެ. އެއީ އޭނާ ޒަލަފްދެކެ ލޯބިވާލެއްވެސް ބޮޑުވީމައިވާ ކަމެއް ކަންނޭގެއެވެ.

ވާހަކަ ނިންމާލާފައި ފަހަރަކު މީހަކު ދާން ފަށައިފިއެވެ. އައިރީން ވެސް ތެދުވެއްޖެއެވެ. އިޔާން ބަލާލީ ޒަލަފްއަށެވެ. އެއާއެކު ޒަލަފްއަށް ބޮލުގައި ހިފައްޓާލެވުނެވެ. އިޔާން ކައިރިން ސަލާމަތް ވުމަށްޓަކައި ޒަލަފް ހިނގައިގަތެވެ. އިޔާންވެސް ތެދުވެ ހިނގައިގަތެވެ. އެތަން ފެނި ޒަލަފް ފިޔަވަޅުތައް ބާރުކޮށްލިއެވެ. އެހެންނަމަވެސް އިޔާން އޭނާއާއި އަރާ ހަމަކޮށްފައި ގިރުވާނުގައި ފަހަތުން ހިފާ ދަމައިގަތެވެ.

"އަތްދޯތް... ބްރޯ... ދެން ތިހެން ނަހަދާ" ޒަލަފް ބުނެލިއެވެ. އިޔާން ޒަލަފްގެ ގަމީހުން ދޫކޮށްލާ ބުރަކަށީގައި ޖެހިއެވެ. އެއާއެކު ޒަލަފް ބާރަށް ހީގަތެވެ.

"ކޮން ޑްރާމާއެއް ތި ކުޅުނީ ދެންމެ... މީނަ ވަރު މީހެއް ނެތިގެން އެބަ އުޅެއެއްނު" އިޔާން އަނެއްކާވެސް ޒަލަފްއަށް އޭނާގެ އަތުގެ ހަމަލާއެއް އަމާޒުކޮށްލިއެވެ. ޒަލަފް ގެ އިސްތަށިގަނޑަށް ދަމާލިއެވެ. އޭނާ އަބަދުވެސް އިސްތަށިގަނޑު ގެންގުޅެނީ ވަރަށް ރީތިކޮށް ސްޓައިލް ކޮށްލައިގެންނެވެ.

"މާކަނައެއްގެ ތުންކޮޅު ހެން ބޯ ހަދައިގެން އެބަ ހުއްޓެއްނު" އިޔާން ބުނެލިއެވެ. އެއާއެކު ޒަލަފްގެ ހިނިގަނޑު އަނެއްކާވެސް ދިޔައީ ފަޅައިގެންނެވެ. "ފުނާގަނޑު ދޫންޏެއްހެން ބޯ ހަދައިގެން ތިހިތިއްޔޯ..." ޒަލަފް އޭނާއަށް އިނގޭ އެއްޗެއްގެ ނަން ބުނެލިއެވެ. އެއާއިއެކު އިޔާން ކައިރިއަށް ހިނި އައެވެ.

"ބައިދަވޭ... ބްރޯ.. އަހަރެން މިހާރުވެސް މިހުންނަނީ ފިލްމަކުން ޖާގަ ލިބޭތޯ ބަލަބަލާ... ދެން ބޯ މާކަނައެއްގެ ވައްތަރުވެސް ޖަހާނެތާ.. ފިލްމު ކުޅެން ފަށަން އުޅޭއިރު" ޒަލަފްވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ.

"މީނަގެ އަނގަޔަކުން ދުވަހަކުވެސް ނާރާނެ..." އިޔާން ބުނެލިއެވެ. އެއަށްފަހު އޭނާ ހިނގައިގަތީ ގޭން ބޭރަށެވެ.

"އޭތް! ބްރޯ.. މަވެސް ގޮވައިގެން..." ޒަލަފް ބުނެލިއެވެ. ޒަލަފް ގޮވައިގެން އޭނާ ދާން ބޭނުންވާ ތަނަށް ނުދެވޭނެތީ ހިނގުން ބާރުކޮށްލިއެވެ. ގޮސް ސައިކަލަށް އެރިތަނާ ފަހަތުން ޒަލަފް ވެސް އައިސް އަރައިފިއެވެ.

"ދެން ކޮން ޖެއްސުމެއް ޒެލް.." އިޔާން ޒަލަފްއަށް ބަލާލިއެވެ.

"ދެން... ހިނގާބަލަ ކޮފީއަކަށް... ބޭރަށް ނުކުމެލީމަ ދޯ އިންނާނެ ކުއްޖެއްވެސް ފެންނާނީ... ދޮންބެދައްތަ ކަހަލަ" ޒަލަފް ބުނެލިއެވެ.

"އަދި މާ ކޮފީ ބޮވޭ މީހަކަށް ވެގެން އެބަ އުޅެއެއްނު... ކަލޭ ކޮންމެހެން އޭނަ ކަހަލަ ކުއްޖެއް ހޯދަން މަގޭ ސައިކަލު ފަހަތަށް އަރާނެކަމެއް ނެތް" އިޔާން އޭނާގެ އުޅަބޮށިން ޒަލަފްގެ ގައިގައި ޖަހާލިއެވެ. އެއާއެކު އިޔާންގެ ގައިގައި ފަހަތުން ޒަލަފް ބައްދާލިއެވެ.

"އައި ލަވް ޔޫ ދޮންބޭ.... ސޮރީ... ބްރޯ..." ޒަލަފް ބުނެލިއެވެ. އިޔާން ޒަލަފްގެ އަތް ފޮޅުވާލަމުން ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ. ބުނެލިލެއް މަޑުކަމުން ކީ އެއްޗެއް ސާފު ވާގޮތެއް ނުވިއެވެ.

"ދެން އައި ލަވްޔޫ ޓޫ އޭ ވެސް ބުނެވިދާނެތާ... އަނެއްކާ ދޮންބެދައްތައާ ދިމާލަށް އެކަނި ބުނެވޭ އެއްޗެއްތަ؟" ޒަލަފްގެ ދިމާކުރުންތައް ހުއްޓޭ ގޮތެއް ނުވިއެވެ.

"އޯކޭ އޯކޭ ސޮރީ.. ލެޓްސް ގޯ" ޒަލަފް އަތްމައްޗަށް ނަގާ އަމާން ދިނެވެ. އެއާއެކު އިޔާން ދެފަރާތަށް ބޯ ހޫރާލާފައި ސައިކަލު ސްޓާރޓް ކޮށްލިއެވެ.

ދެމީހުން ދިޔައީ ގެއާ މާދުރުނޫން ހިސާބެއްގައި ހުންނަ ކޮފީ ޝޮޕްއަކަށެވެ. އެތަނަށް ވަދެފައި ގޮސް މޭޒެއްގެ ދޮށުގައި އިށީނުމާއެކު ވެއިޓަރު އައެވެ. ފުރަތަމަ އޯޑަރު ދިނީ އިޔާންއެވެ.

"ކޮފީއެއް..."

"މިކޮޅަށްވެސް ކޮފީއެއް" ޒަލަފް ވެއިޓަރަށް ބަލާލަމުން އޭނާގެ ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލިއެވެ.

އިޔާން ވަގުތުން ޒަލަފްގެ ބޮލުގައި ބޮނޑިއެއް އަޅާލިއެވެ.

"ކޮން ކޮފީއެއް ކިޔާކަށް... ފްރެޝް އޮރެންޖެއް ގެނޭ..." ވެއިޓަރަށް ބަލާލާފައި އިޔާން ބުނެލިއެވެ. އެއާއެކު ޒަލަފް އިޔާންއަށް ލޯ އަޅާލިއެވެ. ވެއިޓަރުވެސް ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. އިތުރަށް ޒަލަފް އެއްޗެއް ބުނާ ޚިޔާލު ނުކުރުމާއެކު އިޔާން ވެސް ވެއިޓަރު ފޮނުވާލިއެވެ.

ދޮންބެއަށް އެނގޭތަ ކޮފީއެއް ބޯ ހިތުން އުޅޭތާ ކިތައް ދުވަސްވެއްޖެކަން... މާމަމެން އެކޮޅަށް ދިޔައިއްސުރެ ކޮފީ އެއް ނުބޮވޭ" ޒަލަފް މޭޒުގައި ޖަހާލަމުން ބުނެލިއެވެ.

"ވަގަށްވެސް ބޮން ދޯ ކޮފީ" އިޔާން ލޯ އަޅާލިއެވެ.

"އޫޕްސް... ކުޑަކޮށް.... ވަރާށް ކުޑާކޮށް" ދަމާލާފައި ޒަލަފް ބުނެލިއެވެ. އެއާއެކު އިޔާން އަނގަހަދާލިއެވެ.

"ބުނާނަން. މިއަދު ވަރަށް ޑްރާމާ ކުޅެފީމެއްނު... ދޮންބެ ދައްތަ.. މައި ފުޓް"

"އޭތް... ނޫން ދޮންބޭ... ވަރަށް ބޮޑަށް ސޮރީއޭ...ބުނެބަ ދެން ނުބުނާނަމޭ" ޒަލަފް ހީލިއެވެ.

"ބުނާނަން" އިޔާން ދެކޮޅު ހެދިއެވެ.

"އޭތް... ބްރޯ... ދެއްކޭނެ ވާހަކަ ހުންނާނެ ދޯ... އެއްކަލަ... އެއްކަލަ... އިނގެއެއްނު... އެއްކަލަ ކުއްޖަ" އެއްބުމަ ހިއްލާލަމުން ޒަލަފް ބުނެލިއެވެ. އެއާއެކު އިޔާން ޒަލަފްއާ ދިމާލަށް އަތް މަޅާލިއެވެ.

ދެމީހުން ވާހަކައިގެ ތިއްބާ ވެއިޓަރު އައިސް ކޮފީތަށި ބެހެއްޓިއެވެ. އިޔާން ކޮފީތަށި ޒަލަފްއަށް ދައްކާލާ ބޭނުންހެއްޔޭ އަހާލިއެވެ. އެއާއެކު ޒަލަފް ތުންކޮޅު ދަމާލިއެވެ.

"ހަމަ މާކަނައަކާ ވައްތަރީ.. ތަންކޮޅެއް ބޮޑުވެބަލަ" އިޔާން ކޮފީތަށި ތުމުގައި ޖެހިއެވެ.

އެއްލި ކަޅިއަކުން ޒަލަފްގެ ލޮލުގައި ޖެހިގެން އިން މޭޒުގައި އިން އަންހެން ކުއްޖާ އަޅައިގަތެވެ. އެ ކުއްޖާ ފެނި އޭނާގެ ކަޅި އެހެން ދިމާލަކަށް އަނބުރާލަން ޒަލަފްއަށް އުނދަގޫވިއެވެ.

(ނުނިމޭ...)

https://sun.mv/127934

comment ކޮމެންޓް